މަސްތުވާތަކެއްޗާ ގުޅުން ހުރި ނޭދެވޭ ނުފޫޒުތައް ފުލުހުންގެ ތެރެއިން ނައްތާލެވިއްޖެ: ރައީސް

ރައީސްގެ ޕޮޑްކާސްޓްގެ ތެރެއިން: މަސްތުވާތަކެއްޗާ ގުޅުން ހުރި ނޭދެވޭ ނުފޫޒުތައް ފުލުހުންގެ ތެރެއިން ނައްތާލެވިއްޖެ ކަމަށް ރައީސް ވިދާޅުވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ފުލުހުންގެ ތެރޭގައި، މަސްތުވާތަކެއްޗާ ގުޅުންހުރި ނުފޫޒުތަކެއް ހުރި ނަމަވެސް އެ ނުފޫޒުތައް ނައްތާލެވިފައިވާ ކަމަށް އެ މަނިކުފާނު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ފައްޓަވައިފައިވާ "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގެ ތިން ވަނަ އެޕިސޯޑް މިއަދު އާންމުކޮށްފައިވާއިރު، އެ އެޕިސޯޑު ޚާއްސަކޮށްފައިވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތްތަކަށެވެ.

އެ ޕޮޑްކާސްޓުގައި ރައީސް ވިދާޅުވި، އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ފުލުހުންގެ ތެރޭގައި މަސްތުވާތަކެއްޗާ ގުޅުންހުރި ނޭދެވޭ ނުފޫޒުތަކެއް ހުރިކަން ފާހަގަވި ކަމަށެވެ.

މިސާލަކަށް ރޭޑުކޮށްގެން މި ހޯދާ ތަކެތި އަނެއްކާވެސް އަނބުރާ މުޖުތަމައަށް ދިޔުމާއި، ނުބައި ނުފޫޒުތައް ވެސް ހުރި، އެ ކަންކަން ވެސް އެ ވަކިތައް ވެސް ނައްތާލައި، އިރާދަކުރެއްވިއްޔާ ފުލުހުންގެ އިދާރާތެރޭގައި މިހާރު ވަރަށް ނީވޭނެ މި ދެންނެވި ނުބައި އަމަލުތަކަށް ފުރުސަތު ލިބޭ ވާހަކަ
ރައީސް ޑރ. މުހައްމަދު މުއިއްޒު

އެ މަނިކުފާނު ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލަތަކާއި ގޭންގް ކުށްތަކުގެ އެފަދަ ކުށްތަކުގައި މަރުވާ މީހުންގެ އަދަދު ވެސް މިހާރު މަދުކުރެވިފައިވާ ކަމަށެވެ.

ރައީސް ވަނީ، އެންމެން ގުޅިގެން ކުރާ މަސައްކަތުން މަސްތުވާތަކެތީގެ ވަބާއިން ގައުމު ސަލާމަތް ކުރެވޭނެ ކަމުގެ އުއްމީދު ފާޅުކުރައްވައިފައެވެ. އަދި މި ސަރުކާރުން މަސްތުވާތަކެއްޗާ މެދު ގެންގުޅެނީ، ވަށާޖެހޭ ގޮތަކަށް އެ މައްސަލަ ހައްލުކުރުގެ ސިޔާސަތެއްކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

އެ ސިޔާސަތުގެ ތަފުސީލު ދެއްވަމުން ރައީސް ވިދާޅުވީ، އޭގެ މައިގަނޑު މަފްހޫމަކީ މަސްތުވާތަކެތީގެ ތެރެއަށް ވަދެފައި ތިބި ޒުވާން ކުދިން އެކަމުން ސަލާމަތްކޮށް، އެ ކުދިންނަކީ މުޖުތަމަޢަށް ބޭނުންހިފޭ، އަބުރުވެރި އަދި ބިނާކުރަނިވި ގޮތެއްގައި ދިރިއުޅެވޭނެ ބަޔަކަށް ހެދުން ކަމަށެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މަސްތުވާތަކެތީގެ ބާވަތްތަކެއް ނައްތާލުން:

މީގެ އިތުރުން، މަސްތުވާތަކެތީގެ ތެރެއަށް މީހުން ދާ ސަބަބުތައް ވަރަށް ގިނަކަން ފާހަގަކުރައްވައި، އެ މަނިކުފާނު ވަނީ މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރެވޭނީ މި މައްސަލައިގެ އަސްލު ސަބަބުތައް ހޯދައި އެ ކަންތައްތަކަށް ފަރުވާދީގެން ކަމަށް ވިދާޅުވެފައެވެ.

"ސަރުކާރުގެ ސިޔާސަތަކީ ރޫޓް ކޯސްތަކަށް ދިޔުން ކަމަށްވާތީ ހައުސިން މައްސަލަ ހައްލުކުރުމަކީ އެންމެ ބޮޑު އެއް ކަންތައް، އެކަށީގެންވާ ޖޮބް އޮޕަޗިއުނިޓީސް އިތުރުކުރުމަކީ އެއް ކަންތައް، ޒުވާނުންނަށް އެކި ކަހަލަ އާމްދަނީ ހޯދޭނެ ފުރުސަތުތައް ފަހި ކޮށްދިނުމަކީ އޭގެ ތެރޭގައި ހިމެނޭ ކަމެއް: ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމާ، ތައުލީމީ ނިޒާމާއި ސިއްހީ ނިޒާމާ ވެސް ގުޅިފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންކަމުން، އެ ހުރިހާ ކަމަކަށް ބަލައި ދާއިމީ ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މި ސަރުކާރުން މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް މީގެ ކުރިން ވެސް ހަރުކަށި ފިޔަވަޅުތައް އަޅައިފައިވެއެވެ. އެގޮތުން، ވަކި ބާވަތްތަކެއްގެ މަސްތުވާތަކެތި ވަކި މިންވަރަކަށް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް ގާނޫނު ވަނީ އިސްލާހުކޮށްފައެވެ.

comment ކޮމެންޓް