ނަތަންޔާހޫގެ ވެރިކަން ބަދަލުކުރަން އެމެރިކާ މަސައްކަތްކުރަނީ

ޓްރަމްޕް ބޭނުންވަނީ ނަތަންޔާހޫގެ ވެރިކަން ބަދަލުކުރަން

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހަނގުރާމަ ހުއްޓާލުމަށް ދެކޮޅުހެދުމާއި އޭނާ ގެންގުޅޭ ހަރުކަށި ސިޔާސަތުތަކުގެ ސަބަބުން، އެމެރިކާގެ ވައިޓް ހައުސްއިން ވަނީ އިސްރާއީލުގެ އިދިކޮޅު ލީޑަރުންނާއެކު ނަތަންޔާހޫ މަގާމުން ދުރުކުރުމަށް ނުރަސްމީ މަޝްވަރާތަކެއް ފަށާފައެވެ. މީގެ ތެރޭގައި ކުރީގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް އަދި ޔައީރު ލެބެޑް ފަދަ ބޭފުޅުން ހިމެނެއެވެ. މި ލީޑަރުންނަކީ ފަލަސްތީނުގެ ދައުލަތަކަށް ދެކޮޅުހަދާ ފަރާތްތަކަކަށް ވިޔަސް، ނަތަންޔާހޫގެ ސަބަބުން އިސްރާއީލު ބައިނަލްއަގުވާމީ މައިދާނުގައި އެކަހެރިވަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކުރެއެވެ. ހަމައެއާއެކު، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އޭނާގެ ނައިބު ޖޭޑީ ވާންސްވެސް ވަނީ ނަތަންޔާހޫގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މުހައްލިލުން ދެކޭގޮތުގައި މިއީ ޓްރަމްޕްގެ އީރާން ސިޔާސަތު ފެއިލްވުމުން، އެމެރިކާގެ އާންމުންގެ ތާއީދު ހޯދުމަށް ނަތަންޔާހޫ ކުށްވެރިކުރުމުގެ ގޮތުން ކުރާ ސިޔާސީ ކަމެކެވެ.

  • ނަތަންޔާހޫ ވެރިކަމުން ދުރުކުރުމަށް އެމެރިކާގެ އިސް މަސްއޫލުވެރިން އިސްރާއީލުގެ އިދިކޮޅު ލީޑަރުންނާއެކު ދަނީ މަޝްވަރާކުރަމުންނެވެ.
  • އިސްރާއީލުގެ އިދިކޮޅު ލީޑަރުންވެސް ނަތަންޔާހޫއާ ދެކޮޅަށް ތެދުވެފައިވަނީ، އޭނާގެ ސަބަބުން އިސްރާއީލުގެ ޚާރިޖީ ގުޅުންތައް ގޯސްވެފައިވާތީއެވެ.
  • ލުބްނާނަށް ދޭ ހަމަލާތައް ހުއްޓާލުމަށް ޓްރަމްޕް އެންގުމުން އެކަމަށް ނަތަންޔާހޫ ދެކޮޅުހެދުމާ ގުޅިގެން ދެފަރާތުގެ ގުޅުން ވަނީ ހީނަރުވެފައެވެ.
  • ޓްރަމްޕާއި ވާންސް ނަތަންޔާހޫއަށް ފާޑުކިޔަނީ، ރިޕަބްލިކަން ޕާޓީއަށް ގެއްލިފައިވާ އާންމުންގެ ތާއީދު އަލުން ހޯދުމުގެ ސިޔާސީ މަގުސަދުގައެވެ.
  • ހިޒްބުﷲގެ ހަމަލާތަކުގައި އިސްރާއީލު ސިފައިން މަރުވުމާ ގުޅިގެން، ލުބްނާނަށް ދޭ ހަމަލާތައް ހުއްޓާލަން ނަތަންޔާހޫ ވަނީ ނިންމާފައެވެ.
  • އެމެރިކާއިން އިސްރާއީލުގެ ސަރުކާރު ބަދަލުކުރުމަށް ފަރުދާގެ ފަހަތުން ބާރުއަޅަމުންދިއުން.
  • އިސްރާއީލު ބައިނަލްއަގުވާމީ ގޮތުން އެކަހެރިވުމަކީ އިދިކޮޅު ފަރާތްތަކުގެ އެންމެ ބޮޑު ކަންބޮޑުވުންކަމުގައި ވުން.
  • އެމެރިކާގެ އެތެރޭގެ ސިޔާސީ މަންފާއަށްޓަކައި ޓްރަމްޕްގެ ކޭމްޕުން ނަތަންޔާހޫ ކުށްވެރިކުރުން.

ޓެލްއަވީވު (20 ޖޫން 2026): އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ގޮތްދޫނުކުރުމާއި ހަރުކަށިކަމާއި ހަނގުރާމަ ހުއްޓާލުމަށް އޭނާ ދެކޮޅު ހަދަމުން ގެންދިޔުމުގެ ސަބަބުން، އިސްރާއީލުގެ ވެރިކަމަށް އެ ގައުމުގެ އިދިކޮޅު ފަރާތްތައް ގެނެވޭނެ ގޮތަކާމެދު އެމެރިކާ ވިސްނަމުންދާކަމަށް ޚަބަރު ލިބިއްޖެއެވެ.

ނަންހާމަކުރަން ނޭދޭ އެމެރިކާގެ ބައެއް މަސްއޫލުވެރިންނާ ހަވާލާދީ އިސްރާއީލުގެ ޗެނެލް-12 ބުނާގޮތުން ވައިޓް ހައުސް އިން މިހާރުވަނީ އިސްރާއީލުގެ އިދިކޮޅު ލީޑަރުންނާއެކު ނުރަސްމީކޮށް މަޝްވަރާތައް ފަށާފައެވެ. އިސްރާއީލުގައި ކުރިޔަށް އޮތް އިންތިޚާބު އިސްރާއީލުގެ އިދިކޮޅަށް ކާމިޔާބު ކޮށްދިނުމަށް ފަރުދާގެ އަނެއްފަރާތުން އެމެރިކާ ބާރުއަޅާނެކަމަށްވެސް ވަނީ ބެލެވިފައެވެ.

އިސްރާއީލުގެ ޗެނެލް-12 ބުނާގޮތުން ކުރިން ނަތަންޔާހޫ އަށް ވަރަށް ތާއީދުކުރި އެމެރިކާގެ އެތައް މަސްއޫލުވެރިންނެއް މިހާރު ގެންދަވަނީ ވެރިކަމުން ނަތަންޔާހޫ ދުރުކުރެވޭނެ ގޮތެއްވޭތޯ ބައްލަވަމުންނެވެ. މިކަމަށްޓަކައި އިސްރާއީލުގެ އިދިކޮޅު އެތައް ލީޑަރުންނާ ސީދާ ގޮތެއްގައި ވާހަކަ ދައްކަމުންނެވެ. މީގެތެރޭގައި ކުރީގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް، ކުރީގެ ސިފައިންގެ ވެރިޔާ ގެޑީ އެޒިންކޯޓު އަދި އިދިކޮޅު އެހެން ލީޑަރެއްކަމަށްވާ ޔައީރު ލެބެޑް ހިމެނެއެވެ.

މި ލީޑަރުންނަކީވެސް ފަލަސްތީނުގެ މައްސަލާގައި ވަކި އަނިޔާވެރިކަން ކުޑަ ބައެއްނޫނެވެ. އިސްރާއީލުގެ އިދިކޮޅު މި ހަތަރު ލީޑަރުންނަކީވެސް ނަތަންޔަހޫ ޣައްޒާގެ އާންމުންނާ ދެކޮޅަށް ހިންގި ނަސްލު ނައްތާލުމުގެ ޖަރީމާތަކަށް ފާޅުގައި ތާއީދުކުރި ބައެކެވެ. ފަލަސްތީނުގެ ބިންތަކުން ފޭބުމަށާއި ފަލަސްތީނުގެ ދައުލަތެއް އުފެއްދުމަށް ދެކޮޅު ހަދާ މުޖުރިމުންތަކެކެވެ.

ނަމަވެސް ސިޔާސީ މަގްސަދުތަކަށްޓަކައި މީގެތެރެއިން ބައެއް ލީޑަރުންވަނީ ނަތަންޔާހޫގެ ސަބަބުން އިސްރާއީލުގެ ޚާރިޖީ ގުޅުންތައް ޚަރާބުވެ ދުނިޔޭގައި އިސްރާއީލު އެކަހެރިވެ ބާކީވެގެން ހިނގައްޖެކަމަށް ބުނެ ނަތަންޔާހޫ އާ ދެކޮޅަށް ސިޔާސީ ގޮތުން ވާހަކަދައްކަން ފަށާފައެވެ. އަދި ނަތަންޔާހޫގެ އަމަލުތަކުގެ ސަބަބުން އެމެރިކާގައި އިސްރާއީލުގެ ނުފޫޒު ވަރަށް ބޮޑަށް ބަލިކަށިވެފައިވާކަމަށްވެސް މި ލީޑަރުން ވަނީ ސިފަކޮށްފައެވެ.

ނަތަންޔާހޫގެ ސަރުކާރުން ޔޫރަޕްގެ އިއްތިޙާދު އާއި ޖެހިގަތުމުން އެ ހަތަރު ލީޑަރުންވަނީ އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަތަންޔާހޫގެ ސަރުކާރުންވަނީ ޔޫރަޕްގެ އިއްތިޙާދުގެ ޚާރިޖީ ކަންކަމާބެހޭ ވެރިޔާ ކާޔާ ކަލާސް އަށް ވަރަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދީ އޭނާއާ ގުޅުންތައް ކަނޑާލިކަން އިއުލާންކޮށްފައެވެ.

އީރާން އާއެކު ޓްރަމްޕް ވީ އެއްބަސްވުން ތަންފީޒު ކުރުމަށްޓަކައި އިސްރާއީލުން ލުބްނާނަށް ދޭ އުދުވާނީ ހަމަލާތައް ހުއްޓާލުމަށް ޓްރަމްޕް ގޮވާލުމުން ނަތަންޔާހޫ ވަނީ އެކަމަށް ދެކޮޅު ހަދައި ޓްރަމްޕަށް ޖެއްސުންކޮށްފައެވެ.

ނަތީޖާއެއްގެ ގޮތުން ޓްރަމްޕްވަނީ އީރާނުގެ ކިބައިން އިސްރާއީލު ސަލާމަތް ކޮށްދިނީ އޭނާކަމަށާ އެމެރިކާ އިސްރާއީލު ހިމާޔަތްކޮށް ނުދިންނަމަ އީރާނުގެ ގަދަފަދަ ހަމަލާތަކުގައި އިސްރާއީލު ޗިސްޗިސް ވީސް ކަމަށް ބުނެ ނަތަންޔާހޫ އާއި އިސްރާއީލު ނިކަމެތިކޮށްލާގޮތަށް ބަޔާންތައް ދެއްވާފައެވެ.

އެއަށްފަހު އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވާންސް ވެސްވަނީ ނަތަންޔާހޫ އަކީ އެއްހަނގުރާމައިން އަނެއް ހަނގުރާމައަށް ދާ މީހެއްކަމަށް ސިފަކުރައްވައި ނަތަންޔާހޫ ގެންގުޅޭ ގައުމުތަކަށް ހަމަލާދިނުމާއި މީހުން މެރުމުގެ ސިޔާސަތުން އިސްރާއީލަށް އަމާންކަމާއި ރައްކާތެރިކަން ނުލިބޭނެކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.

މުހައްލިލުން ވިދާޅުވާ ގޮތުގައި ޓްރަމްޕާއި އޭނާގެ ނައިބު ޖޭޑީ ވާންސް މިގޮތަށް ހުރިހާ ކަމެއް ނަތަންޔާހޫގެ ބޮލަށް ކަނޑާލައި ހަމައެކަނި ނަތަންޔާހޫ ކުށްވެރިކުރަން މިހާރު ފަށާފައިވަނީ ޓްރަމްޕް އީރާން އާ ދެކޮޅަށް ގެންގުޅުނު ހަރުކަށި ސިޔާސަތާއި އޭނާ އީރާންއާ ދެކޮޅަށް ފެށި އުދުވާނީ ހަނގުރާމަ ފެއިލްވެ އެކަމުގެ ސަބަބުން އެމެރިކާގެ އާންމުންގެ ތާއީދު ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީއަށް ގެއްލުމުން އެކަން ފޫބެއްދުމުގެ މަގްސަދުގައެވެ.

ހުރިހާ ކަމެއް ނަތަންޔާހޫ ބޮލަށް ކަނޑާލުމުން އެމެރިކާގެ އާންމުންގެ ތާއީދު އަނެއްކާވެސް ޓްރަމްޕަށާއި އޭނާގެ ޕާޓީއަށް ލިބޭނެ ކަމުގެ އުންމީދުގައެވެ.

ޓްރަމްޕަކީ އީރާނުގެ މުޅި ހަޟާރަތް އެއްކޮށް ފުނޑާލައި އީރާން ސްޓޯން އޭޖަށް ވައްޓާލާނެކަމަށް ބުނެ އިންޒާރު ދިން ފަރާތެވެ. އަދި ނަތަންޔާހޫ ހިންގި ހުރިހާ ގަތުލުއާންމުތަކާއި ޖަރީމާތަށް ބޭނުންވާ ހަތިޔާރާއި ސަޕޯޓް ދިން ފަރާތެވެ. އަދި ޣައްޒާގެ ރައްޔިތުން ނަރަކައަށް ވައްޓާލާނެކަމާއި ޣައްޒާގެ ރައްޔިތުން ޣައްޒާއިން ބޭރުކޮށް އެތަން އޭނާގެ ދަނބިދަރީގެ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރާނެކަމުގެ ވާހަކަތައް ދެއްކި ފަރާތެވެ.

އެހެންކަމުން ނަތަންޔާހޫ ހިންގި ހުރިހާ ޖަރީމާތަކެއްގައި ޓްރަމްޕާއި އޭނާގެ ނައިބު ޖޭޑީ ވާންސް އަކީ ބައިވެރިންކަމަށް މުހައްލިލުން ސިފަކުރައްވައެވެ. އެންމެ ފަހުން ހިޒްބުﷲ އިއްޔެ ދިން ހަމަލާތަކުގައި އިސްރާއީލުގެ އޮފްސަރަކު ހިމެނޭގޮތަށް އިސްރާއީލުގެ ހަތަރު ސިފައިން މަރުވެ 17 މީހަކު ވަރަށް ބޮޑަށް ޒަޚަމްވުމުން ނަތަންޔާހޫ ވަނީ ލުބްނާނަށް ދޭ ހަމަލާތައް ހުއްޓާލަން ނިންމިކަން ރޭ އިއުލާން ކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް