ކުރު މުއްދަތުގެ އިންވެސްޓުމަންޓުތަކަށް ޚާއްސަކޮށް ރާއްޖޭގައި އުފެއްދި ފުރަތަމަ އިންވެސްޓްމަންޓު ފަންޑު، ދިނަފުން 40 މިލިއަން ރުފިޔާގެ އާ ޓްރާންޗެއް ތައާރަފުކޮށްފިއެވެ.
ދިނަފަކީ، ކެޕިޓަލް މާކެޓު ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގައި ރަޖިސްޓްރީކޮށްގެން ހިންގާ އިންވެސްޓުމަންޓު ފަންޑެކެވެ. ޝަރުތުހަމަވާ އިންވެސްޓަރުންނަށް އަމާޒުކޮށް، ހިންގާ މި ފަންޑުން ޕްރައިވެޓް އިންވެސްޓުމަންޓުތަކުން ވާދަވެރި މަންފާއެއް ހޯދައިދީ ޕްރައިވެޓް ކެޕިޓަލް މާކެޓު ފުޅާކުރުމަށް މަގުފަހިކޮށްދެއެވެ.
ދިނަފުން މައިގަނޑު ގޮތެއްގައި އިންވެސްޓު ކުރަނީ، ރިއަލް އެސްޓޭޓާއި ޓްރޭޑް ފައިނޭންސާއި ފަތުރުވެރިކަމާއި އިންފްރާންސްޓަކްޗާގެ ދާއިރާތަކުން ފަސް އަހަރަށް ވުރެ ކުރު މުއްދަތުގެ މަޝްރޫއުތަކަށެވެ.

ދިނަފުން 40 މިލިއަން ރުފިޔާގެ ޓްރާންޗެއް ތައާރަފުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ
ފަންޑުގެ މެނޭޖަރު ކަމަށްވާ ދިވެހި އިންވެސްޓުމަންޓް ޕާޓްނާސްއިން ބުނި ގޮތުގައި، ފުރަތަމަ 20 މިލިއަން ރުފިޔާގެ ޓްރާންޗެއް ނިންމާލެވެމުން އެނގެނީ، މުއައްސަސާތަކާއި އިންވެސްޓަރުންގެ މެދުގައި އިންވެސްޓުމަންޓު ފުރުސަތުތަކަށް އޮތް ޑިމާންޑު އިތުރުވަމުންދާ ކަމެވެ.
އާންމުކޮށް އިންވެސްޓުކުރަން ދަތި ދާއިރާތަކަށް މަގުފަހިކޮށްދީ، ފަންނީ ގޮތުން މެނޭޖުކުރާ ފަންޑުތަކަށް އިންވެސްޓަރުންގެ މެދުގައި އޮންނަ އިތުބާރު ބޮޑުވަމުން އަންނަކަން އެ ފަންޑުން ފާހަގަކުރިއެވެ.
ދިނަފުން އަލަށް ތައާރަފުކުރި 40 މިލިއަން ރުފިޔާގެ އިންވެސްޓުމަންޓުގައި ފަސް ފުރުސަތެއް ވަނީ ދީފައެވެ. އެއީ:
- ހަ މަހުގެ މުއްދަތަށް: އަހަރަކު 10.50 އިންސައްތަ
- 12 މަސް ދުވަހުގެ މުއްދަތަށް: އަހަރަކު 11 އިންސައްތަ
- ދެ އަހަރުގެ މުއްދަތަށް: އަހަރަކު 11.50 އިންސައްތަ
- ތިން އަހަރުގެ މުއްދަތަށް: އަހަރަކު 12 އިންސައްތަ
- ހަތަރު އަހަރުގެ މުއްދަތަށް އަހަރަކު 12.25 އިންސައްތަ

ދިނަފުން 40 މިލިއަން ރުފިޔާގެ ޓްރާންޗެއް ތައާރަފުކުރި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މުޙައްމަދު ޝާތިއު އަބްދުﷲ
މި ޓްރާންޗުގައި މުއައްސަސާތަކާއި ޝަރުތުހަމަވާ އިންވެސްޓަރުން ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. މިގޮތުން، އެންމެ މަދުވެގެން އިންވެސްޓު ކުރެވެނީ 50،000 ރުފިޔާ ކަމަށްވާއިރު، އެ ކަމަށް ޝައުގުވެރިވާ ފަރާތްތަކަށް [email protected] ނުވަތަ [email protected] މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ.