މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް 2026 އަށްފަހު ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލާނެ ކަމަށް އޭނާގެ ދައްތަ ކާތިއާ އަވޭއިރޯ ހާމަކޮށްފިއެވެ.
ކާތިއާ މިކަން ހާމަކުރީ ވޯލްޑް ކަޕްގެ ގަދަ 16 ގެ ޖާގައަކަށް ޕޯޗުގަލް އާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗުގެ ކުރިން މީޑިއާއަކަށް ދިން އިންޓަވިއުއެއްގައެވެ. އޭނާ ބުނިގޮތުގައި މިއީ ރޮނާލްޑޯ ގައުމީ ޓީމުން ފެންނާނެ ފަހު ވޯލްޑް ކަޕެވެ.
އުމުރުން 41 އަހަރުގެ ރޮނާލްޑޯ ވަނީ ރޭ ކްރޮއޭޝިއާ އާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗުގައި ޕޯޗުގަލްގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައެވެ. މިއީ އޭނާ ގައުމީ ޓީމަށް ކުޅެދިން 232 ވަނަ މެޗެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯއާއި އޭނާގެ ދައްތަ ކާތިއާ އަވޭއިރޯ--
މި މެޗުގައި ރޮނާލްޑޯ ކާމިޔާބުކުރި ޕެނަލްޓީއާއެކު އޭނާ ވަނީ ބައިނަލްއަގުވާމީ ފުޓްބޯޅައިގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑު 146 ލަނޑަށް އިތުރުކޮށްފައެވެ. އަދި މިއީ ވޯލްޑް ކަޕްގެ ނޮކައުޓް ބުރުގައި އޭނާ ޖެހި ފުރަތަމަ ލަނޑެވެ.
މި ލަނޑާއެކު އޭނާ ވެފައިވަނީ ވޯލްޑް ކަޕް ތާރީހެއްގައި ލަނޑު ޖެހި އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިޔާއަށެވެ. މީގެ އިތުރުން ރޮނާލްޑޯ ވަނީ ތަފާތު 6 ވޯލްޑް ކަޕެއްގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފުވެސް ހޯދާފައެވެ.
ކެނެޑާގެ ޓޮރޮންޓޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ޕޯޗުގަލްއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ކްރޮއޭޝިއާއިންނެވެ.

ރޮނާލްޑޯ ކުޅުން ހުއްޓާލާނެކަން ހާމަކުރި ޕްރެސްގައި އޭނާގެ ދައްތަ ކާތިއާ އަވޭއިރޯ ވާހަކަދައްކަނީ--
ނަމަވެސް ރޮނާލްޑޯގެ ޕެނަލްޓީން ޕޯޗުގަލް އެއްވަރުވިއިރު، މެޗުގެ އިތުރު ވަގުތުގެ 94 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ގޮންސާލޯ ރާމޯސް ވަނީ ބޮލުން ލަނޑެއް ޖަހައި ޕޯޗުގަލް މޮޅުކޮށްދީފައެވެ.
މެޗުގެ އެންމެ ފަހު ސިކުންތުކޮޅުގައި ކްރޮއޭޝިއާއިން ލަނޑެއް ޖެހި ނަމަވެސް، ވީއޭއާރު ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ. މި މޮޅާއެކު ޕޯޗުގަލް ވަނީ ކުއާޓާ ފައިނަލުގެ ޖާގައަކަށް ސްޕެއިންއާ ދެކޮޅަށް ކުޅޭ ބޮޑު މެޗަށް ދަތުރުކޮށްފައެވެ.