"ދަރިންގެ ސިކުނޑިއަށް އެންމެ ބޮޑަށް އަސަރުކުރުވާ އެއް ވަސީލަތަކީ ސްކްރީނާއި ރޭގަނޑު ނުނިދުމާއި ކެއުމުގެ ގޯސް ވައްޓަފާޅިއެވެ. ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށްޓަކާ ޅަ އިރުއްސުރެ ރަގަޅު އަމަލުތަކަށް އަހުލުވެރިކުރުވާށެވެ."
***
އަނެއްކޮޅުން ނޯޔާ ހުރީ އެ މަންޒަރު ފެނި ހަސަދައިން ހަލާކުވާން ކައިރިވެފައެވެ. އަދަލްގެ އެ ވަރުގަދަ އަތްތިލައިގައި ހިފާލުމުގެ ނަސީބު ލިބުނީ ސިދްރާއަށެވެ. އަޒާލީ އާއި ހީރާ ތުންފިއްތާލައިގެން ތިބިއިރު ނޯޔާގެ ހިތް ކުދިކުދިވަމުން ދިޔައީ އޭނާއަށް ކުރެވުނު މޮޔަކަމުގެ ސަބަބުންނެވެ.ބައެއް ފަހަރު ވިސްނާނުލާ ގޯސްތައް ހެދިފައި އެކަމާއި ހިތާމަކުރަފަހަރުވެސް އާދެއެވެ. ދިރިއުޅުމަކީ އެފަދަ ހިތި ހަގީގަތެކެވެ. އެއްވެސް މީހަކަށް ފުރިހަމަ ދެމިގެންވާ އުފަލެއް ނުލިބޭނެއެވެ. އެންމެނަށްވެސް ދިމާވަނީ އިމްތިހާނުތަކެވެ. ލިބެނީ އިބުރަތެވެ.
***
އަޒާލީ އާއި ހީރާ ތިބީ ރުކެއްގެ ދަށުގައި ހުރި ޖޯލިފަތީގައެވެ. ހޫނުގަދަ ދުވަހެއްކަމުން ދިލަ އާތްވެއް އަރާހެން ހީވެއެވެ. އަޒާލީ އަތުގައި އޮތް ފަންކާއިން މަޑުމަޑުން ގަޔަށް ވިހަން ފެށުމުން ކޮންމެވެސް ވަރަކަށް ހޫނުގެ އުދާސްތައް ކުޑަވިއެވެ.
"ގޯޑް.... މަގޭ ހިތުން އަދިވެސް އެ މަންޒަރު ނުފިލާ..." ހީރާ ދެލޯ ބޮޑުކޮށްލަމުން ބުންޏެވެ. "އެ އަދަލް ރާޅުތައް ކަފާލާފައި ދިޔަ ގޮތް ދުށިންތަ؟ ހީވަނީ ހަމަ ހޮލީވުޑް ފިލްމެއްގެ ސީނެއް ހެން. މަށަށް ހީވަނީ މަގޭ ހިތް އަދަލްއަށް ދެވިއްޖެހެން.........."
"ވަޓް ދަ..... ހީރް މޮޔަވީތަ؟" އަޒާލީ ކޮކާކޯލާ ދަޅުން އެތިފޮދެއް ބޯލަމުން ކަރުތެރެ ތެންމައިލިއެވެ. "އޭނައަކީ ސިދްރާގެ ފަހަތުން އުޅޭ މީހެއްނު. މިހާރު ނޯޔާވެސް އޭނާއަށް ބަލަން ހުންނަނީ ކަޅި ޖަހައިލަން ނޭގިފައި ސޮނި ފައިބާފައި....."
"އޭ ބަލާބަލަ.... އެއޮއް އަންނަނީ ޖޭސަން މޮމޯ....." ހީރާ ކުއްލިއަކަށް ޖޯލިން ފުންމައިގެން ތެދުވިއެވެ.
އަދަލް ތެތްވެފައި ހުރި ކޮނޑުމަތީގައި ތުވާލި އަޅުވައިގެން ހުރެ ހަމަޖެހިލައިގެން ހުރެ ހިނގަމުން އައެވެ.
"ހޭއި އަދަލް... އަދަލް........." ހީރާ ދުވެފައި ގޮސް އަދަލްގެ ކުރިމަތީގައި މަޑުކޮށްލިއެވެ. "ވަރަށް ގަދަ އިނގޭ އިއްޔެ.....ތައުރީފު ހައްގު...އާލިމް ސަލާމަތްކޮށްދިންކަމީ އަދަލްގެ މާތްކަން... އަސްލު... އަހަރެންވެސް ބޭނުން ރާޅާ އަޅަން ދަސްކުރަން. ކޮބާ.. ކޮން އިރަކުން ކްލާސް ފަށާނީ؟"
އަދަލް ބުމަ އަރުވައިލަމުން ހީރާއަށް ބަލައިލިއެވެ. އޭނާއަށް އެކުދިންގެ ފޮނިކަން ވަރަށް ރަނގަޅަށް އެނގެއެވެ. އެހެންވެ މިފަހަރު ވިސްނީ ކުޑަ ވަރެއްގެ ލަނޑެއް ދިނުމަށެވެ. ކޮއްކޮމެން ވީމަ ސަ،މާސާއެއްކޮށްލިޔަސް ރަގަޅުވާނެކަމުގައި ދެކުނެވެ.
"ރާޅާ އަޅަން؟" އަދަލް މޫނު މައްޗަށް ސީރިޔަސް ކުލަވަރު ވެރިކުރުވިއެވެ."ރާޅާއި އެޅުމަކީ ވަރަށް ވަރުގަދަ ތަމްރީނެއް ބޭނުންވާ ކަމެއް. ފުރަތަމަ ކަމަކަށް ޖެހޭނީ ހަށިގަނޑު ވަރުގަދަކުރަން ބީޗްގައި ދުވަން......."
"އޯ.........އެއީ ޗޮކްލެޓެއް ކެއުންފްދަ ސަޅިކަމެއް..... މަށަކީ ދުވުމުގެ ޗެމްޕިއަން އެކޭ......." ހީރާ ފޮނިވެލިއެވެ.
"އާނ ތިބުނީ ތެދެކޭ....ޓީވީ ރެކްމަތީގައި ހުރެއެއްނު ކޭޖީގައި ދުވަނިކޮށް ނަގާފައި ހުރި ފޮޓޯއެއް..ވަނަވެސް ލިބުނެއްނު.."އަދަލް ހަނދާންއާކޮށްލިއެވެ.
"ޔެސް......."
"މަވެސް ރާޅާ އަޅަން ބޭނުން.."އަޒާލީވެސް ގާތަށް އައެވެ.
"އޯކޭ އަޒާލީ.....ހީރާ....އެއޮތީނު......"އަދަލް ދުރުގައި އޮތް ބޮޑު ގާގަނޑަކަށް އިޝާާާރާތްކުރިއެވެ. "އެ ގާގަނޑާއި ހަމައަށް އެއްފައިން ފުންމަމުން ގޮސް ދެން އަނެއްފައި ނުޖައްސާ މިކޮޅަށް އެނބުރި އަންނަންވީ. އޭރުން ބެލެންސް ކުރަން އެނގޭނީ..... ދެކުދިންވެސް ޖެހޭނެ މިކަން ކުރަން."
ހީރާގެ އަނގަ ހުޅުވުނެވެ. "ސީރިޔަސްކޮށް؟ އަހަރެންވެސް؟"
"އާނ......ނޫންވިއްޔާ ސާރފްބޯޑު މައްޗަކު ނުހުރެވޭނެ....." އަދަލް ހީލިއެވެ.
އަޒާލީ އާއި ހީރާ އަދަލްގެ ކުރިމަތީގައި މޮޅުވާންވެގެން އެއްފައި މައްޗަށް ހިއްލާލައިގެން ދޮންވެލިގަނޑުމަތީގައި ބޮކެއްހެން ފުންމަމުން ދިޔައެވެ. ދޮންވެލިގަނޑު ހޫނުކަމުން އެމީހުންނަށް ހޫނުވެ ހަޅޭއްލަވަން ފެށިއެވެ.
"އާހް ހާދަ ހޫނޭ،..... އަދަލް، މިއީ ހަމަ ބެލެންސް ކުރާ ގޮތްތަ؟" އަޒާލީ ވެއްޓެން އުޅެމުން ހަޅޭއްލަވައިގަތެވެ.
"އާނ ވަރަށް މޮޅު...... ތިޔަހެން ގޮސް އަވަހަށް އެނބުރި އާދޭ....." އަދަލް ޖޯލީގައި އިށީނދެ ހަމަޖެހިލައިގެން ދުފަންފެށިއެވެ.
މި މަންޒަރު ދުރުގައި ހުރެ ބަލަން ހުރި ސިދްރާއަށްވެސް ހެވުނީ އަތް އަނގަމަތީގައި އަޅައިގެން ހުރެއެވެ. އަދަލްގެ އެ މަޖާ ސަކަރާތުން މުޅި ގޮނޑުދޮށަށް ދިރުން އިތުރުވިއެވެ.
އަޒާލީ އާއި ހީރާ ހޫނު ވެލިގަނޑުމަތީގައި އެއްފައިން ފުންމަމުން ގޮސް މާނޭވާލެވެން ފެށުމުން އިތުރަށް ކެތެއް ނުވިއެވެ. އޭރު އެކުދިންގެ އަގުބޮޑު އަވިއައިނުވެސް ލޯމަތިން ތިރިއަށް ކައްސާލައިފިއެވެ.
"އަދަލް.... ދެން ނުވާނެ... މަގޭ ދެ ފައި ފަޅައިގެން ދަނީ....."ހީރާ ދޮންވެލިގަނޑު މައްޗަށް ސޮއްސައިލަމުން ބުނެލިއެވެ.
އަދަލް ޖޯލިން ތެދުވުނެވެ. "ކޮބާ؟ އަދި ކްލާސް ނުވެސް ފެށެއެއްނު.. ސާރފިންގ އަކީ ތިޔަހާ ފަސޭހަ ކަމެއް ނޫނޭ ދޫނިތަކާ......"
ނޯޔާއަށް އެ މަންޒަރު ފެނުމުން ލަދުން ހަލާކުވާން ކައިރިވިއެވެ. އޭނަ އެހިސާބާއި އަރާހަމަވުމުން އަޒާލީގެ އައަތުގައި ހިފާ ދަމައިގަތެވެ. "ހިނގާ ދާން.....ތިޔައީ ހަމަ މޮޔައިން. އޭނާ އެއުޅެނީ ތިޔަ ދެމީހުން ޖޯކުގެ އަމާޒުފަތްގަނޑަކަށް ހަދައިގެން..މަލާމާތްކުރާއިރުވެސް ނޭގެއެއްނު....."
ސިދްރާ މަޑުމަޑުން ހިނގާލާފައި އައިސް އަދަލްގެ ކައިރީގައި މަޑުކޮށްލިއެވެ. އޭނާގެ އަތުގައި އޮތް ތުވާލި އަދަލްގެ ކޮނޑުމަތީގައި ބާއްވާލަމުން ލޯބިން ފުރިގެންވީ ހިނިތުންވުމެއް ހަދިޔާކުރިއެވެ.
ނޯޔާ އަދަލްއަށް ނުރުހުމުގެ ނަޒަރަކުން ބަލައިލީ ސިދްރާ ގެ އެ އަމަލުން ފޫހިވެގެންނެވެ. އަދި އެ ދެމީހުން ގޮވައިގެން އެތަނުން ދާން ހިނގައިގަތެވެ.
"ހާދަ ގޯހޭ މި އަދަލް ގަނޑުވެސް..........." ސިދްރާ ލާނެތް ގޮތަކަށް ހިިނިތުންވެލިއެވެ.
"މަގޭ އަނބިމީހާ ހެއްވާލަން ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނަން...."އޭނަ ސިދްރާގެ ލޮލަށް ބަލާލަމުން އެހެން މީހުންނަށް ނޭނގޭނޭ ހެން ސިދްރާގެ އަތްތިލައަށް ފިއްތާލިއެވެ. އެމީހުންގެ ކައިވެނީގެ ސިއްރު އަދި ރަށަށް ނޭނގުނަސް އެ ދެމީހުންގެ ދުނިޔެ ވަނީ ފުރިހަމަވެފައެވެ. ހަލާލު ގުޅުމެއްވެސް އެހެން މީހުންނަށް ސިއްރުކުރަން ބޭނުންވީ ސަބަބެއްނެތި އެއްނޫނެވެ. އެމީހުންނަށް ހެޔޮއެދޭ އާއިލީ މީހަކުވެސް ނެތީމައެވެ. މުޅިންވެސް އޮންނަނީ ދެބައޮޑުވުމާއި ޣީބަ ބުނުމާއި ފުރައްސާރަކުރުމުގެ ސަގާފަތެކެވެ. އެއީ ކިހާވަރެއްގެ ފާފަކަންނޭގެނީ ކަމެއް ނޫނީ އެނގުނަސް ކަށީގައި ހިފާފައިވާ އާދައަކަށް ވުމުން ދުރުނުވެވެނީކަމެއްވެސް ނޭގުނެވެ.
"އެކަހަލަ ސަމާސާކުރާކަށް ނުވާނެ. އަންހެންކުދިންނާއި..."
"އޯ...ހީރާއާއި އަޒާލީ ނު......ކޮއްކޮމެން ކަމަށް ދެކެނީ..."
"ދެބެންގެ ދެދަރިންވެސް ކޮއްކޮއިންނަށް ވާނަމަ އަދަލް ކިހިނެއް ސިދްރާއާއި މެރީކުރީ؟ އެކުދިންވެސް ހަމަ ހިތްކިޔާފާނެ....ކާކަށް އެނގޭނީ؟ ﷲތައާލާ އެކަނި އެކަން ދެނެވޮޑިގެންވަނީ..އެހެން ސަމާސާނުކުރިއްޔާ ރަގަޅީ...ސަބަބަކީ މިބުނާހެން ސަކަ ޝަޚުސިއްޔަކަށްވެސް ހިތުގައި ލޯބި އުފެދިދާނެ...."
"ތިވާނީ ހަމަ މިރެކްލްއަކަށް.."
"އަޒާލީ ކަޅި އަޅާތަނެއް ނުފެނޭ؟ މިހާރު އިންނަނީ ފާޑަކަށް އިމްޕްރެސްވެގެން ބަލަހައްޓައިގެން..." ސިދްރާ ތުންފަތް ކުޑަކޮށް އޫކޮށްލަމުން ބުނެލިއެވެ. އޭނާގެ ހިތުގައި ހަސަދައަކަށްވުރެ ބޮޑަށް އޮތީ އަދަލް ދެކެ ވާ ލޯތްބާއި އޭނާގެ މިލްކަކަށް އެހެން މީހަކު ހުރަސްއަޅައިފާނެތީ އުފެދޭ ކުޑަކުޑަ ބިރުވެރިކަމެކެވެ.
އަދަލް މަޑުމަޑުން ހީނލިއެވެ. އޭނާ ސިދްރާގެ މޫނަށް ބަލައިލި ތަފާތު ނަޒަރަކުންނެވެ.
"ދެން ހާސްނުވެބަލަ.. އަހަރެންގެ ހިތުގައި ސިދްރާ ނޫން އެހެން މީހަކަށް ޖާގައެއް ނެތްކަން ހުދު ސިދްރާއަށްވެސް އެނގޭނެ......." އަދަލް މަޑުމަޑުން ބުނެލިއެވެ. "އެކުދިން އެއުޅެނީ އެމީހުންގެ ހުންނަ ފޮނި ގޮތްގަނޑު ދައްކަން....އެމީހުންނަކަށް ސީރިއަސްއެއް ނުވަަމޭ."
"އެކަމަކުވެސް... މި ރަށު މީހުންގެ ދޫތަކުން ސަލާމަތްވާނީ ކިހިނެއް؟" ސިދްރާ ފުން ނޭވާއެއް ދޫކޮށްލިއެވެ. "މިހާރުވެސް އެންމެން އެތިބީ އަހަރެމެންގެ މި ގުޅުމަށް ފާރަލާން. ކޮންމެ ފިޔަވަޅެއް އެޅިޔަސް ފާޑުކިޔާނެ."
"އެމީހުން ދައްކާ ވާހަކައަކުން އަހަރެމެންގެ ދިރިއުޅުމަކަށް ބަދަލެއް ނާންނާނެ. އަހަރެމެންގެ މި ސިއްރު ކައިވެނި އާންމުކުރާނެ ރަނގަޅު ވަގުތު ﷲ މިންވަރުކުރައްވާނެ......." އަދަލް ޔަގީންކަމާއެކު ބުންޏެވެ. "އެހެންވީމާ ތި ބޭކާރު ހާސްކަން ދޫކޮށްލާފައި ހިނިތުންވެލާބަލަ."
އަދަލްގެ އެ ހިތްވަރުގަދަ ބަސްތަކުން ސިދްރާގެ ހިތަށް ފިނިކަމެއް ލިބުނެވެ. އޭނާ މަޑުމަޑުން ބޯޖަހާލަމުން ހިނިތުންވެލިއެވެ.
އެދުވަސްކޮޅު މާރިޔާއާއި ޒިހާމްއަދި އެމިލީވެސް މާލެއަށް ފުރިއެވެ. އަޒުއާ ހައިޓްސްގައި ހުންނަން ސަރަފީނާއަށް ދައުވަތު ލިބުނެވެ. އަދަލްއާއި ސިދްރާއަށްވެސް އެގޭގައި ތިބެވިދާނެކަމަށް މާރިޔާ ބުންޏަސް އަދަލް ނިންމީ ގޭގައި ހުރުމަށެވެ. މަންމަ ނެތަސް މިހާރު އަދަލްއާއި ސިދްރާ އެކީގައި އުޅެން ހުރަހެއް ނެތުމުންނެވެ.
***
ވަގުތުތައް ހަލުވިކަމާއެކު ފާއިތުވަމުންގޮސް ނޭގި ތިއްބާ އަދަލްއާއި ސިދްރާގެ ކައިވެންޏަށް ފަސް މަސްވިއެވެ. އޭރުވެސް ރަށުގެ އެއްވެސް މީހަކަށް އެދެމަފިރިންގެ ކައިވެނީގެ ހަގީގަތެއް ނޭގެއެވެ. އަދަލްވެސް ކްލާސްތައް ނަގައިދެމުން މަންމައާއި ސިދްރާއަށް ވަގުތު ހުސްކުރަމުން އޭނަގެ ސަކަ މިޒާޖުން ނޭގިވެސް އެހެން މީހުންގެ ހިތާއި ކުޅެ ހިތްތައް އަތުލަމުން ދިޔައެވެ. މި ފަސްމަސްތެރޭގައި ސިދްރާގެ އުޅުމާއި ހަށިގަނޑަށްވެސް ބަދަލުތަކެއް އަންނަމުން ދިޔައެވެ.
އަޒާލީއާއި ނޯޔާ އަދި ހީރާ "އަޒުއާ ހައިޓަސްގެ ގޭގެ ފަހަތުބައިގެ ފެންޑާއަށް ނުކުތީ ކޮފީއާއި ޕިއްޒާ ކެއުމަށެވެ. ސިދްރާ އައިފަހުން އެތަނުގައި އޮންނަ ވާގަނޑު ރީތި ބަގީޗާއަކަށް ހަދާލައިފިއެވެ. އެއް ދިމާލެއްގައި ބަނަފުސާގެ ވައިލެޓްމާތައް ފެހިކަން ގަދަ ވިނަގަނޑުގެތެރޭގައި ފޮޅިފައިވާއިރު ނިކަން ހިތްގައިމެވެ. ސިދްރާމެންގެ ގޭގެ ފެންޑާވެސް އަދަލްގެ މަސައްކަތުން ތިރިކޮށް ފެންސްޖަހާ ކުލަލާފައި އެދެމަފިރިން އެކަނިވެރި ވަގުތުތަކަށް ޚާއްސަ އަރާމުދެނިވި މާހައުލަކަށް ބަދަލުކޮށްލާފައިވިއެވެ. ޕޮޓްތަކުގައި ކުލަކުލައިގެ މާފޮޅޭ ގަސް ހައްދާފައިވާއިރު ސޯފާސެޓަކާއިއެކު ބައްތިއެއް ހުރުމުން ތަފާތެވެ.
"ސިދްރާ މިދުވަސްކޮޅު ކާ އެއްޗެއް އެނގޭތަ؟ އަނބުގަހުގައި އެހެރަ ރޯ އަނބުތައް ބިދެގެން ލޮނުމިރުަސް ޖަހައިގެން ކާއިރު ދުނިޔޭގައޮވާ އެންމެ މީރު ކާނާހެން ހަމަ ހީވަނީ.."ހީރާ ބުނެލިއެވެ.
"މިދިޔަ ހަފްތާގައިވެސް ކާށްޓާއި ރޯމިރުހާ ކެއީ..."އަޒާލީ ޝައްކުވިއެވެ."އަންހެންކުދިން އެހާ ހުތް އެއްޗެހި ކާނީ....އަނެއްކާ ބޮޮޑުކަމެއް ލައިގަތީތަ؟"
"ވަޓް؟" ނޯޔާ ސިހިފައި އަޒާލީގެ އަތުގައި ހިފިއެވެ."ތިހެން ބުނީމަ ހިތަށް އަރަނީ ސިދްރާ ތަންކޮޅެއް ފަލައޭ...ހިނގުމުގެ ސްޓައިލްވެސް ބަދަލުވެފައި. މޫނުމަތިން ވަރުބަލިކަން....އަނެއްކާ........އަހަންނަށް މި ހީވީ ރަގަޅު އެއްޗެއްތަ؟"
"ކޯނޗެއް ހީވީ؟" ހީރާއަކަށް ނޭގުނެވެ.
"މޮޔަގަނޑު..." ނޯޔާ ލޯ އަޅައިލިއެވެ." ހަމަ ނޭގެނީތަ؟ އަދަލްއާއި ސިދްރާ އެއުޅެނީ މިހިރަ ގޭގައި އެކަނި..ސަރަފީނާ ދައްތަ ދާދި ފަހަކާއި ޖެހެންދެން އަޒުއާ ހައިޓްސްގައި ހުރީ.......އޯ.....އެކަމަކު..ސިދްރާއަކީ އަޅުވެރިކުއްޖެއް...އެހާ ގޯސްގޮތަކަށް ނޫޅޭނެ...
"ދުވަސްކޮޅަކުން އެނގިދާނެތާ. އެކަމަކު ދައްތަވެސް ކިހާ މަޖާ..އެދެމީހުން އެކީގައި އެގެއަށް ދޫކޮށްލާފައި...އެގޭގައި ހުއްޓަސް ބޮޑުދައިތަ ނެތުމެކޭ ހަމަ އެއްވަރުވާނެ...އިޝާއަށްފަހު އެނދަށް އަރާ ގުގުރި ދަމަންފަށާގޮތަށް ދައްތަ ހޭލާނީ ތިނެއް ޖަހާއިރު....އެގަޑިއަށް ދައްތައަށް އިރުއަރާނެ...އަހަރެމެން އެންމެ ކަންނެތްވާގަޑި..ހިތަށް އަަރަނީ ދައްތަ ހަމަ އެވަރަށް އަދަލްއަށް އިތުބާރުކުރީމަވެސް....."ހީރާ ބުނެލިއެވެ. ނޯޔާ ނިޔަފަތި ހަފަންފެށިއެވެ. އޭނަގެ ހިތަށް އަސަރުކުރިއެވެ. އަދަލްއާއި ސިދްރާގެ އެ ގުޅުމަކީ ހިތަށް ކެތްކުރެވުނުކަމަކަށް ނުވިއެވެ. ހިތުގައި ރޯވި ހަސަދައިގެ ހުޅުކޮޅު ބޮޑުވިގޮތަށް އެތެރެހަށި އަންދަންފެށިއެވެ.ސިދްރާއަކީ ކޮންފަދަ ނަސީބު ރަގަޅު އަންހެނެއްހެއްޔެވެ؟ އޭނައަށް ލިބެން އޮތް މަގާމަށް ސިދްރާއަށް އާދެވުނީ ކިިނެއްހެއްޔެވެ؟ އޭނަގެ ލޮލުން ކަރުން ހިލުނެވެ.
***
ސަރަފީނާ ކައިރީގައި ހުރި ފިހާރައަކަށްވަދެފައި އެއްޗެއް ގަނެގެން ކޮތަޅު ހިފައިގެން އައިއިރު މަގުމަތިން އަޒާލީ ނޯޔާ އަދި ހީރާއާއި ދިމާވީ ބަދޫރާމެންގެ ގޭގެ ގޭޓުކައިރީގައި ތިއްބައެވެ. ބަދޫރާވެސް ހުރީ މަގުމަތީގައެވެ.
"ކޮބާ ސަރަފީނާ؟ ކިހިނެއް؟"
"މަގޭ ހާލު ވަރަށް ރަގަޅު..އަލްހަމްދުލިﷲ......"
"ހަމަ މޫނަށް ބަލާފައިވެސް އެބައެނގޭ..."
"އާނ ދެން މީހަކު އުފާވާނީ މިވަރަށް...އެނގޭތަ ސިދްރާ ބަނޑު ބޮޑު...އަހަރެން ހާދަ ދުއާކުރަމޭ މާމަ ދަރިއަކަށް އެދި.އެންމެފަހުން ﷲ ދުޢާ އިޖާބަކުރައްވައިފި..އެހެންވެ ފޮނި އެއްޗަކުން ސަދަގާތް ކުރަން މިއުޅެނީ....."އަދަލްމެންގެ ސިއްރު ކައިވެނީގެ މަތިން ހަނދާންނެތި އޮޅިގެން ހަގީގަތް ބުނެވުނީއެވެ.
ނޯޔާއާއި އަޒަލީ އަދި ހީރާއަށް އެކަކު އަނެކަކުގެ މޫނަށް ބަލައިލެވުނެވެ. ސިދްރާ މީހަކާއި ކައިވެނިނުކޮށް މިވީ ކިހިނެއްހެއްޔެވެ؟
ނުނިމޭ