ނޭމާއަކީ ގައުމީ ޓީމުގައި ހުރި ދުނިޔޭގެ ފުރަތަމަ "ވޯކް ފްރޮމް ހޯމް" ނުވަތަ ގޭގައި ހުރެގެން މަސައްކަތްކުރާ ކުޅުންތެރިޔާގެ ގޮތުގައި ބްރެޒިލްގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑާ ސިލްވާ ސިފަކުރައްވައިފިއެވެ.
ބްރެޒިލްގައި ބޭއްވި ހަފްލާއެއްގައި ވާހަކަދައްކަވަމުން ލޫލާ ވަނީ ނޭމާއަށް ލިބިފައިވާ އަނިޔާގެ ސަބަބުން ވޯލްޑް ކަޕްގައި ނުކުޅެ ހުރުމުން އެކަމަށް މަޖާޒީ ގޮތަކަށް ފާޑުވިދާޅުވެފައެވެ.
މި ހަފްލާގެ ތެރެއިން ކުޑަކުއްޖަކާ ސުވާލުކުރައްވަމުން ގައުމީ ޓީމުގެ އެންމެ މޮޅު ކުޅުންތެރިއަކީ ކާކުތޯ އެހުމުން، އެ ކުއްޖާ, ނޭމާއޭ ބުނުމާއެކު ރައީސް ލޫލާ ހިނިއައެވެ. އޭގެފަހުން ވިދާޅުވީ، ނޭމާ މިހާރު ކުޅެންވެސް ނުދާ ކަމަށާއި އޭނާއަކީ ގޭގައި ހުރެގެން އޮފީސް މަސައްކަތްކުރާ ފަދަ މީހެއް ކަމަށެވެ.
އަދި މިއީ އިންޓަނެޓުން ފެނުނު މަޖާ ޖޯކެއްކަން ފާހަގަކުރައްވައި، މިއަދު ނޫނީ މާދަމާ އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން 11 ޕެލޭ ހިމެނޭ ޓީމެއް ނެރެންޖެހިދާނެ ކަމަށްވެސް ރައީސް މަޖާޒީގޮތެއްގައި ވިދާޅުވިއެވެ.
މިހާރު ކުރިއަށްދާ 2026 ގެ ފީފާ ވޯލްޑް ކަޕްގައި 34 އަހަރުގެ ނޭމާ އަދި އެއްވެސް މެޗެއް ކުޅެފައެއް ނުވެއެވެ. އޭނާ ހުރީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައެވެ.
އޭނާއަށް ބްރެޒިލް ކުޅުނު ފުރަތަމަ ދެ މެޗު ގެއްލިފައިވާއިރު، ބްރެޒިލް މޮރޮކޯއާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރުވިއިރު، ހައިޓީ އަތުން ބްރެޒިލް ވަނީ 3-0 އިން މޮޅުވެފައެވެ.
ނޭމާ ހައިޓީ މެޗަށް ޓީމާއެކު ފިލަޑެލްފިއާއަށް ދަތުރުނުކޮށް މަޑުކުރީ ނިއު ޖާޒީގައި ހުރި ބްރެޒިލްގެ ބޭސްގައެވެ. އެއީ އަންނަ ބުދަ ދުވަހު ސްކޮޓްލޭންޑާ ދެކޮޅަށް ކުޅޭ ގްރޫޕްގެ ފަހު މެޗަށް ފިޓްވުމަށްޓަކައި ވަކިން ޚާއްސަ ތަމްރީނުތަކެއް ފުރިހަމަ ކުރުމަށެވެ.
ބްރެޒިލްގެ ކޯޗު ކާލޯ އަންޗެލޮއްޓީ ބުނިގޮތުގައި ސްކޮޓްލޭންޑް މެޗުގެ ކުރިން ނޭމާ އަލުން ޓީމާ ގުޅޭނެއެވެ.
ނަމަވެސް އެ މެޗުގައި އޭނާއަށް ކުޅެވޭނެކަމުގެ ޔަގީންކަމެއް އަދި ނެތެވެ. ނޭމާ މިހާރު ދަނީ އޭނާގެ ރިކަވަރީ އަވަސްކުރުމަށްޓަކައި ދުވާލަކު ދެ ފަހަރު ތަމްރީނުތައް ހަދަމުންނެވެ.
އަންޗެލޮއްޓީ ނޭމާގެ ފިޓްނަސް ހުރިގޮތް ބަލާނީ ހޯމަ އަދި އަންގާރަ ދުވަހުގެ ޕްރެކްޓިސް ސެޝަންތަކަށްފަހުގައެވެ. އެހެންކަމުން ސްކޮޓްލޭންޑް މެޗުން ނޭމާ ފެނިދާނެތޯ ނިންމާނީ އެ ސެޝަންތަކުގެ ނަތީޖާއަށް ބެލުމަށްފަހުގައެވެ.