މާދަމާއަކީ ޢާޝޫރާ، މިއަދަކީ ތާސޫޢާ

މުޙައްރަމު މަހުގެ ދިހަވަނަ ދުވަސްކަމުގައިވާ ޢާޝޫރާ ދުވަހަކީ އިސްލާމީ ތާރީޚުގައި ނުހަނު މުހިންމު އަދި މާތްކަން ބޮޑުވެގެންވާ ދުވަހެކެވެ. މިއީ الله ފިރުޢައުނުގެ އަނިޔާވެރިކަމުން ބަނީ އިސްރާއީލުން ސަލާމަތްކުރައްވައި މޫސާގެފާނަށް ނަޞްރުދެއްވި މަތިވެރި ދުވަހެވެ. މި ކަމުގެ ޝުކުރެއްގެ ގޮތުން މޫސާގެފާނު ރޯދަހިއްޕެވި ސުންނަތާ ގުޅުވައިގެން، މާތް ނަބިއްޔާ محمد ﷺ ވަނީ މި ދުވަހު ރޯދަހިފުމަށް އިސްލާމީ އުންމަތަށް އަމުރުކުރައްވައިފައެވެ. ރަމަޟާންމަހުގެ ރޯދަ ފަރުޟުކުރެއްވުމުގެ ކުރިން ޢާޝޫރާ ދުވަހުގެ ރޯދައަކީ މުސްލިމުންގެ މައްޗަށް ވާޖިބެއްކަމުގައި އޮތްކަމަކަށް ވިޔަސް، ފަހުން ވަނީ އެއީ ގަދަވެގެންވާ ސުންނަތަކަށް ބަދަލުކުރައްވައިފައެވެ. ޢާޝޫރާ ދުވަހުގެ ރޯދައިގެ ޚާއްޞަ ސަވާބެއްގެ ގޮތުގައި ފާއިތުވި އަހަރުގެ ކުދި ފާފަތައް ފުއްސަވައިދެއްވާނެކަމުގެ އުފާވެރި ޚަބަރު ދެއްވައިފައިވެއެވެ. މީގެ އިތުރުން، މި ދުވަހާއެކު މުޙައްރަމު މަހުގެ ނުވަވަނަ ދުވަސް (ތާސޫޢާ ދުވަސް) ގައިވެސް ރޯދަހިފުމަށް އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވައިފައިވެއެވެ.

  • ޢާޝޫރާ ދުވަހަކީ މުޙައްރަމު މަހުގެ 10 ވަނަ ދުވަހެވެ. އަދި ތާސޫޢާ ދުވަހަކީ މުޙައްރަމު މަހުގެ 9 ވަނަ ދުވަހެވެ.
  • ޢާޝޫރާ ދުވަހު ރޯދަހިފުމަކީ ފާއިތުވެދިޔަ އެއް އަހަރުދުވަހުގެ ކުދި ފާފަތައް ފުއްސަވައިދެއްވާނެ މަތިވެރި އަޅުކަމެކެވެ.
  • މި ދުވަސް ޚާއްޞަވެފައިވަނީ، މޫސާގެފާނާއި ބަނީ އިސްރާއީލުން ފިރުޢައުނުގެ އަނިޔާވެރިކަމުން ސަލާމަތްކުރެއްވި ދުވަސްކަމުގައި ވާތީއެވެ.
  • ޢާޝޫރާ ދުވަހުގެ އިތުރުން ތާސޫޢާ ދުވަހު ރޯދަހިފުމަކީ ވެސް ރަސޫލާ محمد ﷺ ބާރުއަޅުއްވައިފައިވާ މުހިންމު ސުންނަތެކެވެ.
  • ހަމައެކަނި ޢާޝޫރާ ދުވަހު (10 ވަނަ ދުވަހު) އެކަނި ރޯދަހިފިކަމުގައި ވިޔަސް، އެ ދުވަހުގެ ފުރިހަމަ ސަވާބާއި ދަރުމަ ލިބޭނެއެވެ.

މާދަމާއަކީ މުޙައްރަމުމަހުގެ ދިހަވަނަ ދުވަހެވެ. އެއީ ޢާޝޫރާ ދުވަހެވެ. މިއަދަކީ މުޙައްރަމުމަހުގެ ނުވަވަނަ ދުވަހެވެ. މިއަދަކީ ތާސޫޢާ ދުވަހެވެ.

ޢާޝުރާ ދުވަހަކީ ކޮންމެ އަހަރެއްގައި ވެސް މުޙައްރަމުމަހުގެ ދިހަވަނަ ދުވަހެވެ. މުޙައްރަމުމަހުގެ މާތްކަމާއި މަތިވެރިކަމުގެ ތެރޭގައި، ޢާޝޫރާ ދުވަހު ރޯދަހިފުން ހިމެނެއެވެ. ޢާޝޫރާ ދުވަހުގެ ރޯދައާ ބެހޭ ގޮތުން ރަސޫލާ صَلَّىٰ اللّٰهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. «وَصِيَامُ يَوْمِ عَاشُورَاءَ، أَحْتَسِبُ عَلَى اللهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ» [أخرجه مسلم في صحيحه برقم: ١٩٦ – (١١٦٢)] މާނައީ: "އަދި ޢާޝޫރާ ދުވަހުގެ ރޯދައިގެ ސަބަބުން ވޭތުވެދިޔަ އަހަރުގެ ފާފަތައް الله تعالى، ފުއްސަވައިދެއްވާނެ ކަމަށް ތިމަންކަލޭގެފާނު އުންމީދުކުރައްވަމެވެ."

މުޙައްރަމުމަހުގެ ދިހަވަނަ ދުވަސް ނުވަތަ ޢާޝޫރާ ދުވަސް ޚާއްޞަވަނީ އެ ދުވަހު ފިރުޢައުނުގެ އަނިޔާވެރިކަމުން ބަނީ އިސްރާއީލުން ސަލާމަތްކުރައްވައި މޫސާގެފާނަށް ނަޞްރު ދެއްވި ދުވަސް ކަމުގައި އެ ދުވަސް ވާތީއެވެ. އިބްނު ޢައްބާސް رضي الله عنهما ވިދާޅުވިއެވެ. قَدِمَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ المدِينَةَ فَرَأَى اليَهُودَ تَصُومُ يَوْمَ عَاشُورَاءَ، فَقَالَ: «مَا هَذَا؟»، قَالُوا: هَذَا يَوْمٌ صَالِحٌ هَذَا يَوْمٌ نَجَّى اللَّهُ بَنِي إِسْرَائِيلَ مِنْ عَدُوِّهِمْ، فَصَامَهُ مُوسَى، قَالَ: «فَأَنَا أَحَقُّ بِمُوسَى مِنْكُمْ»، فَصَامَهُ، وَأَمَرَ بِصِيَامِهِ – (رواه البخاري رقم: 2004) މާނައީ: "ނަބިއްޔާ صَلَّىٰ اللّٰهُ عَلَيْهِ وَسَلَّم މަދީނާއަށް ހިޖުރަކުރެއްވިއިރު، މަދީނާގައި އުޅުނު ޔަހޫދީން ޢާޝޫރާ ދުވަހު ރޯދަހިފާތީ ދެކެވަޑައިގަތެވެ. އެހިނދު ޙަދީޘްކުރެއްވިއެވެ. "މިއީ ކޮން ކަމެއްތޯއެވެ؟" އެބައިމީހުން ދެންނެވިއެވެ. "މި ދުވަހަކީ ހެޔޮވެގެންވާ ދުވަހެކެވެ. މި ދުވަހަކީ، މާތް ﷲ ބަނީ އިސްރާއީލުން އެ މީހުންގެ ޢަދުއްވުންގެ ކިބައިން ސަލާމަތްކޮށްދެއްވި ދުވަހެވެ. (އެ ކަމަށް ޓަކައި އެ ދުވަހު) މޫސާގެފާނު ރޯދަހިއްޕެވިއެވެ." އެހިނދު ޙަދީޘްކުރެއްވިއެވެ. "ތިޔަބައިމީހުންނަށްވުރެ މޫސާގެފާނުގެ މައްޗަށް ޙައްޤުކަން ބޮޑީ ތިމަންކަލޭގެފާނެވެ." ދެން އިތުރު އެކަލޭގެފާނު އެ ދުވަހު ރޯދަހިއްޕަވައި، އެ ދުވަހު ރޯދަހިފުމަށް އުންމަތަށް އަމުރުކުރެއްވިއެވެ."

ހިޖުރައިން 2ވަނަ އަހަރު ރަމަޟާންމަހުގެ ރޯދައިގެ އަޅުކަން ފަރުޟު ކުރެއްވެންދެން، މުޙައްރަމުމަހުގެ ދިހަވަނަ ދުވަހު ރޯދަހިފުން މުސްލިމުންގެ މައްޗަށް ވާޖިބެއް ކަމުގައި ކަނޑައެޅިފައި އޮތެވެ. ޢާއިޝާ رضي الله عنهاގެ އަރިހުން ރިވާވެގެން ވެއެވެ. އެކަމަނާ ވިދާޅުވިއެވެ. "ޖާހިލިއްޔަ ޒަމާނުގައި ޤުރައިޝުން ޢާޝޫރާ ދުވަހު ރޯދަހިފައި އުޅުނެވެ. އަދި ރަސޫލުﷲ صَلَّىٰ اللّٰهُ عَلَيْهِ وَسَلَّم ވެސް އެ ދުވަހު ރޯދަހިއްޕަވައެވެ. ދެން އިތުރު އެކަލޭގެފާނު މަދީނާއަށް ހިޖުރަކުރެއްވުމަށް ފަހު، ޢާޝޫރާ ދުވަހު ރޯދަހިއްޕަވައި އަދި އެ ދުވަހު ރޯދަހިފުމަށް (މީސްތަކުންނަށް) އަމުރުކުރެއްވިއެވެ. ދެން ރަމަޟާންމަހުގެ ރޯދަ ފަރުޟުކުރެއްވުމުން، ޢާޝޫރާ ދުވަހުގެ ރޯދަހިއްޕެވުން (ވާޖިބުކުރައް-ވައިފައި އޮތްއޮތުން) ދޫކޮށްލެއްވިއެވެ. އެއަށް ފަހު، އެ ދުވަހު ރޯދަ ހިފުމަށް އެދޭ މީހަކު ރޯދަހިފުމަށާއި، ރޯދަހިފަން ނޭދޭ މީހަކު ރޯދަނުހިފައި ދޫކޮށްލުމުގެ ހުއްދަ ދެއްވިއެވެ." (البخاري: 2002)

ޢާޝޫރާ ދުވަހުގެ ރޯދައަށް ވަރަށް މަތިވެރި ސަވާބެއް ކަނޑައަޅުއްވައިފައި ވެއެވެ. އެ ރޯދައާ ބެހޭ ގޮތުން އެކަލޭގެފާނާ ސުވާލުވެވުނެވެ. سُئِلَ عَنْ صَوْمِ يَوْمِ عَاشُورَاءَ؟ فَقَالَ: «يُكَفِّرُ السَّنَةَ الْمَاضِيَةَ» (رواه مسلم، رقم: 1162) މާނައީ: ޢާޝޫރާ ދުވަހު ރޯދަހިފުމާ ގުޅޭގޮތުން ރަސޫލާ صَلَّىٰ اللّٰهُ عَلَيْهِ وَسَلَّمގެ އަރިހުގައި ސުވާލު ދެންނެވުނެވެ. އެހިނދު ޙަދީޘްކުރެއްވިއެވެ. "(އެ ދުވަހު) ރޯދަހިފުމަކީ، ފާއިތުވި އަހަރު ކުރެވިފައިވާ (ކުދި) ފާފަތަކުގެ ކައްފާރާއެކެވެ." ނޭނގި ވެސް އަޅުގަނޑުމެންނަށް ކުރެވޭ އެތައް ފާފައެއް ހުންނައިރު، މިއީ ކިހާ ރަނގަޅު ފުރުޞަތެއް ނޫންތޯއެވެ؟ އެއް އަހަރުގެ ކުދި ފާފަތައް ފުއްސަވައިދެއްވާނެ ކަމުގެ ޔަޤީންކަން އޮތް ފުރުޞަތެކެވެ.

އާޝޫރާ ދުވަހު ރޯދަހިފުމުގައި، އެ ދުވަސް އެކަނި ރޯދަ ނުހިފުމަށް ބާރުއަޅުއްވައިފައި ވެއެވެ. މުޙައްމަރުމަހުގެ ނުވަވަނަ ދުވަސް، ތާސޫޢާ ދުވަހާއި ދިހަވަނަ ދުވަސް، ޢާޝޫރާ ދުވަހު ރޯދަހިފުމަށް ބާރުއަޅުއްވައިފައި ވެއެވެ. އެހެނަސް، ހަމައެކަނި ދިހަވަނަ ދުވަހު ރޯދަ ހިފުން، ރަސޫލާ صَلَّىٰ اللّٰهُ عَلَيْهِ وَسَلَّم ނަހީކުރައްވައިފައި ނުވާތީ، އެ ދުވަހު އެކަނި ރޯދަ ހިފިޔަސް، ޢާޝޫރާ ދުވަހު ރޯދަ ހިފުމުގެ ސަވާބު ލިބޭނެއެވެ.

comment ކޮމެންޓް