ބީ-52 ގެ ބިޔަ މަތިންދާބޯޓެއް ވެއްޓުމާ ގުޅިގެން އެމެރިކާއަށް ޝޮކެއް!

ބީ-52 ގެ ބޯޓެއް

އެމެރިކާގެ އަސްކަރީ ސިނާއަތުގެ މުހިންމު އުޅަނދެއްކަމަށްވާ ބީ-52 މަރުކާގެ ބިޔަ މަތިންދާބޯޓެއް ކެލިފޯނިއާގެ އެޑްވަޑްސް އެއާބޭސްއިން ނައްޓާލިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ވެއްޓި، އޭގައި ދަތުރުކުރި އަށް މީހުން ވަނީ މަރުވެފައެވެ. މި ހާދިސާއާ ގުޅިގެން އެމެރިކާގެ އަސްކަރިއްޔާއަށާއި ބޯޓު އުފެއްދި ބޮއިންގް ކުންފުންޏަށް ވަނީ ވަރަށް ބޮޑު ސިހުމެއް ލިބިފައެވެ. މި ބޯޓު ވެއްޓުމަށް މެދުވެރިވި ސަބަބު މިހާތަނަށް ކުރި ތަހުގީގުތަކުން ހޯދިފައިނުވާއިރު، ބޯޓުގެ ބޮޑުބައި ވަނީ މުޅިން އަނދައި އަޅިއަށް ވެފައެވެ. ރާޑަރު ޒަމާނީ ކުރުމުގެ މަސައްކަތަކާ ގުޅިގެން ކުރިއަށްގެންދިޔަ މި ތަޖުރިބާ ދަތުރުގައި، އަސްކަރީ އަދި މަދަނީ ކޮންޓްރެކްޓަރުންގެ އިތުރުން ޕެންޓަގަންގެ މަސްއޫލުވެރިންވެސް ބައިވެރިވިއެވެ. މިހާރު ކުރިއަށްދަނީ ބޯޓުގެ ކަޅުފޮށި ބޭނުންކޮށްގެން ކުރާ ޓެކްނިކަލް ތަހުގީގުތަކެވެ.

  • ބީ-52 މަރުކާގެ މަތިންދާބޯޓެއް ކެލިފޯނިއާގައި ވެއްޓި އޭގައި ތިބި އަށް މީހުން ވަނީ މަރުވެފައެވެ.
  • ބޯޓު ވެއްޓެން މެދުވެރިވި ސަބަބެއް އަދި ހޯދިފައިނުވާއިރު، ސަބަބު ދެނެގަތުމަށް ކަޅުފޮށީގެ ތަހުގީގު ދަނީ ކުރިއަށެވެ.
  • ވެއްޓުނު ބޯޓުގެ ބޮޑުބައި މުޅިން އަނދައި އަޅިއަށް ވެފައިވާކަން މަންޒަރުތަކުން ވަނީ ހާމަވެފައެވެ.
  • މިއީ ރާޑަރު ޒަމާނީ ކުރުމަށްޓަކައި ޕެންޓަގަންގެ މަސްއޫލުވެރިންނާއެކު ކުރިއަށްގެންދިޔަ ތަޖުރިބާ ދަތުރެކެވެ.
  • 1950 ގެ އަހަރުތަކުން ފެށިގެން ބޭނުންކުރާ މި ބޯޓަކީ ނިއުކްލިޔާ ބޮމާއި ބަރު ހަތިޔާރު އުފުލުމުގެ ގާބިލުކަން ލިބިފައިވާ ބޯޓެކެވެ.

ކެލިފޯނިއާ (16 ޖޫން 2026) : އެމެރިކާގެ އަސްކަރީ ސިނާއަތުގެ ފަޚުރުގެ ގޮތުގައި ބެލެވޭ އެއްބޯޓު ކަމަށްވާ ބީ52 ގެ ބިޔަ މަތިންދާބޯޓެއް ކުއްލި ގޮތަކަށް ވެއްޓި އޭގައިތިބި އަށް މީހުން މަރުވި މައްސަލާގައި އެމެރިކާގެ އަސްކަރިއްޔާ އަށާއި އެ ބޯޓު އުފެއްދި އެމެރިކާގެ ބޮއިންގް ކުންފުންޏަށް ޝޮކެއް ލިބިފައިވާ ކަމަށް އެމެރިކާގެ މަސްއޫލުވެރިއަކު ވިދާޅުވެއްޖެއެވެ.

ނަން ހާމަކުރަން ނޭދޭ އެމެރިކާގެ މަސްއޫލުވެރިއަކާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން އެމެރިކާގެ އަސްކަރިއްޔާއަށާއި އެ ބޯޓު އުފެއްދި ބޮއިންގް ކުންފުންޏަށް ޝޮކެއް ލިބިފައިވަނީ އެބޯޓު ވެއްޓުމަށް މެދުވެރިވި ސަބަބު ދެނެގަތުމަށް މިހާތަނަށް ކުރި މަސައްކަތް ކާމިޔާބު ވެފައިނުވާތީއެވެ.

އެ ބޯޓުގެ ގިނަ ބައިތައް ވަނީ މުޅިން އަނދައި ދެއްޔަށް ވެފައެވެ. ފުޓޭޖްތަކުން ފެންނަ ގޮތުގައި އެ ބިޔަ ބޯޓުގެ ބޮޑީ އާއި އިންޖީނުތަކުން ފެންނަން އޮތީ ވަރަށް ކުޑަ އެތިކޮޅުތަކެކެވެ. ދެންހުރީ މުޅިން ވެސް އަޅިއެވެ.

މިހާތަނަށް ކުރި ތަހުގީގުތަކުން އެ ބޯޓު ވެއްޓުމަށް މެދުވެރިވި އެއްވެސް ސަބަބެއް ދެނެގަނެވިފައެއް ނުވެއެވެ. ނަމަވެސް ބޯޓުގެ ކަޅުފޮށި ބޭނުންކޮށްގެން ކުރާ ޓެކްނިކަލް ތަހުގީގުތައް އަދި ކުރިއަށް ދާކަމަށް ވެއެވެ.

އެމެރިކާގެ އަސްކަރީ ސިނާއަތުގެ ފަޚުރުގެ ގޮތުގައި ބެލެވޭ އެއްބޯޓު ކަމަށްވާ ބީ52 މަރުކާގެ އަށް އިންޖީނުލީ ބިޔަ މަތިންދާބޯޓެއް ވެއްޓުނީ ކެލިފޯނިއާގެ އަސްކަރީ ބޭސް އަކުން ނައްޓާލިތާ ކުޑަވަގުތު ކޮޅެއްގެ ތެރޭގައެވެ.

ވެއްޓުނު ބޯޓު މުޅިން އަޅިއަށް ވެފައި

ބޯޓު ދަތުރުކުރީ އަސްކަރީ ކޮންޓްރެކްޓަރުންނާއި މަދަނީ ކޮންޓްރެކްޓަރުން ގެ އިތުރުން ޕެންޓަގަންގެ މަސްއޫލުވެރިން ހިމެނޭ ޓީމަކާ އެކު ކުރިއަށްގެންދާ ތަޖުރިބާ ދަތުރެއްގައި ކެލިފޯނިއާގެ އެޑްވަޑްސް އެއާބޭސްއިން ނައްޓާލިތަނާއެވެ. ރިޕޯޓްތައް ބުނާގޮތުން ބީ-52 ސްޓްރެޓޯފޯޓްރެސްގެ ތަޖުރިބާ ދަތުރުފެށީ އޭގެ ރާޑަރު ޒަމާނީ ކުރުމުގެ މަސައްކަތަކާ ގުޅިގެންނެވެ.

ބީ-52 ސްޓްރެޓޯފޯޓްރެސް ގެ ބޯޓުތަކަކީ 1950 ގެ އަހަރުތަކުގައި ފުރަތަމަ އުފެއްދި ބޯޓުތަކެކެވެ. އެދުވަސްވަރުން ފެށިގެން މިބާވަތުގެ ބޯޓުތައް ބޭނުންކުރަނީ ސްޓްރެޓީޖިކް ބޭނުންތަކުގައެވެ.

ވިއެޓްނާމު ހަނގުރާމައިގާ އެގައުމުގެ ބޮޑެތި ތަންތަން ހަލާކު ކުރުމަށާއި އަފްޣާނިސްތާނުގެ ފަރުބަދަތައް ހަލާކު ކުރުމަށާއި އިރާގުގެ ތަންތަން ހަލާކުކުރުމަށާ އަދި ދާދިފަހުން އީރާން އާ ދެކޮޅަށް ކުރި ހަނގުރާމައިގާ އީރާނުގެ ނިއުކްލިޔާ މަރުކަޒުތައް ހަލާކުކުރުމަށްވެސް އެމެރިކާ ސިފައިން ބީ-52 ސްޓްރެޓޯފޯޓްރެސް ގެ ބޯޓުތައް ބޭނުންކޮށްފައި ވެއެވެ.

މިއީ ނިއުކްލިޔާ ބޮން އެޅުމަށާއި ކުރޫޒް މިސައިލްއިން ހަމަލާދިނުމަށާ އަދި ބަންކާ ބަސްޓާބޮން ފަދަ ސްޓްރެޓީޖިކް ހަތިޔާރުން ހަމަލާދިނުމަށާއި އެފަދަ ބަރު ހަތިޔާރު އުފުލުމުގެ ގާބިލުކަން ލިބިގެންވާ ބޯޓެކެވެ. މިއީ އެބޯޓުގެ ފިޔަގަނޑުގެ ފުޅާމިނުގައި 185 ފޫޓު ހުންނަ 8 އިންޖީނުލީ ޖެޓް ބޯޓެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް