މެސީ ކުރި ފައުލަށް އަޅާނުލި ރެފްރީގެ މައްސަލަ ފީފާއަށް ހުށަހަޅައިފި

އާޖެންޓީނާ އަދި އަލްޖީރިއާ މެޗުގެ ތެރެއިން...

އަލްޖީރިއާއިން ފީފާގެ ރެފްރީޒް ކޮމިޝަނަށް ހުށަހެޅި ޝަކުވާ ބިނާކޮށްފައިވަނީ މެޗުގެ ނަތީޖާއަށް އަސަރުކުރި މައިގަނޑު ދެ ހާދިސާއެއްގެ މައްޗަށެވެ. އެގޮތުން، އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ، އަލްޖީރިއާގެ ކެޕްޓަން އައިއްސާ މަންދީގެ ފަޔަށް އެރި ހާދިސާއާއި، އެލެކްސިސް މެކް އެލިސްޓާ، އިބްރާހިމް މާޒާގެ މޫނުގައި އުޅަނބޮށިން ޖެހި މައްސަލައިގައި ރެފްރީ ޕޮލެންޑުގެ ސައިމަން މާސިނިއަކް އަދި ވީއޭއާރުން ފިޔަވަޅު އަޅާފައިނުވާތީ އެކަންވަނީ ފާހަގަކޮށްފައެވެ. އަލްޖީރިއާއިން ބުނާގޮތުގައި މެސީއަށް ފިޔަވަޅު ނޭޅުމުގެ ނަތީޖާއަކީ އޭނާ ހެޓްރިކް ހަދައި އާޖެންޓީނާއަށް މެޗު ކާމިޔާބުކޮށްދިނުމެވެ. މި މައްސަލައަކީ ނަތީޖާ ބަދަލުކުރުމަށްވުރެ ބޮޑަށް، ކުރިމަގުގައި އިންސާފުވެރިކަމާއެކު ރެފްރީކަން ކުރުމަށް ބާރުއެޅުމުގެ ގޮތުން ހުށަހެޅި މައްސަލައެއްކަމަށް އެ ގައުމުން ބުނެއެވެ.

  • އަލްޖީރިއާގެ ފުޓްބޯޅަ ފެޑެރޭޝަނުން ފީފާއަށް މައްސަލަ ހުށަހެޅީ މެޗުގެ ނަތީޖާއަށް އަސަރުކުރި ދެ ހާދިސާއަކާ ގުޅިގެންނެވެ.
  • މެސީ އަދި މެކް އެލިސްޓާ ކުރި ފައުލްތަކަށް ރެފްރީ އަދި ވީއޭއާރުން އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.
  • މެސީއަށް ރަތް ކާޑު ނުދެއްކުމުގެ ސަބަބުން އޭނާ ވަނީ ހެޓްރިކް ހަދައި އާޖެންޓީނާއަށް މޮޅު ހޯދައިދީފައެވެ.
  • އަލްޖީރިއާގެ މަގުސަދަކީ ނަތީޖާ ބަދަލުކުރުމެއް ނޫނެވެ؛ އެއީ މުސްތަގުބަލުގައި އިންސާފުވެރިކަމާއެކު ރެފްރީން އަމަލުކުރުމަށް ގޮވާލުމެވެ.
  • މި މައްސަލައާ ގުޅިގެން ފީފާއިން އަދި މިހާތަނަށް ރަސްމީކޮށް އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ.

މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ޖޭގައި އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އަތުން 3-0 އިން އަލްޖީރިއާ ބަލިވި މެޗުގައި ރެފްރީގެ ނިންމުންތައް ހުރި ގޮތުން، ވަރަށް ބޮޑަށް ހިތްހަމަނުޖހެހި، އަލްޖީރިއާގެ ފުޓްބޯޅަ ފެޑެރޭޝަން (އެފްއޭއެފް) އިން ފީފާގެ ރެފްރީޒް ކޮމިޝަނަށް ރަސްމީ ކޮށް މައްސަލަ ހުށަހަޅައިފިކަމަށް މީޑިއާތަކުގައި ރިޕޯޓުކޮށްފިއެވެ.

ރިޕޯޓުތައް ބުނާގޮތުން އަލްޖީރިއާއިން ފީފާއަށް ޝަކުވާ ހުށަހެޅި މި މައްސަލަ ބިނާކޮށްފައިވަނީ މެޗުގެ ނަތީޖާއަށް އަސަރުކުރި ކަމަށް ބެލެވޭ ދެ ހާދިސާއެއްގެ މައްޗަށް ބިނާކޮށެވެ.

https://sun.mv/223500

އަލްޖީރިއާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މެޗުގެ 32 ވަނަ މިނެޓުގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ، އަލްޖީރިއާގެ ކެޕްޓަން އައިއްސާ މަންދީގެ ފަޔަށް އެރި ހާދިސާއެވެ. އަލްޖީރިއާގެ ކުޅުންތެރިން އެއީ ރަތް ކާޑެއް ކަމަށް ބުނެ އެޕީލް ކުރި ނަމަވެސް، މެޗުގެ ރެފްރީ ޕޮލެންޑުގެ ސައިމަން މާސިނިއަކް އެއްވެސް ފިޔަވަޅެއް ނާޅާ ކުޅުން ކުރިއަށް ގެންދަން އެންގިއެވެ.

މީގެ އިތުރުން، އާޖެންޓީނާގެ އެލެކްސިސް މެކް އެލިސްޓާ، އަލްޖީރިއާގެ އިބްރާހިމް މާޒާގެ މޫނުގައި އުޅަނބޮށިން ޖެހި މައްސަލައިގައި ވެސް ރެފްރީ އާއި ވީއޭއާރުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާތީ އަލްޖީރިއާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މެސީ ދަނޑުން ބޭރުނުކޮށް ކުޅުން ކުރިއަށް ގެންދިއުމުގެ ނަތީޖާއަކަށްވީ، އޭނާ މެޗުގައި ހެޓްރިކް ހަދައި އާޖެންޓީނާއަށް މޮޅެއް ހޯދައިދިނުންކަމަށް އަލްޖީރިއާއިން ބުނެއެވެ. މިއާއެކު ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ރެފްރީގެ ނިންމުންތަކަށް ފާޑުކިޔަމުންނެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި މެސީގެ ފައުލަކީ ސީދާ ރަތް ކާޑެއް ހައްގުވާ ފައުލެކެވެ.

https://sun.mv/223478

އަލްޖީރިއާގެ ފެޑެރޭޝަނުން ބުނެފައިވަނީ މި ޝަކުވާތައް މައްސަލައެއްގެ ގޮތަގައި ހުށަހެޅީ މެޗުގެ ނަތީޖާ ބަދަލުކުރުމުގެ މަގްސަދުގައި ނޫން ކަމަށާއި އެހެން ނަމަވެސް، އެ ފަރާތުން އެދެނީ ރެފްރީގެ ނިންމުންތަކާއި ވީއޭއާރުން މައްސަލައިގެ ތެރެއަށް ވަދެފައި ނުވާ ސަބަބު ފީފާއިން މުރާޖައާ ކުރުމަށެވެ.

އަދި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކުގައި ރެފްރީންގެ ފެންވަރު ހިފެހެއްޓުމާއި، ހުރިހާ ކުޅުންތެރިންނަށް އެއް އުސޫލަކުން އިންސާފު ގާއިމުކުރުމަށް އަލްޖީރިއާއިން ވަނީ ފީފާއަށް ގޮވާލާފައެވެ.

މި މައްސަލައާ ގުޅިގެން ފީފާއިން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. މެޗުގެ ނަތީޖާއަށް ބަދަލެއް ނައިސް އާޖެންޓީނާ ތިން ޕޮއިންޓާއެކު އޮތްއިރު، އަލްޖީރިއާ މިހާރު ތައްޔާރުވަމުންދަނީ ގްރޫޕް ސްޓޭޖުގެ ކުރިއަށް ހުރި މެޗުތަކަށެވެ.

comment ކޮމެންޓް