ޝައިޚު އިސްމާއިލް އަވަހާރިވީއިރު، ކީރިތި ގުރުއާނުގެ ތަފުސީރު އެއްކޮށް ވަނީ ދިވެހި ބަހަށް ތަރުޖަމާކުރައްވާފައި!

ޝައިޚް އިސްމާއިލް: އެ މަނިކުފާނު އަވަހާރަވެވަޑައިގެންނެވިއިރު، ގުރުއާން އެއްކޮށް ވަނީ ދިވެހި ބަހަށް ތަރުޖަމާ ކުރައްވާފައި ----

ދިވެހިރާއްޖޭގައި އިސްލާމީ ތަޢުލީމާއި ދީނީ ހޭލުންތެރިކަން ފެތުރުއްވުމުގައި ބައި ގަރުނަށްވުރެ ދިގު މުއްދަތެއްގައި މެދުކެނޑުމެއްނެތި ޚިދުމަތްކުރެއްވި ޝައިޚު އިސްމާޢީލް މުޙައްމަދު (ތައިބާ ޝައިޚް) އާލާސްކަންފުޅާ އުޅުއްވުމަށްފަހު، އުމުރުފުޅުން 85 އަހަރުގައި ވަނީ އަވަހާރަވެފައެވެ. އެ މަނިކުފާނުގެ މައްޗަށް ކަށުނަމާދުކުރުން މިއަދުގެ މެންދުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ބާއްވާފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހިމެނިވަޑައިގަންނަވާ ގޮތަށް ދައުލަތުގެ އިސްވެރިންނާއި ގިނަ ޢަދަދެއްގެ ޢާއްމު ރައްޔިތުން ވަނީ ފުން ހިތާމަ ފާޅުކޮށް ތަޢުޒިޔާ ފޮނުއްވާފައެވެ. ޝައިޚްގެ މުޅި ޙަޔާތްޕުޅު މައިގަނޑު ގޮތެއްގައި ހޭދަކުރެއްވީ އިސްލާމީ އުންމަތަށް ޚިދުމަތްކުރެއްވުމާއި، މުޖުތަމަޢުގައި ރިވެތި އުޞޫލުތައް އަށަގެންނެވުމުގައެވެ.

  • ކީރިތި ޤުރުއާނުގެ ތަފުސީރު ދިވެހި ބަހަށް ތަރުޖަމާކުރައްވާފައިވާއިރު، މި ފޮތް ޗާޕުކުރުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ދަނީ ކުރަމުންނެވެ.
  • އިސްލާމީ ތަޢުލީމު އުނގަންނަވައިދެއްވުމުގެ އިތުރުން، ދީނީ އެކި މައުޟޫޢުތަކަށް 40 ފޮތް ލިޔުއްވާފައިވެއެވެ.
  • 1970 ގެ އަހަރުތަކުގައި މަދީނާގެ އިސްލާމިކް ޔުނިވަރސިޓީން ތަޢުލީމު ޙާޞިލުކުރެއްވި ފުރަތަމަ ދިވެހި ދަރިވަރަކީ ޝައިޚު އިސްމާޢީލްއެވެ.
  • އެ މަނިކުފާނުގެ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އިން ވަނީ އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު އަރުވާފައެވެ.
  • އަމިއްލަ ޚަރަދުގައި ހުޅުމާލޭގައި މިސްކިތެއް ބިނާކުރެއްވުމުގެ މަސައްކަތް ފައްޓަވާފައިވެއެވެ.

މިއަދު އަލިވިލިގެން އައިއިރު، ގިނަ ބަޔެއްގެ ލޯތައް ކަރުނުން ފުރުނީ، ޝައިޚު އިސްމާއިލް މުޙައްމަދު (ތައިބާ ޝައިޚް) އަވަހާރަވި ޚަބަރުންނެވެ. މުޅި ސޯޝަލް މީޑިއާ ފުރިފައި ވަނީ، ޝައިޚް ކުރެއްވި ޚިދުމަތްތައް ފާހަގަކުރުމާއި އެ ބޭފުޅާއަށް ކުރާ ތައުރީފުތަކުންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހިމެނިވަޑައިގަންނަވާ ގޮތަށް އެތައް ބަޔަކު އަންނަނީ ހިތާމަ ފާޅުކޮށް، ތައުޒިޔާ ކިޔަމުންނެވެ. މި ކަމުން އެކަނި ވެސް އެ ބޭފުޅާއަށް އެތައް ބަޔަކު ކުރާ އިޙުތިރާމާއި ގަދަރު ހާމަވެއެވެ.

އުމުރުފުޅުން 85 އަހަރުގައި ޝައިޚު އަވަހާރަވީ، އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ފަހުންނެވެ. ޝައިޚުގެ ކަށު ނަމާދު މިއަދު މެންދުރު ނަމާދަށް ފަހު، އިސްލާމީ މަރުކަޒުގައި ވަނީ ބާއްވާފައެވެ.

https://sun.mv/223647

ޝައިޚް ފާހަގަކުރެވެނީ، ރާއްޖޭގައި އިސްލާމީ އިލްމާ ގުޅޭ ކަންތައްތަކެއް ފެތުރެއްވުމުގައި އަތުކުރި އޮޅާލައިގެން ހުންނެވި ބޭފުޅެއްގެ ގޮތުގައެވެ. އެތައް ގޮތަކުން މި ދާއިރާއަށް އެ ބޭފުޅާ ވަނީ ޚިދުމަތްކޮށްދެއްވާފައެވެ.

ޝައިޚް އިސްމާއިލް: މުޅި ހަޔާތް ހޭދަކުރެއްވީ އިސްލާމް ދީނަށް ޚިދުމަތް ކުރެއްވުމުގައި

މިގޮތުން، އޭނާ އަވަހާރަވިއިރު، ކީރިތި ގުރުއާނުގެ ތަފުސީރު އެއްކޮށް ވަނީ ދިވެހި ބަހަށް ތަރުޖަމާ ކުރައްވާފައެވެ. އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވި ގޮތުގައި، މިހާރު ކުރިއަށް ދަނީ އެ ފޮތް ޗާޕުކުރުމުގެ މަސައްކަތެވެ.

ބައި ގަރުނަށް ވުރެ، ގިނަ ދުވަހު އިސްލާމީ ތައުލީމު އޭނާ އުނގަންނަވައި ދެއްވިއިރު، ދީނީ އެކި މައުޟޫތަކަށް 40 ފޮތް ލިޔުއްވާފައިވެއެވެ. އެ ފޮތްތަކުން އެކަނި ވެސް އެތައް ދިވެހީންނަކަށް މުހިންމު މައުލޫމާތުތަކެއް ލިބޭނެއެވެ. އަދި، އެއީ އަންނަން އޮތް ޖީލުތަކަށް އޮތް އަގުހުރި ހަދިޔާއަކަށް ވާނެއެވެ.

ދ. މީދުއަށް އުފަން، ޝައިޚަކީ ތައުލީމު ހާސިލުކުރައްވައިގެން އިސްލާމް ދީން ފެތުރުއްވި ބޭފުޅެކެވެ. މިގޮތުން، 1970 ގެ އަހަރުތަކުގެ ތެރޭގައި ސައުދީ އަރަބިއްޔާގެ މަދީނާގެ އިސްލާމިކް ޔުނިވާސިޓީން ވަނީ ތަޢުލީމު ހާސިލުކުރެއްވާފައެވެ. އޭނާއަކީ، އެ ޔުނިވާސިޓީން ތައުލީމު ހާސިލުކުރެއްވި އެންމެ ފުރަތަމަ ދިވެހި ދަރިވަރެވެ.

ކުރު ގޮތަކަށް ބުނާނަމަ، ޝައިޚްގެ މުޅި ހަޔާތް އެ ހޭދަކުރެއްވީ، އިސްލާމީ އުންމަތަށް ޚިދުމަތް ކުރެއްވުމުގައެވެ. އިސްލާމް ދީނަށް ހޭލުންތެރިކުރުމާއި ރިވެތި އުސޫލުތައް މި މުޖުތަމައުގައި އަށަގެންނެވުމުގައެވެ.

ޝައިޚް އިސްމާއިލްގެ ޚަރަދުގައި ހުޅުމާލޭގައި މިސްކިތެއް އެޅުމުގެ ބިންގާ އަޅުއްވައިދެއްވަނީ --- ފޮޓޯ/ ރައީސް އޮފީސް

ޝައިޚް އަވާހަރަވީއިރު، މި ޚިދުމަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން މިދިޔަ އަހަރު އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ވަނީ ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ދިން އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ޝައިޚްއަށް އަރުވާފައެވެ. އެ ޝަރަފު ހަވާލުކޮށްދެއްވީ ރައީސް މުއިއްޒެކެވެ.

https://sun.mv/204973

އޭގެއިތުރަށް، ޝައިޚްގެ އަމިއްލަ ޚަރަދުގައި ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި މިސްކިތެއް އިމާރާތްކުރައްވަން ވަނީ ފައްޓަވާފައެވެ. އެ މިސްކިތުގެ ނަން ނިސްބަތް ކުރައްވާފައި ވަނީ، ކީރިތި ރަސޫލާގެ އަނބިކަނބަލުން އުންމުލްމުއުމިނީން އާއިޝަތުގެފާނަށެވެ.

ޝައިޚަކީ، ދިވެހީންނަށް ގެއްލުނު އަގުހުރި ޚިދުމަތްތެރިއެކެވެ. އޭނާ އަވަހާރަވި ނަމަވެސް، ޚިދުމަތްތަކާއި ހަނދާންތައް އާކުރާނެ އެތައް ދިވެހީންނެއް ތިބޭނެކަން ޔަގީނެވެ.

comment ކޮމެންޓް