ސްޓްރެސް ފިލަން އޮތް އެންމެ ރަގަޅު ހައްލަކީ ގުރުއާނާއި ނަމާދުތަކާއި ޒިކުރުކުރުމުގައި މުޅި ސިކުނޑި ހުސްކޮށްލުމެވެ. ސޯޝަލްމީޑިއާގައި ވަގުތު ހޭދަކޮށާް ހިތްދަތި ޚަބަރުތަކާއި މަގުއޮޅޭފަދަ އެއްޗެހިން ސިކުނޑި ޚަރާބުކޮށާ ހިތް މަރާލާފަހަރުވެސް އާދެއެވެ. ގުރުއާނުގެ އިލްމު އުނގެނި ދަސްކުރުމުން ހިތް އަލިވެ ހިތާއި ސިކުނޑިއާއި ރޫހަށްވެސް ލިބޭ ފަރުވާއަކަށް ވެދެއެވެ.
***
ރަންކުލައިގެ ފަރުބަދަތަކާއި ޒައިތޫނި ގަސްތަކުން ވަށައިގެން ފޮރުވިފައިވާ ހިމޭން އަވަށެއްގައި އަލިފްގެ ދިރިއުޅުން އުފަލާއެކު ކުރިއަށް ދިޔައެވެ. އޭނާގެ ހިތްހެޔޮ ދެލޮލާއި މޫނުމަތިން ފެންނަ މަޑުމައިތިރިކަމުގެ ސަބަބުން އޭނާގެ އުމުރަށްވުރެ ބޮޑު ކުއްޖެއްހެން ހީވެއެވެ. އެހެން ކުދިން ހަވީރުގެ ވަގުތުތަކުގައި ދަނޑުތަކުގެ ތެރޭގައި އެކަކު އަނެކަކު ފަހަތުން ދުވެ ނުވަތަ ކޯރު ކައިރީގައި ފުޓްބޯޅަ ކުޅެން އުޅޭއިރު އަލިފް ގިނައިން ފެންނާނީ މިސްކިތުގެ ފިނި ހިލަ ސިޑިމަތީގައި ކުޑަ ޤުރުއާން ފޮތެއް އުނގުމަތީގައި ބާއްވައިގެން އިށީނދެގެން އިންދައެވެ.
އަލިފް ވަރަށް ކުޑައިރުއްސުރެ ވެސް ގުރުއާނަށް ޚާއްޞަ ލޯތްބެއް ހުއްޓެވެ. ދެ އަހަރުގައި އަލިފް ކިޔަވަންފެށީ އެންމެން ހައިރާންކުރުވާފައެވެ.
އޭނަގެ ބައްޕައަކީ ދަނޑުވެރިކަމުގެ މަސައްކަތްކުރާ މީހެކެވެ. ކޮންމެ ދުވަހަކު ފަތިސް ނަމާދަށްފަހު ބައްޕަ އޭނައަށް ޤުރުއާން ކިޔަވައިދެއެވެ. އަމިއްލައަށް ކިޔަވަން ނޭނގޭއިރުވެސް، ބައްޕަގެ ދުލުން ބޭރުވާ ޢަރަބި އަކުރުތަކުގެ ރީތި ރާގު އަޑުއަހަން އަލިފް ވަރަށް ޝައުގުވެރިވެއެވެ. އެ އަޑުން އޭނާގެ ހިތަށް ބަޔާންކުރަން ނޭނގޭ ފަދަ ހަމަޖެހުމެއް ލިބެއެވެ. ހީވަނީ ގަސްތަކުގެ ތެރެއިން މަޑުމަޑުން ވައިރޯޅިއެއް ދައުރުވެލާހެންނެވެ.
އޭނާގެ އުމުރުން ހަތް އަހަރުވުމުން މައިންބަފައިން އޭނަ ރަށުގެ މަދުރަސާއަށް ވެއްދިއެވެ. އެތަނުން އޭނަ އަމިއްލައަށް ޤުރުއާން ބަލައިގެން ކިޔަވަން ދަސްކުރަން ފެށިއެވެ. ފުރަތަމަ ކޮޅު އަކުރުތައް ކިޔަން އޭނާއަށް ވަރަށް އުނދަގޫވިއެވެ. ތަޖުވީދުގެ ގަވާއިދުތަކުން އޭނާގެ ބޮލަށް ބާރުކޮށް ބައެއް އަކުރުތަކުގެ މަޚުރަޖު ނެރެން ދޫ އޮޅޭގޮތް ވިއެވެ. ނަމަވެސް އަލިފް ދުވަހަކުވެސް އުންމީދު ކަނޑައެއް ނުލައެވެ.
އޭނާ ގޭގެ ގޯތިތެރޭގައި ހުންނަ ޒައިތޫނި ގަސްދޮށުގައި އެތައް ގަޑިއިރެއް ވަންދެން އިށީނދެ އާޔަތްތައް ބާރަށް ކިޔަވައި ތަކުރާރުކުރެއެވެ. އޭނާގެ އެ ކުޑަކުޑަ އަޑުން މުޅިތަނަށް ފެތުރިގެންދަނީ ކޮވެއްޔެގެ އަޑުހެންނެވެ.
***
ކޮންމެދުވަހެއްގެވެސް ހެނދުނު އިރުގެ އަލިކަން މުޅިން ފާޅުވުމުގެ ކުރިން އަލިފް އިށީންނަނީ އޭނާގެ ކާފަގެ ގާތުގައި މުސައްލަމަތީގައެވެ. މުޅި ކޮޓަރިތެރެއަށް އޮންނަނީ ހިމޭންކަން ވެރިވެފައެވެ. އިވެމުންދާ ހަމައެކަނި އަޑަކީ ފޮތުގެ ގަނޑުތައް ހިރިލާ މަޑު އަޑާއި ރީތި ރާގަކަށް ގުރުއާން ކިޔަވަމުންދާ ސިކުނޑިއަށް އަރާމު ލިބޭ އަޑެވެ.
އަލިފްގެ ހިތް ވަނީ ދީނީ ލޯބިން ފުރިފައެވެ. އޭނައަކީ އެއްވެސް ފިކުރެއް ނެތްގޮތަށް ބޭރަށް ދުވެގޮސް ކުޅެއުޅެން އެ އުމުރުގެ އެހެން ކުދިން ފަދަ ކުއްޖެއް ނޫނެވެ. އަލިފްއަށް އުފާވެރިކަން ލިބެނީ ތަފާތު ދިރިއުޅުމަކުންނެވެ. އެއީ ޢަރަބި އަކުރުތަކުގެ އޮމާންކަމާއި ކޮންމެ އާޔަތެއްގެ ބަރުދަނާއި ގުރުއާނުގެ ކޮންމެ ބަހެއްގެ ފަހަތުގައި ފޮރުވިފައިވާ މާނަތަކުގެ ރީތިކަމުންނެވެ.
އޭނަ މިހާރުވެސް ގިނަ ސޫރަތްތަކެއް ހިތުދަސްކޮށްފިއެވެ. އަލިފް ހަމައެކަނި ހިތުދަސްކުރަނީއެއް ނޫނެވެ. މިސްކިތުން ބައްދަލުވާ އޭނާގެ އުސްތާޒު ޝޭޚު ކަރީމް އޭނަ ގާތު ބުނުއްވިއެވެ. "ގުރުއާނަކީ ހަމައެކަނި ދުލުން ކިޔަވަން އޮތް އެއްޗެއް ނޫނެވެ. އެއީ ހިތުން ވިސްނައިގެން ފުރާނައިން އެއާއި އެއްގޮތަށް ދިރިއުޅެން އޮތް އެއްޗެކެވެ. ހަމައެކަނި ދެލިގަނޑު ކިޔެވުމުން އެމީހެއްގެ ފުރާނައަށް އަސަރެއްނުކޮށްފާނެއެވެ."
އެ ބަސްތައް އަލިފްގެ ހިތުގައި ބަދަލެއްނެތި ހަރުލާފައި ހުއްޓެވެ.
އޭނަ ކިޔަވަމުންދާއިރު ދޭތެރެއަކުން މަޑުޖެހިލައެވެ. އެއީ ކިޔަވަން އުނދަގޫވެގެންނެއް ނޫނެވެ. ނަމަވެސް އެ އާޔަތްތަކާ މެދު ފުންކޮށް ވިސްނާލުމަށެވެ. މިތާނގައި ﷲ ސުބްޙާނަހޫ ވަތަޢާލާ މާނަކުރައްވަނީ ކޮން އެއްޗެއްބާއެވެ؟ މޫސާގެފާނުގެ މި ވާހަކަ އެތައް ފަހަރަކު ތަކުރާރުވެފައިވަނީ ކީއްވެގެންބާއެވެ؟ ނަބިއްޔާ ސައްލަﷲ އަލައިހި ވަސައްލަމް ގެ ކެތްތެރިކަމުގެ ފަހަތުގައި ފޮރުވިފައިވަނީ ކޮން ފިލާވަޅެއްބާއެވެ؟ ކޮންމެ ސުވާލަކީވެސް ފުން ވިސްނުމެއްގެ ތެރެއަށް ވަދެވޭ ދޮރެކެވެ. އަދި އަލިފް ހުންނަނީ އެހާ ފޯރިއާއެކު އެ ދޮރުތަކުން އެތެރެއަށް ވަންނަން ތައްޔާރަށެވެ.
އޭނަގެ އުމުރުން ހަގުވި ނަމަވެސް އޭނަގެ ހިތުގައި ޝައުގުވެރިކަމާއެކު ސުވާލުތައް އުފެދިފައިވިއެވެ: އެއީ ހަމައެކަނި ގުރުއާނާ އެއްގޮތަށް ދިރިއުޅޭ މީހަކަށް ވުމެއް ނޫނެވެ. ނަމަވެސް އެހެން މީހުންނަށްވެސް އޭގެ އަލިކަން ދައްކައިދޭނެ މީހަކަށް ވުމެވެ. އޭނަގެ ރައްޓެހިން ބައެއް ފަހަރު އޭނާއަށް މަލާމާތްކޮށް ކުޑަ އިމާމް ގެ ނަމުން ގޮވައި އުޅެއެވެ. ނަމަވެސް އަލިފް އެކަމާ ދެރައެއް ނުވެއެވެ. އޭނަ ހިނިތުންވެލަނީއެވެ. ސަބަބަކީ އޭނާ އުނގެނޭ ކޮންމެ އާޔަތަކާއި އޭނާ ކުރާ ކޮންމެ ދުޢާއަކީ އޭނާގެ ވެރިރަސްކަލާނގެއާ ކައިރިއަށް އެޅޭ ފިޔަވަޅެއްކަން އޭނާގެ ހިތުގެ އަޑިން ޔަގީންވާތީއެވެ.
***
އަލިފްގެ ހަޔާތަށް އުފާވެރި ބަދަލެއް އައީ ޝޭޚު ކަރީމް ކުލާހުގެ ކުދިންނަށް ބޮޑު ގޮންޖެހުމެއް ދެއްވުމުންނެވެ. އޭނަ ހުރީ އެފަދަ ފުރުސަތަކަށް ބަލަބަލައެވެ. "މި މަސް ނިމުމުގެ ކުރިން ތަޖުވީދުގެ ހަމަތަކާއެކު ޔާސީން ސޫރަތް ހިތުދަސްކުރާ ކުއްޖަކަށް ހުކުރު ނަމާދުގެ ވަގުތުގައި މިސްކިތުގައި އެ ސޫރަތް ކިޔެވުމުގެ ފުރުސަތު ދެވޭނެއެވެ."
އަލިފްގެ ހިތް ބާރަށް ތެޅިގަތެވެ. ޔާސީން ސޫރަތަކީ ޤުރުއާނުގެ ހިތެވެ. މިސްކިތުގެ ބޮޑެތި މީހުން އެ ސޫރަތް ކިޔަވާ އަޑު އޭނާ އެތައް ފަހަރަކު އަޑުއަހާފައިވެއެވެ. އަދި ވަހީގެ ބަސްފުޅުތަކުން އަބަދުވެސް އޭނާގެ ހިތަށް ފުން އަސަރުތަކެއް ކުރެއެވެ. އެހެން އެންމެންގެ ކުރިމަތީގައި އެ ސޫރަތް ކިޔެވުމުގެ ޝަރަފު ހޯދަން ހިތާއި ފުރާނައިން އެދެވުނެވެ. އެއީ މީހުންގެ ތައުރީފު ހޯދާކަށް ނޫނެވެ. ނަމަވެސް އެއީ ﷲ ގެ ބަސްފުޅަށް ވީތީ އެ ބަސްފުޅަށް ޚާއްޞަ ގަދަރެއް ދިނުމުގެ ގޮތުންނެވެ.
އެ މަސް ތެރޭގައި އަލިފް ކުރިއަށްވުރެ ބޮޑަށް ހިތްވަރުލިއެވެ. އޭނާ ފަތިސް ނަމާދަށްފަހު އާއްމުކޮށް ކިޔެވިޔަސް އިތުރަށް ކިޔަވަން ނިންމިއެވެ. އިޝާ ނަމާދަށްފަހު ރޭގަނޑު އެތައް ދަމެއްވާންދެން ކިޔަވަން އިނދެއެވެ.
އޭނާގެ މަންމަ ހޫނު ކިރުތައްޓެއް ހިފައިގެން އައިސް، އަރާމުކޮށްލަން ބުނުމުން އަލިފް ލޯތްބާއެކު ހިނިތުންވެލާފައި ބުނެއެވެ، "މަންމާ، އަދި ކުޑަކުޑަ އާޔަތްތަކެއް ކިޔަވާފައި....."
އޭނަ ކޮންމެ ދުވަހަކުވެސް ޝޭޚު ކަރީމްގެ އަރިހުން އޮޅުންފިލުވައި ސުވާލުކޮށް ކިޔެވުން އިސްލާހުކުރިއެވެ. އޭނާ ބޭނުންވީ ހަމައެކަނި ހިތުދަސްކުރާކަށް ނޫނެވެ. އޭގެ މާނަވެސް ވިސްނައިގަންނާށެވެ.
އޭނަ އިންތިޒާރުކުރި ހުކުރު ދުވަސް އައެވެ. މިސްކިތް އޮތީ މީސްތަކުން ފުރި ބާރުވެފައެވެ—އެންމެން ތިބީ ކޮނޑާއި ކޮނޑު ޖައްސައިގެން ސަފު ހަދައިގެންނެވެ. މުޅި މާހައުލުގައި އޮތީ ހިމޭންކަމެވެ. ޝޭޚު ކަރީމް އަލިފް ކުރިއަަށް ނުކުތުމަށް ގޮވާލުމުން މުޅި މިސްކިތްތެރެ އެއްކޮށް ހިމޭންވިއެވެ.
އަލިފް ކުރިއަށް ފިޔަވަޅެއް އެޅިއެވެ. އޭނާ ގުރުއާން މޭގައި ޖައްސަައިލިއެވެ. ކުޑަހިނދުކޮޅަކަށް ދެލޯ މަރާލުމަށްފަހު ހިތާހިތުން ބިސްމިﷲ ކިޔާލިއެވެ. އެއަށްފަހު ސާފު އަދި ސާބިތު އަޑަކުން ކިޔަވަން ފެށިއެވެ:
"يس .وَٱلۡقُرۡءَانِ ٱلۡحَكِيمِ ...."
އޭނަ ކިޔަވަން ފެށުމުން މުޅި މިސްކިތަށް ފުން ހިމޭންކަމެއް ވެރިވިއެވެ. ދޮށީ އުމުރުގެ ބައެއް މީހުންގެ ލޮލުން މަޑުމަޑުން ކަރުނަ އޮހޮރެން ފެށިއެވެ. ތަންކޮޅެއް ހަނގު ކުދިން ތިބީ އަޖައިބުވެފައި އަޑުއަހާށެވެ. އަލިފްގެ އަޑުގައި ހިތްތަކަށް އަސަރުކުރުވާ ފަދަ ތަފާތު ބާރެއް ހުއްޓެވެ—އެއީ ދެއްކުންތެރިކަމެއް ނޫނެވެ، އެއީ ތެދުވެރިކަމެވެ. ކޮންމެ ބަހަކުންވެސް ފާޅުވަމުންދިޔައީ އީމާންތެރިކަމުގެ ބަރުދަނާއި އޭނާ ކުރި މަސައްކަތާއި ގުރުއާނަށް އޭނާގެ ހިތުގައި އޮތް ބޮޑު ލޯތްބެވެ.
އޭނަ ކިޔަވައި ނިމުމުން ޝޭޚު ކަރީމްގެ ލޮލުން ކަރުނުން ފުރިގެންވާ ހާލު އޭނަގެ ގައިގައި ބައްދާލިއެވެ.
"އަލިފް.... ﷲ ތަޢާލާ ދަރިފުޅަކީ އެކަލާނގެ ފޮތުގައި ހިފަހައްޓާ ހަގީގީ އަޅަކު ކަމުގައި ލައްވާށި....،" އުސްތާޛު ވިދާޅުވިއެވެ. "ގުރުއާނާ ގުޅުން ގާއިމުކުރުމަކީ ކޮބައިކަން މިއަދު އަހަރެމެން އެންމެންނަށް ހަނދާންކޮށްދީފިއެވެ."
އެ ރޭ އަލިފް ޒައިތޫނި ގަސްދޮށުގައި އިށީނދެގެން މާސިންގާ އުޑުގެ ތަރިތަކަށް ބަލަން އިންއިރު ހިތުގެ އެތެރޭގައި އާދަޔާ ހިލާފު އަލިކަމެއް ވާހެން ހީވިއެވެ. އެއީ ކިބުރުވެރިކަމެއް ނޫނެވެ. އެއީ ހިތުގެ ހަމަޖެހުމެވެ.—އެއީ ﷲ ތަޢާލާ އޭނައަށް އިޚްތިޔާރުކުރެއްވި ތެދުމަގުގައި ހިނގާކަން އެނގުމުން ލިބޭ ފަދަ މާތް ހަމަޖެހުމެކެވެ.
އަދި އޭނާއަކީ އަދިވެސް ކުޑަކުއްޖަކަށް ވިޔަސް އަލިފްއަށް އެނގެއެވެ، މިއީ ހަމައެކަނި ފެށުމެވެ.
***
އަހަރުތައް ފާއިތުވަމުންދިޔައެވެ. ޒައިތޫނި ގަސްތަކުގެ ދަށުގައި އިނދެ ގުރުއާން ކިޔެވި ކުޑަކުއްޖާ ބޮޑުވެ ފިރިހެނަކަށް ބަދަލުވެއްޖެއެވެ. އުމުރުން ފަންސަވީސް އަހަރުގެ އަލިފް މިހާރު ހުރީ ހަށިގަނޑު ވަރުގަދަވެ ތުނބުޅި ފަޅާފައެވެ. އޭނަގެ އަޑު ކުރިއަށްވުރެ ބަރުވެފައިވީ ނަމަވެސް، އެ އަޑުގައި އަދިވެސް ހުރީ ހަމަ އެ ހަމަޖެހުމާއި އިޚްލާޞްތެރިކަމެވެ. އެއީ އެއްދުވަހަކު މިސްކިތުގެ ދޮށީ އުމުރުގެ މީހުން ރޮއްވާލި އަޑެވެ. އޭނާ އުމުރުން ސަތާރަަ އަހަރުގައި މުޅި ޤުރުއާން ހިތުދަސްކޮށް ނިންމިއެވެ. އަދި އެއަށްފަހުަ ގަދަރުވެރި އިސްލާމީ ޔުނިވަރސިޓީއަކުން ޢަރަބިބަހާއި ތަފްސީރާއި ޙަދީސް ޢިލްމު އުނގެނުނެވެ. އޭނާގެ މަގުޞަދަކީ ދުވަހަކުވެސް މަޝްހޫރުކަމެއް ނޫނީ މަޤާމެއް ހޯދުމެއް ނޫނެވެ. އޭނާ އެދުނީ ހަމައެކަނި ގުރުއާން އޭގެ އެންމެ ފުރިހަމަ ގޮތުގައި ވިސްނައިގަނެ އެއާ އެއްގޮތަށް ދިރިއުޅުމެވެ.
ކިޔެވުން ނިންމާލުމަށްފަހު ރަށުން ބޭރުގައި އިމާމެއްގެ ގޮތުގައި ހުރުމަށް ލިބުނު ބޮޑެތި ފުރުސަތުތަކަށް އިންކާރުކޮށް އަލިފް އެނބުރި އައީ އޭނާގެ އުފަން އަވަށަށެވެ.
"އަޅުގަނޑުގެ އަސްލު އޮތީ މިތާނގައި......." އޭނާގެ އުސްތާޛުން ގާތު އަލިފް ބުނެލިއެވެ.. "މީހުން ތިބީ މިތާ. އަދި އޭގެތެރެއިން ގިނަ މީހުންނަށް ގުރުއާނަކީ ހަމައެކަނި އިވޭ ރީތި އަޑަކަށްވުރެ ބޮޑު އެއްޗެއްކަމެއް ނޭނގޭ....."
އޭނަ ކިޔަވައިދޭން ފެށީ އެއްދުވަހަކު އޭނާވެސް ކިޔެވި ކުޑަ މަދުރަސާގައެވެ. އޭނާ އިށީނީ އެއްދުވަހަކު އާޔަތްތައް ހިތުދަސްކުރަން އިން ގޯތިތެރޭގެ އެ ބޮޑު ގަސްދަށުގައެވެ. ނަމަވެސް މިހާރު ކަންކަން ވަނީ ބަދަލުވެފައެވެ. މިހާރުގެ ގިނަ ޒުވާނުން ތިބީ އެހެން ދުނިޔެއަކަށް ގެއްލިފައެވެ. ސްމާޓްފޯނާއި ސޯޝަލް މީޑިއާ ވަނީ އެ ހިމޭން އަވަށާ ހަމައަށްވެސް ފޯރާފައެވެ. އެއްދުވަހަކު އޭނާ ކިޔަވައިދިން ކުދިން މިހާރު ތިބީ ދުރުގައެވެ—ނަމާދު ވަގުތުތަކުގައި ފޯނު ހާވަނީއެވެ، ދީނަށް ފުރައްސާރަކޮށް ހަދާ މަޖާ އެއްޗިއްސަށް ހެނީއެވެ، އަދި ތަޖުވީދު ދަސްކުރުމަށް އެއްވެސް ޝައުގުވެރިކަމެއް ނެތެވެ.
އޭނަ އެކުދިންނަކަށް އެއްޗެހި ކިޔައި ހަރުކަށި ބަސްތަކެއް ނުބުނެއެވެ. އޭނައަށް އެނގެއެވެ، މައްސަލައަކީ ނުކިޔަމަންތެރިކަމެއް ނޫނެވެ—އެއީ ގުޅުން ކެނޑުމެވެ. އެކުދިންނަށް ދުވަހަކުވެސް ގުރުއާނުގެ އަސަރެއް އޭނާއަށް ކުރި ފަދައިންނެއް ނުކުރެއެވެ. އެހެންކަމުން އޭނާ ކިޔަވައިދޭ ގޮތް ބަދަލުކޮށްލިއެވެ.
ހަމައެކަނި ކިޔަވާލުމުގެ ބަދަލުގައި އޭނާ އާޔަތްތަކުގެ ފަހަތުގައިވާ މާނަތައް ކިޔައިދޭން ފެށިއެވެ. ﷲ ތަޢާލާ އަހަރެމެންނަށް ޔޫސުފްގެފާނުގެ ވާހަކަ ކިޔައިދެއްވީ ކީއްވެގެން ހެއްޔެވެ؟ "ހަމަކަށަވެސް، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ،" މި ބަސްފުޅުގެ ހަގީގީ މާނައަކީ ކޮބައި ހެއްޔެވެ؟ ގުރުއާނަކީ ޝިފާއެއް ކަމުގައި ކިޔަނީ ކީއްވެގެން ހެއްޔެވެ؟
އޭނަ އެކުދިންނާ ވާހަކަދެއްކީ އެކުދިންނަށް ވިސްނޭނެ ބަހުންނެވެ. އިލާހީ ޙިކުމަތްތައް ކިޔައިދިނުމަށްޓަކައި ދިރިއުޅުމުގެ ހަގީގީ ތަކުލީފުތަކުގެ މިސާލުތައް ނެގިއެވެ. މަޑުމަޑުން ކަންކަން ބަދަލުވާން ފެށިއެވެ. ކުލާސް ނިމުމުން ބައެއް ކުދިން އިތުރު ސުވާލުތައް ކުރަން މަޑުކުރަން ފެށިއެވެ. ބައެއް ކުދިން ފަތިސް ނަމާދަށް މިސްކިތަށް އަންނަންވެސް ފެށިއެވެ. އޭގެތެރެއިން އެއްދުވަހަކު މިސްކިތް ފުރަގަހުގައި ވޭޕްކުރަނިކޮށް އަތުލައިގަނެވުނު ޖަލާލް އަލިފް މި އާޔަތް ކިޔައިދީ މާނަ ބުނެދިނުމުން ބާރަށް ރޮއެގަތެވެ:
"ކަލޭގެފާނު ވިދާޅުވާށެވެ. އެއުރެންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް ފާފަކުރުމުން ބޭއިންސާފުވެފައިވާ، ތިމަންރަސްކަލާނގެ އަޅުންނޭވެ... ތިޔަބައިމީހުން ﷲ ގެ ރަޙްމަތުން އުންމީދު ކަނޑާނުލާށެވެ..." (ސޫރަތުއް ޒުމަރު 39:53)
ޖަލާލް އަހާލިއެވެ، "އަހަރެންވެސްތަ އުސްތާޒު؟ އަހަންނަށް މިހާ ގިނަ ކުށްތައް ކުރެވިފައިވާއިރުވެސްތަ؟"
އަލިގް އޯގާތެރިކަމާއެކު ހިނިތުންވެލިއެވެ. "ޚާއްޞަކޮށް ހަމަ ކުށްކުރެވުނު ކުދިންނަށް..... ޤުރުއާން ބާވައިލެއްވުނީ އަހަރެމެން ކަހަލަ މީހުންނަށްޓަކައި—ކުށްތަކުން ހަލާކުވެ ހިތްތައް ހަލާކުވެ ގޮސްފައިވީ ނަމަވެސް ރަނގަޅުވާން މަސައްކަތްކުރާ މީހުންނަށްޓަކައި....."
އަލިފްގެ އެންމެ ބޮޑު އިމްތިޙާނާ ބައްދަލުވީ ކުލާސްރޫމުންނެއް ނޫނެވެ. އެއީ ހީވެސް ނުކޮށް ހުއްޓާ ވާރޭ ވެހުނު ރެއެއްގައި އޭނާގެ ބައްޕަ މާބޮޑަށް ބަލިވީއެވެ. ފުރަތަމަ ފެށުނީ ކެއްސުމަކުންނެވެ. ނަމަވެސް ހަފްތާތަކެއްގެ ތެރޭގައި ހަގީގަތް ސާފުވިއެވެ: އެއީ ކެންސަރެވެ. ނުރައްކާތެރި އެންމެ ފަހު މަރުހަލާގައެވެ.
އަލިފް އޭނާގެ ބައްޕަގެ ގާތުގައި ކޮންމެ ފަރުވާއެއްގައި އިނދެއެވެ. ކޮންމެ ހޮސްޕިޓަލް ދަތުރެއްގައިވެސްމެއެވެ. ރޭގަނޑު ތަދުތައް ކެތްނުކުރެވޭ ވަރުވުމުން ބައްޕަ ބުނެއެވެ، "އަލިފް.... ބައްޕަ ގާތު ކިޔަވައިދީބަލަ....ދަރިފުޅުގެ ކިޔެވުމުން ރޫހަށް ހަމަޖެހުން ލިބޭ.... ސުވަރުގެ ހަނދާންވޭ..."
އަލިފް އޭނާގެ މުޞްޙަފް ހުޅުވާލައ،ި ސުވަރުގޭގެ އާޔަތްތައް ކިޔަވައިދެއެވެ—އެތަނެއްގެ ދަށުން ފެންއާރުތައް ހިނގާ ބަގީޗާތަކުގެ ވާހަކައެވެ، އާއިލާތައް އަލުން ބައްދަލުވާނެ ވާހަކައެވެ. އަދި ހުރިހާ ރިހުމެއް ހަނދާންނެތޭނެ ވާހަކައެވެ. ބައެއް ފަހަރު ކިޔަވަން އިންނައިރު އޭނާގެ އަޑު ރޫރޫއަޅައެވެ. އޭނާއަކީ އުސްތާޒެވެ. އެހެން މީހުންގެ ހިތްތަކަށް ހަމަޖެހުން ގެނެސްދޭ މީހާއެވެ—ނަމަވެސް މިވަގުތު އޭނާ ޖެހުނީ އަމިއްލަ ނަފްސު ހިފަހައްޓާށެވެ.
ބައްޕަ ނިޔާވުމަށްފަހު އަލިފް މިސްކިތުގައި އެކަނި އިނދެލިއެވެ. ދުނިޔެ މުޅިން ބަރުވެފައިވާ ފަދައެވެ. ކުރެވޭ ނަމާދުތައް ދުރުވެފައިވާ ފަދައެވެ. ހިތާމައިން އޭނާގެ މޭ ފިތެމުންދިޔައެވެ. އެތައް އަހަރަކަށްފަހު ފުރަތަމަ ފަހަރަށް އޭނާ ގުރުއާން ހުޅުވާލީ މީހަކަށް ކިޔަވައިދޭކަށް ނޫނެވެ، ނަމަވެސް އަމިއްލަ ހިތަށް ހަމަޖެހުމެއް ހޯދުމަށެވެ. އޭނާގެ ލޮލުގައި އަޅައިގަތީ މި އާޔަތެވެ:
"ހަމަކަށަވެސް، ބިރުވެރިކަމާއި، ބަނޑުހައިހޫނުކަމުގެ ތެރެއިން ކަމެއް މެދުވެރިކުރެއްވުމުންނާއި، މުދާތަކާއި، ނަފްސުތަކާއި، މޭވާތައް އުނިކުރެއްވުމުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން އިމްތިޙާންކުރައްވާހުށީމެވެ. އަދި ކެތްތެރިންނަށް އުފާވެރި ޚަބަރު ދޭށެވެ." (ސޫރަތުލް ބަޤަރާ 2:155)
"ހަމަކަށަވެސް، ﷲ ވޮޑެގެންވަނީ ކެތްތެރިންނާ އެކުގައެވެ." (2:153)
އޭނާގެ ކޯތާފަތް މަތިން ކަރުނަތައް ދެމެންފެށިއެވެ.އެތައް އަހަރެއްގެ ކުރިން ޝޭޚް ކަރީމް ބުނި ބަހުގެ ހަގީގީ މާނައަކީ މިއީއެވެ. ޤުރުއާނަކީ ހަމައެކަނި ރީތިކޮށް ކިޔަވާލަން އޮތް ފޮތެއް ނޫނެވެއެއީ ފުރާނަ ސަލާމަތްކޮށްދޭ ސަބަބެކެވެ. މަގުދައްކައިދޭ މުރްޝިދެކެވެ. ހިތާމައިގެ ވަގުތުގެ އެކުވެރިޔާއެވެ. އެންމެ ބޮޑު ހިތާމައަކީވެސް މަޤްޞަދެއް ނެތް އެއްޗެއް ނޫންކަން ހަނދާންކޮށްދޭ އެއްޗެކެވެ.
އެ ރެއަށްފަހު އަވަށުގައި އަލިފްގެ ދައުރު މާ ފުޅާވިއެވެ. އޭނާއަކީ މިހާރު ހަމައެކަނި މުދައްރިސެއް ނޫނެވެ. އޭނާ ބަދަލުވީ ނަޞޭޙަތްތެރިއަކަށެވެ، ވެރިއަކަށެވެ، މަގުއޮޅިފައިވާ ޒުވާނުންނާއި ހިތާމައިގައި ތިބި ބޮޑެތި މީހުންގެ އަޚަކަށެވެ. އޭނާ "ނޫރުން ޢަލާ ނޫރު" "އަލިކަމުގެ މައްޗަށް އަލިކަން" ގެ ނަމުގައި ޤުރުއާން ކްލާކެއް އުފެއްދިއެވެ—އެތަނަށް ކޮންމެ ހަފްތާއަކު މީހުން އެއްވަނީ ހަމައެކަނި ހިތުދަސްކުރާކަށް ނޫނެވެ، ނަމަވެސް ހިތްތަކުގެ ޒަޚަމްތަކަށް ޝިފާ ހޯދުމަށެވެ.
ކުރިން ނުކިޔަމަންތެރިކޮށް އުޅުނު ދަރިވަރު ޖަލާލް މިހާރު އުމުރުން ވިހި އަހަރުގެ ޒުވާނެއްގެ ގޮތުގައި އެ މަޖިލީހުގެ ކުރިމަތީގައި ކޮޅަށް ހުރެ ބުނެލިއެވެ.
"އަލިފް އެނބުރި ރަށަށް އައުމުގެ ކުރިން ހީކުރީ ޤުރުއާނަކީ ހަމައެކަނި މުސްކުޅިންނާއި މުބާރާތްތަކަށް އޮންނަ އެއްޗެއް ކަމަށް މިކަހަލަ ކަހަލަ މަގުއޮޅި ވާނުވާނޭނގިފައި ތިބޭ ޒުވާނުންނަށް އޮތް އެއްޗެއްކަމެއް ނޭނގެ..... ނަމަވެސް އުސްތާޒު އަލިފް ދައްކައިދިނީ ޤުރުއާނަކީ ހަމައެކަނި ވަގުތީގޮތުން ޒިޔާރަތްކޮށްލާ ފޮތެއް ނޫންކަން—އެއީ އެކީގައި ދަތުރުކުރާ އެކުވެރިއެއްކަން."
ޖަލާލް އިށީނުމުން އަލިފްގެ މޭތެރޭގައި ބަޔާންކުރަން ނޭނގޭ ފަދަ އިހުސާސެއް އުފެދުނެވެ—އެއީ ކިބުރުވެރިކަމެއް ނޫނެވެ، އެއީ ފުން ޝުކުރުވެރިކަމެވެ. އެކަލާނގެ ބަސްފުޅުތަކުގެ މަތީގައި ދިރިއުޅުން ބިނާކުރުމުގެ ފުރުސަތު ދެއްވިކަމަށްޓަކައި ﷲ ތަޢާލާއަށް ކުރެވުނު ޝުކުރެކެވެ.
އަލިފް އަދިވެސް ހަގެވެ. އޭނާގެ ދަތުރެއް ނުނިމެއެވެ. ނަމަވެސް މިހާރު ކުރިއަށްވުރެ ބޮޑަށް އޭނާއަށް ކަމެއް ވިސްނިއްޖެއެވެ؛ އެއީ ކޮންމެ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކަށްމެ އެނގެން އޭނާ އެދޭ ކަމެކެވެ:
ގުރުއާނަކީ ހަމައެކަނި ހިތުދަސްކުރަން އޮތް އެއްޗެއް ނޫނެވެ. އެއީ އެއާ އެއްގޮތަށް ދިރިއުޅެން އޮތް އެއްޗެކެވެ. އުފަލުގައްޔާއި ހިތާމަގައްޔާއި ބަލިކަށިކަމުގައްޔާއި ވަރުގަދަކަމުގައެވެ. އަދި ދިރިއުޅުމުގެ ތޫފާންތައް ކިތަންމެ ބޮޑުވިޔަސް، އެ ފޮތުގައި ބާރަށް ހިފަހައްޓައިފި މީހަކު ދުވަހަކުވެސް ހަލާކުވެ މަގުއޮޅިގެނެއް ނުދާނެއެވެ.
***
އަވަށަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެއްދުވަހަކު ހިރަފުސް މަގުތަކާއި ޒައިތޫނި ގަސްތައް ހުރި ތަނުގައި މިހާރު އޮތީ ތާރުޖެހި މަގުތަކާއި ސެޓެލައިޓް އެންޓަނާ ހަރުކޮށްފައިވާ ޒަމާނީ ގެތަކެވެ. ކުދިން މިހާރު ކޮޅުފައިގާ ދުވެފައި މަދުރަސާއަކަށް ނުދެއެވެ؛ އެކުދިން ބަލާ ދަނީ މައިންބަފައިންގެ ކާރުތަކުގައެވެ. މިސްކިތްވެސް ވަނީ ބޮޑުވެފައެވެ—އަލުން ބިނާކޮށް ފުޅާކޮށްފައެވެ. އޭގެ ގުއްބު މިހާރު އަވީގެ ތެރޭގައި ވިދާލާއިރު މިސްކިތުގެ ފާރުތަކުން އިވެނީ އާ ޖީލެއްގެ ކުދިން ގުރުއާން ކިޔަވާ އަޑުގެ ހަރުލުމެވެ.
***
އަލިފްގެ އުމުރުން މިހާރު ހަތްދިހަ އަހަރެވެ. އޭނާގެ ތުނބުޅި ދިގުވެފައި ރިހިކުލައަށް ބަދަލުވެފައެވެ. ދުވަސްވުމާއި ޚިދުމަތް ކުރުމުގެ ސަބަބުން އޭނާގެ ބުރަކަށި ވަނީ ކުޑަކޮށް ގޫވެފައެވެ. އޭނާ ހިނގަނީ ލަކުޑި އަސާގަނޑެއްގެ އެހީގައި ވަރަށް މަޑުމަޑުންނެވެ. ނަމަވެސް، ފުރަތަމަ ބަންގީގެ ކުރިން އޭނާ އަދިވެސް ފަތިހު މިސްކިތަށް ދެއެވެ. ދުވަސްވުމުގެ ސަބަބުން އޭނާގެ ދެލޮލުގެ ފެނުން ފުސްވެފައިވީ ނަމަވެސް، އެ ދެލޮލުން އަދިވެސް ފެންނަނީ ކުޑައިރުއްސުރެ އޭނާގެ ހިތުގައި ރޯވެފައިވާ އެ ހިތްގައިމު އަލިކަމެވެ. އެއްދުވަހަކު ޒައިތޫނި ގަސްދަށުގައި އިނދެ އޭނާ ހިތުދަސްކުރި ޤުރުއާން އަދިވެސް އޭނާއާ އެކުވެއެވެ—އެއީ ހަމައެކަނި ހަނދާނެއްގެ ގޮތުގައެއް ނޫނެވެ، ނަމަވެސް އޭނާގެ މުޅި ވުޖޫދުގެ ބައެއްގެ ގޮތުގައެވެ.
އޭނާ މިހާރު ރަސްމީކޮށް ކިޔަވައެއް ނުދެއެވެ. މިހާރު ކުލާސްތައް ނަގައިދެނީ ޒުވާން އިމާމުންނެވެ. އޭގެތެރެއިން ގިނަ މީހުންނަކީ އެއް އިރެއްގައި އޭނާގެ ދަރިވަރުންނެވެ. ނަމަވެސް މީހުން އަދިވެސް އޭނާގެ ގާތަށް އާދެއެވެ. އެމީހުން އަންނަނީ ފިލާވަޅު ދަސްކުރާކަށް ނޫނެވެ، ނަމަވެސް ނަޞޭޙަތާއި އިރުޝާދު ހޯދުމަށެވެ؛—ހިތުގެ އަޑިން ނުކުންނަ އަގުހުރި ނަޞޭޙަތްތަކެވެ. އެއީ ފޮތްފޮތުން ލިބޭ ފަދަ ޢިލްމެއް ނޫނެވެ. ނަމަވެސް އެއީ ﷲ ތައާލާއާއި ކުއްތަންވެ ހޭދަކުރި ދިރިއުޅުމަކުން ލިބުނު ޙިކުމަތްތަކެވެ.
އެއްދުވަހަކު މި ހުރިހާ ކަމެއް ފެށުނު ގަސްދަށުގައި އަލިފް އިށީދެލިއެވެ. އެ ގަސްވެސް މިހާރު ވަނީ އޭނާ ފަދައިން މުސްކުޅިވެ ކުރަކިވެފައެވެ. އެވަގުތު ކުޑަ ފިރިހެން ކުއްޖަކު އޭނާގެ ގާތަށް އައެވެ. އެ ކުއްޖާގެ ނަމަކީ ޙަމްޒާއެވެ. އުމުރުން އެގާރަ އަހަރެވެ. ދެލޯ ދިއްލިފައެވެ. އޭނާގެ މޭގައި ކުޑަ މުޞްޙަފެއް ޖައްސާ ބާރުކޮށްލައިގެންނެވެ.
"އުސްތާޒު އަލިފް؟" އޭނާ ލަދުން އިނދެ އަހާލިއެވެ.
އަލިފް ހިނިތުންވެލިއެވެ. "އާނ، ދަރިފުޅާ."
"އެއީ ތެދެއްތަ… ކާފަ ގުރުއާން ހިތުދަސްކުރީ މި ގަސްދަށުގައި އިނދެގެންނޭ ބުނާ ވާހަކައަކީ؟"
އަލިފް މަޑުމަޑުން ހީލިއެވެ. "މީހުން ކިޔައި އުޅެނީ އެހެން."
"އަހަންނަށްވެސް ކާފަ ކަހަލަ މީހަކަށް ވެވިދާނެތަ؟"
އަލިފް އެ ކުއްޖާއަށް ވަރަށް ފަރުވާތެރިކަމާއެކު ބަލައިލިއެވެ. "ދަރިފުޅު ކީއްވެ ކާފަ ކަހަލަ މީހަކަށް ވާން ބޭނުންވަނީ؟"
ޙަމްޒާ ކުޑަކޮށް މަޑުޖެހިލިއެވެ، ބުނާނެ އެއްޗެއް ޔަގީންނުވެފައި ހުރެއެވެ. "ސަބަބަކީ… އެންމެންވެސް ބުނަނީ ކާފައަކީ އެންމެ މޮޅު މީހާއޭ. ކާފަ މި އަވަށް ބަދަލުކޮށްލީއޭ. ކާފަ މުޅި ދިރިއުޅުން ހޭދަކުރީ ގުރުއާނާއެކީގައޭ."
އަލިފް އޭނާގެ ރޫޖެހިފައިވާ މުސްކުޅި އަތް އެ ކުއްޖާގެ ކޮނޑުގައި ބާއްވާލިއެވެ.
"މަގޭ ލޯބިވާ ޙަމްޒާ....." އޭނަ މަޑުމައިތިރި އަޑަކުން ބުންޏެވެ، "އަހަންނަކީ އެންމެ މޮޅު މީހާއެއް ނޫން. އަހަންނަކީ ހަމައެކަނި އެހެން އެއްވެސް އެއްޗެއް ނެތްކަމުގެ އިހުސާސެއް ކުރެވުނު ވަގުތުތަކުގައިވެސް ﷲ ގެ ވަހީގައި ބާރަށް ހިފެހެއްޓި މީހެއް. ދަރިފުޅު އަހަރެން ކަހަލަ މީހަކަށް ވާން ބޭނުންނަމަ، މީހުން ކުރާ ތައުރީފަކަށް ނޫނީ ދޭ ގަދަރަކަށް ނުބަލާތި. އެ ކަލާމްފުޅަށް ބަލަންވީ. އެންމެ އާޔަތަކުން ފަށާ. އެ އާޔަތާއިމެދު ވިސްނަންވީ.... އެއާ އެއްގޮތަށް ދިރިއުޅޭ. އެ އާޔަތުން ދަރިފުޅުގެ ނަފްސު ބަދަލުކޮށްލިޔަދީ. އެއަށްފަހު އަނެއް އާޔަތް. ދެން އަނެއް އާޔަތް. މީހުންނަށް ދެއްކުމުގެ ގޮތުން ހިތުދަސްކުރާނެކަމެއް ނެތް.. ހިތުދަސްކުރާނީ ﷲ ތައާލާއާއި ގުޅުން ބަދަހިކުރުމުގެ ގޮތުން. އަދި ހަނދާންކުރާތި… ދަރިފުޅު ގުރުއާނާ ދިމާލަށް އަޅާ ކޮންމެ ފިޔަވަޅަކަށް، އެ ފޮތް ދަރިފުޅާ ދިމާލަށް ދިހަ ފިޔަވަޅު އަޅާނެ."
ޙަމްޒާ ދެލޯ ބޮޑުކޮށްލަމުން ބޯޖަހާލިއެވެ.
އެ ރޭ ޢިޝާ ނަމާދަށްފަހު އަލިފް މިސްކިތުގެ ފާރަށް ބުރަކަށި ޖައްސާލައިގެން އެކަނި އިނދެލިއެވެ. އޭނާ ތަރިތަކަށް ބަލައިލިއެވެ.—މިހާރު އަވަށުގެ ބޮކިތަކުގެ އަލިން ތަރިތައް ފެންނަނީ ވަރަށް މަދުންނެވެ—ނަމަވެސް އެ ތަރިތައް އަދިވެސް ވަރަށް ރީއްޗެވެ. އޭނާގެ ސިކުނޑި މާޒީގެ ތެރެއަށް ދަތުރުކުރިއެވެ: ބައްޕާއެކު ކުރި ފަތިސް ނަމާދުތަކެވެ. ޝައިޚް ކަރީމް ދިން ހިތްވަރެވެ. ފުރަތަމަ ފަހަރަށް ސޫރަތުލް ޔާސީން ކިޔެވި ދުވަހު ބިރުން ހިތް ތެޅިގަތް ހުކުރު ދުވަހެވެ. އަދި އޭގެ ފަހުން އޮތް ދިގު ދަތުރެވެ.
އޭނާގެ ދިރިއުޅުމުގައި ބާކީ އޮތީ ކިހާ ދުވަހެއްކަމެއް އޭނާއަކަށް ނޭނގެއެވެ. ހަށިގަނޑު ވަނީ ބަލިކަށިވެފައެވެ، ބައެއް ފަހަރު ހިތް ވަނީ ވަރުބަލިވެފައެވެ. ނަމަވެސް ފުރާނަ ވަނީ ދިއްލިފައެވެ. ބުނަން ނޭގޭފަދަ ހަމަޖެހުމަކުން ފުރިފައެވެ.
އޭނާގެ ދުވަސްވީ މުސްޙަފް ހުޅުވާލިއެވެ. އޭގެ ގަނޑުތައް ވަނީ ބާވެ މުށިކުލައެއް އަރާފައެވެ. އޭނާ ހުޅުވާލީ އޭނާގެ މުޅި ދިރިއުޅުމުގައި އެތައް ފަހަރަކު ކިޔެވި އާޔަތެކެވެ.
"ހަމަކަށަވެސް، ﷲ ގެ ފޮތް ކިޔަވައި، ނަމާދު ޤާއިމްކޮށް، އަދި ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވި ތަކެތިން ސިއްރާއި ފާޅުގައި ހޭދަކުރާ މީހުންނަކީ ދުވަހަކުވެސް ގެއްލިގެންނުދާނެ ވިޔަފާރިއަކަށް އެދޭ ބަޔެކެވެ." (ސޫރަތު ފާޠިރު 35:29)
އޭނާ ހިނިތުންވެލިއެވެ.
އަލިފްއަކީ ދުވަހަަކުވެސް މުއްސަނދި މީހެއް ނޫނެވެ. އޭނަ ދުވަހަކުވެސް ދުރަކަށް ދަތުރެއް ނުކުރެއެވެ. ނަމަވެސް މި ކުޑަ އަވަށުގައި އަތުގައި ގުރުއާން އޮވެ ކުރިއަށް އޮތް އާ ޖީލު ބޮޑުވަމުންދާއިރު އޭނާ މިވަނީ ދުވަހަކުވެސް ފަނާވެގެންނުދާނެ އަގުބޮޑު އާޚިރަތުގެ ޚަޒާނާއެއް ބިނާކޮށްފައެވެ.
***
އަހަރެއް ފާއިތުވީފަހުން އަލިފް އޭނާގެ ވެރިރަސްކަލާނގެ ޙަޟްރަތަށް އެނބުރިދިޔައެވެ
އޭނާ ފަސްދާނުލީ އޭނާގެ ބައްޕަގެ ގާތުގައި އެ ދުވަސްވީ ޒައިތޫނި ގަސް ކައިރީގައެވެ. މުޅި ގައުއުމުގެ އެކި ކަންކޮޅުތަކުން މީހުން އައެވެ.—ދަރިވަރުންނާއި މުދައްރިސުންނާއިަ އަވަށުގެ މީހުންނާއި ބޮޑެތި ޢިލްމުވެރިންނެވެ. އެމީހުން ދެއްކީ ހަމައެކަނި އޭނާގެ ޢިލްމުގެ ވާހަކައެއް ނޫނެވެ. އެމީހުން ދެއްކީ އޭނާގެ ހިތުގެ ސާފުކަމުގެ ވާހަކައެވެ. އޭނާގެ ހުރި މަޑުމައިތިރިކަމާއި ސީދާ ސާދާ ދިރިއުޅުމުގެ ވާހަކައެވެ. ގުރުއާނަށް އޭނާގެ ހިތުގައި އޮތް ލޯތްބެވެ. އެއީ ހަމައެކަނި އަޑަކުން ނޫނެވެ. ނަމަވެސް އޭނާގެ އަމަލުން ދެއްކި ލޯތްބެވެ.
މިސްކިތުގައި އޭނާ ބޭނުންކުރި މުޞްޙަފް ބޭއްވީ ބިއްލޫރި ފޮށްޓެއްގައެވެ. އެއީ އަޅުކަންކުރާކަށް ނޫނެވެ. ނަމަވެސް މީހުންނަށް ހަނދާންކޮށްދޭނެ ނިޝާނެއްގެ ގޮތުގައެވެ.
އަދި ކޮންމެ އަހަރަކުވެސް، އޭނާ ވަކިވެދިޔަ ދުވަހުގެ ހަނދާން އާކުރާ ދުވަހު އަވަށުގެ މީހުން ބޮޑު އެއްވުމެއް ބާއްވައެވެ: އޭނާ އުފެއްދި "ނޫރުން ޢަލާ ނޫރު" ކްލާސް އަދިވެސް އޮވެއެވެ. އަދިވެސް ދިޔައީ ފުޅާވެ ކުދިން އިތުރުވަމުންނެވެ. އަންހެން ކުދިންނާއި ފިރިހެން ކުދިން އެ ބޮޑު ޒައިތޫނި ގަސްދަށުގައި އިށީނދެގެން ތިބެ ކިޔަވަނީ ހަމަ އެ އާޔަތްތަކެވެ. އެއީ އެއްދުވަހަކު ރޭގަނޑުގެ ކަނު އަނދިރީގައި އޭނާގެ ވެރިރަސްކަލާނގެ ޙަޟްރަތުން ހިމޭންކަން ހޯދުމަށް އަލިފް މަޑުމަޑުން ކިޔަވަމުންދިޔަ އާޔަތްތަކެވެ.
އަދި އެގޮތުން އަލިފްގެ ހިތުގައި އުފެދުނު އަލިކަން މެދުކެނޑުމެއްނެތި ދިޔައީ ދިއްލެމުންނެވެ.—އެއް އާޔަތުން އަނެއް އާޔަތަށް އެއް ފުރާނައިން އަނެއް ފުރާނައަށް އަލިކަން ފޯރަމުންނެވެ.
ސަބަބަކީ ޤުރުއާނާއެކު ހޭދަކުރި ދިރިއުޅުމެއް ހަގީގަތުގައި ދުވަހަކުވެސް ނިމިގެންނެއް ނުދާނެއެވެ.
ނިމުނީ