މާލެ ސަރަޙައްދުން ބޭރުން ރަށްރަށުގައި ބޯހިޔާވަހިކަމުގެ އިތުރު ސްކީމްތަކެއް އިފްތިތާހުކުރުމަށް ތައްޔާރުވަމުންދާކަމަށް ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
ބޯހިޔާވަހިކަމަށް އިތުރު ސްކީމްތަކެއް އިފްތިތާހުކުރަން ސަރުކާރުން އުޅޭއިރު، އަހަރު ދެބައިވާން ދާއިރު ބޯހިޔާވަހިކަމުގެ ބަޖެޓުން މި މަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށް އަދި ޚަރަދުކުރީ އެންމެ ފަސް ޕަސެންޓްކަން ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވެސް ސަރުކާރަށް ވަނީ އަމާޒުވެފައެވެ.
އަލަށް ފަށަން އުޅޭ ބޯހިޔާވަހިކަމުގެ ސްކީމްތައް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އިފްތިތާހުކުރުމަށް މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. ސަރުކާރުގެ މި ނިންމުމަކީ ގެދޮރުވެރިކަން ފަހިކޮށްގެން ރަށްރަށުގައި ދިރިއުޅެން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހޯދައިދީ، މާލެ ސަރަޙައްދަށް ބަރޯސާވުމުގެ ބަދަލުގައި އާބަން ސެންޓަރުތަކެއް ތަރައްގީކުރުމަށް ނިންމާފައިވާ ސަރަޙައްދުތަކަށް ރައްޔިތުން ބަދަލުވުމުގެ މަގު ފަހިކޮށްދިނުމަށް ކުރާ މަސައްކަތެއްކަމަށް އެ ވުޒާރާއިން ބުންޏެވެ.
މާލެ ސަރަޙައްދަށް ގިނަ ބަޔަކު ބަދަލުވާ އެންމެ ބޮޑު އެއް ސަބަބަކީ އަމިއްލަ ރަށުން ނުވަތަ އަތޮޅުން އެކަށީގެންވާ ބޯހިޔާވަހިކަން ލިބެން ނެތުން ކަމަށް ވެސް އެ ވުޒާރާއިން ފާހަގަކުރެއެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ނާޒިމް މުޙައްމަދު ވިދާޅުވީ، މި ދެ މަޝްރޫޢަކީ މިހާރު ހިނގަމުންދާ މަޝްރޫޢުތަކުގެ އިތުރުން ރަށްރަށުގައު ކުރިއަށް ގެންދިއުމަށް ރާވާފައިވާ މަޝްރޫޢުތަކެއް ކަމުގައިއެވެ.
"މި ދެ މަޝްރޫއަކީ މިހާރު ހިނގަމުންދާ މަޝްރޫޢުތަކުގެ އިތުރުން ރަށްރަށުގައި ކުރިއަށްގެންދިޔުމަށް ރާވާފައިވާ މަޝްރޫޢުތަކެއް. އިރާދަކުރެއްވިއްޔާ ކުރިއަށްއޮތް މަހެއްހާ ދުވަހުގެ ތެރޭގައި އެދެމަޝްރޫޢު އަޅުގަނޑުމެނަށް އިފްތިތާޙްކުރެވިގެންދާނެ،" ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ނާޒިމް މުޙައްމަދު ވިދާޅުވިއެވެ.
ސްޓޭޓް މިނިސްޓަރު ނާޒިމް ވިދާޅުވި ގޮތުގައި މި މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް ވިސްނާފައި ވަނީ މައިގަނޑު ދެ މޮޑެލްއަކަށެވެ. އެއީ އަގުހެޔޮކޮށް ބޯހިޔާވަހިކަމަށް ކުރިމަތިލެވޭނެހެން ތަރައްގީކުރާ އެފޯޑަބަލް ހައުސިން އާއި، މާލީ އިދާރާތަކުގެ ފައިނޭންސިންއަށް ކުރިމަތިލެވޭނެ ނިޒާމެއް ގާއިމުކޮށް އަމިއްލަ ގޯތީގައި ގެދޮރު ބިނާކުރުމުގެ ސްކީމްތަކެވެ.
މީގެ ބޭނުމަކީ ކޮންމެ ރައްޔިތަކަށް ވެސް އެމީހަކު ބޭނުންވާ ފެންވަރުގެ ހައުސިންއަށް ކުރިމަތިލުމުގެ ފުރުސަތު ފަހިކޮށްދިނުންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ރަށްރަށުގައި ކުރިން ފަށާފައި ހުރި ނަމަވެސް ހުއްޓިފައިވާ މަޝްރޫޢުތަކާއި، އަމިއްލަ ގޯތީގައި ގެދޮރު ބިނާކުރުމަށް މާލީ ދަތިކަން ހުރި ފަރާތްތަކަށް އެހީތެރިވުމަށް ހިންގާ މަޝްރޫޢަށް މިހާތަނަށް 43 ރަށަކުން ކުރިމަތިލާފައިވާކަން ވުޒާރާއިން ފާހަގަކުރިއެވެ.
މި މަޝްރޫޢުތަކުގެ ސަބަބުން ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ ފަރާތްތަކަށްވެސް އެމީހުން މަސައްކަތްކުރާ ސަރަޙައްދުގައި އާއިލާއާއެކު ދިރިއުޅެވޭނެ މަގު ފަހިވެގެންދާނެކަމަށް ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނެއެވެ.

ރައީސް މުއިއްޒާއި މިނިސްޓަރު މުއްތަލިބު -- ފޮޓޯ/ ހައުސިން މިނިސްޓްރީ
ރަށްރަށުގައި ބޯހިޔާވަކިކަމުގެ އިތުރު މަޝްރޫޢުތަކެއް އިފްތިތާހުކުރުމަށް ނިންމާފައިވާއިރު، ނިމިދިޔަ ސަރުކާރުން އެކި ރަށްރަށުގައި ފަށާފައި ހުރި ގިނަ މަޝްރޫޢުތައް ހުއްޓިފައިވާ ކަމުގެ ކަންބޮޑުވުމާއި އެކަމުގެ ޝަކުވާތައް މީގެ ކުރިން ކޮށްފައިވެއެވެ.
އަދި ރާއްޖޭގެ އެކި ރަށްރަށުގައި ހުއްޓިފައިވާތީ އެކަމާއި ގުޅޭގޮތުން ސުވާލުކުރުމަށް، މިނިސްޓާ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް, ޑރ. ޢަބްދުﷲ މުއްޠަލިބް ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމަށް ވެސް ވަނީ ހުށަހަޅައިފައެވެ.
މިދިޔަ އަހަރެކޭ ވެސް އެއްފަދައިން މިއަހަރުގެ ބަޖެޓަކީ ވެސް ބޯހިޔާވަހިކަމަށް ޚާއްސަ ބަޖެޓެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވިއެވެ. ނަމަވެސް މިދިޔަ އަހަރު ނިމުނުއިރު ވެސް ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓުތަކަށް ކުރި ޚަރަދު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. ހަމައެއާއެކު މިއަހަރު ދެބައިވާން ދާއިރު ވެސް ބަޖެޓުން ޚަރަދުކޮށްފައި މިވަނީ އެންމެ ފަސް ޕަސެންޓެވެ.