ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ގެނައުމަށް ކުރި މަސައްކަތަށް ރައްޔިތުންގެ ކިބައިން މައާފަށް އެދެން ނުޖެހޭނެ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމަށް ވުރެ ޕީއެންސީގެ ވެރިކަންވެސް މާ ހިތްފަސޭހަ ކަމަށް، ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމް ރޭ ސިފަކުރައްވައިފިއެވެ.
ޔާމީންގެ އަމިއްލަފުޅު ޕާޓީ ޕީއެންއެފުން ސިލްސިލާކޮށް ބާއްވަމުން އަންނަ ޓައުންހޯލް ޖަލްސާތަކުގެ ތެރެއިން ރޭ ބޭއްވި ޖަލްސާގައި ޔާމީން ވަނީ، މި ސަރުކާރު ވެރިކަމަށް ގެނައުމަކީ ކުރެއްވި "ކުށެއްނޫން" ކަމަށް ވިދާޅުވެފައެވެ.
"އެއީ އަޅުގަނޑުމެން ކުރި ކުށެއްނޫން މިއީ ދެއްތޯ، އަޅުގަނޑުމެންނަށް އޮތީ މިއަށްވުރެ ނުބައި ޝައިޠާނެއް، ބޮޑު ޝައިޠާނެއް އިނގޭތޯ،" މިދިޔަ ސަރުކާރާ ގުޅޭގޮތުން ޔާމީން ވިދާޅުވިއެވެ.
އެގޮތުން، މިދިޔަ ސަރުކާރުގައި އެއްވެސް ދިވެއްސަކަށް ވީ ފައިދާއެއް ނެތް ކަމަށް، ޔާމީން ވިދާޅުވިއެވެ. އެ މަނިކުފާނު ވިދާޅުވިގޮތުގައި، އެމްޑީޕީގެ މިދިޔަ ވެރިކަން އެހާ ގޯހެވެ.
މި ސަރުކާރަށް ތަކުރާރުކޮށް ފާޑުވިދާޅުވަމުން ގެންދަވާ ޔާމީން ވިދާޅުވީ، ޕީއެންސީގެ ސަރުކާރު ރަނގަޅުނޫންކަން އެ މަނިކުފާނަށް އިހުސާސްވެވަޑައިގަތީ ސަރުކާރު އައި ފަހުން ކަމަށެވެ.
"އެމްޑީޕީ ވެރިކަމަށް ވުރެ އަދިވެސް އަޅުގަނޑަށް [މި ވެރިކަން] ހިތްފަސޭހަ އިނގޭތޯ، އެހެންވީމާ އަޅުގަނޑުމެން ހިންގަވާ އެކަމަށް މައާފަށް ނޭދެމާ ދެއްތޯ،" ޔާމީން ވިދާޅުވިއެވެ.

ޔާމީން، ނަޝީދާއި ޞާލިޙާ ބައްދަލުކުރެއްވުން -- ސަން ފޮޓޯ: މުހައްމަދު ޝާތިއު އަބްދުﷲ
ފާހަގަކުރެވޭ ގޮތުގައި، ޕީއެންސީގެ ވެރިކަން ފެށުމުގެ ކުރިން ޔާމީން ހުންނެވީ ޕީޕީއެމާއި މިހާރު ވެރިކަން ކުރާ ޕީއެންސީގެ އިސްކޮށެވެ. އެ މަނިކުފާނު ދެވަނަ ދައުރަކަށް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން މަސައްކަތް ކުރެއްވި ނަމަވެސް ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވުމުން، ރިޔާސީ ޓިކެޓް ދޫކޮށްލައްވަން މަޖުބޫރުވިއެވެ.
އެއަށްފަހު އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑެސީއާއެކު، އިންތިޚާބު ކާމިޔާބު ކުރެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. އެ މަނިކުފާނު އިންތިޚާބުވުމާއެކު ޔާމީން ޖަލުން ގެއަށް ބަދަލުކުރެއްވިއެވެ.
ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވިތާ ހަފުތާއެއް ނުވެ، ޔާމީން ކޯލިޝަންގެ ލީޑަރުކަމުން އިސްތިއުފާދެއްވައި، ޕީއެންއެފް އުފެއްދެވީއެވެ. އެ ޕާޓީ ރަޖިސްޓްރީކުރީ މިދިޔަ އަހަރުގެ މާޗް މަހުގެ 25ވަނަ ދުވަހެވެ.
އެއަށްފަހު، ޔާމީނާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން ގެންދަވަނީ ޕީއެންއެފްގެ އޮފީހުގައި ސިލްސިލާކޮށް ހަފުތާއަކު ދެ ދުވަހު ޖަލްސާ ބާއްވައި، އެކި ކަންކަމުގައި މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.
ދާދިފަހުން އެ މަނިކުފާނު ވަނީ، ކުރީގެ ދެ ރައީސުން ކަމަށްވާ މުޙައްމަދު ނަޝީދާއި އިބްރާހީމް މުޙައްމަދު ޞާލިޙާ މަޝްވަރާކުރެއްވުމަށްފަހު، ހުއްޓުމެއްނެތި ސަރުކާރަށް ޕްރެޝަރުކުރަން އެއްބަސްވެވަޑައިގެންފައެވެ.