ގައްދޫގެ ފިހާރަތަކަކުން އަގުބޮޑުކޮށް ކާޑު ވިއްކާތީ ކައުންސިލްގެ އިންޒާރެއް: ''ލައްކައަކުން ޖޫރިމަނާކުރެވޭނެ''

އެސްޓީއޯ ކާޑު ކުދަނުން، ކާޑުގެ ބާވަތްތައް ލޮރީއަށް އެރުވުމުގެ މަސައްކަތުގައި: ގައްދޫގެ ފިހާރަތަކަކުން އަގުބޮޑުކޮށް ކާޑު ވިއްކާތީ އެ ރަށު ކައުންސިލުން ވަނީ އިންޒާރެއް ދީފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިކޮނޮމިކް މިނިސްޓްރީން އަގު ކޮންޓްރޯލްކޮށްފައިވާ ކާޑުގެ ބާވަތްތަކެއް ގދ. ގައްދޫގެ ފިހާރަތަކަކުން އަގުބޮޑުކޮށް ވިއްކާތީ، އެ ރަށު ކައުންސިލުން އިއްޔެ އިންޒާރެއް ދީފިއެވެ.

އެ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، އިކޮނޮމިކް މިނިސްޓްރީން ކޮންޓްރޯލް ކޮށްފައިވާ ކާޑުގެ ބާވަތްތައް އެ އަގަށް ވުރެ ބޮޑުކޮށް، ގައްދޫގެ ބައެއް ފިހާރަތަކުން ވިއްކާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

މުދާ ގަންނަ ފަރާތާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމާ ބެހޭ ގަވައިދާ ހަވާލަދީ ކައުންސިލުން ބުނީ، ކާޑުގެ ބާވަތްތައް ޕެކެޓުކޮށްގެން ވިއްކިދާނެއެވެ. އެކަމަކު، މިނިސްޓްރީގެ އަގަށްވުރެ ބޮޑުކޮށް ވިއްކޭނީ ޕެކެޓު ކުރުމަށް ހިނގާ ޚަރަދު ލިޔުމަކުން މިނިސްޓްރީއަށް ހުށަހަޅައިގެން އެ ހުއްދަ ލިބުމުން ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

އެސްޓީއޯގެ ކާޑު ގުދަން: ގައްދޫގެ ފިހާރަތަކަކުން އަގުބޮޑުކޮށް ކާޑު ވިއްކާތީ ކައުންސިލުން އިންޒާރެއް ވަނީ ދީފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ ގަވައިދާ ޚިލާފަށް މުދާ ވިއްކާ ވިޔަފާރިވެރިންގެ މައުލޫމާތު އިކޮނޮމިކް މިނިސްޓްރީއަށް ރިޕޯޓުކުރާނެ ކަމުގެ އިންޒާރު ގައްދޫ ކައުންސިލުން އެ ރަށުގެ ވިޔަފާރިވެރިންނަށް ވަނީ ދީފައެވެ.

މިގޮތުން، އެ ފަދަ ހާލަތުގައި މިނިސްޓްރީން އަޅާ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން، ގަވައިދާ ޚިލާފުވި ވިޔަފާރިއެއް އެއް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރާނެކަން ކައުންސިލުން ފާހަގަކުރިއެވެ. އަދި، އެ ކުށް ތަކުރާރުކޮށްފިނަމަ، ހަ މަސް ދުވަހަށް ފިހާރަ ބަންދުކުރުމުގެ އިޚުތިޔާރު މިނިސްޓްރީއަށް ލިބޭކަން ގައްދޫ ކައުންސިލުން ހަނދާންކޮށްދިނެވެ.

މާލެއާއި ރަށްރަށުން ކާޑުގެ ބާވަތްތައް އެއް އަގެއްގައި ލިބޭނެ ގޮތަށް އެސްޓީއޯއިން އިންތިޒާމުތައް ހަމަޖައްސާއިރު، ކާޑުގެ ބާވަތްތަކުގެ ސަބްސިޑީއަށް ބަޖެޓުން ބޮޑު އަދަދެއް ޚަރަދުކުރެއެވެ.

comment ކޮމެންޓް