އައިޝާގެ މަރާއި ގުޅިގެން ހެކިބަސް ނުދެވުމުން އިޒީގެ ހިތުގައި އުފެދިފައިވާ ކުށްވެރިކަމުގެ އިޙުސާސް ފިލުވައިދިނުމަށް އޭނާގެ ބައްޕަ ފަރުހާދު މަސައްކަތްކުރެއެވެ. އައިޝާއަށް އިންސާފު ހޯދައިދޭން އުޅެފިނަމަ އިޒީގެ ފުރާނައަށް ނުރައްކާވެދާނެތީ، މަންމަ އާގިސާ އިޒީ ގޭގައި ބަންދުކުރީ އޭނާދެކެ ލޯބިވާތީކަން އިޒީއަށް ވިސްނެއެވެ. އަނެއްކޮޅުން، އައިޝާގެ ބޭބެ ޔައިލްވަނީ ބޮޑު އޮޅުމެއްގެ ތެރޭގައެވެ. ބަދަލުހިފުމުގެ ނިޔަތުގައި އިޒީއާ ގާތްވި ނަމަވެސް، މިހާރު އޭނާއަށް ވަނީ އިޒީދެކެ ލޯބިވެވިފައެވެ. ނަމަވެސް ޔައިލްގެ މަންމައަށް މިކަން އެނގޭ ދުވަހަކުން ނުކުންނާނެ މައްސަލަތަކާމެދު އޭނާ ހާސްވެއެވެ. މިކަންކަމުގެ ތެރެއިން، އިޒީގެ މައިންބަފައިން ޔައިލްއާ މެދު ރުހި، ދެކުދިންގެ ކައިވެނި އަވަސްކުރުމަށް ބޭނުންވާކަން ހާމަކުރެއެވެ.

  • އައިޝާއަށް އެހީތެރި ނުވެވުނީތީ އިޒީ އިންތިހާއަށް ދެރަވެ ރޮއި ހިތާމަކުރުން.
  • އިޒީ ސަލާމަތްކުރުމަށްޓަކައި އޭނާގެ މަންމަ އާގިސާ ކުރި މަސައްކަތުގެ ޙަޤީޤަތް އިޒީއަށް ވިސްނުން.
  • ބަދަލުހިފުމުގެ ބަދަލުގައި އިޒީދެކެ ޔައިލްއަށް ޙަޤީޤީ ލޯބި ވެވި، އޭނާގެ ވިސްނުން ދެކަފިވުން.
  • ޔައިލްގެ މަންމަ އާމިނަތު އަދިވެސް އައިޝާގެ މަރުގެ ހިތާމައިން އަރައިނުގަނެވޭކަން ހާމަވުން.
  • އިޒީގެ މައިންބަފައިން ޔައިލް ގަބޫލުކޮށް، ދެކުދިންގެ ކައިވެނި އަވަސްކުރުމަށް އެދުން.
  • އިޒީގެ ހިތްސާފުވުމާއި އާއިލީ ގުޅުން ބަދަހިވުން.
  • ޔައިލްއަށް ކުރިމަތިވެފައިވާ ނަފްސާނީ ހަނގުރާމަ.
  • ދެ އާއިލާގެ މެދުގައި އުފެދިދާނެ ބޮޑު މައްސަލައެއްގެ ކޮޅުމަތި ފެނުން.

އެ ހުރިހާ ވާހަކައެއް އަޑުއަހަން ހުރި އާގިސާގެ ދެލޮލުން ހުއްޓުމެއްނެތި ކަރުނަ އޮހެމުން ދިޔައެވެ. އިޒީގެ ހިތުގައި ރިއްސަފާނެ ކޮންމެ ޖުމުލައަކުން އޭނާގެ ހިތަށް މާ އަސަރު ކުރުވައެވެ.

*******

"ދަރިފުޅަށް އެ މަންޒަރު ފެނުނުކަން އެމީހުންނަށް އެނގުނީމަ، ދަރިފުޅު މަރާލަން އެމީހުން އުޅުނީ... އެކަމަކު، އެކްސިޑެންޓުން ވެސް ދަރިފުޅު ސަލާމަތްވީ..." ފަރުހާދު ކިޔައިދިނެވެ.

ތަސްވީރުތައް ބަލާނެ ހިތްވަރެއް އިޒީއަކަށް ނުލިބުނެވެ. ކުށްވެރިއެއް ފަދައިން އިސްޖަހައިގެން އިންއިރު، އިޒީގެ ދެލޮލުން ކަރުނަ އޮހެނީއެވެ. ހުރިހާ މަންޒަރެއް ފެނިމެ، އައިޝާއަށްޓަކައި އޭނާއަށް ކޮށްދެވުނު ކަމެއް ނެތެވެ. އައިޝާގެ ފުރާނަ ގެއްލުނީ އިޒީގެ ސަބަބުން ކަމުގައި އޭނާއަށް ގަބޫލު ކުރެވުނެވެ.

"އަހަރެން ކިހާ ގޯސް..." ކުރެހިފައިވާ އަޑަކުން އިޒީއަށް ބުނެވުނެވެ.

"ނޫން ދަރިފުޅާ!... ތިހެން ނުވިސްނާ..." އިޒީގެ ކޮނޑުމަތީގައި އަތް ބާއްވައިލަމުން ފަރުހާދު ބުންޏެވެ. "އެ ދުވަހު ދަރިފުޅު ހުރީ އެހެން މީހަކަށް އެހީއެއް ވެވޭ ހާލަކު ނޫނޭ... އެއީ ދަރިފުޅު ހީކުރާ ވަރަށްވުރެ ނުރައްކާތެރި ބައެއް... އެދުވަހު ދަރިފުޅު އެކުއްޖާއަށް އެހީވިނަމަ، މިއަދު ދަރިފުޅުވެސް ދުނިޔޭގަ ހުންނާނެކަމާ ދޭތެރޭ ބައްޕައަށް ޝައްކު..."

"އެކަމަކު އައިޝާ ކިހާ މާޔޫސްވާނެ... ކިހާ ދެރަވާނެ... އެކަކުވެސް އެކުއްޖާއަށް އެހީއެއް ނުވި... އެ ފެމެލީ ވެސް..." އިޒީއަށް ގިސްލެވެން ފެށިއެވެ.

އިޒީ ދެރަވީ އައިޝާގެ މައިންބަފައިންނަށް ވާނެ ގޮތަކާއި ދޭތެރޭ ވިސްނުމުންނެވެ. އިޒީގެ މައިންބަފައިން ފަދައިން އައިޝާގެ މައިންބަފައިން ވެސް އެކުއްޖާ ހިމާޔަތްކުރަން ބޭނުންވާނެއެވެ. އިޒީގެ ހެކިބަހުން އައިޝާގެ ފުރާނަ ސަލާމަތްވާނެކަމަށް އުއްމީދު ކުރާނެއެވެ. އެހެނަސް، އެ ހުރިހާ އުއްމީދެއް އިޒީގެ ސަބަބުން ގެއްލުނީއެވެ. އެދުވަހުން ފެށިގެން، މުޅި އުމުރަށް އެމީހުން އިޒީއަށް ނަފުރަތު ކުރާނެކަން އެނގުމުން، އިޒީގެ ހިތް ކުދިކުދިވިއެވެ.

"ބައްޕައަށް އެނގޭ އެމީހުން ދެރަވާނެވަރު... އެކަމަކު، އެމީހުން ހުރީ ހެކި ނައްތާލާފައޭ ދަރިފުޅާ... ކޮންމެ ނޫހެއްގަ އެ ހަބަރު ޖެހިޔަސް، އިރުކޮޅެއްތެރޭ އެ ލިޔުމެއް ގެއްލޭ... ދަރިފުޅު ހެކިބަސް ދިނަސް އެ ހެކިވެސް އެމީހުން ނައްތާލާނެ..." ފަރުހާދު ޔަގީންކަމާއި އެކުގައި ބުންޏެވެ. "އެމީހުން މަންމައަށް އިންޒާރު ދީ، އެއީ ކިހާ ނުރައްކާތެރި ބައެއްކަން ބުނެދިން... އެމީހުން ދިމާކުރާވަރުން އޭރު ބައްޕައަށްވެސް ބޭރަށް ނުކުންނަން އުނދަގޫވި... ހެކިބަސް ދީފިއްޔާ ދަރިފުޅު މަރާލާނަމޭ ބުނީމަ މަންމައަށް މަޖުބޫރުވީ ދަރިފުޅު ހުއްޓުވަން... ދަރިފުޅު ބޭނުންވީ ހެކިބަސް ދޭން... މަންމަވެސް ބޭނުންވީ އެގޮތް... އައިޝާއަށް އިންސާފު ހޯދައިދޭން... އެކަމަކު، ދަރިފުޅަށް އެނގެއެއްނު، އެއްވެސް މަޔަކު ބޭނުމެއް ނުވާނެކަން އެމީހެއްގެ ދަރިއަކަށް ގެއްލުމެއް ވާކަށް.... މަންމަ އެދުވަހު ދަރިފުޅު ކޮޓަރީގަ ބަންދުކުރީ ދަރިފުޅަށް އަނިޔާ ދޭކަށް ނޫން... ރުޅި އައިސްގެނެއްވެސް ނޫން... ދަރިފުޅު ސަލާމަތް ކުރަންވެގެން... މަންމަ ބޭނުންނުވީ ދަރިފުޅަށް ގެއްލުމެއް ލިބެން... ކުށް ކުރީ ސަރުކާރުގެ ބޮޑެތި މީހުންގެ ދަރިން... އެމީހުންނާ ދެކޮޅަށް ހެކިބަސްދިނަސް، އެއްވެސް ފިޔަވަޅެއް ނޭޅޭނެ... ވަރަށް ގިނަ ގޮތްގޮތަށް ވިސްނާފަ މަންމަ އެ ނިންމުން ނިންމީ.... އެދުވަހު ދަރިފުޅަށް އަނިޔާ ކުރެވުނީމަ މަންމަ މިއަދު އެކަމާ ވަރަށް ދެރަވޭ..." ފަރުހާދުގެ ވާހަކަ އެހިސާބަށް ދިޔަތަނައި، އިޒީ ގިސްލާފައި ރޯން ފެށިއެވެ.

އެ ހުރިހާ ދުވަހު އިޒީއަށް ކުރެވުނީ ކުށްހީއެކެވެ. އާގިސާ އާއި ދޭތެރޭ ދެކެވުނީ ގޯސްކޮށެވެ. އިޒީ ހީކުރީ އާގިސާއަކީ އަނިޔާވެރި، ހަރުކަށި މަންމައެއް ކަމަށެވެ. އިޒީދެކެ ކުޑަކޮށްވެސް ލޯބި ނުވާ ކަމަށެވެ. އެދުވަހު އިޒީއަށް ނުވިސްނުނީއެވެ. އާގިސާ ކޮންމެ ކަމެއް ކުރީ އިޒީ އާއި މެދުގައި ވިސްނާފައެވެ. އިޒީދެކެ ލޯބިވާތީއެވެ. ބަދަލުގައި އިޒީއަށް އޭނާގެ މައިންބަފައިން ދުރުކޮށްލެވުނީއެވެ.

"ސްކޫލް ހުރިހާ ހަރަކާތެއްގައި ވެސް ދަރިފުޅާ އައިޝާ އުޅުނީ އެއްކޮށް..." ފަރުހާދު ތަފްސީލް ދިނެވެ. "އައިޝާއަކީ ވަރަށް ހިތްހެޔޮ ކުއްޖެއް... އަބަދުވެސް ހުންނާނީ ހިނިތުންވެގެން..."

ދުރުގައި ހުންނަން އުނދަގޫވެގެން އާގިސާ އައިސް އިޒީގެ ކައިރީގައި އިށީނެވެ. ދަރިފުޅު ގެނެސް ގަޔާލައި ބޮނޑިކޮށްލިއެވެ. މަންމަގެ ހިމާޔަތް ލިބުމުން އިޒީއަށް އިތުރަށް ރޮވުނީއެވެ. އާގިސާއަށްވެސް ވީ އިޒީއަށް ވީ ވަރެވެ. ފަރުހާދު އިސްޖަހައިލީ ކަރުނަ ފޮހެލަމުންނެވެ.

*********

ފެންވަރައިގެން އައިސް އެނދުގައި އޮށޯތް ޔައިލްއަށް ފުރަތަމަވެސް ބަލައިލެވުނީ ފޯނެވެ. އިޒީގެ މެސެޖެއް ލިބިފައި ނެތުމުން މާޔޫސްވިއެވެ.

"މަންމަމެން އައީމަ އަހަރެން ބާކީވީތަ؟... ނޫނީ އަދިވެސް ރުޅި އައިސްފަތަ؟..." ޔައިލް މެސެޖެއް ފޮނުވައިލިއެވެ.

ގިނައިރެއްނުވެ، އިޒީ މެސެޖު ހުޅުވި ތަން ޔައިލްއަށް ފެނުނެވެ.

"މިހުރީ ވަރަށް ދެރަވެފަ..." އިޒީގެ މެސެޖު ކިޔާފައި ޔައިލް ހާސްވިއެވެ.

ޔައިލް ވަގުތުން އިޒީއަށް ގުޅިއެވެ. އޭނާ ހީކުރީ އާގިސާމެން އެދެމީހުންގެ ގުޅުމަށް ނުގަބޫލުވީ ކަމަށެވެ.

"ކިހިނެއްވީ؟...." ކެތްތެރިކަން ކުޑަ ރާގަކަށް ޔައިލް އަހައިލިއެވެ.

"ވާހަކައެއް އަހާލަންތަ؟..." ޔައިލްގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި އިޒީވެސް ކުރީ ސުވާލެކެވެ.

"މިހާރު އެބަ ހިތް ތެޅޭ... އަވަހަށް ބުނޭ..." ޔައިލް ގަދަކަމުން ހިނިގަނޑެއް ޖަހައިލިއެވެ.

"ޕާސްޓްގަ އަހަންނަށް ކުށެއް ކުރެވިފަ އޮތިއްޔާ، ޔައިލް އަހަންނާ ދުރަށް ހިނގައިދާނަންތަ؟..." ދެފިކުރެއްގައި ހުރެފައި އިޒީ ސުވާލު ކުރިއެވެ.

ޔައިލް ވިސްނައިލިއެވެ. އިޒީ ދައްކަން އުޅެނީ ކޮން ވާހަކައެއް ކަން އޭނާއަށް އެނގުނެވެ. އެ ވާހަކަ އަޑު އަހަން ޔައިލްއަށް ފަސޭހައެއްވެސް ނޫނެވެ. އެކަމަކު، އޭނާ ބޭނުންވީ އިޒީއަށް ފުރުސަތު ދޭށެވެ.

"ޕާސްޓް އިޒް ޕާސްޓް... ޗޭންޖެއް ނުކުރެވޭނެއެއްނު..." ޔައިލް ދިނީ ނުސީދާ ޖަވާބެކެވެ.

"އަހަރެންގެ ސަބަބުން މީހަކު މަރު..." އިޒީއަށް އޭނާގެ ޖުމުލަ ފުރިހަމަ ނުކުރެވި ރޮވުނީއެވެ.

މަޑުމަޑުން އިވެމުންދިޔަ އިޒީގެ މަޑު ގިސްލުމުގެ އަޑުން ޔައިލްގެ ހިތުގައި ރިއްސަން ފެށިއެވެ. ބުނާނެ އެއްޗެއް ނޭނގިފައި ޔައިލް އޮއްވައި އިޒީ ފޯނު ކަނޑައިލިއެވެ. ދެން އައީ މެސެޖެކެވެ.

"ސޮރީ..." އިޒީ މާފަށް އެދުނެވެ.

އިޒީއަށް ގުޅަން އުޅެފައިވެސް ޔައިލްއަށް ހިތްވަރެއް ނުލިބުނެވެ. އައިޝާގެ ހަނދާންތަކުން ޔައިލްގެ ހިތަށް އުނދަގޫ ކުރުވިއެވެ. އިޒީގެ ދިރިއުޅުމަށް ޔައިލް ދިޔައީ އައިޝާގެ މަރަށް ބަދަލުހިފުމުގެ ރޫހެއްގައެވެ. އެހެނަސް، ހާލަތު މުޅީން ބަދަލުވެއްޖެއެވެ. އޭނާއަށް އިޒީދެކެ ލޯބިވެވިއްޖެއެވެ. އެކުއްޖާއަށް ގެއްލުމެއް ދޭނެ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ. ދެމީހުން ލޯބީގެ ގޮތުން ގުޅުން އެއީ ޔައިލްއަށް ކުރެވުނު ކުށެއް ހެއްޔެވެ؟ އެ ގުޅުމުގައި ހަގީގީ ކުލަ ޖެހިދާނެ ހެއްޔެވެ؟ ޔަގީނުންވެސް ޔައިލްގެ އާއިލާ އެ ގުޅުމަށް ނުރުހޭނެއެވެ. އެމީހުން އިޒީއަށް ނަފުރަތު ކުރެއެވެ.

"ތިއްތިބެއަށް މާފުކުރޭ ކޮއްކޯ..." ޔައިލް ދެލޯ މަރައިލިއިރު، ދެލޮލަށް ކަރުނަ ޖަމާވެއްޖެއެވެ.

ފޯނު ރިންގްވާން ފެށި އަޑު އިވުމުން، ޔައިލް ހީކުރީ ގުޅީ އިޒީ ކަމަށެވެ. ފޯނު ނަގައި ކަންފަތުގައި ޖައްސައިލީ ގުޅީ ކާކުތޯ ބަލައިވެސް ނުލައެވެ.

"ދަރިފުޅު މިހާރު މަންމަ މަތިން ހަނދާން ނެތުނީތަ؟..." މަންމަގެ އަޑު ޖެހުމުން، ޔައިލް ދިޔައީ ސިއްސައިގެންނެވެ.

"އިއްޔެވެސް މަންމައަށް ގުޅީމޭ..." ހަމަޖެހިލަން މަސައްކަތް ކުރަމުން ޔައިލް ބުންޏެވެ. "މަންމަ ނުނަގައޭ ދުވަހަކުވެސް ފޯނެއް..."

"އެއްކަލަ މަންމަ ކުށްވެރިކުރާ ކުއްޖާ..." އާމިނަތު ހީގަތެވެ.

"އެއީ ލޯބިންނޭ..." ޔައިލް ބުނެލިއެވެ.

"ހަނީފައްތަ ބުނި ރިއުމާން ބުންޏޯ ދަރިފުޅު މިހާރު ކޮންމެވެސް އަންހެން ކުއްޖަކު ގެންގުޅެޔޭ... ތެދެއްތަ އެއީ ދަރިފުޅާ؟..." އާމިނަތު ބޭނުންވި ސުވާލު ކުރިއެވެ.

"ރިއުމާން ހާދަ އަނގަގަދަ އޭ..." ޔައިލްއަށް ބުނެވުނެވެ.

"ދަރިފުޅަށް އެނގެއެއްނު މަންމަ މިހާރު އެންމެ ދެކެން ބޭނުންވާ ދުވަހަކީ ދަރިފުޅު ކައިވެނިކުރާ ދުވަސްކަން..." އާމިނަތު ބުނެލިއެވެ. "އެކުއްޖާގެ ފޮޓޯއެއް މަންމައަށް ފޮނުވާލަބަލަ..."

"އެކުއްޖާ ބަލަން ބޭނުމިއްޔާ، މަންމަ ފުރަތަމަ ޖެހޭނީ މާލެ އަންނަން..." ޔައިލް ބޭނުންވީ އާމިނަތުގެ ވިސްނުން ހުރި ގޮތެއް ބަލާށެވެ.

އާމިނަތު ހިމޭންވިއެވެ. އެއީ އޭނާއަށް ކުރަން އުނދަގޫ ކަމެކެވެ. މާލެ ދާން އާމިނަތު ބޭނުންވެއެވެ. އެހެނަސް، އެ ބިމުގައި ފައިޖެހޭ ކޮންމެ ފަހަރަކު އައިޝާގެ ހަނދާންތަކުން އާމިނަތުގެ ހިތް ތޮރުފާލައެވެ. އައިޝާގެ މަރަށްފަހު، މާލެދާން އާމިނަތު ޖެހިލުންވަނީ އެ ހިތްދަތި ހަނދާންތައް އާވާތީއެވެ.

"އެބަ އާދޭ ފޯނެއް... ފަހުން ގުޅާނަން އިނގޭ މަންމާ..." ޔައިލް ފޯނު ބޭއްވީ، މީހަކު ގުޅާތީއެއް ނޫނެވެ. މަންމައަށް ވީގޮތް އެނގުމުންނެވެ. އޭރެކޭ އެއްގޮތަށް މިއަދުވެސް މާލެ އަންނަން އާމިނަތު ޖެހިލުންވާއިރު، އިޒީއަކީ ކާކުކަން އެނގުމުން، އެ ގުޅުމަށް ރުހޭނީ ވަކި ކިހިނެއް ހެއްޔެވެ؟

އެތައް އިރަކު ވިސްނަން އޮތުމަށްފަހު ޔައިލް ތެދުވިއެވެ. ކުޑަދޮރުގެ ކައިރީގައި ހުއްޓުނެވެ. އޭނާ ހުރީ ހުރިހާ ކޮޅަކުން ފިތި ބާރުވެފައެވެ. އެއްކޮޅުން އިޒީއެވެ. އަނެއްކޮޅުން މަންމައެވެ. އޭނާއަކީ އައިޝާގެ ބޭބެކަން އެނގޭ ދުވަހަކުން އިޒީއަށް ވާނީ ކިހިނެއް ހެއްޔެވެ؟ ހަމަ އެގޮތަށް އިޒީއަކީ ކާކުކަން އެނގޭ ދުވަހު އާމިނަތަށް ވާނީ ކިހިނެއް ހެއްޔެވެ؟ ދެމީހުންދެކެވެސް ޔައިލް އިންތިހާއަށް ލޯބިވެއެވެ.

**********

ރޭގަނޑުގެ ކެއުން ތައްޔާރުވެ ނިމުނުއިރު، މުޅި ގޭތެރޭގައި ހުރީ ކާއެއްޗެހީގެ މީރުވަސް ހިފާލާފައެވެ. ބޭރުގައި އުޅެފައި އައިސް ގެއަށް ވަން ފަރުހާދުގެ ކުޅު ދިޔާވިއެވެ.

"ޔައިލް ކައިރީ ކާން އަންނަން ބުނަންވީނު..." ސޯފާގައި އިށީންނަމުން ފަރުހާދު ބުނެލިއެވެ.

"އެއީ ތެދެއް ދަރިފުޅާ... އަވަހަށް ޔައިލްއަށް ގުޅާ..." އާގިސާވެސް ފަރުހާދާއި ބައިވެރިވިއެވެ.

އިޒީ ލަދުންހުރެ ކޮޓަރިއަށް ވަނެވެ. ނުސީދާކޮށްވިޔަސް، އާގިސާމެން ބުނެދިނީ އޭނާ އާއި ޔައިލްގެ ގުޅުމަށް އެމީހުން ރުހޭ ކަމެވެ. އިޒީގެ ހިތަށް ލުޔެއް ލިބުނެވެ. ޔައިލްއަށް ގުޅިއެވެ. ދެތިން ރިންގާއިއެކު ޔައިލް ފޯނު ނެގިއެވެ.

"މަންމަމެން ބުނީ ކާން އަންނާށޯ..." އިޒީ ވަރަށް ނުކެރި ހުރެފައި ބުނެލިއެވެ.

"މަންމަމެން އެކަނިތަ ބުނީ؟..." ލާނެތް ރާގަކަށް ޔައިލް ސުވާލުކުރިއެވެ.

"ނޫން..." އިޒީ މަޑުމަޑުން ބުނެލިއެވެ.

"އެހެންވިއްޔާ މިދަނީ... ޓެން މިނެޓްސް އިނގޭ..." ޔައިލް ފޯނު ބޭއްވިއެވެ.

އިޒީ ކޮޓަރިން ނުކުތީ ކުޑަކޮށް ތައްޔާރުވެލައިގެންނެވެ. އާގިސާއަށް އެކަން އެނގިގެން ފަރުހާދަށް އެ މަންޒަރު ދެއްކިއެވެ. އިޒީ މީހަކާ ކައިވެނި ކުރާނެ ދުވަހެއްގެ އިންތިޒާރުގައި އާގިސާމެން ތިބީ ކެތްމަދުވެފައެވެ.

"ޔައިލް އަކީ ކޮންކަހަލަ ކުއްޖެއްތަ؟..." އިޒީ ސޯފާގައި އިށީނުމުން، ފަރުހާދު އަހައިލިއެވެ. "ބައްޕައަށް އެނގޭ ދަރިފުޅު ގޯސް ކުއްޖަކާ ނުގުޅޭނެކަން..."

"ވަރަށް ރަނގަޅު ކުއްޖެއް..." އިޒީ އިނީ ލަދުން އިސްޖަހައިލައިގެންނެވެ.

"ރައްޓެހިވެގެން މާގިނަ ދުވަހު ނޫޅެ، އަވަހަށް ކައިވެނިކުރުން ބައްޕަމެން އެދޭ ގޮތަކީ... ދޯ އާގިސާ..." ފަރުހާދު ހާމަކުރީ އޭނާ ދެކޭ ގޮތެވެ.

ފަރުހާދުގެ ވާހަކައަށް އެއްބަސްވުމުގެ ގޮތުން އާގިސާވެސް ބޯޖަހައިލިއެވެ. އިޒީ އިނީ ލަދުން ހަލާކުވާވަރު ވެފައެވެ. އިޒީ ޔައިލް އާއި ގުޅުނުތާ ގިނަ ދުވަހެއް ނުވެއެވެ. މަންމަމެންނާއި ބައްދަލުވި ފުރަތަމަ ދުވަހު، ފަރުހާދު ކައިވެނީގެ ވާހަކަ ދެއްކުމުން، އިޒީއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އެފަދަ ވާހަކައަކަށް އޭނާ އިނީ ތައްޔާރުވެސް ނުވެއެވެ. އަނެއްކޮޅުން ކައިވެނީގެ ވާހައިން އިޒީއަށް ކުރެވުނީ ތަފާތު އިހުސާސެކެވެ.

"ޔައިލް އައީމަ ބައްޕަ މިރޭ އެ ވާހަކަ ދައްކާނަން... ރައްޓެހިވެގެން މާގިނަ ދުވަހު އުޅެންވެއްޖެއްޔާ އޮންނާނީ ކޮންމެވެސް ގޯސްކަމެއް ކުރެވިފަ...." ފަރުހާދު ބުނެލިއެވެ.

އިޒީ އެއްޗެއް ނުބުނެ އިސްޖަހައިގެން އިނެވެ. އާގިސާ ފަރުހާދުގެ ކޮނޑުގައި ޖެހިގަތެވެ. އިހަށް އެ ވާހަކަ ނުދެއްކުމަށް އެދުނެވެ. ގޭގެ ބެލް ޖަހައިލި އަޑު އިވުނީ އިޒީ ތަށިމަތި ތައްޔާރުކޮށް ނިންމައިލިތަނާއެވެ. ދޮރު ހުޅުވީ އާގިސާއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު