އިޤުރާރުވީމޭ ލޯބިން - 42

އިޤުރާރުވީމޭ ލޯބިން -

އައިރާ އޭނާގެ މާޒީއާއި ޢާއިލީ މައްސަލަތަކާހުރެ ޒަހްރާނާ އެކަށީގެންނުވާކަމަށް ނިންމައި، ޒަހްރާނާ ދުރަށް ގޮސް ނަފާގެ ގޭގައި ހިތާމަކުރަމުން ދިޔައެވެ. ނަފާއާއި ލަޔާލީގެ މަޝްވަރާއާއެކު، ޒަހްރާނަށް އައިރާ ހުރި ތަން އެނގުމުން އޭނާ އެތަނަށް ގޮސް އައިރާއާ ބައްދަލުކުރެއެވެ. އައިރާގެ ކަރުނަތައް ފުހެދީ، އޭނާއަށް އިތުބާރުކުރުމަށާއި މުޅި ދުނިޔެއާ ދެކޮޅަށް ނުކުމެވިޔަސް އައިރާގެ ޙައްޤުގައި ހުރިހާ ކަމެއް ޙައްލުކުރާނެކަމުގެ ޔަޤީންކަން ޒަހްރާން ދެއެވެ. މި ހާދިސާއަށްފަހު ޒަހްރާން މިސްކިތަށް ގޮސް މަޣުރިބު ނަމާދުކޮށް، އޭނާގެ ދިރިއުޅުމަށް އައިސްފައިވާ ހެޔޮ ބަދަލުތަކާމެދު ފުންކޮށް ވިސްނައެވެ. ނުބައި އާދަތަކުން ދުރުވެ، އައިރާގެ ލޯބީގެ ސަބަބުންނާއި އަމިއްލަ ނަފްސުގެ ހިތްހަމަޖެހުމަށްޓަކައި ދީނީ ކަންކަމަށް އޭނާ ދަނީ ސަމާލުކަން ދެމުންނެވެ. އޭގެ ފަހުން ގެއަށް ގޮސް އޭނާގެ ބައްޕަ މުރާދާ ބައްދަލުކޮށް، އައިރާއާ ދެކޮޅަށް މުރާދު ނިންމާފައިވާ ހަރުކަށި ނިންމުމާމެދު ނުރުހުން ފާޅުކޮށް ވަރުގަދަ ބަޙުސެއް ކުރެއެވެ. މުރާދު އައިރާގެ މަންމަގެ މާޒީއާއި ޖަމާލުގެ ވާހަކަތަކަށް ބުރަވެ އައިރާ ކުށްވެރިކުރުމުން، ޒަހްރާން ޖަމާލުގެ ޙަޤީޤަތް ބައްޕައަށް ހާމަކުރެއެވެ. ޖަމާލަކީ އައިރާގެ މަންމަގެ ގާތަށް ދިޔަ މީހެއްކަމާއި، އައިރާގެ އުމުރުން އެންމެ ސޯޅަ އަހަރުގައި އޭނާއަށް ގޯނާކުރަން އުޅުނު ނުބައި މީހެއްކަން ޒަހްރާން ކިޔައިދެއެވެ. އައިރާއަކީ ކުށެއްނެތް މަޖުބޫރީ ޙާލަތެއްގައި ހުރި ނިކަމެތި ކުއްޖެއްކަން ފާހަގަކޮށް، ބައްޕަ ވިސްނަނީ ހަމައެކަނި އަމިއްލަ އަބުރާއި ޢިއްޒަތަށްކަން ބުނެދެއެވެ. އަދި އައިރާއާ ނުލައި އޭނާއަށް ދިރިނުއުޅެވޭނެކަން ޒަހްރާން ސާބިތުކަމާއެކު އަންގައިދެއެވެ.

  • އައިރާ އަމިއްލަ ނަފްސު ކުށްވެރިކޮށް ޒަހްރާނާ ދުރަށް ދިޔުމާއި، ޒަހްރާން އޭނާ ހޯދައި ހިތްވަރުދިނުން.
  • ނަފާއާއި ލަޔާލީ މެދުވެރިކޮށް އައިރާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރެވުނު މަސައްކަތް.
  • ޒަހްރާންގެ ދިރިއުޅުމަށް އައިސްފައިވާ ދީނީ އަދި އަޚްލާޤީ ހެޔޮ ބަދަލުތަކުގެ މައްޗަށް އަލިއަޅުވާލުން.
  • އައިރާގެ މާޒީއާ ގުޅުވައިގެން މުރާދު ކުރި ތުހުމަތުތަކަށް ޒަހްރާން ދިން ވަރުގަދަ ރައްދު.
  • ޖަމާލުގެ ނުބައިކަމާއި އައިރާގެ މަޖުބޫރީ ޙާލަތު ބައްޕައަށް ވަރަށް ސާފުކޮށް ކިޔައިދިނުން.
  • މުޖުތަމަޢުގެ ޤަދަރަށްވުރެ ޙަޤީޤީ ލޯތްބާއި އިންސާފު މުހިންމުކަން ޒަހްރާން ސާބިތުކޮށްދިނުން.
  • މާޒީގެ ހިޔަނިތަކުން ސަލާމަތްވުމަށްޓަކައި އެކަކު އަނެކަކަށް އިތުބާރުކުރުމުގެ މުހިންމުކަން.
  • ދޮގު މަޢުލޫމާތާއި މުޖުތަމަޢުގެ ނުފޫޒަށްވުރެ ޙަޤީޤަތް ހޯދައި އިންސާފު ޤާއިމުކުރުމުގެ މުހިންމުކަން.
  • އަނިޔާ ލިބިފައިވާ ފަރާތްތައް ކުށްވެރިކުރުމުގެ ބަދަލުގައި އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.
  • އަމިއްލަ ނަފްސު އިޞްލާޙުކޮށް، ރަނގަޅު ގޮތުގައި ދެމިހުރުމަށް ކުރާ މަސައްކަތުގެ އެދެވޭ ނަތީޖާ.

"އައިރާ....." ޒަހްރާނަށް އަމިއްލަ ނަފްސަށް އިވޭވަރަށް ބުނެވުނެވެ. އޭނާއަށް ސޯފާގައި އިށީނދެވުނެވެ.

"ކީއްތަ ތިކުރީ؟" ޒަހްރާންގެ ސިކުނޑި ސުމަކަށް ދާވަރު ވިއެވެ. ވިސްނާ ވިސްނާ ވެސް އައިރާ ދާނެ ތަނެއް އޭނަގެ ސިކުނޑިއަކަށް ނައެވެ. ސިކުނޑީގައި އުފެދުނު ހައިޖާނުގަނޑާއެކު ނަފްސުގައި އުދާސްކަމެއް އުފެދި މުޅި މީހާ ނުތަނަވަސްކަމުގެ ތެރެއަށް ޣަރަޤުވެގެން ހިނގައްޖެއެވެ. އޭނައަށް އިތުބާރު ކުރަން ބުނެފައި އޮށްވާ އައިރާ ދިޔައީ ކީއްވެހެއްޔެވެ؟ ކުޑަކުޑަ ވަގުތުކޮޅެއް އޭނައަށް ނުދެވުނީ ކީއްވެހެއްޔެވެ؟ އޭނަ ވާ ލޯބީގެ ބަދަލުގައި އައިރާއަށް ކަންތައް ކުރަން އެނގުނު ގޮތަކީ މިއީހެއްޔެވެ؟ އައިރާއަށް އޭނައާ ވަކިން އުޅެވުނަސް، އޭނައަށް ކެތެއް ނުވާނެއެވެ. އެއަށްވުރެ ފުން ލޯތްބެއް އައިރާއާ މެދު އެ ހިތުގައި އުފެދިފައި ވެއެވެ. އެ ހިތުގައި ޖަހާ ކޮންމެ ވިންދެއްގައިމެ ވަނީ އައިރާގެ ނަމެވެ. ލޯ މަރާލިޔަސް ފެންނަނީ އެ ސޫރައެވެ. ބޭނުންވަނީ އުމުރު ދުވަހު އެ އަތުގެ ހިމާޔަތުގެ ތެރޭގައި އައިރާ ޤައިދުކޮށްލާށެވެ.

ހިތުގައި ޖެހުނު ޒަހްރާން އަމިއްލަ އިޙްސާސްތައް ހަމައަކަށް އަޅުވަން މަސައްކަތްކުރަމުން އައިރާގެ ނަންބަރަށް ގުޅައިލިއެވެ. ފޯނު ނިއްވާލާފައި އޮތްކަން އެނގުނު ނަމަވެސް، އައިރާ އޭނަ ދޫކޮށްލާފައި ހިނގައިދާނެކަމަށް ޤަބޫލުކުރަން އޭނަގެ ނަފްސު އުޒުރުވެރިވީތީއެވެ. ސޯފާއަށް ހަށިގަނޑު ދޫކޮށްލެވުމާއެކު، ނިތުގައި އަތް ހިންގައިލެވުނެވެ. ބޮލަށް ބަރުވަމުން ދިޔަ އިޙްސާސާއެކު ލޯ މަރައިލެވުނެވެ.

*****

"އައިރާ. ދެން ހުއްޓާލަބަ... ޕްލީޒް..." ނަފާ އެނދުގައި އިށީނުމަށްފަހު, އައިރާގެ ކޮނޑުގައި އަތް ޖައްސައިލިއެވެ.

އައިރާ އިނީ ނަފާމެން ގޭގައެވެ. ނަފާގެ ކޮޓަރީގައެވެ. އޭރު އޭނަ ގެނައި ފޮށި އެއްފަރާތެއްގައި ބަހައްޓާފައި ހުއްޓެވެ. ހުއްޓުމެއް ނެތި ރޮމުން ދިޔަ އައިރާއަށް އޭނަގެ ރުއިން މައިތިރިކުރެވޭ ގޮތެއް ނުވިއެވެ. ހިތަށްކޮށްފައިވާ އަސަރުތައް ކަރުނައިގެ ސިފައިގައި ބޭރުވަމުން ދިޔައެވެ. އުޅެވުނީ ޙަޤީޤީ ކުލަ ޖެހުމެއް ނުވާ ހުވަފަނެއްގެ ތެރޭގައެވެ. އެއިން ނުކުތުމަށް މަޖުބޫރުވެއްޖެއެވެ. ޙަޤީޤަތް ޤަބޫލުކުރަން ޖެހިއްޖެއެވެ. ހިތަށް އަނިޔާވެރިވާން ޖެހިއްޖެއެވެ. ލިބުން ނުވާ ލޯތްބެއް ކަމަށް ވިސްނައިދެމުން އެ ލޯތްބާ ދުރަށް ފިޔަވަޅު އަޅަން މަޖުބޫރުވެއްޖެއެވެ. ކޮންމެހެން އޭނަ ލޯބިނުވާތީއެއް ވެސް ނޫނެވެ. އެހެންނަމަވެސް، ވަގުތާ ޙާލަތު އެ ގުޅުމަށް ތަން ނުދޭތީއެވެ. އެ ގުޅުމަށް ހުރަކަށް ވެފައިވާ މާޒީގެ ސަބަބުން ނެވެ. އޭނަގެ ފަސްބައިގައި ޖެހިފައިވާ ނުފިލާ ލައްގަނޑު ގެ ސަބަބުން ވެސް މެއެވެ.

"އައިރާއަށް ނުކެރެންޏާ އަހަރެން ޒަހްރާނަށް ގުޅަންތަ؟ ވީގޮތް ކިޔައިދެންތަ؟ ޒަހްރާން ނަންބަރު ދީބަލަ." ނަފާ ބުނެލިއެވެ. އެހާ ދުވަސްފަހުން ދިމާވި އެކުވެރިޔާގެ ޙާލަތު އެނގުމަށްފަހު، ނަފާގެ ހިތުގައި އައިރާއާ މެދު ވަނީ ޙަމްދަރުދީއެވެ. ރޮއިރޮއިފައި ފުރަތަމަ ކައިވެނީގެ ވާހަކައާ އެއަށްފަހު ދިމާވި ހުރިހާ ހާދިސާތަކެއް އައިރާ ކިޔައިދިނެވެ. އެކުވެރިޔާ އިތުރަށް ހިތުގައި ޖެހި ދެރަވާކަށް އޭނަ ނޭދެއެވެ. ކޮންމެ ވެސް ގޮތަކުން އައިރާއަށް އެހީތެރިކަން ފޯރުކޮށްދޭން، ނަފާ ހުރީ ބޭނުންވެފައެވެ. އެހެންނަމަވެސް، ދެރައީ އެކަން ކުރަން އައިރާގެ އިޒުނައެއް ނުލިބޭތީއެވެ. އަމިއްލަ ހިތަށް ތަދުކޮށްގެން ވެސް ޒަހްރާނާ ދުރުގައި ހުންނަން އައިރާ ބޭނުންވާތީއެވެ.

"ތީ އެންމެ ރަނގަޅު ގޮތެއް ނޫނެއްނު އައިރާ. ޒަހްރާން ވެސް އައިރާ ވީތަނެއް ނޭނގިގެން ކިހާ ކަންބޮޑުވާނެ. ނުވިތާކަށް ޒަހްރާނަށް އައިރާ ވީތަނެއް އެނގިދާނެތީ ފޯނު ވެސް ނިއްވާލައިގެން ތިއުޅެނީ. ޒަހްރާނަށް ބުންޏެއްނު އޭނައަށް އިތުބާރުކުރަން. އެންމެ ފަހަރަކު އިތުބާރުކޮށްފަ އޭނައަށް ފުރުސަތު ދީބަލަ." ނަފާ ނަޞޭޙަތް ދިނެވެ.

"އަހަރެންމީ ޒަހްރާނާ އެކަށީގެންވާ މީހެއް ނޫނޭ ނަފާ. ކީއްވެތަ ނުވިސްނެނީ؟" އައިރާއަށް ބުނެވުނެވެ.

"އެކަށީގެންވާ އައިރާ ތި މާނަކުރަނީ ކިހިނެއްކަން އަހަންނަށް އެނގެޔޭ. އެކަމަކު އަމިއްލަ ނަފްސަށްޓަކައި ބައެއްފަހަރު ސެލްފިޝް ވާން ޖެހޭނެ. އައިރާ މިއަދު އުފާވާން ޖެހޭނެ އައިރާއަށް ޒަހްރާން ފަދަ މީހަކު ލިބުނީތީ. މިއަދު އަހަރެން މިކޮޅުގަ ހުރީތީ އައިރާއަށް އަހަންނަށް ތި ގުޅުނީ. އެ ވެސް ކުރީ ރޭ ނަންބަރު ޝެއާ ކުރެވިފަ އޮތީމަ. އަހަރެން ނެތްނަމަ އައިރާ މިއަދު ދާނީ ކޮންތާކަށް؟ އަހަރެން ދޭ ނަޞޭޙަތެއްގަ ހިފަންޏާ އައިރާ ޒަހްރާނަށް ގުޅާ. ގުޅާފަ ހުރިހާ ވާހަކައެއް ކިޔައިދީ. އަދި އޭނައަށް ފުރުޞަތެއް ދީ. މި ދުނިޔޭގަ ތިމާ ލޯބިވާ މީހެއްގެ ހައްޤުގައި ތެދުވާނީ ވަރަށް ވެސް މަދު މީހަކު. އެކަހަލަ މީހަކު ދޫކޮށްލުމަކީ ކުރެވޭނެ މޮޔަކަމެއް." ނަފާ ވާހަކަ ދެއްކިއިރު، އެ ވާހަކަތައް އަޑު އަހަން އައިރާ އިނެވެ. އެހެންނަމަވެސް، އެހިތްވަރެއް މިހާރަކު އޭނަގެ ނެތެވެ.

"އެހިތްވަރެއް ދެން ނެތޭ ނަފާ... އަހަންނާ ހެދި ޢާއިލާއެއް ރޫޅިގެންދާތަން ބަލަން ހުންނާނީ ކިހިނެއްތަ؟" އައިރާއަށް ބުނެވުނެވެ. ނަފާ އައިރާގެ އަތުގައި ހިފައްޓައިލިއެވެ. އަދި ވެސް އެއްފަހަރު ނުރުއިމަށް ބުނެލިއެވެ. އެކުވެރިޔާގެ ހިތާމަތަށް ލުއިކޮށްދޭން ބޭނުންވެފައިވާ ޙާލު އޭނަ ނިންމީ އެ ވާހަކަތައް ލަޔާލީއާ ހިއްސާކުރާށެވެ. ޒަހްރާންގެ ނަންބަރު ނެތެއްކަމަކު، ލަޔާލީ އާ ވާހަކަ ދައްކައިގެން އައިރާ ހުރިތަނެއް ޒަހްރާންގެ ކައިރީގައި ބުނެވިދާނެއެވެ. އަދި ކަންތައްތައް ވީގޮތްކިޔައި ވެސް ދެވިދާނެއެވެ. އޭރުން ހަމަ ގައިމުވެސް ޒަހްރާން އައިރާ ބަލާ އަންނާނެކަން ގައިމެވެ.

"އަހަންނަށް ހީވަނީ އައިރާ ދެން ރެސްޓްކޮށްލަންވީހެން." އައިރާ ކުޑަކޮށް ހަމަޖެހިލިހެން ހީވުމުން ނަފާ ބުނެލިއެވެ. އައިރާ ވެސް ބޯ ޖަހައިލިއެވެ.

ނަފާ ނުކުމެލީ ބޭރަށެވެ. އޭނަ ސިޓިން ރޫމުން ނުކުމެވޭ ބެލްކަނީގެ ދޮރު ކަހައިލުމަށްފަހު އެތަނަށް ނުކުތެވެ. ޕެރިސްގައި މިވަގުތު ހުރި ލަޔާލީ ބިޒީވާނެކަން އެނގުނު ނަމަވެސް، ނަފާ ނިންމީ ގުޅާށެވެ. އެކުވެރިޔާގެ ޙާލަތު ކައިރިން ފެނުނު މީހެއްގެ ހައިސިއްޔަތުން، އެވަރު ކަމެއް ކޮށްދެވިދާނެއެވެ.

ވަޓްސްއެޕުން ލަޔާލީއަށް ގުޅައިލުމާއެކު، ނަސީބަކުން ފޯނު ނަގައިފިއެވެ.

"ސޮރީ އިނގޭ ލަޔާ މިގޮތަށް ގުޅާލަން ޖެހުނީމަ. އެނގޭ ބިޒީވާނެކަން، އެކަމަކުވެސް..." ނަފާ ބުނެލިއެވެ.

"އިޓްސް އޯކޭ އޭ. ކިހިނެއްތަ ވީ؟ އެނގޭ ބޮޑުކަމެއް ވީމަކަން ގުޅާނީ..." ލަޔާލީ ބުނެލިއެވެ.

"އައިރާގެ ކަމަކު...." ނަފާ ބުނެލިއެވެ.

"އައިރާއަށް ކިހިނެއްވީ؟" ލަޔާލީގެ އަޑަށް ވެސް ހާސްކަން ވެރިވިއެވެ. ނަފާ ވީގޮތް ލަޔާލީއަށް ކިޔައިދިނެވެ. އައިރާ ހުރީ އޭނަގެ ކައިރީގައި ކަމާއި، އައިރާ އައި ސަބަބެވެ. ނަފާ ފޯނު ބާއްވަމުން، ސިޓިން ރޫމަށް ވަތްއިރު، މަންމަ ވަފިއްޔާ ސޯފާގައި އިނެވެ. ނަފާ ފެނުމާއެކު އައިރާގެ ޙާލު އޭނަ އެހިއެވެ. ނަފާ ފަދައިން ވަފިއްޔާ އަކީ ވެސް އައިރާއަށް ހެޔޮ މީހެކެވެ. ފިރިމީހާ ނަޞްރު އައިރާއާ ގަޔާނުވިއެއްކަމަކު، ވެދިޔަ އެއްވެސް ކަމެއްގައި އައިރާގެ ކުށެއް އޮތްކަމަކަށް ވަފިއްޔާ ނުދެކެއެވެ. ނަޞްރުގެ ނުރުހުމާއެކު ވެސް އައިރާއާ އާ ނަފާގެ އެކުވެރިކަން ކުރި ފަޅާ ހެދިގެންދިޔަ ސަބަބަކީ އެއީއެވެ.

މަންމަގެ ކައިރީގައި ނަފާ މަޑުކޮށްލިއެވެ. އެމީހުން ލަންކާއަށް ބަދަލުވިފަހުން އައިރާއަށް ދިމާވި ގޮތް އޭނަ ކިޔައިދިނެވެ. ވަފިއްޔާގެ ހިތުގައި ވެސް ޙަމްދަރުދީ އުފެދުނެވެ. އެހެން ތިއްބާ، ނަފާގެ ފޯނު ރިންގުވިއެވެ. އޭނަ ފޯނު ނަގާ ބަލައިލިއިރު، ގުޅަނީ ނުދަންނަ ނަންބަރެއް ނަމަވެސް، އެއީ ޒަހްރާންކަން ޔަޤީންވިއެވެ.

"މިހުރީ ތިގޭ ދޮރުމަތީ. މިއަރަނީ މައްޗަށް." އޭނަ ފޯނު ނެގުމާއެކު ޒަހްރާން ބުނެލިއެވެ. ނަފާ ވެސް، އާއެކޭ ބުނެ ގޮސް ދޮރު ހުޅުވައިލަމުން ޒަހްރާން އަރަންދެން މަޑުކޮށްލިއެވެ. ލިފްޓުން އެރި ޒަހްރާން ފޭބުމާއެކު، އޭނަ ދޮރުފަތް ބޮޑަށް ހުޅުވާލަމުން ޒަހްރާނަށް އެތެރެއަށް ވަންނަން ދަޢުވަތު ދިނެވެ.

ޒަހްރާން އެތެރެއަށް ވަނުމާއެކު، ނައުފާ އިޝާރާތްކޮށްލީ ކޮޓަރިއަށެވެ. އައިރާ ވީ އެތެރޭގައި ކަމުގައި އޭނަ ބުނެލިއެވެ. ނަފާ ގޮސް ދޮރު ހުޅުވައިލަމުން އެތެރެއަށް ވަދެލިއެވެ. ފަޑީގައި ލެނގިލައިގެން ލޯ މަރާލައިގެން އިން އައިރާ ވެސް ލޯ ހުޅުވައިލަމުން އެ ދިމާލަށް ބަލައިލިއެވެ. އެއްޗެއް ނުބުނެވި އުޅެނިކޮށް ސިހުން ލިބުނީ ނަފާގެ ފަހަތުން އެތެރެއަށް ވަތް، ޒަހްރާން ފެނުމުންނެވެ.

"ޒަ... ޒަހްރާން..." އައިރާގެ ދެ ތުންފަތް ފޫ އަޅުވާލާފައި ނުކުތެވެ. ނަފާއަށް ބަލައިލުމާއެކު ނަފާ އެތަނުން ނުކުމެއްޖެއެވެ. އެއީ ނަފާގެ ކަމެއްކަން އައިރާއަށް އެނގުނެވެ. އޭނަ ތެދުވެލަމުން އެނދުގައި ރަނގަޅަށް އިށީނދެލާ ފައި ތިރިއަށް އެލުވައިލިއެވެ. ޒަހްރާން އައިރާގެ ކުރިމައްޗަށް ވާގޮތަށް ހުއްޓުނެވެ. ޒަހްރާނާ ނަޒަރު ސީދާކޮށްލައިގެން އިންނަން ދަތިވި، އައިރާ އިސްޖަހައިލިއެވެ. ދެން ފެނުނީ ޒަހްރާން ކަކޫ ޖަހައިލަމުން ޓައިލްސްތަކު މަތީގައި އިށީނދެލި ތަނެވެ. އެއަށްފަހު އުނގުމަތީގައި ބާއްވާލެވިފައިވާ އައިރާގެ ދެ އަތް އޭނަގެ އަތުތެރޭގައި ހައްޔަރުކޮށްލިއެވެ.

"ކީއްވެ އެއް ފަހަރު ވެސް އަހަރެން ކައިރީ ނުބުނީ؟" ޒަހްރާންގެ އަޑުގައިވަނީ ޝަކުވާއެވެ. "އަހަންނަށް އިތުބާރު ނުކުރެވެނީތަ؟"

އެ އަޑުގައި ވަނީ ކޮންފަދަ އަސަރެއް ހެއްޔެވެ؟ ޒަހްރާންގެ ހިތުގައި ޖެހިފައިވާ މިންވަރު އައިރާއަށް އިޙްސާސްކުރެވި ދެލޯ ފެންކަޅިވެގެން ދިޔައީ ބޭއިޚްތިޔާރުގައެވެ.

"ވައި؟ ވައި އައިރާ؟" ޒަހްރާންގެ އަޑު ވެސް މަޑުވެއްޖެއެވެ.

"އަހަރެން ލޯބިވާވަރު އިޙްސާސްނުކުރެވެނީތަ؟ މުޅި ދުނިޔެއާ ދެކޮޅަށް އަހަރެން އައިރާއަށްޓަކައި ތެދުވާއިރު، ކީއްވެ އަހަންނާ ދުރުވަނީ؟ ކީއްވެ ކަންތައްތައް ސިއްރުކުރަނީ؟ ބޭބީ ޕްލީޒް، ޑޯންޓް ޑޫ ދިސް." ޒަހްރާނަށް ބުނެވުނެވެ. އައިރާގެ ދެލޮލާ ނަޒަރު ސީދާވެލި ވަގުތު އޭނަގެ ދެލޮލުން ވެސް ވިދުމެއް ފާޅުވެލިއެވެ.

"ސޮރީ... ސޮރީ...." އައިރާއަށް ބުނެވުނެވެ. އިތުރު ބަހެއް ދުލަކަށް ނައެވެ. ނަފްސުގައި އުފެދުނު ކުށްވެރި އިޙްސާސްގެ ސަބަބުންނެވެ.

"ޕްލީސް. އަހަންނާ ދުރަށް ނުދޭބަ. އަހަރެން މިހުރިހާކަމެއްގެ ހައްލު ހޯދާނަމޭ..." ޒަހްރާނަށް ބުނެވުނެވެ.

"އިތުބާރު ނުކުރާތީ ކީ ނޫނޭ ޒަހްރާން... ލޯބި ނުވާތީކީ ވެސް ނޫން. އެކަމަކު... އެހިތްވަރު ނެތީމަ." އައިރާއަށް ބުނެވުނެވެ.

"އަހަރެން އައިރާއާއެކު ހުރިއިރު ވެސްތަ؟ އަހަރެން އައިރާ ދިޔަ ނުދޭނެކަން އެނގޭއިރު ވެސްތަ؟ އަހަރެން ލޯބިވާވަރު އެނގޭއިރު ވެސްތަ؟" ޒަހްރާންގެ ދުލުން ޝަކުވާގެ ލަފުޒުތަކެއް ނުކުތެވެ. އައިރާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އިރުކޮޅެއްގެ ހިމޭންކަމެއް އެ ދެމެދުގައި ފާއިތުވެއްޖެއެވެ. އެންމެފަހުން އެ ހިމޭންކަން ފޫދުއްވައިލީ ޒަހްރާނެވެ. އޭނަ އައިރާގެ އަތުގައި ހިފައްޓައިލާ އެ އަތަށް ބާރުކޮށްލިއެވެ.

"އަހަންނަށް ހުރިހާ ވާހަކައެއް ކިޔައިދީބަ އައިރާ..." ޒަހްރާން ބުނެލިއެވެ. އޭނަ އައިރާގެ ދެލޮލުން ފޭބި ކަރުނަތައް ލޯތްބާއެކު ފުހެދިނެވެ. ތެދުވެލާ އެނދުގައި އިށީނދެ އޭނަ އައިރާގެ ވާހަކަތަކަށް ސަމާލުކަން ދިނެވެ.

ޒަހްރާން އެގެއިން ނުކުމެގެން ދިޔައީ، މަޣްރިބު ނަމާދަށް ގޮވި ފަހުންނެވެ. އެތަނުން އެންމެ ފުރަތަމަ ގޮސް އެރީ މިސްކިތަށެވެ. މިހާރަކަށް އައިސް ނަމާދު ޖަމާއަތުގައި ކުރުމަށް މިސްކިތަށް ދިޔުމަށް އޭނަ ސަމާލުކަން ދެއެވެ. މީގެ ކުރިން ރާއްޖޭން ބޭރުގައި ޢާއިލާއާ ވަކިން އުޅުނުއިރު ނަމާދުކުރުމަށް ސަމާލުކަމެއް ނުދެވެއެވެ. ބައްޕަ ގުޅާ ފަހަރުތަކުގައި އެކަމަށް ނަޞޭހަތްތެރިވިޔަސް، ކަންނެތްކަމުގެ ސަބަބުން ނަމާދުކުރުމަކީ އުނދަގޫކަމަކަށް އޮންނަނީ ވެފައެވެ. ދީނާ ދުރު ސަޤާފަތެއްގެ ތެރޭގައި ގިނަ ދުވަސްތަކުގައި އުޅުނީތީ އެމީހުންގެ އާދަކާދަޔާއި ވައްޓަފާޅިއަށް މާ ބޮޑަށް ބޯ ލެނބުނީއެވެ. ގޯސް އާދަތައް އާދައަކަށް ވީއެވެ. ވޭޕާ ސިނގިރޭޓް ވެސް އެއް އިރެއްގައި ބޭނުން ކުރެވުނެވެ. ނަމާދަށް ފަރުވާ ނުބެހެއްޓެއެވެ. ޤުރުއާނުން އަކުރެއް ކިޔާލި ދުވަހެއް ވެސް ހަނދާނަކު ނެތެވެ. އެހެންނަމަވެސް، އެގޯސް އާދަ ބަދަލު ކުރުމަށް ޒަހްރާން މިހާރު ބޭނުންވެއެވެ. އެންމެ ފުރަތަމަ އެކަން ކުރަން ފެށީ އައިރާ ހާސިލްކުރުމުގެ ނިޔަތުގައި ނަމަވެސް، މިހާރު އޭނަ އެކަން ކުރަނީ އަމިއްލަ ނަފްސުގެ ހައްޤުގައެވެ. އަމިއްލަ މީހާއަށް ލިބޭ ހިތްހަމަޖެހުމެއްގެ ސަބަބުން ވެސް މެއެވެ.

ރެއަކު އަންހެން ކުއްޖަކު ގޮވައިގެން އުޅުނު އުޅުން ނިމުމަކަށް އަތުވެއްޖެއެވެ. ވަރަށް ގިނަ ގޯސް އާދަތަކާ ދުރުވެވިއްޖެއެވެ. މިހާރު ބޭނުންވަނީ ވީ އެންމެ އަވަހަށް އައިރާއާ ކައިވެނިކުރާށެވެ.

މިސްކިތުން ނުކުމެގެން ގޮސް "މޭޕަލްވިލާ" އަށް ވަތް ޒަހްރާން ސޯފާގައި އިށީނދެލީ ބައްޕަ އަދި މިސްކިތުން ނާންނަކަން އެނގުމުންނެވެ. އޭނައަށް އެކަން އަންގައިދިނީ އެވަގުތު ބޮޑުކޮޓަރީގައި ހުރި ބަސްމާއެވެ.

"ރެން. ފެންތައްޓެއް ގެނެސްދެންތަ؟" ޒަހްރާން ހުރީ ކުޑަކޮށް ވަރުބަލިވެފައިހެން ހީވާތީ ބަސްމާ ސުވާލުކޮށްލިއެވެ. ޒަހްރާން ބަސްމާއަށް ބަލައިލުމަށްފަހު އެއްޗެއް ނުބުންޏެވެ. އިރުކޮޅަކުން އޭނަ ބޯ ޖަހައިލީ ހަޤީޤަތުގައި ވެސް ކަރުހިއްކަމުން ދިޔައީތީއެވެ. ބަސްމާ ފެންތައްޓެއް ގެނެސް ދިނުމުން ޒަހްރާން އެއް ނޭވާއިން ފެންތަށި ދަމައިލިއެވެ. ހުސްތަށި މޭޒުމަތީގައި ބަހައްޓަމުން އޭނަ ފުންނޭވާއެއް ލިޔެވެ. ރުޅި ވެސް ގަދަވަމުން ދިޔައީތީއެވެ.

މާގިނަ އިރު މަޑުކުރާކަށް ނުޖެހުނެވެ. ނަމާދުކޮށް ނިމިގެން އައި މުރާދު ގެއަށް ވަދެއްޖެއެވެ. ޒަހްރާން ފެނުމުން ވެސް މަޑުކުރާކަށް އޭނަ ނޫޅުނެވެ. ބަސްމާ ލޮލުގެ އިޝާރާތުން ޒަހްރާނާ ވާހަކަ ދައްކަން ބުނެލި ނަމަވެސް، އެކަން ކުރުމުގެ ޚިޔާލެއް މުރާދުގެ ނެތެވެ. ޒަހްރާން ސޯފާއިން ތެދުވިއެވެ.

"ބައްޕާ..." ބޮޑުކޮޓަރީގެ ސޯފާތައް ފަސްދީ މުރާދު ދާން ފެށުމާއެކު ޒަހްރާން ގޮވައިލިއެވެ. މުރާދު މަޑުޖެހިލިއެވެ. އެއަށްފަހު ޒަހްރާނަށް އޭނަ ބަލައިލިއެވެ.

"ބައްޕަގެ ނިންމުމެއް ބަދަލެއް ނުވާނެ!." ސާބިތުކަމާއެކު މުރާދު ބުނެލިއެވެ.

"އެނގޭ ކީއްވެގެންކަން. ބައްޕަގެ ސިކުނޑި ދޮވެލީ އެ ޖަމާލެއްނު. އޭނަ ދެއްކި ވާހަކަ އަޑު އެހިއިރު، ކީއްވެ އަހަރެން ދައްކާ ވާހަކަ އަޑު ނޭހެންވީ؟ ދަރިންނަށް ވުރެ ވެސް ބޭރު މީހުން މުހިންމު ވީތަ؟" ޒަހްރާނަށް އަޑު ހަރުކޮށް ވާހަކަ ދެއްކުނެވެ.

"ޖަމާލަކަސް، ނިމާލަކަސް، އެ ދެއްކީ ތެދު ވާހަކައެއްމު. އައިރާއަކީ..." މުރާދުގެ ދުލުގައި އޮތް ބަސް ފުރިހަމައެއް ނުވިއެވެ. ޒަހްރާން ވާހަކަ ދެއްކިއެވެ.

"އިރުއިރުކޮޅުން އެކައްޗެއް ނުކިޔަސް ހެވޭ..." ޒަހްރާންގެ ދެބުމަ ގޮށްޖެހުނެވެ.

"އެއްވެސް މީހެއްގެ ދުލުން އައިރާއަށް ނިސްބަތްކޮށް ތި ލަފުޒުތައް ބޭރުކުރާތަން ބަލާކަށް އަހަރެން ނުހުންނާނަން." ކުރިމަތީގައި ހުރީ އަމިއްލަ ބައްޕަކަމާއެކު ވެސް ވިސްނައިލަން ޒަހްރާން ބޭނުން ނުވާފަދައެވެ.

"އަޑު ހަރުކޮށް އަހަންނާ ވާހަކަ ދެއްކިޔަސް ހަޤީޤަތް ބަދަލެއް ނުވާނެ." މުރާދު ގާތަށް ވެސް ރުޅި އަތުވެއްޖެއެވެ.

"މުރާދު. ރުޅި މަޑުކޮށްފަ ރެން ދައްކާ ވާހަކައެއް އަޑު އަހާލަބަލަ." ދެބަފައިން ޒުވާބެއް ފަށާފާނެތީ މަސްލަޙަތު ހަމައަކަށް އެޅުވުމަށް، ބަސްމާ ބޭނުން ވިއެވެ.

"އެއްވެސް ވާހަކައެއް އަޑު އަހާކަށް ބޭނުމެއް ނޫން. އޭނަގެ ގޮތް ދޫނުކުރުމުގެ ސިފަ އެއީ ކަށީގަ ހިފާފަ ހުރި އާދައެއްނު. އަދި އަދަށް ބަސްމާވެސް ހެޔޮ ހިތުން ޤަބޫލެއް ނުކުރެ. ކީއްކުރަންތަ އެކަހަލަ މީހެއްގެ ހައްޤުގަ ބަސްމާ ވާހަކަ ދައްކަންވީ؟ މީހެއްގެ ހުރި ހެޔޮ ރަނގަޅު ސިފައެއް ނުފެންނަ މީހަކަށް މީހެއްގެ އުނި ސިފައެއް ފެންނާނެތަ؟" މުރާދަށް އެ ހުރިހާ އެއްޗެއް ކިޔާލެވުނީ އައިސްފައި ހުރި ރުޅިންނެވެ. އެކަން ވިސްނި އެތަނުން ދާން އަވަސްވެގަތީ، ބުނަންނުވާ ވަރުގެ އެއްޗެއް ދުލުން ބޭރުކޮށްލެވިދާނެތީއެވެ. ކޮންމެ ގޮތެއް ވިޔަސް ޒަހްރާނަކީ އޭނަގެ ދަރިއެކެވެ. އިންތިހާއަށް އޭނަ ޒަހްރާން ދެކެ ލޯބިވެއެވެ.

"އޭނަގެ ވާހަކަ ތިހާ ވަރުން ޤަބޫލުކުރާއިރު، އެނގޭތަ އެ ޖަމާލަކީ ކޮން ކަހަލަ މީހެއްކަން؟ ހަށިވިއްކާ މީހުން ހަށި ވިއްކަނީ ގަންނަ މީހުން ވެސް ވާތީ. ތި ޖަމާލަކީ އައިރާގެ މަންމަ ކައިރިއަށް ގަވައިދުން ދިޔަ އެކަކު. އައިރާގެ މަންމަ މަރުވަންދެން ވެސް ތި ޖަމާލު އޭނަ ކައިރިއަށް ދިޔަ. އެތަކެއް ފައިސާއެއް ވެސް ޚަރަދު ކުރި. އައިރާގެ މަންމަ ދުނިޔޭގަ ވެސް އޭނަ އައިރާއަށް ކަޅި އެޅި. ފައިސާދީފައި އޭނަ އައިރާ...." ޒަހްރާނަށް އެ ހިސާބުން މަޑުޖެހުމެއް އައެވެ. އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލާހެން އިރުކޮޅަކު ހުރެފައި ފުންނޭވާއެއް ދޫކޮށްލަމުން އަނެއްކާ ވެސް ވާހަކަ ދައްކަން ފެށިއެވެ. އަޔާޝްމެންގެ ޕާޓީ އޮތް ރޭ އައިރާ އޭނައަށް ކިޔައިދިން ވާހަކަތައް ޒަހްރާންގެ ސިކުނޑީގައި ގުގުމަން ފެށިއެވެ.

މުރާދަށް ވެސް ފިޔަވަޅުތައް މަޑުޖައްސައިލެވުނެވެ. އޭނަ އެނބުރިލިއެވެ.

"ފައިސާ ދީފަ އޭނަ އައިރާ ވެސް ގަނެލި. މި ދައްކަނީ އައިރާގެ އުމުރުން އެންމެ ސޯޅަ އަހަރުގެ ވާހަކައޭ... ނަސީބެއް އެރޭ އެ ނުބައި ނުލަފާ މީހަގެ ކިބައިން ކޮންމެ ވެސް ގޮތަކުން އައިރާ ސަލާމަތްވި ކަން. އޭނަގެ މަންމަގެ ސަބަބުން ގެއަށް ނުވަދެ ކިތައް ރޭތަ އޭނަ ބޭރުގަ އުޅުނީ. އޭނަގެ އެކުވެރިޔާ ލަންކާއަށް ބަދަލުވަންދެން އެގެއިން ހިމާޔަތް ލިބުނު ނަމަވެސް، އޭގެ ފަހުން އޭނަ ކިހިނެއް އުޅުނީ! ބައްޕައަށް އެނގޭތަ؟ އެންމެ ކުޑައިރުން ފެށިގެން ވެސް އައިރާއަށް ނިސްބަތްކޮށް އެ ރަށު މީހުން ކުރި މަލަމާތް އަދިވެސް އޭނަ ހަނދާން ހުރޭ. ކީ ހުރިހާ އެއްޗެއް ވެސް. ތި ކިޔާ ޖަމާލުގެ ވާހަކަ އަދި ކިޔައިދީފާނަމޭ. ބައްޕަ ވާނެ އަޑު އަހަން... އައިރާގެ މަންމަ ނިޔާވުމުންވެސް މައިތިރިއެއްނުވި. ދެން އޭނަ ދިމާކުރީ އައިރާއާ. ގޭގަ އެކަނި މާއެކަނި އޮށްވަ އައިސް އެގެއަށް ވަދެ އޭނަ އައިރާ...." އަނެއްކާވެސް، ޒަހްރާނަށް މަޑުޖެހުމެއް އައެވެ. އޭނަގެ ދެލޯ ވެސް ފެންކަޅިވިއެވެ.

"އެރޭ ވެސް އެއީ އައިރާގެ ނަސީބު ކަންނޭނގެ. އައިރާ އޭނަ ކިބައިން ސަލާމަތްވި..." ޒަހްރާން ބުނެލިއެވެ. އޭނަ ދެ އަތުން މޫނުމަތި ފުހެލިއެވެ.

"ދެން މީހަކާ އިނދެގެން އައީ މާލެ. އެ އާއިލާ ވެސް ކަންތައްކުރީ ހަމަ ބައްޕަ ތިކުރާ ގޮތަށް. ހުރިހާ ކުށެއްގެ ޒިންމާ އެޅުވީ އައިރާ ބޮލުގަ. އަޅެ ބައްޕަ ބުނެބަލަ. ކޮބާތަ މީގަ އައިރާގެ ކުށަކީ؟ އެއީ ބައްޕަ ތި ހީކުރާކަހަލަ ކުއްޖެއް ނޫނޭ. ދެން އައިރާއަކީ ބައްޕަނެތް ކުއްޖަކަށްވިއްޔޭ ކިޔާފަ، ނޫނީ އައިރާގެ މަންމަ ހަށިވިއްކިޔޭ ކިޔާފަ ކީއްވެހޭ އެކަމުގެ ހުރިހާ އަދަބެއް އައިރާއަށް ދޭންވީ؟"

އެހުރިހާ ވާހަކަތަކަށް ފަހު، ތަނަށް މަރުފަދަ ހިމޭންކަން ވެރިވެގެން ދިޔައެވެ. ބަސްމާއަށް ހިތްދިރުވައިލަން އުނދަގޫވެފައި ހުރެވުނުއިރު، މުރާދުގެ ސިކުނޑީގައި ވެސް ތަކުރާރުވަމުން ދިޔައީ ޒަހްރާންގެ ޖުމްލަތަކެވެ.

"ބައްޕަ މިއަދު އައިރާއާ ބައްދަލުކޮށްފައި، އަހަރެންގެ މުސްތަޤްބަލަށްޓަކައި އައިރާ ދުރަށް ދާން ބުނިއިރު، އެއްވެސް އެއްޗެއް ހިތަކަށް ނާރާތަ؟ އެ ނިކަމެތި ކުއްޖާއާ ދޭތެރޭ ވިސްނާނުލަންތަ؟ ބައްޕަ އައިރާއަށް ފައިސާ ދިނީ ކީއްވެތަ؟ އޭނަ އުޅެނީ ފައިސާއާ ހެދިއެއް ނޫނޭ. އޭގަ އޭނަ ހިފިތަ؟ ނޫނެއްނު. ބައްޕަ ބޭނުންވީ ކޮންމެހެން އަހަންނަށް ރަނގަޅު މުސްތަޤްބަލެއް ހޯދައިދޭކަށް ނޫން... ބައްޕަ ވިސްނީ ހަމައެކަނި ބައްޕަގެ އަބުރާ ޢިއްޒަތަށް. މީހުން ކިޔާފާނެ އެއްޗަކަށް. ބައްޕަ ވިސްނީ ބައްޕައަށް މީހުން ކުރާ ޤަދަރަށް. އަހަންނާ ދޭތެރޭ އެއްވެސް ފަހަރަކު ނުވިސްނާ. ތީ އަހަރެން ދަންނަ ބައްޕައެއް ނޫން......" ހިމޭންކަން ފޫ ފޫދުއްވާލާފައި އަނެއްކާވެސް ވާހަކަ ދެއްކީ ޒަހްރާނެވެ. "އެއީ އަހަރެންގެ ލޯތްބޭ. އަހަރެން ބޭނުންވެގެންނޭ އައިރާއާ ގުޅުނީ. ބައްޕައަށް ކީއްވެތަ ނުވިސްނެނީ އައިރާއާ ނުލާ އަހަންނަށް ނޫޅެވޭނެކަން."

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު