އޯގާތެރިކަމުގެ ބިންގަލެއްގެ މަތީގައި ގައުމު ބިނާކުރުން

ދިވެހިރާއްޖޭގެ ތަރައްޤީގައި ހަމައެކަނި އުމްރާނީ އަދި އިޤުތިޞާދީ ކުރިއެރުމަށް ބަރޯސާވުމުގެ ބަދަލުގައި، އިންސާނީ ގުޅުންތަކާއި ނަފުސާނީ ރައްކާތެރިކަން ކަށަވަރުކުރުމަކީ މުސްތަޤުބަލުގެ ޖީލުތަކަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން މުވާޞަލާތުކުރުން ފަސޭހަވި ނަމަވެސް، މުޖުތަމަޢުގެ ތެރޭގައި އެކަނިވެރިކަމާއި ނަފުސާނީ ހާސްކަން ދަނީ އިތުރުވަމުންނެވެ. އެހެންކަމުން، "ދަ ހެޕިނަސް ކްލަބް" އާއި "ސަން ސިޔާމް މީޑިއާ" ގުޅިގެން ފަށާފައިވާ "ވަރަށް ލޯބިވޭ" ހަރަކާތުގެ މައިގަނޑު މަޤުޞަދަކީ، އިޖުތިމާޢީ އެކަހެރިކަމުން އަރައިގަނެ، އެކަކު އަނެކަކަށް އަޅައިލާ، އިޙުތިރާމުކުރާ މުޖުތަމަޢެއް ބިނާކުރުމެވެ. ޤައުމެއްގެ ޙަޤީޤީ ރައުސްމާލަކީ އެ ޤައުމެއްގެ އިޖުތިމާޢީ ވަސީލަތްތަކެވެ. އޭގެ ތެރޭގައި އިތުބާރާއި، އެއްބާރުލުމާއި، އޯގާތެރިކަން ހިމެނެއެވެ. މަސައްކަތުގެ މާޙައުލުގައްޔާއި އާންމު ދިރިއުޅުމުގައި މި ސިފަތައް އާލާކުރުމަކީ އުފެއްދުންތެރިކަން އިތުރުވެ، ކުށްކުރުން މަދުވެ، މުޅި އިޤުތިޞާދަށް އޭގެ ހެޔޮ ބަދަލުތައް އަންނާނެ ކަމެކެވެ. ޤައުމު ބިނާކުރެވޭނީ ހަމައެކަނި ސަރުކާރުގެ ސިޔާސަތުތަކަކުން ނޫނެވެ؛ އެއީ ކޮންމެ ފަރުދަކުވެސް އަނެކާއާމެދު ބަހައްޓާ އޯގާތެރި މުޢާމަލާތްތަކުގެ މައްޗަށް ބިނާވާ ކަމެކެވެ.

  • ނަފުސާނީ ރައްކާތެރިކަން ކަށަވަރުކުރުން: ފާޑުކިޔުމާއި ފުރައްސާރައިގެ ބިރުވެރިކަމެއް ނެތި، އަމިއްލަ ޝުޢޫރުތައް ފާޅުކުރެވޭނެ އަމާން މާޙައުލެއް ބިނާކުރުން.
  • އިޖުތިމާޢީ ރައުސްމާލު ވަރުގަދަކުރުން: ދިވެހިންގެ ކިބައިގައި އަށަގަނެފައިވާ އެކަކު އަނެކަކަށް އެހީތެރިވުމާއި އޯގާތެރިވުމުގެ ސަގާފަތް އާލާކޮށް ދެމެހެއްޓުން.
  • މަސައްކަތާއި ތަޢުލީމީ މާޙައުލު ބައްޓަންކުރުން: މުވައްޒަފުންގެ އަގުވަޒަންކުރާ އަދި ދަރިވަރުންނަށް އުނގެނުމަށް ރައްކާތެރި ސްކޫލްތަކެއް ޤާއިމުކުރުން.
  • އިޤުތިޞާދީ ފައިދާ: އުފާވެރި އަދި ނަފުސާނީ ގޮތުން ދުޅަހެޔޮ މުޖުތަމަޢެއް އޮތުމަކީ ކުށްކުރުން މަދުވެ، ވިޔަފާރިއާއި އިޤުތިޞާދަށް ކުރިއެރުން ލިބޭނެ ކަމެއްކަން ކަށަވަރުކުރުން.
  • ދެމެހެއްޓެނިވި ތަރައްޤީގެ ބިންގާ: ޙަޤީޤީ ތަރައްޤީއަކީ އިންސާނާގެ ކަރާމާތް ހިފެހެއްޓިފައިވާ، ކޮންމެ މީހަކަށްމެ އަމާންކަމާއެކު ދިރިއުޅެވޭނެ އޯގާތެރި ޤައުމެއް ބިނާކުރުން.

އަންނާން އޮތް ޖީލުތަކަށްޓަކައި އަޅުގަނޑުމެން ބޭނުންވަނީ ކޮންކަހަލަ ދިވެހިރާއްޖެއެއް ބިނާކުރަން ހެއްޔެވެ؟ މިއީ ދިވެހިރާއްޖެ އިގުތިސާދީގޮތުން ހަލުވި ފިޔަވަޅުތަކެއް އަޅަމުންދާ މިދަނޑިވަޅުގައި އަޅުގަނޑުމެން ކޮށްލުން ވަރަށް މުހިންމު ސުވާލެކެވެ.

އިޤްތިޞާދީ ކުރިއެރުމާއި ވަސީލަތްތައް ތަރައްޤީވުމާއި ތަޢުލީމާއި ޞިއްޙީ ދާއިރާގެ އިތުރުން ޓެކްނޮލޮޖީގެ ފުރުޞަތުތަކުގެ ވާހަކަ އަޅުގަނޑުމެން ވަރަށް ގިނައިން އެބަދައްކަމެވެ. މިއީ ޤައުމެއްގެ ކާމިޔާބީ މިނެކިރާ މުހިންމު މިންގަނޑުތަކެވެ. އެހެންނަމަވެސް، މީގެ ވިހިއަހަރު ފަހުން ދިވެހިރާއްޖޭގައި ދިރިއުޅުމަކީ ކޮންކަހަލަ އިޙްސާސެއް ކުރެވޭނެ ކަމެއްތޯ؟ މީހުންގެ މެދުގައި ގާތްގުޅުމެއް އޮތްކަމުގެ އިޙްސާސް ކުރެވޭނެތޯ؟ މިއީ ކުރަން މުހިންމު ސުވާލުތަކަކެވެ. މިއީ "ވަރަށް ލޯބިވޭ" ގެ ނަމުގައި ދަ ހެޕިނަސް ކްލަބުން ސަން ސިޔާމް މީޑިޔާގެ ބައިވެރިވުމާއެކު ފަށާ ހަރާތުގެ އެއްއަސާސްއެވެ.

އިންސާނީ ގުޅުންތަކުގެ ބަދަލުވަމުންދާ މޫނުމަތި

ފާއިތުވި އަހަރުތަކުގައި ދިވެހިރާއްޖެއިން ވަނީ އާދަޔާޚިލާފު އުމްރާނީ ކުރިއެރުންތަކެއް ހޯދާފައެވެ. ނަމަވެސް، ކޮންމެ ޖީލަކަށްވެސް ވާރުތަވަނީ ތަފާތު ގޮންޖެހުންތަކެކެވެ. ކުރީގެ ޖީލުތަކަށް އޮތް ގޮންޖެހުމަކީ އަސާސީ ޚިދުމަތްތައް ހޯދުން ކަމަށް ވިޔަސް، އަޅުގަނޑުމެންގެ ޖީލަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ހަލުވިކަމާއެކު ބަދަލުވަމުންދާ މި ދުނިޔޭގައި، އިންސާނީ ގުޅުންތައް ބަދަހިކޮށް ދެމެހެއްޓުމެވެ.

މުޅި ދުނިޔެއަށް ބަލާއިރުވެސް، އެކަނިވެރިކަމާއި ހާސްކަމާއި އިޖުތިމާޢީ ގޮތުން އެކަހެރިވުން ދަނީ އިތުރުވަމުންނެވެ. ޓެކްނޮލޮޖީގެ ސަބަބުން މުވާޞަލާތުކުރުން ފަސޭހަވިޔަސް، މާނަވީގޮތުން މީހުން ދަނީ ދުރުވަމުންނެވެ.

https://sun.mv/218773

ދިވެހިރާއްޖެއަށް ވެސް މިބަދަލަތަކުގެ ނަތީޖާއާއި ކުރިމަތިލާންޖެހިފައެވެ. އާއިލާތަކަށް ކުރިމަތިވަމުންދާ ފިއްތުންތަކާއި ޒުވާނުންގެ ކަންބޮޑުވުންތަކާއި މަސައްކަތުގެ މާޙައުލުގެ ބުރަކަމުގެ އަޑުތައް ދަނީ ގަދަވަމުންނެވެ. މި ހުރިހާ ގޮންޖެހުންތަކެއްގެ ފަހަތުގައިވަނީ ފުރިހަމަނުވެ އޮތް އިންސާނީ އަސާސީ ބޭނުމެކެވެ. އެއީ ރައްކާތެރިކަމުގެ އިޙްސާސް ބޭނުންވުމާއި، މުޖުތަމައިން ބަލައިގަންނަކަމުގެ އިޙްސާސް ކުރެވުމަށް ބޭނުންވާ ބޭނުންވުމެވެ.

ނަފްސާނީ ރައްކާތެރިކަން: ކުރިއެރުމުގެ ބިންގާ

އިންސާނާއަކީ އިޖުތިމާޢީ މަޚްލޫޤެކެވެ. އަޅުގަނޑުމެންގެ ދުޅަހެޔޮކަން ބިނާވަނީ އަޅުގަނޑުމެންގެ ތެރޭގައި އޮންނަ ގުޅުންތަކުގެ ފެންވަރުގެ މައްޗަށެވެ. މީހުންނަށް ރައްކާތެރިކަން އިޙްސާސްވުމުން، އެމީހުން ޤައުމަށް ޚިދުމަތްކުރުމަށް ފަސްނުޖެހެއެވެ. އަގުވަޒަންކުރެވޭކަން އިހުސާސްކުރެވުމުން، މުޖުތަމަޢުގެ ކަންކަމުގައި ބައިވެރިވެއެވެ. މީގެ އިދިކޮޅަކީވެސް ޙަޤީޤަތެވެ. މީހުން ބާކީކޮށްލުމުން އެމީހުން ކަންކަމާ ދުރުވެއެވެ. ފާޑުކިޔުން އިތުރުވުމުން އަމިއްލަ ނަފްސު ދިފާޢުކުރަން މަސައްކަތްކުރެއެވެ.

ނަފްސާނީ ރައްކާތެރިކަން ހޯދާދިނުމަކީ، ފުރައްސާރައަކަށް ނުވަތަ ބާކީކޮށްލާފާނެ ކަމުގެ ބިރެއްނެތި، މީހުންނަށް އަމިއްލަ ޝުޢޫރުތައް ފާޅުކުރެވޭނެ މާޙައުލެއް ބިނާކުރުމެވެ. ދިރާސާތަކުން ދައްކާ ގޮތުގައި، ނަފްސާނީ ގޮންޖެހުންތަކުން ސަލާމަތް ވެފައިވާ މާޙައުލެއްގައި މީހުންގެ މަސައްކަތުގެ ފެންވަރު ރަނގަޅުވެ، އުފެއްދުންތެރިކަން އިތުރުވެއެވެ.

https://sun.mv/223002

އިޖުތިމާޢީ ރައުސްމާލު: ދިވެހިންގެ އަސްލު ބާރު

ކޮންމެ ޤައުމެއްގެވެސް މުސްތަޤްބަލު ބިނާވަނީ ހަމައެކަނި އުމްރާނީ ވަސީލަތްތަކުގެ މައްޗަކަށް ނޫނެވެ. އެއީ "އިޖުތިމާޢީ ވަސީލަތްތަކުގެ" މައްޗަށްވެސް ބިނާވާ ކަމެކެވެ. އިތުބާރާއި އެއްބާރުލުމާއި އޯގާތެރިކަމަކީ އިޖުތިމާޢީ ރައުސްމާލެވެ. އެންމެ އުފާވެރި ކަމަކީ، މިސަގާފަތް ބިނާކުރުމަށް ބޭނުންވާ ގިނަ ބަހާތަކެއް ދިވެހިރާއްޖޭގައި މިހާރުވެސް އެބަހުރި ކަމެވެ. އަޅުގަނޑުމެންގެ މުޖުތަމަޢަކީ އެކަކު އަނެކަކަށް އެހީތެރިވުމުގެ ދިގު މާޒީއެއް އޮތް ބައެކެވެ. އަވަށްޓެރިޔާއަށް އެހީވުމާއި، އާއިލީ ގުޅުންތަކަށް އިސްކަންދިނުމަކީ އަޅުގަނޑުމެންގެ ލޭގައި ހުރި ސިފަތަކެވެ. މިއީ އަޅުގަނޑުމެންގެ ޤައުމީތަރިކައިގެ އެންމެ ބޮޑު އެއް ޚަޒާނާއެވެ.

"ވަރަށްލޯބިވޭ" އިން މިފަށާ ހަރަކާތަކީ އަޅުގަނޑުމެންގެ ތެރޭގައި ފަނޑުވަމުންދާ މި އަގުހުރި ސިފަތައް އަލުން ދިރުވުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

މުޖުތަމަޢެއްގެ ހަމަޖެހުން އޮންނާނީ އެކަކު އަނެކަކަށް އިޙްތިރާމްކޮށް، އެކަކު އަނެކެއްގެ އިޙްސާސްތަކަށް ޖާގަދީ އިހުތިރާމް ކުރުމުގެ ތެރެއިންނެވެ. މިއަދު އަޅުގަނޑުމެންނަށް ސޯޝަލް މީޑިޔާގައި މިފެންނަގޮތަށް، މީހުންގެ އަބުރަށް އަރައިގަތުމާއި ފާޑުކިޔުމުގެ ނަމުގައި ހިތްތަކުގައި ޖަޒުބާތީ ޒަޚަމްތައް އުފެއްދުމުގެ ސަގާފަތަކީ އެކަމަށް އޮތް ބޮޑު ހުރަހެކެވެ. މުސްތަގުބަލަށް އޮތް ބޮޑު ބިރެކެވެ. މިކަމުން އަރައިގަނެވޭނީ އޯގާތެރިކަމާއި އަޅާލުމުގެ ތެރެއިންނެވެ.

ވަރަށްލޯބިވޭ: ތަސްވީރަކުން ހަގީގަތަކަށް

މި ޙަރަކާތަކީ އަޅުގަނޑުމެންގެ ސަގާފަތުގައި ހުރި ރަނގަޅު ކަންކަން އާލާކޮށް ދިރުވުމަށް ގޮވާލާ ގޮވާލުމެކެވެ. ކުދިންގެ އަޑުއަހާނެ ބޮޑެތިމީހުން އާއިލާގައި ތިބުމަށާއި، ދަރިވަރުންނަށް އުނގެނެން ރައްކާތެރި މާހައުލެއް އޮންނަ ސްކޫލްތަކާއި، މުވައްޒަފުންގެ އަގުވަޒަންކުރާ މަސައްކަތުގެ މާޙައުލުތަކެއް ބިނާކުރުމަކީ އަޅުގަނޑުމެންގެ މަޤްޞަދެވެ. އަޅުގަނޑުމެން ދެކެނީ، މިއީ ހަމައެކަނި ސަރުކާރުގެ ނުވަތަ ޖަމާއަތުގެ ވަކި ބައެއްގެ ޒިންމާއެއް ނޫންކަމުގައެވެ.

https://sun.mv/212122

ފާޑުކިޔުމުގެ ކުރިން އަޑުއެހުން އިޚްތިޔާރުކުރާ ކޮންމެ ބެލެނިވެރިޔަކީ، ހުރިހާ ކުދިން ޝާމިލުކުރާ ކޮންމެ މުދައްރިސަކީ، އަދި މުވައްޒަފުންނަށް ޤަދަރުކުރާ ކޮންމެ ވެރިޔަކީ މި މުސްތަޤްބަލަށް ޚިދުމަތްކުރާ މީހުންނެވެ.

ޤައުމު ބިނާކުރެވޭނީ ހަމައެކަނި ސިޔާސަތުތަކަކުންނެއް ނޫނެވެ. އެއީ އަޅުގަނޑުމެން ކޮންމެ ދުވަހަކު ކުރާ މުޢާމަލާތްތަކުން އުފެދޭ ސަގާފަތުގެ ތެރެއިން ހިނގާކަމެކެވެ. ބުނެލާ އޯގާތެރި ބަހަކުން މީހެއްގެ މުޅި ދުވަސް އުޖާލާކޮށް ދެވިދާނެއެވެ. ހިތްވަރުގެ ބަހަކުން މީހެއްގެ މުޅި ދިރިއުޅުން ބަދަލުކޮށްލެވިދާނެއެވެ. މިއީ – ދަހެޕިނަސްކްލަބުން ސަންސިޔާމްމީޑިޔާއާއި އެކު މިފެށި މަސައްކަތުން، އަޅުގަނޑުމެން މުޖުތަމަޢަށް ގެނެސްދޭން ބޭނުންވާ އެންމެ ބޮޑު ބަދަލެވެ.

އަޅުގަނޑުމެން މިދައްކަނީ އިޤްތިޞާދީ ގޮތުން ބެލިކަމުގައިވިޔަސް މުހިންމު ވާހަކައެކެވެ. އުފާވެރި މުވައްޒަފަކީ އުފެއްދުންތެރި މުވައްޒަފެކެވެ. ނަފްސާނީ ގޮތުން ދުޅަހެޔޮ ޒުވާނަކީ ޤައުމަށް ފައިދާހުރި މަސައްކަތްތަކެއް ކުރާނެ މީހެކެވެ. މުޖުތަމަޢުގައި ކުށްކުރުން މަދުވެ، އެކަކު އަނެކަކަށް އޮންނަ އިތުބާރު ބޮޑުވުމަކީ ވިޔަފާރިއާއި އިޤްތިޞާދަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ. އެހެންކަމުން، "ވަރަށްލޯބިވޭ" އިން މިއަދު މިފަށާ ޙަރަކާތަކީ ޤައުމުގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަނބުތައް ގުޅުވައިދޭ ފާލަމެކެވެ.

އަންނާން އޮތް ޖީލުގެ ތަރިކަ

އަޅުގަނޑުމެން މުސްތަޤްބަލާމެދު ފިކުރުހިންގާލާއިރު، ކުރެވޭ އެންމެ މުހިންމު އެއްސުވާލަކީ އަޅުގަނޑުމެން ވާން ބޭނުންވަނީ ކޮންކަހަލަ ބަޔަކަށްތޯ ކުރާ ސުވާލެވެ. އަޅުގަނޑުމެން ބޭނުންވަނީ ބިރުވެރިކަމާއި ބައިބައިވުމުގެ މުޖުތަމަޢެއްތޯ؟ ނުވަތަ އިތުބާރާއި އޯގާތެރިކަމުގެ މުޖުތަމަޢެއްތޯ؟ އެވެ.

އިޤްތިޞާދީ ގޮތުން ކިތަންމެ މުއްސަނދި ޤައުމަކަށް ވިޔަސް، އެ މުޖުތަމަޢެއްގައި އޯގާތެރިކަމާއި ކުލުނެއް ނެތްނަމަ، އެއަކުން ދެމެހެއްޓެނިވި ތަރައްގީއެއް ހާސިލެއް ނުކުރެވޭނެއެވެ. ޙަޤީޤީ ތަރައްޤީއަކީ އިންސާނާގެ ޤަދަރާއި ކަރާމާތް ހިފެހެއްޓިފައިވާ، ކޮންމެ މީހަކަށްމެ އަމާންކަމާއެކު ދިރިއުޅެވޭނެ މާޙައުލެއް އޮންނާނެތަނަކަށް ގައުމު ހެދުމެވެ.

އަންނާން އޮތް ޖީލުތަކަށް އަޅުގަނޑުމެންނަށް ދޫކޮށްލެވޭނެ އެންމެ ބޮޑު ތަރިކައަކީ – ވާހަކަދައްކަން، އުނގެނެން، އަދި ހެދިބޮޑުވާން ރައްކާތެރި ޤައުމެއް މާދަމާގެ ޖީލުތަކަށް ފޯރުކޮށްދިނުމެވެ. ކޮންމެ މީހަކީވެސް އަގުހުރި މީހެއްކަން އެނގޭ، އަދި "ވަރަށް ލޯބިވޭ" މި ބަހުގެ ޙަޤީޤީ މާނަ މީހުންނަށް ތަޖުރިބާކުރެވޭ ޤައުމެކެވެ. ދުނިޔޭގެ އެންމެ ވަރުގަދަ ސަގާފަތްތައް ބިނާވަނީ މިދެންނެވި ވަރުގަދަ އިންސާނީ ބިންގަލުގެ މައްޗަށެވެ.

އެހެންކަމުން، މިއަދު އަޅުގަނޑުމެން އަޅާ ކޮންމެ އޯގާތެރި ފިޔަވަޅަކީ މާދަމާގެ އުފާވެރި ދިވެހިރާއްޖެއަށްޓަކައި އެޅޭ ބިންގަލެކެވެ. ގޭތެރެއިން ފެށިގެން، މަސައްކަތުގެ މާޙައުލާއި، މުޅި މުޖުތަމަޢުގައި "ވަރަށްލޯބިވޭ" މިޝިޢަރު ދިރުވައި އާލާކުރުމަކީ، އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުމެން އެންމެންގެ ޤައުމީ ވާޖިބެކެވެ.

މިއީ ހަމައެކަނި އިބާރާތެއް ނޫނެވެ. މިއީ އަޅުގަނޑުމެންގެ ޤައުމުގެ މުސްތަޤްބަލެވެ. މިއީ އަޅުގަނޑުމެންގެ ދަރިންނަށްޓަކައި އަޅުގަނޑުމެން ކޮށްދޭންޖެހޭ އެންމެ މުހިންމު އިންވެސްޓްމަންޓެވެ. އޯގާތެރި މުޖުތަމަޢަކަށް ކުރާ މި ދަތުރުގައި އަޅުގަނޑުމެން އެންމެން އަތާއަތް ގުޅާލައިގެން ކުރިއަށް ދަމާ ހިނގާށެވެ. އެއީ އުންމީދީ، އުފާވެރި އަދި ބަދަހި ދިވެހިރާއްޖެއަކަށްޓަކައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު