ދައުލަތުގެ ކުންފުނިތަކަށް ރިސޯޓު ތަރައްގީ ކުރެވޭނީ، ސަރުކާރުގެ 45 އިންސައްތަ ހިއްސާ އޮވެގެން

ނަކައި އަލިމަތަ ރިސޯޓް: ދައުލަތުގެ ކުންފުނިތަކަށް ރިސޯޓު ތަރައްގީ ކުރެވޭނީ، ސަރުކާރުގެ 45 އިންސައްތަ ހިއްސާ އޮވެގެން ކަމަށް ގަވައިދުގައި ވަނީ ކަނޑައަޅާފައި --- ފޮޓޯ/ ނަކައި އަލިމަތަ ރިސޯޓު

ފަތުރުވެރިކަމުގެ ރިސޯޓު ތަރައްގީކޮށް ހިންގުމަށް ދައުލަތުގެ ކުންފުނިތަކަށް ބިން ނުވަތަ ފަޅު ދޫކުރުމާ ގުޅޭ އައު ގަވައިދެއް ވަނީ އާންމުކޮށްފައެވެ. މި ގަވައިދުގެ ދަށުން، މިފަދަ މަޝްރޫއުތައް ހިންގުމަށް ކުންފުންޏަކަށް ތަނެއް ދޫކުރެވޭނީ ވަޒީރުންގެ މަޖިލީހުން އެކަން ފާސްކުރުމަށްފަހުގައެވެ. އަދި އެ ކުންފުންޏަކީ މާލީ ގޮތުންނާއި ފަންނީ ގޮތުން ގާބިލު ކުންފުންޏަކަށް ވާންޖެހޭނެއެވެ. ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކުން އަމިއްލަ ވިޔަފާރިތަކުގެ ތެރެއަށް ވަދެ، އަމިއްލަ ފަރާތްތަކަށް ލިބެންޖެހޭ މަންފާއަށް ހުރަސްއެޅޭކަމުގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ. މި ބަދަލާއެކު، ދައުލަތުގެ ކުންފުނިތަކަށް ފަތުރުވެރިކަމުގެ ސިނާއަތަށް ވަދެވޭނީ ސަރުކާރުގެ ބޮޑު ހިއްސާއަކާއި ކޮންޓްރޯލެއް އޮވެގެންކަން ވަނީ ކަށަވަރުކުރެވިފައެވެ.

  • ރިސޯޓު ތަރައްގީކުރުމަށް ތަންތަން ދޫކުރެވޭނީ ސަރުކާރުގެ 45 އިންސައްތަ ހިއްސާ އޮންނަ ކުންފުނިތަކަށެވެ.
  • ކުންފުންޏަށް ފަޅެއް ނުވަތަ ބިމެއް ދޫކުރަން ވަޒީރުންގެ މަޖިލީހުން ފާސްކުރަން ލާޒިމުވާނެއެވެ.
  • ކުންފުނީގައި މަޝްރޫއު ކުރިއަށްގެންދިއުމުގެ ފަންނީ އަދި މާލީ ގާބިލުކަން ހުރުން ޝަރުތުކުރެއެވެ.
  • ކުއްޔަށް ދޫކުރެވޭނީ ސަރުކާރާއެކު ސޮއިކުރެވޭ ހާއްސަ އެއްބަސްވުމެއްގެ ދަށުންނެވެ.
  • މި އުސޫލަކީ އަމިއްލަ ވިޔަފާރިތަކަށް ކުރިމަތިވާ ގޮންޖެހުންތައް ކުޑަކުރުމަށް އެޅުނު ފިޔަވަޅެކެވެ.

ދައުލަތުގެ ކުންފުނިތަކަށް ރިސޯޓު ތަރައްގީ ކުރުމަށް ފަޅެއް ނުވަތަ ބިމެއް ކުއްޔަށް ދެވޭނީ އެ ކުންފުންޏެއްގައި މަދުވެގެން ދައުލަތުގެ 45 އިންސައްތަ ހިއްސާ އޮވެގެން ކަމަށް ކަނޑައަޅައިފިއެވެ.

މި ގޮތަށް ކަނޑައަޅާފައި ވަނީ، ޓޫރިސްޓު ރިސޯޓެއް ނުވަތަ އިންޓަގްރޭޓެޑް ޓޫރިސްޓު ރިސޯޓެއް ތަރައްގީކޮށް ހިންގުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ދައުލަތުގެ ކުންފުނިތަކަށް ކުއްޔަށް ދޫކުރުމާ ގުޅޭ ގަވައިދުގައެވެ.

އެ ގަވައިދުގައި ވަނީ، ދައުލަތުގެ ކުންފުނިތަކަށް ރިސޯޓެއް ހިންގުމަށް ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދޫކުރުމުގައި ބެލެވޭނެ ޝަރުތުތަކާއި އެ ތަންތަން ކުއްޔަށް ދޫކުރެވޭނެ ހާލަތްތައް ކިޔައިދީފައެވެ.

ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ ވެރިންނާއި މުވައްޒަފުން: ދައުލަތުގެ ކުންފުނިތަކަށް ރިސޯޓު ތަރައްގީ ކުރެވޭނީ، ސަރުކާރުގެ 45 އިންސައްތަ ހިއްސާ އޮވެގެން ކަމަށް ވަނީ ކަނޑައަޅާފައި -- ސަން ފޮޓޯ

މިގޮތުން، ރިސޯޓެއް ތަރައްގީކުރުމަށް ދައުލަތުގެ ކުންފުނިތަކަށް ތަންތަން ކުއްޔަށް ދޫކުރެވޭ ޝަރުތުތަކަށް ބަލާއިރު، އެ ކުންފުންޏަކަށް ތަނެއް ދޫކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމައި، ފާސްކުރަން ޖެހެއެވެ.

އޭގެއިތުރަށް، ފަޅެއް ނުވަތަ ބިމެއް ދޫކުރަން ކަނޑައަޅާ ދައުލަތުގެ ކުންފުުންޏަކީ، އެ ތަނެއްގައި ރިސޯޓެއް ހެދުމުގެ މާލީ އަދި ފަންނީ ގާބިލުކަން ހުރި ކުންފުންޏަކަށް ވާންޖެހެއެވެ. އަދި، އެ ކުންފުންޏެއްގައި، މަދުވެގެން ސަރުކާރުގެ 45 އިންސައްތަ ހިއްސާ އޮންނަން ޖެހޭ ކަމަށް ވެސް ގަވައިދު ބުނެއެވެ.

ގަވައިދުގައި ބުނި ގޮތުގައި، ދައުލަތުގެ ކުންފުންޏަކަށް ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ދޫކުރަން ޖެހެނީ، އެ ތަނެއް ކުއްޔަށް ދޫކުރާ ފަރާތާއި ސަރުކާރާ ދެމެދު ސޮއިކުރާ އެއްބަސްވުމެއްގެ ދަށުންނެވެ.

https://sun.mv/223527

ފާހަގަކުރެވޭ ގޮތުގައި، ސަރުކާރުގެ ކުންފުނިތަކުން އަމިއްލަ ވިޔަފާރިތަކަށް ވަންނަމުން އަންނަ ކަމަށާއި މަޝްރޫއުތަކުގައި އެ ކުންފުނިތަކަށް އިސްކަންދޭ ކަމުގެ ކަންބޮޑުވުން އޮތީ ބޮޑުވެފައެވެ. އަދި، ޕްރައިވެޓް ސެކްޓަރުގެ އެކި މަސައްކަތްތައް ސަރުކާރުން ކުރާތީ، އަމިއްލަ ވިޔަފާރިވެރިންނަށް އެ ކަމުން ފައިދާއެއް ނުވާ ކަމުގެ ތުހުމަތުތައް ވެސް ކުރެވެއެވެ.

comment ކޮމެންޓް