މަރަދޫފޭދޫގައި މަސްތުވާތަކެތީގެ ޚިދުމަތްދޭކަމަށް ބުނާ ތަނެއް ބަންދުކުރަން އަމުރުކޮށްފި

އައްޑޫ ސިޓީގެ މަތިން ނަގާފައިވާ ފޮޓޯއެއް: މަރަދޫފޭދޫގައި މަސްތުވާތަކެތީގެ ޚިދުމަތްދޭތަނެއް ބަންދުކުރަން އަމުރުކޮށްފި -- ފޮޓޯ/ ޕީއެސްއެމް

މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތްދޭ ކަމުގެ ތުހުމަތުގައި، އައްޑޫ ސިޓީ މަރަދޫފޭދޫ "އުއްމީދު" ނަމަކަށް ކިޔާ ތަނެއް 90 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މިއީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން އެ ކޯޓުން ނެރުނު މިފަދަ ފުރަތަމަ އަމުރެވެ. މި އަމުރާ ޚިލާފުވެ އެތަނަށް ވަތް 50 އަހަރުގެ މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އަދި އޭނާގެ ބަންދަށް ކޯޓުން ވަނީ 7 ދުވަސް އިތުރުކޮށްފައެވެ. ފުލުހުން ދަނީ މިފަދަ އިތުރު ތަންތަން ހޯދައި ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދަމުންނެވެ.

  • މަރަދޫފޭދޫ "އުއްމީދު" ގޭގައި މަސްތުވާތަކެތީގެ ޚިދުމަތްދޭކަމަށް ތުހުމަތުކުރެވި، 90 ދުވަހަށް އެތަން ބަންދުކުރުމަށް އަމުރުކުރުން.
  • މިއީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން މަރަދޫފޭދޫ ކޯޓުން މިފަދަ ތަނެއް ބަންދުކުރުމަށް ނެރުނު ފުރަތަމަ އަމުރުކަން.
  • ކޯޓު އަމުރާ ޚިލާފަށް އެތަނަށް ވަތް 50 އަހަރުގެ މީހަކު ހައްޔަރުކޮށް، 7 ދުވަހަށް ބަންދުކުރުން.
  • އަމުރުގެ މުއްދަތުގައި އެތަނަށް ހުއްދަނެތި ވަނުމާއި ގެއްލުންދިނުމަކީ ކުށެއްކަމަށް ކަނޑައަޅައި، ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރުދިނުން.
  • މަސްތުވާތަކެތީގެ ވިޔަފާރިކުރާ މިފަދަ އިތުރު ތަންތަން ބަންދުކުރުމުގެ މަސައްކަތް ފުލުހުން ކުރިއަށްގެންދާނެކަން ކަށަވަރުކޮށްދިނުން.

އައްޑޫ ސިޓީގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންދާކަމުގެ ތުހުމަތުގައި މަރަދޫފޭދޫ, އުއްމީދުގެ ބަންދުކުރަން މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުން އަމުރު ނެރެފިއެވެ.

ފުލުހުން ބުނީ މި އަމުރު ނެރެފައިވަނީ އިއްޔެއިން ފެށިގެން 90 ދުވަހަށް ކަމަށެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ނެރުނު އެ އަމުރަކީ މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތްދޭ ކަމަށް ބުނެ އެ ފަދަ ތަނެއް ބަންދުކުރުމަށް މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު ފުރަތަމަ އަމުރެވެ.

ކޯޓު އަމުރުގެ ދަށުން އެގޮތަށް ބަންދުކުރާ ތަންތަނަށް އެ އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނުކުމެ ހެދުމަކީ ގާނޫނީ ކުށެކެވެ. އެފަދަ ތަންތަނަށް ހުއްދަނެތި ވަންނަ ފަރާތްތަކާއި އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާމެދު ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އެޅޭނެ ކަމަށް އަމުރުގައި ވަނީ ބުނެފައެވެ.

ފުލުހުން ވަނީ އެ އަމުރާ ޚިލާފުވެފައިވާ މީހަކު ހައްޔަރުވެސް ކޮށްފައެވެ. އެގޮތުން ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ ނޯޖަވާނީގެ، އުމުރުން 50 އަހަރުގެ އަޙްމަދު ޒާހިރެވެ. ފުލުހުން ބުނީ ކޯޓުއަމުރުގެ ދަށުން އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަތް ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

އޭނާ ބަންދުކޮށްފައިވަނީ މި މަހުގެ އަށްވަނަ ދުވަހެވެ.

ފުލުހުން ވަނީ އައްޑޫ ސިޓީގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ފަރާތްތައް ހުއްޓުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުން ފުލުހުންނަށް ލިބިދީފައިވާ ބާރުތަކުގެ ދަށުން ފުލުހުން ކުރަމުންދާ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންދާނެ ކަމަށާއި މަސްތުވާތަކެތީގެ ވިޔަފާރިކޮށް މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންދާ އިތުރު ތަންތަން ހޯދައި ގާނޫނުގައިވާ ގޮތުގެ މަތިން އެފަދަ ތަންތަން ބަންދުކުރުމުގެ މަސައްކަތް ވެސް ކުރަމުންދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް