މައި އިދިކޮޅު ޕާޓީ އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ހިމެނޭހެން، އެ ޕާޓީގެ ގިނަ މެންބަރުންގެ ނަން އިއްވައި ތަޅުމުން ބޭރުކޮށްފިއެވެ.
މިއަދުގެ ޖަލްސާގައި ވަނީ ނާޒިލް ހިމެނޭހެން، އެމްޑީޕީގެ ނުވަ މެންބަރެއްގެ ނަން އިއްވައިފައެވެ. އެ މެންބަރުންނަކީ:
- ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޛާކިރު
- ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު
- ތޮއްޑޫ ދާއިރާގެ މެންބަރު ޙުސައިން ސަމީރު
- ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ
- މަރަދޫ ދާއިރާގެ މެންބަރު އަޙްމަދުދީދީ
- ކެޔޮދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިއުޝާދު
- ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިޞަލް
- ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް
މިއަދުގެ ޖަލްސާގައި ވަނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސް މުޙައްމަދު ނިޒާރަށް ރުހުންދިނުމާ ގުޅޭ ގޮތުން މަޖިލީހުގެ އެސްއޯއީ ކޮމިޓީން ނިންމިގޮތުގެ ރިޕޯޓު އިއްވައިފައެވެ. ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އަދި ކޮމިޓީގެ މުގައްރިރު އިބްރާހީމްދީދީ ރިޕޯޓު އިއްވެވި ވަގުތު އެމްޑީޕީގެ މެންބަރުން ވަނީ އިހުތިޖާޖުކޮށްފައެވެ.
އެމްޑީޕީގެ މެންބަރުންގެ ކަންބޮޑުވުން ތަޅުމުގައި ސާފުވާ ގޮތް ނުވި ނަމަވެސް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) 'ސަން'އަށް ވިދާޅުވީ، އެ މެންބަރުންގެ ކަންބޮޑުވުމަކަށްވީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުالله ޞާދިޤު (ސޯބެ) އަށް މަޖިލީހުގެ އެއްވެސް ކޮމިޓީއަކުން ޖާގަ ދީފައިނުވާތީ ކަމަށެވެ.
ފާހަގަކުރެވޭ ގޮތުގައި، ސޯބެ މެންބަރުކަމުގެ ހުވާކުރެއްވީ މިމަހުގެ 15ވަނަ ދުވަހެވެ.
ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله އެމްޑީޕީގެ މެންބަރުންނަށް ރައްދުދެއްވައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މަދުވެގެން ދެ ކޮމިޓީއަކުން ކޮންމެ މެންބަރަކަށް ޖާގަ ދޭން ޖެހޭނެ ކަމަށެވެ.
"އެއީ އެމްޑީޕީން ބޭނުންވާ ދެ ކޮމިޓީއަށް ވާކަށް ނުޖެހޭ، ދެ ކޮމިޓީގެ ޖާގަ އޮންނާނީ ދީފައި،" ކޯފާ އިސްކުރައްވައި ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
މެންބަރުންގެ ނަންތައް އިއްވައި ތަޅުމުން ބޭރުކުރުމަށްފަހު، ވަނީ ރިޕޯޓު އިއްވުން ކުރިއަށް ގެންގޮސްފައެވެ.