ހިމަބިހި ޖެހޭ މީހުންގެ އަދަދު އިތުރުވަނީ، މިހާތަނަށް 20 މީހަކަށް ޖެހިއްޖެ

ހިމަބިހި ޖެހުމުން ގައިގައި ނަގާ ރަތް ބިހިތައް: މިހާތަނަށް 20 މީހަކަށް ޖެހިފައިވޭ -- ފޮޓޯ/ ހެލްތުލައިން

މާލެ ސަރަހައްދުން އިތުރު 5 މީހަކަށް ހިމަބިހި ޖެހި، މިއަހަރުގެ މިހާތަނަށް މި ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު 20 އަށް އިތުރުވެއްޖެކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން ހާމަކޮށްފިއެވެ. މި ބަލި ޖެހުނު މީހުންގެ ތެރޭގައި ގިނައީ އުމުރުން 18 އަހަރުން މަތީގެ ދިވެހިންނެވެ. މިކަމާ ގުޅިގެން ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، ބަލި ޖެހިފައިވާ މީހުންނާ ގުޅުންހުރި ކޮންޓެކްޓުން ހޯދައި، ވެކްސިން ފުރިހަމަނުކުރާ ފަރާތްތަކަށާއި ސިއްހީ ޚިދުމަތްތެރިންނަށް ވެކްސިން ދިނުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން އަންނަނީ ކުރަމުންނެވެ.

  • މިއަހަރު ހިމަބިހި ޖެހުނު މީހުންގެ އަދަދު 20 އަށް އަރާފައިވާއިރު، ގިނައީ 18 އަހަރުން މަތީގެ ދިވެހިންނެވެ.
  • ބަލި މީހުންނާ ގުޅުންހުރި 489 ކޮންޓެކްޓެއް ފާހަގަކުރެވި، އޭގެތެރެއިން 88 މީހަކު އަންނަނީ ގާތުން ބަލަމުންނެވެ.
  • ވެކްސިން ފުރިހަމަނުކުރާ 220 ކޮންޓެކްޓުންނަށާއި، ފްރަންޓްލައިންގައި މަސައްކަތްކުރާ 1118 ސިއްހީ ޚިދުމަތްތެރިންނަށް ވަނީ ވެކްސިން ދީފައެވެ.
  • ބަލި ކޮންޓްރޯލް ކުރުމަށް އެހީތެރިވުމުގެ ގޮތުން އިންޑިއާ ސަރުކާރުން ވަނީ 20000 ވެކްސިން ޑޯޒް އަދި 3 ޓަނުގެ ސިއްހީ ސާމާނު ރާއްޖެއަށް ހަދިޔާކޮށްފައެވެ.

މާލެ ސަރަހައްދުން މިދިޔަ ހަފުތާގައި ފަސް މީހަކަށް ހިމަބިހި ޖެހި، މިއަހަރުގެ މިހާތަނަށް ރާއްޖޭން ހިމަބިހި ޖެހުނު މީހުންގެ އަދަދު ވިއްސަށް އިތުރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އާންމުކުރި މައުލޫމާތުގައިވަނީ، މިދިޔަ ހަފުތާގައި ފަސް މީހަކަށް މާލޭން ހިމަބިހި ޖެހި، މިއަހަރުގެ މިހާތަނަށް ހިމަބިހި ޖެހުނު މީހުންގެ އަދަދު ވިއްސަށް އިތުރުވެއްޖެ ކަމަށެވެ. ހިމަބިއްސަށް ފައްސިވި މީހުންގެ ތެރޭ ގިނައީ 18އަހަރުން މަތީ މީހުން ކަމަށް، އެޗްޕީއޭއިން ބުންޏެވެ.

ހިމަބިއްސަށް ފައްސިވި މީހުންގެ ތެރޭ ގިނައީ ދިވެހިން ކަމަށް އެޗްޕީއޭއިން ބުނި ނަމަވެސް، ސީދާ ޖެހުނީ ކިތައް ދިވެހިންނަށްކަން ހާމަ ނުކުރެއެވެ.

މިހާތަނަށް ހިމަބިއްސަށް ފައްސިވީ މީހުންގެ ތެރޭ ޖުމުލަ 489 ކޮންޓެކްޓެއް ފާހަގަކުރެވިފައިވާ ކަމަށާއި، އޭގެ ތެރެއިން 88 ކޮންޓެކްޓެއް ގާތުން ބަލަމުން އަންނަ ކަމަށް، އެޗްޕީއޭއިން ބުންޏެވެ.

އެ އިދާރާއިން ވަނީ، ހިމަބިހި ފެތުރުން ހުއްޓުވުމަށްޓަކައި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރާ ބައެއް މަސައްކަތްތަކަށް އަލިއަޅުވައިލައިފައެވެ. އެގޮތުން ހިމަބިހި ޖެހިފައި ހުރި ކަމަށް ޝައްކުކުރެވޭ މީހުން އަވަހަށް ދެނެގަނެ ރިޕޯޓުކުރުމަށްޓަކައި، ހުން އައިސް ހަމުގައި ބިހި ނަގާ މީހުން ސްކްރީން ކުރާނެ އިންތިޒާމުތައް ވަނީ ގާއިމުކުރެވިފައި ކަމަށް، އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭއިން ބުނީ، ހިމަބިއްސަށް ފައްސިވީ މީހުންގެ ކޮންޓެކްޓުންގެ ތެރެއިން ވެކްސިން ދެ ޑޯޒް ފުރިހަމަކޮށްފައިނުވާ ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެ މަސައްކަތުގެ ތެރެއިން މިހާތަނަށް 220 ކޮންޓެކްޓުންނަށް ވެކްސިން ދެވިފައިވާ ކަމަށެވެ.

އޭގެ އިތުރުން، ފްރަންޓްލައިންގައި މަސައްކަތްކުރާ ސިއްހީ ޚިދުމަތްތެރިންގެ ތެރެއިން 1،118 ޚިދުމަތްތެރިއަކަށް ވެކްސިން ދެވިފައިވާ ކަމަށް، އެޗްޕީއޭއިން މައުލޫމާތުދެއެވެ.

ފާހަގަކުރެވޭ ގޮތުގައި، ރާއްޖޭގައި ހިމަބިހި ޖެހޭ މިންވަރު އިތުރުވަމުން އަންނަ މި ދަނޑިވަޅުގައި، އެ ބަލި ކޮންޓްރޯލް ކުރުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން އިންޑިއާ ސަރުކާރުން 20،000 ޑޯޒްގެ ހިމަބިހި ވެކްސިނާއި، ގާތްގަނޑަކަށް 3 ޓަނުގެ ސިއްހީ ސާމާނު މިދިޔަ ބުރާސްފަތި ދުވަހު ހަދިޔާކޮށްފައިވެއެވެ.

comment ކޮމެންޓް