މާމަ ދަރިފުޅު މަރާލިކަން ސާބިތުވެ، ދިވެހި އަންހެނަކާއި އޭނާގެ ލޯބިވެރިޔާ، އަދި އިތުރު މީހެއްގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.
ވިހާފައި ކުޑަ ކުއްޖަކު މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް މީގެ ކުރިން ވަނީ ހުކުމް އިއްވައިފައެވެ. އެކަމަކު، އާއްމުކޮށް ހުޅުވައި ނުލައި ކުރިއަށް ގެންދިޔަ އެ މައްސަލައިގެ އެއްވެސް ތަފްސީލެއް މީގެ ކުރިން ކްރިމިނަލް ކޯޓުން އާއްމުކޮށްފައެއް ނުވެއެވެ. އެކަމަކު، އެ މައްސަލައިގައި އިއްވި ހުކުމްތަކުގެ ތަފްސީލް ކްރިމިނަލް ކޯޓުން މިހާރު ވަނީ އާއްމުކޮށްފައެވެ. އެކަމަކު ޝަރީއަތް ނިމުން ގޮތުގެ ރިޕޯޓެއް އާއްމުކޮށްފައެއް ނުވެއެވެ.
ދެހާސް ނަވާރަ ވަނަ އަހަރުގެ ތެރޭގައި ވިހާފައި ތުއްތު ކުއްޖަކު މަރާލި މައްސަލައިގައި ދައުލަތުން ދައުވާ ކުރީ ތިން މީހެއްގެ މައްޗަށެވެ.
އެއީ އާއިޝަތު ޝާއިރާ، އދ. މާމިގިލި ގްރީންލައިޓް، މުހައްމަދު އިމްތިޔާޒް ސޯސަންވިލާ، ތ. މަޑިފުށި އަދި މޫސާ އަހްސަމް ހއ. ފިއްލަދޫ ޝެޑޯއެވެ.
މި ތިން މީހުންގެ ތެރެއިން، މޫސާ އަހްސަމްގެ މައްޗަށް އެނގިހުރެ މީހަކު މެރުގެ ދައުވާ ކުރިއިރު، ޝާއިރާ އަދި އިމްތިޔާޒުގެ މައްޗަށް އުފުލީ، އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާއެވެ. އަދި މީގެ އިތުރުން، ކުޑަކުއްޖަކާމެދު ޖިންސީ އަމަލު ހިންގާކަން އެނގިހުރެ އެކަން ރިޕޯޓު ނުކުރުމުގެ ދައުވާ ވެސް ޝާއިރާގެ މައްޗަށް އުފުލިއެވެ.
މި ހުރިހާ ދައުވާއެއް ވެސް އެ ތިން މީހުންގެ މައްޗަށް ސާބިތުވިއެވެ. އެނގިފައިވާ ގޮތުގައި މި މައްސަލަތައް ސާބިތުވީ އެ މީހުންގެ އިއުތިރާފުންނެވެ.
މި ކޭސްގައި ހިމެނޭ ޝާއިރާއަކީ މި ކޭސްގައި މަރާލި ތުއްތު ކުއްޖާގެ މާމައެވެ. އޭނާގެ މައްޗަށް މި މައްސަލައާ ގުޅިގެން ދައުލަތުން ދެ ދައުވާއެއް އުފުލިއެވެ. އެއީ، ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލެއް ހިންގާކަން އެނގިހުރެ އެކަން ރިޕޯޓުނުކުރުމުގެ ކުށުގެ ދައުވާއާއި އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.
ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލެއް ހިންގާކަން އެނގިހުރެ އެކަން ރިޕޯޓުނުކުރުމުގެ ކުށް ސާބިތުވެ، ޝާޢިރާގެ މައްޗަށް އިއްވާފައި ވަނީ އެންމެ ހަ މަސް ދުވަހުގެ ޖަލު ހުކުމެވެ.
ޖިންސީ އަމަލެއް ހިންގާކަން އެނގިހުރެ ރިޕޯޓްކޮށްފައި ނުވަނީ އޭނާގެ 18 އަހަރުން ދަށުގެ އަންހެން ދަރިއަށް، މި ކޭސްގައި ހިމެނޭ މޫސާ އަހްސަމް ޖިންސީ ގޯނާ ކުރުމުންނެވެ.
"ސަން" އަށް އިތުބާރު ހުރި މަސްދަރުތަކުން އެނގޭ ގޮތުގައި ޝާއިރާގެ 18 އަހަރުން ދަށުގެ އަންހެން ދަރި ވިހޭ ކުއްޖާއަކީ ކައިވެނީގެ ބޭރުން އަހްސަމްއަށް ލިބުނު ކުއްޖެކެވެ.
މި ކޭސްގައި ޝާއިރާގެ މައްޗަށް އުފުލާފައިވާ ދެވަނަ ދައުވާ ކަމަށްވާ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ސާބިތުވެ ޝާއިރާގެ މައްޗަށް އިއްވާފައި ވަނީ ދެ އަހަރާއި ހަ މަސް ދުވަހުގެ ޖަލު ހުކުމެކެވެ.
ކައިވެނީގެ ބޭރުން 18 އަހަރުން ދަށުގެ ކުއްޖަކަށް ލިބުނު ތުއްތު ކުއްޖާ މަރާލި މައްސަލައިގައި އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ މޫސާ އަހްސަމްގެ މައްޗަށް ސާބިތުވެ، އިއްވާފައި ވަނީ ފަސް އަހަރުގެ ޖަލު ހުކުމެކެވެ. އޭގެންވެސް ތަންފީޒު ކުރަން ޖެހެނީ މިހާރު އެންމެ ތިން އަހަރާއި ހަތް މަސް ދުވަހެވެ. އެއީ، އޭނާ މި ކޭސްއާ ގުޅިގެން ބަންދުގައި ހުރި މުއްދަތު އުނިކުރުމުން ދެން ބާކީ އޮތް ދުވަހެވެ.
މި މައްސަލައިގައި ދައުލަތުން ދައުވާ އުފުލި ތިންވަނަ މީހަކީ ޝާއިރާގެ ލޯބިވެރިޔާ، މުޙައްމަދު އިމްތިޔާޒްއެވެ. އިމްތިޔާޒުގެ މައްޗަށް އުފުލާފައި ވަނީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ. މި ދައުވާ ސާބިތުވެ، އޭނާގެ މައްޗަށް ވެސް އިއްވާފައި ވަނީ ދެ އަހަރާއި ހަ މަހުގެ ޖަލު ހުކުމެކެވެ.