ގަޑި ނުޖެހޭ ގޮތަށް ސިވިލް ސާވަންޓުންނަށް އިތުރު 30 މިނެޓު ލިބޭ ގޮތް ހަދައިފި

ގިނަ އަދަދެއްގެ ސިވިލް ސާވަންޓުން މަސައްކަތް ކުރާ ވެލާނާގެ: ގަޑި ނުޖެހޭ ގޮތަށް ސިވިލް ސާވަންޓުންނަށް އިތުރު 30 މިނެޓު ލިބޭ ގޮތަށް ވަނީ ހަދާފައި -- ފޮޓޯ/ ޕީއެސްއެމް

ސިވިލް ސާވަންޓުންނަށް ދިމާވާ ޚާއްސަ ހާލަތަކާ ހެދި، ވަޒީފާގެ ގަޑިއަށް އޮފީހަށް ހާޒިރުނުވެވޭ ދުވަސްތަކުގައި ގަޑިނުޖެހޭ ގޮތަށް އިތުރު 30 މިނެޓު ލިބޭ ގޮތަށް ސިވިލް ސާވިސް ގަވައިދު އިއްޔެ އިސްލާހުކޮށްފިއެވެ.

އެ ގަވައިދުގައި ވަނީ، ސިވިލް ސާވަންޓުންނަށް 'ބަފަރ' ޓައިމެއް ދިނުމަށް ހިމަނާފައެވެ. މީގެ ކުރިން ސިވިލް ސާވިސް ގަވައިދުގައި އެ ވަގުތު ދިނުމަށް ހިމަނާފައެއް ނުވެއެވެ.

އެ ގަވައިދަށް އަލަށް ގެނައި އިސްލާހުގައި ބުނި ގޮތުގައި، އެ ގަޑިއަކީ މުވައްޒަފުންނަށް ދިމާވާ ޚާއްސަ ހާލަތަކާ ގުޅިގެން ރަސްމީ މަސައްކަތު ގަޑި ފެށޭ ވަގުތަށް އޮފީހަށް ހާޒިރުނުވެވޭ ދުވަސްތަކަށް އިތުރު ހުއްދައަކާ ނުލައި މަސައްކަތުގެ ގަޑި އެޖަސްޓުކުރުމަށް ދޭ ވަގުތެކެވެ.

ސިވިލް ސާވަންޓުން: ގަޑި ނުޖެހޭ ގޮތަށް ސިވިލް ސާވަންޓުންނަށް އިތުރު 30 މިނެޓު ލިބޭ ގޮތަށް ވަނީ ހަދާފައި -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މިގޮތުން، އެ ހާލަތުގެ ދަށުން ސިވިލް ސާވަންޓުންނަށް ގަޑި ނުޖެހޭ ގޮތަށް އިތުރު 30 މިނެޓު މިހާރު ލިބޭނެއެވެ. އެ ވަގުތުގެ ތެރޭގައި އޮފީހަށް ހާޒިރުވާނަމަ، ސަބަބު ބަޔާންކޮށް ހިއުމަން ރިސޯސް ސެކްޝަނަށް ނުވަތަ އެ އިދާރާއަކުން ކަނޑައަޅާ ގޮތެއްގެ މަތިން އެ މުވައްޒަފުގެ ދުވަހުގެ ރަސްމީ މަސައްކަތު ގަޑި ނިމުމުގެ ކުރިން އަންގަން ޖެހެއެވެ.

އެކަމަކު، ބަފަރ ޓައިމްގެ ގޮތުގައި އިތުރަށް ލިބޭ 30 މިނެޓުގެ ފަހުން އޮފީހަށް ހާޒިރުވާނަމަ، ގަޑިޖެހުނު ކަމަށް ބަލާނެކަން ގަވައިދުގައި ފާހަގަކުރިއެވެ.

މީގެއިތުރުން، އެ ގަޑީގެ ތެރޭގައި އެ މުވައްޒަފަކު އޮފީހަށް ހާޒިރުވި ވަގުތަށް ބަލައި، މަސައްކަތް ނިމޭ ގަޑި ފަސްކުރާނެއެވެ. އެ ކަމުގެ މިސާލެއް ވެސް ގަވައިދުގައި ކިޔައިދީފައިވެއެވެ. މިގޮތުން، އޮފީހުގެ މަސައްކަތު ގަޑި ފެށޭ ވަގުތަކީ 08:00ކަމަށް ވެފައި، މުވައްޒަފު އޮފީހަށް ހާޒިރުވީ 08:15ގައި ކަމަށްވާނަަމަ އެ ދުވަހުގެ މަސައްކަތް ނިމޭނީ 14:15ގައެވެ.

ފާހަގަކުރެވޭ ގޮތުގައި، ސިވިލް ސާވިސް ކޮމިޝަނުން މިހާރު އަމަލުކުރަމުން އަންނަނީ 2014ގައި އެކުލަވަލި ގަވައިދަކަށެވެ. އެ ގަވައިދަށް 11 އަހަރުވެފައިވާއިރު، އިއްޔެއާ ހަމައަށް 19 އިސްލާހެއް އެ ގަވައިދަށް ވަނީ ގެނެސްފައެވެ.

comment ކޮމެންޓް