1998 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް މުބާރާތަކުން ފުރުސަތު ހޯދި ނޯވޭގެ ގައުމީ ފުޓްބޯޅަ ޓީމުން، މިއަހަރުގެ މުބާރާތަށް އެމެރިކާއަށް ދަތުރުކުރީ ކުޅުންތެރިންގެ ކާނާގެ ކަންކަން އެންމެ ފުރިހަމައަށް ބެލެހެއްޓުމަށްޓަކައި މުޅި ސުޕަމާކެޓެއް ފުރޭނެހާ ގިނަ ކާބޯތަކެއްޗާ އެކުގައެވެ.
އެމެރިކާގެ ނޯތު ކެރޮލައިނާގައި ހުންނަ ނޯވޭގެ ޓްރެއިނިން ކޭމްޕަށް ބޭލި 2،200 ޕައުންޑް (ގާތްގަނޑަކަށް 1،000 ކިލޯ) ގެ ކާބޯތަކެތީގެ ތެރޭގައި 300 ކިލޯގެ މަސް ހިމެެނެއެވެ. އެއީ ސެލްމަން އަދި ވައިޓްފިޝްއެވެ.
އޭގެއިތުރުން ނޯވޭގެ ސަގާފީ ޗީޒްއެއް ކަމަށްވާ ބްރޫނޮސްޓްގެ 116 ކިލޯ އާއި 6،000 އަށްވުރެ ގިނަ އޮރެންޖު ހިމެނެއެވެ.
މިއީ އެމެރިކާގެ ހޫނުގަދަ މޫސުމާއި، ކާނާއަށް އަންނަ ކުއްލި ބަދަލުތަކުން ކުޅުންތެރިންގެ ސިއްހަތަށް އަސަރުކޮށްފާނެތީ ޓީމުގެ ނިއުޓްރިޝަނިސްޓުންނާއި މެޑިކަލް ސްޓާފުންގެ އިރުޝާދުގެ މަތިން ނިންމި ނިންމުމެކެވެ.
ކުޅުންތެރިންނާއި ސްޓާފުން ހިމެނޭހެން 60 އަށްވުރެ ގިނަ މީހުންނަށް ދުވާލަކު 4 އިރު ކައްކައިދިނުމަށް ނޯވޭގެ އެންމެ މަޝްހޫރު ތިން ޝެފުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
އޭގެ ތެރޭގައި 35 އަހަރު ޓީމަށް ކައްކައިދިން އަރޮން އެސްޕެލޭންޑް ހިމެނެއެވެ. މިގޮތަށް އަމިއްލަ ގައުމުން ކާބޯތަކެތި ގެންދިއުމުގެ ބޭނުމަކީ ކުޅުންތެރިން ކުޑައިރުއްސުރެ ކައިއުޅުނު ފަރިތަ ރަހަތައް މުބާރާތުގެ ތެރޭގައިވެސް ފޯރުކޮށްދީ، ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އެމީހުން ދުޅަހެޔޮކޮށް ބޭތިއްބުމަށް ކުރާ ކަމެއްގެ ގޮތުގައި ކޯޗިން ޓީމުން ބުނެއެވެ.
މީގެކުރިން 2018 ގެ ވިންޓަރ އޮލިމްޕިކްސްގައި ނޯވޭ ޓީމުން ތަރުޖަމާގެ ކުށަކުން 1،500 ބިހުގެ ބަދަލުގައި 15،000 ބިހަށް އޯޑަރުދީގެން ބޮޑު ސަމާލުކަމެއް ހޯދި ނަމަވެސް، މިފަހަރުގެ އޯޑަރަކީ ކުޅުންތެރިންގެ ފިޓްނަސް ހިފެހެއްޓުމަށް ރާވައިގެން ކުރި ކަމެކެވެ.
ނޯވޭ ޓީމުގެ ތަރި، މެންޗެސްޓާ ސިޓީގެ ފޯވާޑް އާލިން ހާލަންޑް ވެސް ވަނީ މެޗުތަކުގެ ކުރިން އޭނާ ގެންގުޅޭ ކެއުމުގެ އާދަތައް ހިއްސާކޮށްފައެވެ.
ހާލަންޑް ގަބޫލުކުރާ ގޮތުގައި ކާނާގެ ކަންކަން މާ ބޮޑަށް އޮޅުންބޮޅުން ކުރުމުގެ ބަދަލުގައި، ކޮންމެ ދުވަހަކުވެސް އެއްގޮތަކަށް ހުންނަ ތަކެތި ކެއުން މާ މުހިންމެވެ. އޭނާ ބޭނުންކުރާ ތަކެތީގެ ތެރޭގައި ރޯކިރު، ބިސް، މާމުއި، ސްޓޭކް، ސަވަރޑޯ ބްރެޑް، މަސް އަދި ތަރުކާރީ ހިމެނެއެވެ.
މިއަހަރުގެ ވޯލްޑް ކަޕްގައި ނޯވޭ ހިމެނެނީ ފްރާންސް، ސެނެގާލް އަދި އިރާގާ އެކު ގްރޫޕް އައިގައެވެ.
ފީފާ ވޯލްޑް ކަޕްގައި 28 އަހަރަށްފަހު ނޯވޭ ކުޅުނު ފުރަތަމަ މެޗުން ވަނީ އިރާގު އަތުން 4-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ. މެޗުގައި ނޯވޭގެ ތަރި އާލިން ހާލަންޑް ވަނީ އޭނާގެ އަލަތު ވޯލްޑް ކަޕްމެޗުގައި ދެ ލަނޑު ޖަހައި ތަފާތު ދައްކާފައެވެ.