ގާނާއިން އެނބުރި އެމްޑީޕީއަށް: ރައީސް ނަޝީދުގެ އެފަދަ ދެވަނައެއް ނުވާ އެނބުރި އައުން!

ކުރީގެ ރައީސް މުޚައްމަދު ނަޝީދު އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ފަހު އުފާފާޅު ކުރައްވަނީ: ނަޝީދު މި އިންތިޚާބު ކާމިޔާބު ކުރެއްވީ 68 ޕަސެންޓުން-- ސަން ފޮޓޯ: ޝާތިއު އަބްދުالله

ދިވެހިރާއްޖޭގެ އެންމެ ވަރުގަދަ ސިޔާސީ މުއައްސަސާ ކަމަށްވާ އެމްޑީޕީއާ ދުރަށް ވަޑައިގަތުމަށްފަހު، ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަލުން އެ ޕާޓީއާ ގުޅިވަޑައިގަތުމަކީ އިސްތިރާޖީ ގޮތުން ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއެކެވެ. ރައީސް ޞާލިޙްގެ ވެރިކަމުގައި އުފެދުނު ޚިޔާލުތަފާތުވުންތަކަށްފަހު ޕާޓީ ދޫކުރައްވައި ގާނާއަށް ވަޑައިގަތް ނަމަވެސް، ފައްޔާޒް އިސްމާޢީލާއެކު އުފެއްދެވި ސިޔާސީ އިއްތިޙާދުގެ ތެރެއިން އެމަނިކުފާނު ވަނީ ތާރީޚީ އެނބުރި އައުމެއް ދައްކަވާފައެވެ. މި "ބޮޑު ބަދަލު" އެޖެންޑާގެ ދަށުން ޕާޓީގެ އެތެރޭގެ ބާރުވެރިކަން އަލުން ހޯއްދަވައި، އާދަޔާޚިލާފު ސިޔާސީ ނަތީޖާއެއް ވަނީ ނެރުއްވާފައެވެ.

  • ރިޔާސީ އިންތިޚާބުގެ ނާކާމިޔާބީއަށްފަހު، ސިޔާސީ އުކުޅެއްގެ ގޮތުން ގާނާއަށް ދިރިއުޅުން ބަދަލުކުރައްވައި އައު ފުރުޞަތުތަކަށް މަގުފަހިކުރެއްވިއެވެ.
  • ޕާޓީގެ އެތެރޭގެ ބާރުވެރިކަން ހޯއްދެވުމަށްޓަކައި، ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލާއެކު ވަރުގަދަ އިސްތިރާޖީ ގުޅުމެއް ޤާއިމުކުރެއްވިއެވެ.
  • 2025 ވަނަ އަހަރު ރަސްމީކޮށް އެމްޑީޕީއާ ގުޅިވަޑައިގެން، ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ މަޤުޞަދުގައި "ބޮޑު ބަދަލު" އެޖެންޑާ ތަޢާރަފުކުރެއްވިއެވެ.
  • މި އެޖެންޑާގެ ދަށުން އެމްޑީޕީގެ ޗެއަރޕާސަންކަމުގެ އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބުކުރައްވައި، ޕާޓީގެ ލީޑަރޝިޕަށް އަލުން ވަޑައިގަތެވެ.
  • މިއީ އަމިއްލަ ޕާޓީއާ ދުރަށް ވަޑައިގަތުމަށްފަހު، ކާމިޔާބުކަމާއެކު ސިޔާސީ މައިދާނަށް ލީޑަރަކު އެނބުރި ވަޑައިގަތް އެންމެ ފާހަގަކޮށްލެވޭ ތާރީޚީ ހާދިސާއެވެ.

އެއްވެސް ޝައްކެއް ނެތް ގޮތުގައި ރާއްޖޭގައި މިވަގުތު އޮތް އެންމެ ވަރުގަދަ ސިޔާސީ މުވައްސަސާއަކީ މިއަދުގެ އިނދިކޮޅު ޕާޓީ އެމްޑީޕީއެވެ. އެއީ މި ރާއްޖޭގައި މި ވަގުތު އޮތް އެންމެ ވަރުގަދަ ސިޔާސީ ޕާޓީއެވެ. ސަބަބުތައް ބައިވަރެވެ. ދެހާސް އަށް ވަނަ އަހަރު ރާއްޖެއަށް ޒަމާނީ ޑިމޮކްރަސީ ތައާރަފް ކުރެވިގެން ދިއުމާއެކު ވުޖޫދު ކުރެވުނު ޕާޓީތަކުގެ ތެރެއިން އުވިގެން ނުގޮސް، ނުވަތަ ސިޔާސީ ގަދަ ކަނޑާއި އޮއިވަރުގައި ނުފެތި މިއަދާ ހަމައަށްވެސް ހިފަހައްޓާލެވުނު ހަމަ އެކަނި ޕާޓީއަކީ އެއީ ކަމުގައި ދެންނެވުމަކީ ދެބަސް ވެވެން ނެތް އެންމެ ބޮޑު ހަގީގަތެވެ. ޚުދު އެ ޕާޓީ ވުޖޫދު ކުރި ބައެއް މުވައްސިސުންވެސް ޕާޓީގެ ސިޔާސީ އޮޑިން ފުންމާލި ނަމަވެސް ޕާޓީ ވުޖޫދުން ފޮހެވިގެން ގޮސްފައެއް ނުވެއެވެ. ޕާޓީގެ ނަމަކަށް، ކުލައަކަށް ފަލްސަފާއަކަށް ބަދަލެއް ނައެވެ.

ހަމަ އެއާއެކު، އެމްޑީޕީގެ ސިޔާސީ ފަލްސަފާއާ ދެކޮޅަށް އެތައް ވަކާލާތެއްކޮށް، މާޒީވެދިޔަ ތަނުގައި ޕާޓީގެ ވެރިކަން ވައްޓާލަން ފޫގަޅާލި އެތައް ބަޔަކަށް ފާއިތުވެދިޔަ މާޒީގައި އެ ޕާޓީގެ ސިޔާސީ އޮޑިން ޖާގަލިބި މި ރާއްޖޭގެ ޑިމޮކްރަސީގެ ހަޔާތުގައި އެ ބޭބޭފުޅުންނަށް އެ ޕާޓީން ވަނީ ފުރުސަތު ފަހިކޮށްދީފައެވެ. ފާއިތުވި 18 ވަރަކަށް އަހަރު ދުވަހު، އަޑި ގުޑަންތަކުން ފުރިފައިވާ އެމްޑީޕީގެ މި ދަތުރުން އެންމެ ބޮޑަށް ސާފުކޮށްދިން ވަރުގަދަ ހަގީގަތަކީ، އެމްޑީޕީއަކީ ސިޔާސީ މުވައްސަސާއަކަށް ވެގެން ހިގައްޖެ ކަމެވެ. ސިޔާސީ ލީޑަރަކު ވެރިކަމަށް ވަޑައިގަތުމަށް ބޭނުންވާނެ އެއަށްވުރެ ވަރުގަދަ އެ ނޫން އެހެން ޕްލެޓްފޯމެއް ރާއްޖެ ދެކެމުން މިދާ ޑިމޮކްރަސީގެ ހަޔާތުގައި ނެތްކަމެވެ.

އެމްޑީޕީގެ ކެމްޕޭން ހަރަކާތެއްގައި އެ ޕާޓީގެ ލީޑާޝިޕް -- ފޮޓޯ/ އެމްޑީޕީ

އޭގެ އެންމެ ބޮޑު ހެއްކެއްގެ ގޮތުގައި މިއަދު ފެންނާން މިއޮތީ، އެމްޑީޕީއަށް އާ ޗެއާޕާސަންއެއް އިންތިޚާބު ކުރުމަށް ބޭއްވިގެންދިޔަ ފޯރިގަދަ އިންތިޚާބެވެ. އެމްޑީޕީގެ އެއް ބާނީގެ ގޮތުގައި، ޕާޓީގެ އެންމެ ކުރީ ސަފުގައި އެންމެ ކުރިއްސުރެ ދެމިހުންނެވި ރައީސް ނަޝީދު ޕާޓީއާ ދުރަށް ޖެހިވަޑައިގެން ކުރެއްވި ތަޖުރިބާއާއި، އެއަށްފަހު އެނބުރި އެމްޑީޕީއަށް ވަޑައިގެންނެވުމަށް ކުރެއްވި ކާމިޔާބު ދަތުރެވެ. އަދި އެ ދަތުރުގެ ކާމިޔާބީއަކީ ހަމަ ޔަގީނުންވެސް، އެމަނިކުފާނުގެ ސިޔާސީ ހަޔާތްޕުޅުގައި ނެންގެވި އެންމެބޮޑު "ޔޫޓާން"ގެ ގޮތުގައި މިއަދު މިވަނީ ސިފަކުރާންޖެހިފައެވެ.

އެ އިންތިޚާބުން ކުރި ހޯއްދަވާ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އެމަނިކުފާނު އެނބުރި ވަޑައިގެންނެވި ވަޑައިގެންނެވުމަކީ ހަމަ ހަގީގަތުގައިވެސް އެފަދަ ދެވަނައެއް ނެތް "ކަމްބެކް"އެއްގެ ގޮތުގައި މިއަދު ސިފަކުރާން ޖެހޭ ސަބަބުތައް ވަރަށް ވެސް ގިނައެވެ.

ފައްޔާޒު ނަޝީދު ކޯލިޝަން!

ރައީސް ސާލިހުގެ ވެރިކަމުގައި ރައީސް ނަޝީދާއި އެމަނިކުފާނާ ދެމެދު އުފެދުނު ނުތަވަސްކަމަށް ހައްލު ނުހޯދި، ޕާޓީތެރޭގައި އުފެދުނު ބައިބައިވުންތަކުގެ ނަތީޖާ އޭގެ ޒާތުގައި ނުކުމެފައިވަނީ ވަރަށްވެސް ހިތިކޮށް ކަމުގައި ދެންނެވިދާނެއެވެ. ދެހާސް ތޭވީސް ވަނަ އަަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ރައީސް ނަޝީދާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވާދަކުރެއްވި ރިޔާސީ ޕްރައިމަރީވެސް ވެގެން ދިޔައީ ދެބޭފުޅުންގެ މެދުގައި ހިނގައިދިޔަ ވަރަށްވެސް ޒާތީކަން ބޮޑު ރިޔާސީ ޕްރައިމަރީއަކަށެވެ. އެ ރިޔާސީ ޕްރައިމަރީ ރައީސް ޞާލިޙް ކާމިޔާބު ކުރައްވާ، އެންމެފަހުން ރައީސް ނަޝީދު އެމްޑީޕީ ދޫކުރައްވާ ވަކި ސިޔާސީ ޕާޓީއެއް އުފެއްދެވީއެވެ. ނަތީޖާ ވަރަށްވެސް ހިއްޗެވެ. ދެބޭފުޅުންނަށްވެސް ރިޔާސީ އިންތިޚާބުގައި ނާކާމިޔާބީއާއި ކުރިމަތިލައްވަން ޖެހިވަޑައިގެން، އެމްޑީޕީއަށް ވެރިކަންވެސް ގެއްލުނީއެވެ.

އެހެންނަމަވެސް، އެއީ އިއްޔެގެ މާޒީއެވެ. އެމްޑީޕީއަށް ރިޔާސީ އިންތިޚާބު ގެއްލުމާއެކު އެ ޕާޓީން އަދާކުރާން ފެށީ އިނދިކޮޅު އެންމެ ބޮޑު ޕާޓީގެ ޒިންމާއެވެ. ރައީސް ނަޝީދު, ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލްގެ ހައިސިއްޔަތުން 2024 ވަނަ އަހަރު ގާނާއަށް ދިއިރުޅުން ބަދަލު ކުރެއްވީއެވެ.

އެހާތަނުން ގިނަ ބަޔަކަށް ހީކުރެވުނު އެއްކަމެއް އޮތެވެ. އެމަނިކުފާނު އިސްވެ ހުންނަވާ އުފެއްދެވި ޑިމޮކްރެޓްސް ޕާޓީއަކީވެސް ކިރިޔާ 3،000 ހަމަވެ, ނުވެ އޮތް ޕާޓީއަކަށް ވުމުން، މެމްބަރުން ހަމަނުވާ ކުޑަ އެޕާޓީއެއްގެ ހިޔަނި ޚުދު އެމަނިކުފާނުގެ ސިޔާސީ ހަޔާތްޕުޅަށް އެޅުނީ ކަމުގައެވެ. އެމްޑީޕީއާނުލާ އެމަނިކުފާނުގެ ސިޔާސީ ހަޔާތްޕުޅު ކަފުނަކަށް ލާންޖެހިދާނޭ ކަމުގައެވެ. އެ މަނިކުފާނަށް އެމްޑީޕީ ދެން މަރުހަބާ ނުކިޔާނޭ ކަމުގައެވެ. މިއީ ހަގީގަތުގައިވެސް ބައެއް ސިޔާސީ ފަރާތްތަކުން ޖެއްސެވި ހިސާބުތަކެވެ. މަސްރަހު ދިރާސާ ކުރެއްވި ގޮތެވެ.

ދަ ޑިމޮކްރެޓްސްގެ ލީޑާޝިޕްގެ ބޭފުޅުން -- ފޮޓޯ/ ޑިމޮކްރެޓްސް

އެހެންނަމަވެސް، ގާނާގައި ހުންނަވައިގެން ރައީސް ނަޝީދު ޖެއްސެވި ހިސާބުތަކާއި ސިޔާސީ ފޯމިއުލާތައް މިއަދު ނިއުޅާލުމުން ފެންނާން އޮތް މަންޒަރަކީ ސިޔާސީ ލީޑަރަކު ހައްދަވާނޭ އެންމެ ކާމިޔާބު "ކަމްބެކް" އެމަނިކުފާނު ހެެއްދެވި ތަނެވެ. އެމަނިކުފާނާ ނުލާ، އިނދިކޮޅުގައި އޮވެ އެމްޑީޕީ ކުރަމުންދިޔަ ދަތުރުގައި، އެ ޕާޓީގެ އެތެރޭގައި އަޅަމުންދިޔަ ރެނދުތަކާއި، އުފެދެމުންދިޔަ އުދާސްތަކުން ލިބިލެއްވި ހަނި ޖާގައަކުން އަލުން ޕާޓީއަށް ވަންނަވާ، އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމަށް ވަޑައިގެންނެވުމަށް ރައީސް ނަޝީދު ހިތްޕެވީ އެޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލްގެ އަތްޕުޅުގައެވެ.

އެމްޑީޕީއަށް އެނބުރި ވަޑައިގެންނެވުމަށް ރައީސް ނަޝީދު ޖެއްސެވި ހަގީގީ ފޯމިއުލާގެ އަސްލަކަށް ވެގެންދިޔައީވެސް، ރައީސް ޞާލިޙްގެ ވެރިކަމުގައި، އެމަނިކުފާނުގެ އިތުބާރު އެންމެ ބޮޑަށް ހޯއްދެވި، އަދި ރައީސް ނަޝީދާ ސިޔާސީ ޚިޔާލުތަފާތުވުން އެންމެ ބޮޑަށް އޮތް އެއް ބޭފުޅެއްގެ ގޮތުގައި އޭރު ފާހަގަވެގެންދިޔަ ފައްޔާޒް އިސްމާއިލްއެވެ. އެ މަގަށް ރައީސް ނަޝީދަށް ލިބިލެއްވި އެންމެ ބޮޑު ޖާގައެއްގެ ގޮތުގައި މިއަދު ބެލެވެން އޮތީ، އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނަވައިގެން، ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެކަން ފައްޔާޒު އިސްމާއިލް އިއުލާން ކުރެއްވި ކުރެއްވުމެވެ.

ރައީސް ނަޝީދުގެ އެންމެ އަރިސް ބައެއް ބޭބޭފުޅުން އެނބުރި އެމްޑީޕީއަށް ވަޑައިގެން، ރިޔާސީ ރޭހުގައި ފައްޔާޒް އިސްމާއިލަށް ކުރި ހޯއްދަވާ ދެއްވުމަށް އަހުދު ކަށަވަރު ހިތްޕެވި ހިތްޕެވުމެވެ. އެކަން އެބީދައިން އާންމުކޮށް ރައީސް ނަޝީދު އިއުލާން ނުކުރެއްވި ނަމަވެސް، 2025 ވަނަ އަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހު، ފައްޔާޒު އިސްމާއިލްގެ ޗެއާޕާސަން ކަމުގައި ރައީސް ނަޝީދު އެމްޑީޕީއާ ރަސްމީކޮށް ގުޅިވަޑައިގެންނެވިއެވެ.

އެއަށްފަހު، 2025 ވަނަ އަހަރުގެ އޮގަސްޓްމަހުގެ 24 ވަނަ ދުވަހު، ފައްޔާޒް އިސްމާއިލްއާއި ރައީސް ނަޝީދުގެ އަރިސް ބޭބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފާއި އެޕާޓީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒްގެ އިތުރުން ކުރީގެ މެމްބަރު އަލީ އާޒިމް ހިމެނޭގޮތުން ހަތަރު ބޭފުޅުން ގާނާގައި ރައީސް ނަޝީދާ ބައްދަލު ކުރެއްވި ކުރެއްވުން ސިފަކުރާން މިއަދު ޖެހެނީ ރައީސް ނަޝީދުގެ އެނބުރި އައުމުގެ ހަގީގީ ފެށުން ކަމުގައެވެ.

ރައީސް ނަޝީދު އަދި އަރިސް ބައެއް ބޭފުޅުންނާއެކު ފައްޔާޒް އިސްމާއިލް

އެފަދަ ދެވަނައެއް ނުވާ "ކަމްބެކް"އެއް!

އެއަށްފަހު ރައީސް ނަޝީދާއި ފައްޔާޒު އިސްމާއިލްއާ ދެބޭފުޅުންގެ ގުޅުން ތަމްސީލުވެގެން ދިޔައީ އެކީގައި މަސައްކަތް ކުރަމުން އައި ވަކި ފެކްޝަނެއްގެ ގޮތުގައެވެ. އެކީގައި ސިޔާސީ ބައްދަލުވުންތައް ބާއްވަވާ، އެއް ސުފުރާއަކުން ފަރިއްކުޅުއްވާ، ދެބޭފުޅުންވެސް އެއް ޕްލެޓްފޯމަކަށް އެރުއްވީއެވެ. އެމްޑީޕީގެ ޗެއާޕާސަންކަމަށް ރައީސް ނަޝީދު ވާދަކުރެއްވީ އެ ޕްލެޓްފޯމުގައެވެ. އެއީ "ބޮޑުބަދަލު"ގެ ސިޔާސީ އެޖެންޑާއެވެ.

އެއީ ވެރިކަމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އެމްޑީޕީގެ ވެރިކަމެއްގައި ދެބޭފުޅުންގެ މެދުގައި ވެރިކަމުގެ ބާރުތައް ހިއްސާކުރާނޭ ގޮތުގެ ޗާޓެވެ. އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާނޭކަން ރައީސް ނަޝީދު އިއުލާން ކުރެއްވީ އިސްވެ ދެންނެވުނު އެއްބަަސްވުންތައް ދެބޭފުޅުން އެކީގައި އިއުލާން ކުރެއްވުމަށްފަހުއެވެ. ޖެހިގެންއައި އެ ޕާޓީގެ ޗެއާޕާސަންގެ އިންތިޚާބު ރައީސް ނަޝީދު ކާމިޔާބު ކުރެއްވީ ތަފާތު ބޮޑުކޮށެވެ. އެއީ ރައީސް ނަޝީދު ހެެއްދެވި އެފަދަ ދެވަނައެއްނުވާ "ކަމްބެކް" އެވެ.

ކުރީގެ ރައީސް ނަޝީދާއި ފައްޔާޒް: ދެ ބޭފުޅުން ވަނީ "ބޮޑު ބަދަލު"ގެ ނަމުގައި ވެރިކަމުގެ ނިޒާމަށް ބަދަލުތަކެއް ހުށަހަޅުއްވާފަ --- ސަން ފޮޓޯ/ އަހުމަދު އިޔާދު

ހަމަ ޔަގީނުންވެސް، އަމިއްލަފުޅު ޕާޓީއާއި ދުރަށް ވަޑައިގެންނެވުމަށްފަހު، ދެވަނަ ފަހަރަށް ޕާޓީގެ ޕްލެޓްފޯމަށް އެނބުރިވަޑައިގެންނެވުމަށް ރައީސް ނަޝީދު ހިންގެވި މަގުން ހިންގެވުނު ދެވަނަ ސިޔާސީ ލީޑަރަކު މިރާއްޖެއަކު ފެންނާކަށް ނެތެވެ. އަދި، ގިނަ ބައެއްގެ ހީކުރުންތަކާއި، ކުރި ދިރާސާތަކާއި، ޖެހި ހިސާބުތަކާއި ދިމާ އިނދިކޮޅަށް ނަތީޖާ ނެރުއްވާ، ދަތިތަކާއި އުދަގުލުން ފުރިގެންވާ އެތައް ގޮންޖެހަމަށް ހައްލު ހޯއްދަވާ، މަގުތައް ކޮއްޓަވަމުން ވަޑައިގެން، އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުން ރައީސް ނަޝީދު ހޯއްދެވި ފުރިހަމަ ކާމިޔާބީ މިއަދު ސިފަކުރާން ޖެހެނީ މުޅި ދުނިޔޭގައިވެސް މަދުން ނޫނީ ސިޔާސީ ލީޑަރަކަށް ހެއްދެވިފައިވާ ނުވާވަރުގެ "ސަކްސަސްފުލް ކަމްބެކް" އެއްގެ ގޮތުގައެވެ.

comment ކޮމެންޓް