ގިރިފުށީގައި ބިން ހިއްކަން ފަށައިފި؛ ސިފައިންގެ ތަމްރީނަށް ޒަމާނީ މަރުކަޒެއް އަޅާނެ

ގިރިފުށީ ބިންހިއްކުމާއި ބަނދަރު އަޕްގްރޭޑްކުރުން ރަމީކޮށް އިފްތިތާޙުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާޓުގެ ތެރެއިން --- ފޮޓޯ: އެމްއެންޑީއެފް

ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ އިސްތިރާޖީ ސިޔާސަތުގެ ދަށުން ސިފައިންގެ ތަމްރީނުތައް ކުރިއަށްގެންދާ ގިރިފުށީގައި ބިން ހިއްކުމާއި ރަށް ހިމާޔަތްކުރުމުގެ އިތުރުން ބަނދަރު ޒަމާނީކުރުމުގެ ބޮޑު މަޝްރޫޢެއް މިއަދު ވަނީ ފަށާފައެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތްތައް ރަސްމީކޮށް އިފުތިތާޙުކޮށްދެއްވީ އެކަމަށްޓަކައި މިއަދު ހަވީރު ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ޑިފެންސް މިނިސްޓަރު ޙަސަން ރަޝީދެވެ. މި މަޝްރޫޢަކީ ރާއްޖޭގެ ގައުމީ ދިފާއީ ބާރަށް ބޭނުންވާ ތަމްރީނުގެ ވަސީލަތްތައް ގާއިމުކޮށް ސިފައިންގެ ހުނަރުވެރިކަން މަތިކުރުމަށްޓަކައި ހިންގޭ އެންމެ ބޮޑު އެއް މަޝްރޫޢެވެ. އެގޮތުން މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި މިހާރު އޮތް 5.7 ހެކްޓަރުގެ ބިމުގެ ތެރެއަށް 13.3 ހެކްޓަރުގެ ބިން އަލަށް ހިއްކައިގެން އިތުރުކުރެވޭނެއެވެ. މީގެ ސަބަބުން ތަމްރީނުތަކަށް ބޭނުންކުރެވޭ ޖާގަ ވަރަށް ބޮޑަށް ތަނަވަސްވެގެންދާނެއެވެ. މި މަޝްރޫޢު ނިމުމުން ގިރިފުށި ވެގެންދާނީ ދިވެހި ޒުވާނުން ޒިންމާދާރު ބަޔަކަށް ހެދުމަށްޓަކައި ފަށާފައިވާ ދިވެހި ވަޠަނީ ޚިދުމަތް ޕްރޮގްރާމުގެ މައި މަރުކަޒަށެވެ. އަދި އޮފިސާ ޓްރެއިނިންގ ވިންގާއި އެންސީއޯ އެކެޑަމީގެ ތަމްރީނުތަކަށް ބޭނުންވާ އެންމެހައި އުމްރާނީ ވަސީލަތްތަކާއި މުދައްރިބުންނާއި ދަރިވަރުންނަށް ބޭނުންވާ އެކޮމޮޑޭޝަން ފެސިލިޓީތައް އެ ރަށުގައި ފުރިހަމައަށް ގާއިމުކުރެވޭނެއެވެ. މިއީ ސިފައިންގެ ތަމްރީނުގެ ފެންވަރު ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފައްތައި ގައުމީ ދިފާޢީ ބާރު އިތުރަށް ހަރުދަނާކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.

  • ގިރިފުށީގެ މިހާރުގެ 5.7 ހެކްޓަރުގެ ބިމަށް އިތުރު 13.3 ހެކްޓަރު ހިއްކައިގެން ބޮޑުކުރުން.
  • ރަށް ގިރުން ހުއްޓުވުމަށްޓަކައި ބޭރުތޮށްޓާއި ގްރޮއިންސް އަދި ބޮޑުގަލުގެ ރިވެޓްމަންޓް ޖެހުން.
  • އުޅަނދުފަހަރު ގާތްކުރުމަށްޓަކައި އެލް ބްލޮކް ކީ ވޯލްއަކާއި 40 މީޓަރު އަދި 12 މީޓަރުގެ ދެ ޖެޓީ ހެދުން.
  • މިހާރު ބޭނުންކުރާ 100 މީޓަރުގެ ފަޔަރިންގ ރޭންޖުގެ ބަދަލުގައި 300 މީޓަރުގެ ސްމޯލް އާމްސް ރޭންޖެއް ތަރައްޤީކުރުން.
  • ގިރިފުށީގައި ހުރިހާ ވަސީލަތްތަކާއެކު ޒަމާނީ ތަމްރީނު މަރުކަޒެއް ގާއިމުކުރުން.

ސިފައިންގެ ތަމްރީނުތައް ކުރިއަށްގެންދާ ކ. ގިރިފުށީގައި ބިން ހިއްކުމާއި ބިން ހިމާޔަތްކުރުމުގެ އިތުރުން ބަނދަރު އަޕްގްރޭޑްކުރުމުގެ ބޮޑު މަޝްރޫއެއް މިއަދު ރަސްމީކޮށް އިފުތިތާހުކޮށްފިއެވެ.

އެ މަސައްކަތްތައް ފެށުމަށް ގިރިފުށީ ޓްރޭނިންް ސެންޓަރުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި މަޝްރޫއުގެ މަސައްކަތް އިފުތިތާހުކޮށްދެއްވީ ޑިފެންސް މިނިސްޓަރު ޙަސަން ރަޝީދެވެ.

އެމްއެންޑީއެފްއިން ބުނީ މި މަޝްރޫއަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ދިވެހި އަސްކަރިއްޔާގެ ގާބިލްކަން އިތުރުކުރުމަށް ޓަކައި އެކަށައަޅުއްވައި ދެއްވާފައިވާ އިސްތިރާޖީ އެންމެ މުހިއްމު ލަނޑުދަނޑިތަކުގެ ތެރެއިން ކުރާ މަސައްކަތެއް ކަމަށެވެ. އެގޮތުން މިއީ ރާއްޖޭގެ ގައުމީ ދިފާއީ ބާރަށް ބޭނުންވާ ތަމްރީންގެ ވަސީލަތްތައް ގާއިމްކޮށް ސިފައިންގެ ހުނަރާއި ގާބިލްކަން އިތުރުކޮށްދެއްވުމަށް ކުރައްވާ މަސައްކަތްޕުޅުގެ ދަށުން ފަށާ އެންމެ މުހިންމު އަދި އެންމެ ބޮޑު އެއް މަޝްރޫއު ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި މިހާރު ގިރިފުށީގައި އޮތް 5.7 ހެކްޓަރުގެ ބިމުގެ ތެރެއަށް 13.3 ހެކްޓަރުގެ ބިން އިތުރުކުރާނެ ކަމަށެވެ. އެއާއެކު ގިރިފުށީގައި ހިންގާ ތަމްރީނުގެ ހަރަކާތްތަކަށް ބޭނުންކުރެވޭ ބިމުގެ ނިސްބަތް ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

ގިރިފުށީ ބިންހިއްކުމާއި ބަނދަރު އަޕްގްރޭޑްކުރުން ރަމީކޮށް އިފްތިތާޙުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާޓުގެ ތެރެއިން --- ފޮޓޯ: އެމްއެންޑީއެފް

މި މަޝްރޫއުގެ އަމަލީ މަސައްކަތްތަކުގެ ތެރޭގައި އައްސޭރިފަށް ހިމާޔަތްކުރުމަށް ޓަކައި ބޮޑުގަލުގެ ރިވެޓްމަންޓް ޖެހުމާއި ރަށް ގިރުން ހުއްޓުވުމަށް ބޭރުތޮށްޓާއި ގްރޮއިންސް ޖެހުން ހިމެނޭ ކަމަށް އެމްއެންޑީއެފްއިންވަނީ ބުނެފައެވެ.

މީގެ އިތުރުން އުޅަނދުފަހަރު ކައިރިކުރުމަށް އެލް ބްލޮކް ކީ ވޯލް ހެދުމާއި ދަތުރުފަތުރާއި ލަފާފުރުމުގެ ފަސޭހައަށް ޓަކައި 40 މީޓަރާއި 12 މީޓަރުގެ ދެ ޖެޓީ ތަރައްގީކުރަން ނިންމައިފައިވެއެވެ. އަދި، މިހާރު ބޭނުންކުރާ 100 މީޓަރުގެ ފަޔަރިން ރޭންޖުގެ ބަދަލުގައި 300 މީޓަރުގެ ސްމޯލް އާމްސް ރޭންޖެއް ވެސް ގިރިފުށީގައި ތަރައްގީކުރާނެ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

އެމްއެންޑީއެފްއިން ބުނީ މި މަޝްރޫއުގައި ހިމެނޭ ބިން ހިއްކުމާއި ބިން ހިމާޔަތްކުރުމާއި ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތްތައް ނިމުމުން ކުރިއަށް އޮތް މަރުހަލާތަކުގައި ގިރިފުށީގައި ހުރިހާ ވަސީލަތްތަކާ އެކު ޒަމާނީ ތަމްރީން މަރުކަޒެއް ގާއިމްކުރުމަށް ރާވައިފައިވާ ކަމަށެވެ.

ގިރިފުށީ ބިންހިއްކުމާއި ބަނދަރު އަޕްގްރޭޑްކުރުން ރަމީކޮށް އިފްތިތާޙުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާޓުގެ ތެރެއިން --- ފޮޓޯ: އެމްއެންޑީއެފް

އެ ރަށް ވެގެންދާނީ ހަރުދަނާ ޒިންމާދާރު ބަޔަކަށް ޒުވާނުން ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ފައްޓަވާދެއްވާފައިވާ އެންމެ މުހިންމު ޕްރޮގްރާމް ކަމުގައިވާ ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީންތަކުގެ މައި މަރުކަޒަށް ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

އެ ތަނުގައި ދިވެހި އަސްކަރިއްޔާގެ އޮފިސާ ޓްރެއިނިން ވިންގާއި އެންސީއޯ އެކެޑަމީން ހިންގާ މުހިންމު ތަމްރީންތަކަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ގާއިމުކޮށް، ދަރިވަރުންނާއި މުދައްރިބުންނަށް ބޭނުންވާ އެކޮމޮޑޭޝަން ފެސިލިޓީތަކާއި ސަޕޯޓް ނިޒާމްތައް ތަރައްގީ ކުރާނެ ކަމަށް ވެސް ބުނެފައެވެ.

މި މަޝްރޫއު ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހީމް ޙިލްމީއާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަޙްމަދު ޣިޔާޘާއި އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްގެ ކޮމާންޑާ ބްރިގޭޑިއާ ޖެނެރަލް ޑރ. ޙުސައިން އިބްރާހީމް ބައިވެރިވެވަޑައިގެންނެވިއެވެ.

comment ކޮމެންޓް