ދިވެހީންނަށް ރައްޔިތުންގެ ވެރިއަކު އަދި ނުލިބެއެވެ.

ސިޔާސީ އެއްވުމުގެ ތެރެއިން: -- ސަން ފޮޓޯ/ އަހްމަދު ފިރްޔަލް

ދިވެހިރާއްޖޭގައި އަމަލުކުރަމުންދާ ޒަމާނީ ޑިމޮކްރަސީގެ ނިޒާމު، އޭގެ އަސްލު މަފްހޫމާ ޚިލާފަށް ހިނގަމުންދާކަން މައިގަނޑު ގޮތެއްގައި މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ. ވޭތުވެދިޔަ ހުރިހާ ރިޔާސީ ދައުރުތަކެއްގައިވެސް، ވެރިން އަމަލުކުރައްވާފައިވަނީ މުޅި ގައުމުގެ ރައްޔިތުންގެ ލާބަޔާއި މަންފާއަށްވުރެ ބޮޑަށް، އެ ބޭފުޅުން ނިސްބަތްވެވަޑައިގަންނަވާ ސިޔާސީ ޕާޓީއާއި ޕާޓީގެ މެންބަރުންނަށް ފައިދާވާ ގޮތަށެވެ. ދައުލަތުގެ ވަޒީފާތަކާއި ފައިސާއާއި ވަސީލަތްތައް ނާއިންސާފުން ބޭނުންކުރުމުގެ ސަބަބުން، ހަގީގީ މާނައިގައި މުޅި ގައުމު ތަމްސީލުކުރާ ރައްޔިތުންގެ ވެރިއަކު ދިވެހިންނަށް އަދި ލިބިފައިނުވާކަން ކަށަވަރުވެއެވެ.

  • ދައުލަތުގެ ވަސީލަތްތަކާއި ޓެކްސް ފައިސާ، ސިޔާސީ ޕާޓީތަކުގެ ކުރިއެރުމަށާއި ކެމްޕޭންތަކަށް ނުހައްގުން ބޭނުންކުރުން ހުއްޓުވުމަށް ފިޔަވަޅު އެޅުން.
  • ސަރުކާރުގެ ކުންފުނިތަކާއި މުއައްސަސާތަކުން ވަޒީފާއާއި މަޝްރޫއުތައް ދިނުމުގައި ޕާޓީގެ މެންބަރުންނަށް އިސްކަންދިނުމުގެ ބަދަލުގައި ހަމަހަމަކަން ގާއިމުކުރުން.
  • އިންތިޚާބުތަކާ ދިމާކޮށް ސިޔާސީ މަންފާއަށްޓަކައި ދައުލަތުގެ ބިންތަކާއި މާލިއްޔަތު ބަހަމުންދާ ދިއުން ހުއްޓުވުމަށް ހަރުދަނާ އުސޫލުތަކެއް ކަނޑައެޅުން.
  • ގައުމުގެ ރައީސަކީ ވަކި ސިޔާސީ ފިކުރަކަށް ތަފާތުކުރުމެއްނެތި، ހުރިހާ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށްދޭ ފަރާތެއްކަން ކަށަވަރުކުރުން.
  • ރާއްޖޭގެ ޑިމޮކްރަސީގައި "ރައްޔިތުންގެ ވެރިކަމެއް" ހިންގުމުގެ ބަދަލުގައި އިސްކުރެވެނީ ޕާޓީތަކުގެ މަސްލަހަތެވެ.
  • ވޭތުވެދިޔަ ހުރިހާ ސަރުކާރުތަކުންވެސް ވަނީ ދައުލަތުގެ މުދަލާއި ވަސީލަތްތައް ޕާޓީގެ މެންބަރުންނަށް ބަހާފައެވެ.
  • ހަގީގީ ޑިމޮކްރަސީއެއް ގާއިމުކުރުމަށްޓަކައި ސިޔާސީ ތަފާތުކުރުންތައް ނައްތާލައި ހަމަހަމަކަމާއެކު ވެރިކަންކުރުން މުހިންމެވެ.

މަތީގައިވާ ސުރުޚީގައި އަޅުގަނޑު ނިންމާފައިވާ ނިންމުމާ މެދު އިއުތިރާޒުކުރާނެ މީހުން މި ގައުމުގައި ތިބޭނެއެވެ. އަދި އަޅުގަނޑެކޭ އެއްފަދައިން، އެ ބުނުމުގައި ނިންމާފައިވާ ނިންމުމާ މެދު، ރުހި ގަބޫލުވެ އެއްބަސްވާ މީހުން ވެސް މި ގައުމުގައި ތިބޭނެއެވެ. އެއީ ދުނިޔޭގެ ފިތުރަތުގެ އުސޫލެވެ. ކަން ހިނގާ މަގެވެ. އެކަމާ ދެބަސްވާކަށް ނެތީމެވެ. އެހެންނަމަވެސް، ދިވެހި ރާއްޖޭގައި ޒަމާނީ ޑިމޮކްރަސީއެއް ފައްކާވަމުން އަންނަ ކަމަށް ބަޔަކު ވަކާލާތުކުރަމުން ދާއިރު، ރާއްޖޭގެ ސިޔާސީ ފީތާ ނިއުޅައިލީމާ އެއިން ސިޔާސީ މަންޒަރުތައް ކުލަކޮށް ފެންނަނީ، "ޒަމާނީ ޑިމޮކުރަސީ" މާނަކޮށްދީފައިވާ ގޮތާއި އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ "ޑިމޮކުރަސީ"ގައި ކަންހިނގާ ގޮތާ ތަފާތުތަކެއް ހުރި ކަމެވެ.

ދުނިޔެ މިހާރު މި ދެކޭ ޒަމާނީ ޑިމޮކުރަސީގެ ތައާރަފެއް އެންމެ ފުރަތަމަ މާނަކޮށްދެއްވިކަމަށް ލިޔުންތަކުން ފެންނާން އޮތީ އެމެރިކާގެ ރައީސް އަބްރަހަމް ލިންކަން ކަމަށެވެ. އެއީ 19 ނޮވެންބަރު 1863ގައި ގެޓިސްބާގުގައި ދެއްވި ވަރަށް މަޝްހޫރު ތަގުރީރެއްގައެވެ. އެ ތައާރަފަކީ، "government of the people, by the people, and for the people" އެވެ. ދިވެހި ބަހަށް މި އިބާރާތް ތަރުޖަމާކޮށްލުމުން އަޅުގަނޑަށް ވިސްނެނީ، "ރައްޔިތުންނަށް ޓަކައި، ރައްޔިތުން ހިންގާ، ރައްޔިތުންގެ ވެރިކަމެވެ." މި ގޮތަށެވެ.

ކޮންމެއަކަސް އިސްވެ ދެންނެވި އިބާރާތާ މެދު ފުންކޮށް ވިސްނައިލަމާ ހިނގާށެވެ. އަޅުގަނޑުމެންގެ ރާއްޖޭގައި ޑިމޮކްރަސީގެ ނަމުގައި ވޭތުވެދިޔަ 25 ވަރަކަށް އަހަރުގައި ކުރަމުން މިދާ ވެރިކަންތަކުގައި، އަބަރަހަމް ލިންކަން އެ ވިދާޅުވާ 3 ސިފަ ހަމަވޭތޯ ބަލަމާ ހިންގަވާށެވެ. މިތާ ކުރަނީ ރައްޔިތުންގެ ވެރިކަމެއް ހެއްޔެވެ؟ މިތާ ވެރިކަން ކުރަނީ ރައްޔިތުންނަށް ޓަކައި ހެއްޔެވެ؟ މިތާ ވެރިކަން ކުރަނީ، ރައްޔިތުން ހެއްޔެވެ؟

ދިވެހިރާއްޖެއަށް ޕާޓީ ސިސްޓަމް ތައާރަފުވެ، ޕާޓީން ކެންޑިޑޭޓުން ނެރެ، ދުނިޔޭގެ ޑިމޮކުރަސީތަކުގައި ވެރިކަމަށް ވާދަކުރާ ބީދައިން ވާދަކޮށްގެން، ދިވެހިރޭޖޭގައި އުފެދުނު ޑިމޮކްރަސީގެ ފުރަތަމަ ވެރިކަމުގައި ކަންތައްތައް ހިނގާ ދިޔައީ އަބްރަހަމް ލިންކަން އެ ވިދާޅުވާ ފަދަ ޑިމޮކުރަސީއެއްގައި ކަން ހިނގާން އޮންނަ ގޮތަށް ހެއްޔެވެ؟ އެއީ ރައްޔިތުންނަށް ޓަކައި ކޮށްދިން ވެރިކަމެއް ހެއްޔެވެ؟ ފެނުނު މަންޒަރުތަކާއި އިވުނު އަޑުތަކަށް ވިސްނާއިރު، އެއީ ރާއްޖޭގެ "ހުރިހާ" ރައްޔިތުންނަށް ކޮށްދިން ވެރިކަމެކޭ ދެންނެވޭނެ ހެއްޔެވެ؟

ދިވެހިރާއްޖޭގެ ޑިމޮކުރަސީގެ ފުރަތަމަ ވެރިއަކީ އިހު އޮތް ވެރިންގެ ކިބައިން ދިވެހީން ދެކެމުން އައި، ވެރިކަމުގެ ބޮޑުކަމާއި އަބުއިކަމާއި މަވަންތަކަމާއި ބޮޑާކަން ފިލުވާލަދެއްވި ވެރިއެކެވެ. އެ ވެރިއަކީ، ރައްޔިތުންގެ ތެރެއިން ވަރަށް ނިކަމެތި ރައްޔިތުންގެ ގެތަކަށާއި ބަދިގެތަކަށާއި ގޯތިތަކަށް ޒިޔާރަތްކޮށް ހެއްދެވި ވެރިއެކެވެ. ވަރަށް އާދައިގެ ގޮތްތަކެއް އިޚްތިޔާރުކުރެއްވި ވެރިއެކެވެ. ރައްޔިތުންނާ ވަރަށް ގާތަށް ވަޑައިގެން އެއް އުނދޯލީގައާއި އެއް ޖޯލީގައި އިށީނދެ ވަޑައިގެންނެވި ވެރިއެކެވެ. އޭރުގެ ރައީސްގެ މިޒާޖުފުޅު އަޅުގަނޑުމެންނަށް ތަޖުރިބާކުރެވެމުން ދިޔައީ ރައްޔިތުންގެ ވެރިއެއްގެ ގޮތުގައެވެ. އެކަމަށް ޓަކައި ހިތުގައި އޮތް ލޯބި މި ލިޔުމުގައި ވެސް ތަކުރާރުކޮށްލަމެވެ. ހިތުގެ ފުންމިނުން ލޯތްބާއެކު ޝުކުރިއްޔާއެވެ. އެހެނަސް ......! ފައިސާފޮތީގެ އަނެއް ފުށް ވެސް ބަލައިލަމާހެއްޔެވެ؟

އަމިއްލަ ޕާޓީގެ މީހުން ކަންކަމުގައި އެދުނީމާ އެ ކަންތައްތައް ފަސޭހައިން ކޮއްދެއްވާނެ ކަމަށާއި ކަނާތުން ކުރާ ކަންތައްތައް ވާތަށް ވެސް އަންގައިނުލާނެ ކަމަށް ވިދާޅުވި އަޑު އެހީމު ނޫން ހެއްޔެވެ؟ އެ މަންޒަރު ދުށީމު ނޫން ހެއްޔެވެ؟ މިއީ، ރައްޔިތުންނަށް ޓަކައި ރައްޔިތުންގެ ފަރާތުން ކޮށްދެވޭ ރައްޔިތުންގެ ވެރިކަމެއްގައި އަޑު އިވުން މުނާސަބު އިބާރާތެއް ނޫނެއް ނޫން ހެއްޔެވެ؟

ޕީއެންސީން ކައުންސިލް އިންތިޚާބުގެ ކެމްޕޭން ނިންމުމަށް ބޭއްވި ހިނގާލުން -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

އަމިއްލަ ވެރިކަމުގައި ވެސް، ރައްޔިތުންގެ ރައީސަކަށް ހުންނަވައި، އިސްތަށިފުޅުގައި ފޮތި ބަންނަވައި ރީނދޫ ގަމީހާއި ރީނދޫ ޓީޝާޓު ތުރުކުރައްވައިގެން މާލޭގެ މަގުތަކަށް ނުކުންނަވައި މުޒާހަރަތައް ވަރުގަދައަށް ކުރިއަށް ގެންދެވިއެވެ. މާލޭގެ މަގުތައް ހަލަބޮލިކޮށް އާންމު ވިޔަފާރިތަކަށް އުނދަގޫ ވާ ވަރަށް މުޒާހަރާތައް ރޭއްވެވުމުގައި އެންމެ އިސްކޮށް ހުންނެވީ ދިވެހި ގައުމުގެ އެންމެންގެ ރައީސެވެ. އަމިއްލަ ޕާޓީގެ ކަންކަން ކުރިއަރުވައި، ޕާޓީ ކުދީން ގޮވައިގެން އެ މީހުންގެ މަންފާއަށް ވެރިކަމެއް ކުރެއްވި ތަން އަޅުގަނޑުމެންނަށް ނުފެނޭ ހެއްޔެވެ؟ އެ ޕާޓީގައި ނޫޅޭ މީހުންގެ ވަޒީފާތައް ގެއްލުވައިލައި މަގާމުތައް އުވައިލެއްވިތަން ވެސް ފެނުނު ނޫންހެއްޔެވެ؟ އަމިއްލަ ޕާޓީއާ ޚިޔާލު ތަފާތުވާ މީހުން ވަޒީފާތަކުން ވަކިކުރި ޝަކުވާތަކުގެ އަޑުތައް ވެސް އަޑުގަނޑުމެން އަޑު އެހީމު ނޫން ހެއްޔެވެ؟ މިއީ ޑިމޮކުރަސީގެ ވެރިކަމެއްގައި ފެނުމަށް ރައްޔިތުން އެދޭނޭ ސިފަތަކެއް ނޫނެވެ.

ފުރަތަމަ ރައީސްގެ ފަސް އަހަރުގެ ދައުރު ހަމަ ނުވަނީސް، ވެރިކަން ނިމިފައި ވަނީ ގިނަ ބަޔަކު ހީކުރި ގޮތަކަށް ނޫނެވެ. ފަސް އަހަރުގެ ދައުރެއްގެ ތެރޭގައި ދެ ރައީސުން ފެނުނެވެ.

ފަސް އަހަރަށް ފަހު ދެން ދިވެހިރާއްޖޭގެ ޑިމޮކުރަސީގެ 3ވަނަ ރައީސް އަޅުގަނޑުމެންނަށް ފެނުނީ ކުރިން ފެނުނު 2 ރައީސުންނާ ވެސް ތަފާތުކޮށެވެ. ކޮންމެ ކޮންމެ ގޮތެއް ވަރިހަމަ ނުވެފައި ރައްޔިތުންނާ ތަންކޮޅެއް ބީރައްޓެހިކަމެއް ގެންގުޅުއްވި ބޭފުޅެއްގެ ގޮތުގައެވެ. އެހެނަސް، ގައުމު އިގުތިސާދީ ގޮތުން ވެއްޓިފައިވާ އަނދަވަޅުން އަރައިގަތުމަށް ޓަކައި ގައުމަށް ފައިސާ ވައްދައިދިނުމުގެ ދޮރާށިތައް ހުޅުވައިލަ ދެއްވިއެވެ. ރައްޔިތުން ބޭނުންވާ މައްސަލަތަކަށް ފޯކަސްކުރެއްވިއެވެ. ސަރުކާރުން ކުރާން ބޭނުންވާ ކަމެއް ނުކުރެވޭނެ ގޮތަކަށް ކަމެއް ކުރިމަތިކުރުވާނަމަ އެ ހުރަހެއް ނައްތަވައިލެއްވިއެވެ. ގައުމަށް ހީނުކުރާ ފަދަ ބޮޑެތި ބަދަލުތައް ގެނެސް ދެއްވިއެވެ. ގަބޫލުކުރާން ދަތި، ބިޔަ އެތައް މަޝްރޫއެއް ނިންމަވައި ދެއްވައި އަދި އާ މަޝްރޫއުތައް ފައްޓަވައި ވެސް ދެއްވިއެވެ. އެހެނަސް ....!

މި ދެންނެވި ފަސް އަހަރުގެ ވެރިކަމަކީ، ޑިމޮކުރަސީގެ ތައާރަފުގައި އޮންނަ، ރައްޔިތުންގެ ފަރާތުން ހިންގާ ވެރިކަމަކަށް ވުރެ ބޮޑަށް، ރައްޔިތުންނާ ބީރައްޓެހި ވެރިކަމަކަށް ވިއެވެ. ރައީސްގެ މިޒާޖުފުޅު ފެނުނީ ކުރީން ރައްޔިތުންނާ ގާތުން ފެނުނު ރައީސާ ޚިލާފަށް ތަންކޮޅެއް ދުރުންނެވެ. ބީރައްޓެހިކޮށެވެ. ސަރުކާރުގެ ކުންފުނިތަކުގެ މަސައްކަތްތައް ބާރު މިނުގައި ހިނގަމުން ދިޔަ ނަމަވެސް، ޑިމޮކުރަސީއެއްގެ ވެރިކަމުގައި ހުންނާނެ ކަމަށް އަބްރަހަމް ލިންކަން ވިދާޅުވި ހަމަތަކާ ޚިލާފަށް ކުނފުނިތައް ބޭނުންކުރެވުނީ ޕާޓީ ކުދީންގެ ކުރިއެރުމަށެވެ. އަމިއްލަ ޕާޓީގެ ހަރަކާތްތައް ހިންގުމަށް ކުންފުނިތަކުގެ މާލީ ނިޒާމުގެ ތެރެއަށް ޕާޓީ ކުދީންނަށް ވަދެވޭ ގޮތް ވިއެވެ. އެހެންކަމުން، އެ ގޮތަށް މި ގައުމަށް މެދުވެރި މި ވަނީ، ދިވެހީންނަށް ރައްޔިތުންގެ ވެރިއަކު ނުލިބޭތީއެވެ. ޕާޓީގެ ވެރިން ލިބޭތީއެވެ.

އަނެއްކާ ވެސް ދިވެހި ގައުމަށް އައީ އެތައް ބަޔަކު ގުޅިގެން ގެނެވުނު ވެރިކަމެކެވެ. "ކޯލިޝަން" ވެރިކަމެކެވެ. ކޯލިޝަން ހައްދަވައިގެން ވެރިކަމަށް ވަޑައިގަތަސް ފަސޭހަކަމާއެކު ކޯލިޝަން ރޫޅައިލައްވައި އަމިއްލަ ޕާޓީގެ ކަންކަން އިސްކުރެއްވި 10 އަހަރު ނިމިދިޔައެވެ. އޭރު ބޮޑަށް އިސްކަން ދެއްވައިފައިވަނީ، ވެރިއަކަށް ހުންނެވި ބޭފުޅާ ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީ ކުރިއެރުވުމަށެވެ. 4ވަނަ އަށް ވަޑައިގެންނެވި ބޭފުޅާ އުފެއްދެވި ކޯލިޝަން 5 އަހަރު ނިމުނު އިރު ވެސް ދެމެހެއްޓެވިއެވެ. އެހެންނަމަވެސް ....! މި ވެރިކަމުގައި ވެސް ހުރިހާ ކަމެއް ކުރަމުން ދިޔައީ ގައުމުގެ ރައްޔިތުންނަށް އިސްކަން ދީގެނެއް ނޫނެވެ.

ދުނިޔޭގައި ވެސް ބިމުގެ އަގު ނިސްބަތުން އެންމެ ބޮޑު ތަނަކަށް ވާނެކަމަށް ލަފާކުރެވެނީ، ހުޅުމާލެއެވެ. އެކަމަކު ހުޅުމާލޭގެ ބިންތައް އަމިއްލަ ޕާޓީ ކުދީންނަށް އިސްކަންދެއްވައި، ބައްސަވައިލެއްވި ވާހަކައަކީ ނޫސްތަކުގައި ފަލަ ސުރުޚީން ފާހަގަކޮށްފައި ހުރި ކަންތައްތަކެވެ. ރައްޔިތުންގެ ރައީސަކަށް ހުންނަވައިގެން ބައި އިލެކްޝަނެއްގައި އަމިއްލަ ޕާޓީ ކެންޑިޑޭޓު ހޮއްވެވުމަށް ޓަކައި މުޅި ސަރުކާރާއި ދައުލަތް އެއް ތިލަފަތަށް އަޅުއްވައިގެން ށ އަތޮޅު ކޮމަންޑޫގައި ޖެއްސެވި ސަކަރާތަކީ ޑިމޮކުރަސީގައި ރައީސްގެ އަމަލުފުޅުތައް ބަހައްޓަވަން އެންމެ ރަނގަޅު ގޮތް ހެއްޔެވެ؟ އަރުވާ ޖައްސަވައި އަމިއްލަ ޕާޓީއަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކާއި ރައްޔިތުންގެ ކުންފުނިތަކުގެ މާލީ ތިޖޫރި އަމިއްލަ ޕާޓީއަށް ޓަކައި ހުސްކޮށްލެއްވި ކަން އެއީ ފެންނާން އޮތް ހަގީގަތެކެވެ. ދައުލަތާއި ދައުލަތުގެ ހުރިހާ މުއައްސަސާތަކެއްގެ ފައިސާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ޚަރަދުކުރެއްވުމުގެ ބަދަލުގައި ޕާޓީ ކުދީން ގިނަ ރަށަށާއި ޕާޓީ ކުދީންނަށް ޚަރަދުކުރުމަކީ ޑިމޮކުރަސީގެ ރީތި އުސޫލާ ޚިލާފު އަމަލެއް ނޫން ހެއްޔެވެ؟ އެހެން އެ ވީ ގައުމު ހިންގުމަށް ޕާޓީ ވެރީން އިންތިޚާބުވެފައި، ގައުމު ހިންގުމަށް "ރައްޔިތުންގެ ވެރިއެއް" އިންތިޚާބު ނުކުރެވުނީމައެވެ.

ކުރީގެ ރައީސް މުޚައްމަދު ނަޝީދު އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ފަހު އުފާފާޅު ކުރައްވަނީ: -- ސަން ފޮޓޯ: ޝާތިއު އަބްދުالله

ދެން އޮތީ މިހާރު މި ދެކޭ ވެރިކަމެވެ. ކުރީން ނިމި ދިޔަ ހުރިހާ ވެރިކަމަކަށް ވުރެ މިހާރު މި ދެކޭ ވެރިކަމުގައި ފެންނަނީ ދިވެހި ރައްޔިތުންނަށް އިސްކަން ދެއްވުމުގެ ބަދަލުގައި އަމިއްލަ ޕާޓީއަށް އިސްކަން ދެއްވާ މަންޒަރެވެ. ރައްޔިތުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރެއްވުމަށް އައްޔަނުކުރެއްވި ވަޒީރުން އުޅުއްވަން ޖެހިވަޑައިގަންނަވަނީ، ޕާޓީގެ ކަންކަމާއެވެ. ނޫސްތަކުގެ ފަލަ ސުރުޚީތަކުން ފެންނަނީ "ރައްޔިތުންގެ" މުއައްސަސާތަކުގައި ރައްޔިތުންގެ މުއައްޒަފުން ގޮވައިގެން ޕާޓީއަށް މެންބަރުން އިތުރުކުރެއްވުމަށް ޓަކައި ރައްޔިތުންގެ ޒާތީ މައުލޫމާތުތައް ނަންގަވައިގެން މަސައްކަތްކުރައްވާ މަންޒަރެވެ.

ހާމަކަމާއެކު ފެންނަނީ ވެރިކަމަށް ވަޑައިގެންނެވުމާއެކު، ކުރިމަތިވެ ވަޑައިގެންނެވި ކޮންމެ އިންތިޚާބެއްގައި ޕާޓީއަށް ކާމިޔާބު ހޯއްދެވުމަށް ޓަކައި ދިވެހި ހުރިހާ ރައްޔިތުންގެ ޓެކުސް ފައިސާ ވަކި ބަޔަކަށް ޚަރަދުކުރައްވާ މަންޒަރެވެ. ޕާޓީ މީހާ ބޭނުންވާ މިންވަރަކަށް ޕާޓީ ކުދީންނަށް ވަޒީފާ ދެއްވައި އެންމެންގެ ފައިސާ ޕާޓީއަށް ހުސްކުރައްވާ މަންޒަރެވެ. ރައްޔިތުންނަށް ޓަކައި ކުރާ ވެރިކަމެއްގައި ރައްޔިތުންނަށް އިސްކަން ދިނުމަށް ވުރެ ބޮޑަށް ޕާޓީއަށް އިސްކަންދެއްވައިފައިވާ މަންޒަރެވެ. ކައުންސިލު އިންތިޚާބު ޕާޓީއަށް ހޯއްދަވައި ދެއްވުމަށް ރައީސާއި ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހަގީގީ ވަޒީފާ ހުއްޓަވައިލެއްވުމަށް ފަހު މަގުމަތީގައި އުޅުއްވި މަންޒަރުތައް އެހެރީ ކެމެރާތަކުގައި ރައްކާކުރެވިފައެވެ.

މަޖިލީހުގެ ބައި އިލެކުޝަނެއް ކުރިމަތިވި ދަނޑިވަޅުގައި ހަމަ ކުރީ ސަރުކާރުން ކަންތައްތައް ކުރެއްވި ގޮތަށް، އުދުއްސައިގަންނާނެ ދޫންޏެއް ނެރެ ދައްކައިގެން އެންމެންގެ ޓެކުސް ފައިސާ ވަކި ތަނަކަށް އަޅައި ހުސްކުރެއްވި މަންޒަރު ވެސް ފެނުނެވެ. އާބާދީގެ ގޮތުން ހާހެއް ހާ މީހުން ހަމަވާ ކުދިކުދި ރަށްރަށުގެ ކައުންސިލު ގޮޑި ލިބުނީމާ ވެސް، ރައްޔިތު އެންމެންގެ ފައިސާ، އަމިއްލަ ޕާޓީގެ ކާމިޔާބަށް ޓަކައި ހަވަޔަށް އަރުވާލި މަންޒަރު ވެސް ފެނިއްޖެއެވެ. ހަމަހަމަ ކަމެއް ނެތި، ރޭވުންތެރިކަމެއް ނެތި ވަކި ފަޅިއަކަށް ބުރަވެ، ރައްޔިތުންގެ ޓެކުސް ފައިސާ ނާއިންސާފުން ހުސްކުރަމުން ދިއުމަކީ ޑިމޮކުރަސީގައި އެ ވިދާޅުވާ ވެރިކަމުގެ 3 ސިފައިގެ ތެރެއިން އެއްވެސް ސިފައަކަށް ފެތޭ ގޮތެއް ނޫނެއް ނޫން ހެއްޔެވެ؟
ސަރުކާރުގެ ފަރާތުން ހިންގާ ޕްރޮޖެކުޓުތައް "ބައި ކުދީންނަށާއި ބަޔަށް ވަންނާނެ ކުދީންނަށް" ބައްސަވައިލެއްވި މަންޒަރު ރޯމާ ދުވާލު އަޅުގަނޑުމެން ދުށީމުއެވެ. މިއީ އެ ވިދާޅުވާ ޑިމޮކްރަސީގައި ކަންކުރާ ގޮތްކަމުގައި ވަނީ ނަމަ، މި ޑިމޮކުރަސީއެއް ބޭނުމެއް ނޫނެވެ. ޔަގީނުން ވެސް އަބްރަހަމް ލިންކަން އެ ވިދާޅުވަނީ މި ފަދަ ޑިމޮކުރަސީއެއްގެ ވާހަކައެއް ނޫނެވެ.

ދިގުކުރާން ލިޔާނެކަމެއް ނެތެވެ. ރައްޔިތުންގެ ވެރިއަކު ކަންކުރަން ވާނީ، ގައުމުގެ ހުރިހާ ރައްޔިތުންގެ މަންފާއަށެވެ. ފައިދާއަށެވެ. ވަކި ޕާޓީއަކުން ވެރިކަމަށް ވަޑައިގެންނެވިއަސް ވެރިކަމަށް ހޮވި ވަޑައިގަތުމާއެކު އޭނާއަކީ ގައުމުގެ ރައީސެވެ. ގައުމުގެ އެންމެންގެ ރައީސެވެ. ތުރުކުރައްވާ ހެދުންކޮޅާއި އަޅުއްވައި ޓައީގެ ކުލަ ވަކި ޕާޓީއަކަށް ނިސްބަތްވުމަކީ ރައްޔިތުންގެ ތެރެއިން ބަޔަކު ނުރުހޭނެ ކަމެކެވެ. ޖަލްސާތަކުގައި ވަކި ބަޔަކަށް މުޚާޠަބުކޮށް، ހަރު އަޑުން އާޑަފުރައްސާރަކުރައްވައި ހައްދަވާ ނަމަ، އެއީ ވަކި ބައެއްގެ ރައީސެކެވެ. މަލާމާތާއި ނިކަމެތިކަން ރައްދުވި މީހުން ދެކޭނީ އެއީ އެ މީހުންގެ ރައީސެއް ނޫންކަމަށެވެ. އެހެންވީމާ، ވޭތުވެ ދިޔަ ތަނުގައި ފެނިފައި ވަނީ، ވަކި ބައެއްގެ ރައީސުންނެވެ. ދިވެހީންނަށް ރައްޔިތުންގެ ރައީސަކު އަދި ނުލިބެއެވެ.
...............................

comment ކޮމެންޓް