މި މަހުގެ ހަތަރު ވަނަ ދުވަހު ނެޓްފްލިކްސްގައި ޕްރީމިއާކުރި ފިލްމު "މާ ބެހެން"ގައި ކުޅުނު ކެރެކްޓާ އަކީ މިހާތަނަށް ކުރެވުނު އެންމެ ތަފާތު ތަޖުރިބާ ކަމަށް އެ ފިލްމުގެ މުހިއްމު ރޯލެއް ކުޅުނު ބަތަލާ ތުރިޕްތީ ދިމްރީ ބުނެފިއެވެ.
ބްލެކް ކޮމެޑީ ޑްރާމާ "މާ ބެހެން" އަކީ ކެރިއަރުގައި ލިބުނު މުހިންމު ކުރިއެރުމެއްގެ ގޮތުގައި ސިފަކުރަމުން، ތުރިޕްތީ ބުނީ، އެއީ ވަރަށް ގިނަ ކަންތައްތަކެއް ދަސްކުރަން ފުރުސަތު ލިބުނު، ފައިދާހުރި ތަޖުރިބާއެއް ކަމަށެވެ.
އިންސްޓަގްރާމް މެދުވެރިކޮށް ތްރިޕްތީ ވަނީ ފިލްމުގެ ސެޓުގައި ނަގާފައިވާ ބައެއް ފޮޓޯތައް ހިއްސާކޮށްފައެވެ. މީގެ ތެރޭގައި "މާ ބެހެން"ގެ މުހިއްމު ތަރިންތައް ކަމަށްވާ މާދުރީ ޑިކްސިޓާއި، ދަރްނާ ދުރްގާ އަދި ޑައިރެކްޓަރު ސުރޭޝް ތްރިވޭނީއާ އެކު ހޭދަކުރި ހަނދާން އާކޮށްދޭ ފޮޓޯތައް ހިމެނެއެވެ.
ފިލްމުގެ މަސައްކަތާ ގުޅޭގޮތުން ވާހަކަ ދައްކަމުން ތުރިޕްތީ ބުނީ، "މާ ބެހެން" އަކީ އަބަދުވެސް ބަތަލާގެ ހިތުގައި ހާއްސަ މަގާމެއް ދެވޭނެ ފިލްމެއް ކަމަށާއި، ސެޓުގައި ހޭދަކުރި ކޮންމެ ދުވަހަކީ ވެސް ތަފާތު އުފާވެރި ހަނދާންތަކަކާއި، މަޖާ ވަގުތުތަކެއް ހޭދަކުރެވުނު ދުވަސްތަކެއް ކަމަށެވެ.

ފިލްމު "މާ ބެހެން"ގެ ޕްރީމިއާގައި އެ ފިލްމުގެ ލީޑް ތަރިން ކަމަށްވާ މަދޫރީ، ތުރިޕްތީ އަދި ދަރްނާ ދުރްގާ-- ފޮޓޯ/ ބޮލީވުޑްހަންގާމާ
"މިއީ ފަންނާނެއްގެ ގޮތުން އަހަރެން ކުރި ވަރަށް ރަނގަޅު ތަޖުރިބާއެއް. މީގެ ސަބަބުން މީގެ ކުރިން އަހަރެން ނުދާ ފަދަ އާ ދާއިރާތަކަށް ދަތުރުކޮށް، އަހަރެންގެ ކިބައިގައި ހުރި އާ ހުނަރުތައް ދެނެގަންނަން ފުރުސަތު ލިބުނު،" ތުރިޕްތީ ބުނެފައިވެއެވެ.
ފިލްމު "މާ ބެހެން"ގައި މަޝްހޫރު ބަތަލާ މަދޫރީ ޑިކްސިޓްއާ އެކު މަސައްކަތް ކުރަން ލިބުނު ފުރުސަތާ ގުޅޭ ގޮތުން ތުރިޕްތީ ބުނީ، މަދޫރީ އަކީ ވަރަށް ހިތްހެޔޮ، އޯގާތެރި އަދި އެކީގައި މަސައްކަތްކުރާ އެހެން ފަންނާނުންނަށް އެހީތެރިވެދޭ ބަތަލާއެއް ކަމަށެވެ.
މަދޫރީއާ އެކު ސްކްރީން ހިއްސާކުރަން ލިބުނު ފުރުސަތަކީ އަމިއްލަ ކެރިއަރުގައި މިހާތަނަށް ލިބުނު އެންމެ ބޮޑު އެއް ޝަރަފު ކަމަށް ފިލްމު "އެނިމަލް"އިން ބޮޑު މަގުބޫލުކަމެއް ލިބުނު ބަތަލާ ވަނީ ބުނެފައެވެ.
ތްރިޕްތީ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ އަންނަ އަހަރު ރިލީޒްކުރަން ތާވަލުކޮށްފައި އޮތް ފިލްމު "ސްޕިރިޓް"އިންނެވެ.