އިންސާނުންގެ ދައުރު މަދުކުރުމުން ވައްކަން މަދުވާނެ: ޝުޖާޢު

މެންބަރު ޝުޖާޢު: ވިދާޅުވީ އިންސާނުންގެ ދައުރު މަސައްކަތްތަކުގައި މަދުކުރުމުން ވައްކަންވެސް މަދުވާނެ ކަމަށް -- ފޮޓޯ/ މަޖިލިސް

ސަރުކާރުން މޯލްޑިވްސް 2.0 ނުވަތަ ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލު މަޖިލީހަށް ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ ދައުލަތުގެ ޕްރޮކިއުމަންޓް ފަދަ ނިޒާމުތަކުގައި އިންސާނުންގެ ދައުރު މަދުކޮށް، ކޮރަޕްޝަނާއި ވައްކަން މުޅިން ހުއްޓުވުންކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ. މި ބިލަކީ އީ-ވޯޓިންގ ތަޢާރަފުކުރުމަށް ހުށަހެޅި ބިލެއްކަމަށް އިދިކޮޅު ފަރާތްތަކުން ކުރާ ތުހުމަތުތައް އޭނާ ވަނީ ދޮގުކުރައްވާފައެވެ. ބިލުގެ އަމާޒަކީ ރައްކާތެރި އަދި ދެމެހެއްޓެނިވި ޑިޖިޓަލް ގަވަނަންސް ނިޒާމެއް ގާއިމުކޮށް، "މޯލްޑިވްސް ޑިޖިޓަލް ސާވިސް" ގެ ނަމުގައި އައު އިދާރާއެއް އުފެއްދުމެވެ.

  • ސަރުކާރުން ހުށަހެޅި ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލުގެ އަމާޒަކީ ނިޒާމީ ވައްކަންތައް ހުއްޓުވުމެވެ.
  • ޚިދުމަތްތަކުގައި އިންސާނުންގެ ބައިވެރިވުން މަދުކުރުމުން ކޮރަޕްޝަނަށް އޮންނަ ފުރުސަތު ކުޑަވާނެއެވެ.
  • ބިލުގައި އީ-ވޯޓިންގއާ ގުޅޭ އެއްވެސް ކަމެއް ހިމަނާފައިނުވާކަމަށް ޝުޖާޢު ކަށަވަރުކޮށްދެއްވިއެވެ.
  • ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލްކޮށް ހިންގުމަށް "މޯލްޑިވްސް ޑިޖިޓަލް ސާވިސް" ގެ ނަމުގައި އިދާރާއެއް އުފެއްދުމަށް ވަނީ ކަނޑައަޅާފައެވެ.
  • މި ބަދަލާއެކު ދައުލަތުގެ ހިންގުން އިތުރަށް ހަރުދަނާވެ، އިތުބާރުހިފޭ ނިޒާމެއް ގާއިމުކުރެވޭނެއެވެ.

މި ސަރުކާރުން މޯލްޑިވްސް 2.0 ބިލު ނުވަތަ ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލު ހުށަހަޅައި މަސައްކަތްކުރަން މި އުޅެނީ ނިޒާމުގެ ތެރެއިން ކުރާ ވައްކަންތައް ހުއްޓުވަން ކަމަށާއި، އިންސާނުންގެ ދައުރު މަސައްކަތްތަކުގައި މަދުކުރުމުން ވައްކަންވެސް މަދުވާނެ ކަމަށް، ވެރިކަންކުރާ ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު މިއަދު ވިދާޅުވެއްޖެއެވެ.

ސަރުކާރު ފަރާތުން ގައްދޫ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު ޢަލީ ހުށަހެޅުއްވި ބިލަށް ބަހުސްކުރައްވަމުން ޝުޖާޢު ވަނީ އޭނާގެ ކުރިން ވާހަކަދެއްކެވި ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު ޢަބްދުލްޣަފޫރު މޫސާ (ގަޕޯ)ގެ ވާހަކަތަކަށް ރައްދު ދެއްވައިފައެވެ.

ގަޕޯ ވަނީ މި ބިލް ސަރުކާރުން ހުށަހެޅީ އީވޯޓިންއަށް ގޮސް, ވޯޓް އޮޅުވާލުމަށް ކަމަށް ތުހުމަތު ކުރައްވައިފައެވެ.

އެކަމަށް ރައްދު ދެއްވަމުން ޝުޖާޢު ވިދާޅުވީ ބިލުގެ މަގުސަދުގައި އީވޯޓިންއާ ގުޅޭ ވާހަކައެއް ނެތް ކަމަށެވެ.

"މި ގާނޫނުގެ އެއްވެސް ތަނެއްގައި އީވޯޓިންއާ ގުޅޭ ވާހަކައެއް ނެތް، އިތުރުފުޅު އެ ހައްދަވަނީ،" ޝުޖާޢު ވިދާޅުވިއެވެ.

https://sun.mv/223695

ނިޒާމުގެ ތެރެއިން ވައްކަމެއް ކުރެވޭނެ ދޮރު ބަންދުކުރަންޏާ ވަރަށް އަސަރުކުރާނެ މި ބޭފުޅުންނަށް، ޚާއްސަކޮށް މިފަދަ މުހިއްމު ބިލެއް، ޑިޖިޓަލް ޓްރާންސްފޮމޭޝަން މި ބިލުން މައިގަނޑު ގޮތެއްގައި މި އުޅެނީ ދިވެހިރާއްޖޭގައި ކުރާ ވައްކަންތައް ހުއްޓުވަން،ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު

ހުޅުމާލޭ ދާއިރާގެ ކައުންސިލަރުކަންވެސް ކުރެއްވި ޝުޖާޢު ވިދާޅުވީ، ޑިޖިޓަލް ޓްރާންސްފޮމޭޝަން ނުވަތަ ޚިދުމަތްތައް ޑިޖިޓަލްކުރުމުގެ މަސައްކަތް ފެށުނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރު ކަމަށެވެ.

ޝުޖާޢު ވިދާޅުވީ، މީގެ 10 އަހަރުކުރިން ބޭނުންކުރަމުން އައި ސީޑީއާއި ޕެންޑްރައިވް ފަދަ ބައެއް ވަސީލަތްތައް މިހާރު ނެތެމުންދާ ކަމަށެވެ.

"އިއްޒަތްތެރި ރައީސް، އިންސާނުންގެ ދައުރު މަދުކުރަންޖެހެނީ ޕްރޮކިއުމަންޓް ނިޒާމުގައި، އިންސާނުންގެ ދައުރު މަދުކުރީމާ ވައްކަމުގެ ދައުރު މަދުވެގެން ދާނެ،" އޭނާ ވިދާޅުވިއެވެ.

މި ގާނޫނުގެ ސަބަބުން ކޮރަޕްޝަނާއި ފަސާދަ ރާއްޖޭން ނެތިގެން ދާނެ ކަމަށްވެސް ޝުޖާޢު ވިދާޅުވިއެވެ.

ސަރުކާރު ފަރާތުން ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލު ހުށަހެޅި މަގުސަދު ކަމަށް ބަޔާންކޮށްފައިވަނީ، އިތުބާރުހިފޭ، ސަލާމަތްތެރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލްކޮށް ފޯރުކޮށްދެވޭނެ ޑިޖިޓަލް ގަވަނަންސްގެ ނިޒާމެއް ގާއިމުކުރުމަށާއި، މޯލްޑިވްސް 2.0 ގެ ކަންކަން ވިލަރެސްކުރުމަށްޓަކައި "މޯލްޑިވްސް ޑިޖިޓަލް ސާވިސް"ގެ ނަމުގައި އިދާރާއެއް އުފެއްދުމަށެވެ.

comment ކޮމެންޓް