ވޭތުވެދިޔަ ކުރު މުއްދަތުގެ ތެރޭގައި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ހިންގި ޚާއްސަ އޮޕަރޭޝަންތަކެއްގައި ރެކޯޑް އަދަދަކަށް ވޭޕް އަތުލައިގަނެފައިވީ ނަމަވެސް، މި މައްސަލަތަކާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ހާމަކޮށްފިއެވެ.
ފުލުހުން ބުނި ގޮތުގައި މި މައްސަލަތައް ކަސްޓަމްސްއިން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. ނަމަވެސް އަދި މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ބުނެފައިވެއެވެ.
އާއްމުކޮށް މިފަދަ މައްސަލަތައް ފުލުހުން ތަހުގީގު ކުރަނީ މީހުން ހައްޔަރު ކޮށްގެން ނޫން ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި މިފަދަ މައްސަލަތައް ބަލައި ޖޫރިމަނާ ކުރުންފަދަ ފިޔަވަޅުތައް އަޅަނީ ކަސްޓަމްސްއިންނެވެ.
ކަސްޓަމްސްއިން ހިންގި އޮޕަރޭޝަންތަކުގެ ތެރެއިން މި މަހުގެ 19 ވަނަ ދުވަހު ވަނީ ގަވާއިދާ ޚިލާފަށް ރާއްޖެ އެތެރެކުރަން އުޅުނު 15,601 ވޭޕް ކާޓްރިޖް އަތުލައިގަނެފައެވެ. "ޖެނެރަލް ކާގޯ" ގެ ގޮތުގައި ޑިކްލެއާކޮށްފައިވާ ޝިޕްމަންޓެއްގެ ތެރޭގައި ފޮރުވާފައި ހުރި މި ތަކެއްޗަކީ، ވޭޕާއި އިލެކްޓްރޯނިކް ސިނގިރޭޓް ރާއްޖެއަށް އެތެރެކުރުން މަނާކުރުމަށް ސަރުކާރުން ނިންމި ތާރީޚަށް ފަހު އަތުލައިގަނެވުނު އެންމެ ބޮޑު ޝިޕްމަންޓެވެ.
މީގެ އިތުރުން، ޖޫން މަހުގެ 14 އަދި 15 ވަނަ ދުވަހު މާލޭ ކޮމާޝަލް ހާބަރުގައި ހިންގި އޮޕަރޭޝަނެއްގައި ޕޮޓޭޓޯ ޗިޕްސް ދަޅުތަކާއި ޗޮކްލެޓް ޕައުޑަރު ޕެކެޓުތަކުގެ ތެރޭގައި ފޮރުވާފައި ހުރި 1,108 ވޭޕް ކާޓްރިޖާއި 27 ވޭޕް ޑިވައިސް ވެސް ވަނީ އަތުލައިގަނެފައެވެ. އަދި މިމަހުގެ 17 ވީ ބުދަ ދުވަހުގައި އިތުރު 5,600 ވޭޕް ކާޓްރިޖް އަތުލައިގަނެފައިވާއިރު، ޖޫން 16 އިން 19 އަށް ހިންގި ތިން އޮޕަރޭޝަނެއްގައި ޖުމްލަ 22,309 ވޭޕް ކާޓްރިޖް ވަނީ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
ކަސްޓަމްސްއިން ބުނި ގޮތުގައި މި ތަކެތި އަތުލައިގަނެފައިވަނީ ރާއްޖެއަށް ގެނައި ޝިޕްމަންޓްތަކުގައި ޝައްކުކުރެވޭ ކަންތައްތަކެއް ހުރެގެން ހިންގި ފާސްކުރުންތަކުގެ ތެރެއިންނެވެ.
މި ތަކެތި މިހާރު ވަނީ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެވިފައި ކަމަށާއި އަދި ގާނޫނާ ޚިލާފަށް މި ތަކެތި އެތެރެކުރަން އުޅުނު މައްސަލަ ދަނީ އިތުރަށް ތަޙުގީގު ކުރަމުން ކަމަށް ކަސްޓަމްސްއިން މައުލޫމާތު ދީފައިވެއެވެ.
ރާއްޖެއަށް ސިއްރުން މުދާ އެތެރެކުރުން ހުއްޓުވުމަށް ކަސްޓަމްސްއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ބޯޑަރު ސަރަޙައްދުތަކުގައި ޚާއްސަ ސަމާލުކަމެއް ދީގެން ގިނަ އޮޕަރޭޝަންތަކެއް ދަނީ ހިންގަމުންނެވެ.
މިގޮތުން މުދަލުގެ ތެރޭގައި ފޮރުވައިގެން މަނާ ތަކެއްޗާއި ގަވާއިދާ ޚިލާފު ތަކެތި އެތެރެކުރުން ހުއްޓުވުމަށް ފާސްކުރުންތައް ވަނީ ވަރުގަދަކޮށްފައެވެ.
ދެހާސް ސައްވީސް ވަނަ އަހަރުގެ ޑިސެމްބަރު 15، އިން ފެށިގެން ރާއްޖޭގައި ވޭޕް ބޭނުންކުރުން ވަނީ މަނާކޮށްފަ އެވެ. އެގޮތުން ހިލޭ ވޭޕެއް މީހަކަށް ދިނަސް 10،000ރ. ގެ ޖޫރިމަނާއެއް އަދި ބޭނުންކުރާ ކޮންމެ މީހަކަށް 5،000ރ. ގެ ޖޫރިމަނާއެއް އަންނާނެ އެވެ.
މީގެއިތުރުން ވޭޕް ވިއްކައިފި މީހަކު ނަމަ 20،000ރ. އިން ޖޫރިމަނާ ކުރުމާއެކު، ވިއްކި ކޮންމެ ވޭޕަކަށް 10،000ރ. ގެ ޖޫރިމަނާއެއް ވެސް ގާނޫނުގެ ދަށުން ކުރެވޭނެއެވެ.