ބްރެޒިލްގެ ފުޓްބޯޅަ ތަރި ރޮނާލްޑީނިއޯ ގައުޗޯ، އުމުރުން 46 އަހަރުގައި އިޓަލީގެ ތިންވަނަ ޑިވިޝަނުގެ ކްލަބެއް ކަމަށްވާ ރަވޭނާއާއެކު ބާއްވާ ޚާއްސަ އެގްޒިބިޝަން މެޗެއްގައި ކުޅުމަށް އަލުން ދަނޑުމައްޗަށް ނުކުންނަން ތައްޔާރުވެއްޖެއެވެ.
މިއީ އެ ކްލަބުގެ ބްރޭންޑް އިޝްތިހާރުކުރުމަށް ހިންގާ ބޮޑު ކެމްޕޭނެއްގެ ދަށުން ކުރިއަށްދާ ކަމެއް ކަމަށާއި، މީގެ އިތުރު ތަފްސީލްތައް މި މަހުގެ 23 ގައި އެމެރިކާގެ މިއާމީގައި ބާއްވާ ހަފްލާއެއްގައި ރަސްމީކޮށް އިއުލާންކުރާނެ ކަމަށް އެ ކުލަބުން ބުނެއެވެ.
މި މަޝްރޫއަކީ ރަވޭނާގެ ވެރިޔާ އަދި ރޮނާލްޑީނިއޯގެ ގާތް އެކުވެރިއެއް ކަމަށްވާ އިގްނާޒިއޯ ސިޕްރިއާނީ އިސްނަގައިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން ރޮނާލްޑީނިއޯ ހުރީ އަހަރުތަކަކަށް ފަހު އޭނާގެ ހުނަރު އަނެއްކާވެސް ދަނޑުމަތީގައި ދައްކާލުމަށް ކެތްމަދުވެފައެވެ. އަދި ކުރިއަށްއޮތް ތަނުގައި އެ ކްލަބުގެ ހިއްސާއެއް ގަތުމުގެ ޝައުގުވެރިކަންވެސް އޭނާ ވަނީ ފާޅުކޮށްފައެވެ.
ރަވޭނާގެ ނައިބު ރައީސް އަރިއޭޑޯ ބްރައިޑާ ވިދާޅުވީ ރޮނާލްޑީނިއޯގެ ބައިވެރިވުމަކީ ހަމައެކަނި މާކެޓިން ހަރަކާތަކަށް ހާއްސަވެފައިވާ ކަމެއް ކަމަށެވެ. އަދި އޭނާގެ އުމުރަށް ބަލާފައި، ކުރިއަށް އޮތް ސީޒަނުގައި ރަސްމީކޮށް ކްލަބުގެ ސްކޮޑާ ގުޅިގެން ވާދަވެރި މެޗުތަކެއް އޭނާ ނުކުޅޭނެ ކަމަށް ބްރައިޑާ ސާފުކޮށްދެއްވިއެވެ.
ދެހާސް ބާވީސް ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށް، 2005 ގައި ބެލޮންޑިއޯ ހާސިލްކުރި ރޮނާލްޑީނިއޯ ރަސްމީކޮށް ފުޓްބޯޅަ ކުޅުން ހުއްޓާލީ 2015 ވަނަ އަހަރު ބްރެޒިލްގެ ފްލުމިނެންސޭއަށް ކުޅުމަށްފަހުއެވެ.