ހިތްދަތިކަމުގެ ކަރުނައާއެކު ނޭމާ ބްރެޒިލް ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

ނޯވޭ އަތުން ބަލިވި މެޗަށްފަހު ނޭމާ--

ފަހުގެ ތާރީޚެއްގައި ބްރެޒިލްގެ ފުޓްބޯޅައިގައި ފެނިގެންދިޔަ އެންމެ ފާހަގަކޮށްލެވުނު އެއް ތަރި ކަމަށްވާ ނޭމާ ޖޫނިއާ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފިއެވެ.

އުމުރުން 34 އަހަރުގައި ނޭމާ މިގޮތަށް ނިންމީ ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ގައި ނޯވޭއާ ބައްދަލުކުރި މެޗުން 2-1 ގެ ނަތީޖާއަކުން ބްރެޒިލް ބަލިވުމާ ގުޅިގެންނެވެ.

ނޭމާ ކުޅުން ހުއްޓާލި މެޓްލައިފް ސްޓޭޑިއަމަކީ މީގެ ސާދަ އަހަރުކުރިން އޭނާގެ ބައިނަލްއަގުވާމީ ކެރިއަރުވެސް ފެށި ދަނޑެވެ.

ނޯވޭ އަތުން ބަލިވުމާއެކު ނޭމާ ވަނީ ދަނޑުމަތީގައި ކަރުނައަޅާ ރޮއެފައެވެ. އެއަށްފަހު އިޝާރާތުން އޭނާ ވަނީ ސަޕޯޓަރުންނަށް ކުޅުން ހުއްޓާލިކަން އަންގާފައެވެ.

ނޯވޭ އަތުން ބަލިވި މެޗަށްފަހު ނޭމާ--

އެއަށްފަހު ނޭމާ މިކަން ރަސްމީކޮށް ހާމަކުރީ މެޗަށްފަހު ގްލޯބޯ އެސްޕޯޓޭ ޓީވީއަށް ދިން އިންޓަވިއުއެއްގައެވެ. ނޭމާ ބުނީ، އޭނާ ވަރަށް މަސައްކަތް ކުރި ކަމަށާއި، ކެރިއަރު ފެށީވެސް މި ދަނޑުން ކަމަށްވެފައި ނިންމާލަން މިޖެހުނީވެސް ހަމަ މި ދަނޑަށް ކަމަށެވެ. އަދި މިހާރު ހުރިހާ ކަމެއް ނިމުނީ ކަމަށް އޭނާ ބުންޏެވެ.

މި އަހަރުގެ ވޯލްޑް ކަޕުގައި ނޭމާ ފެނިގެންގޮސްފައިވަނީ މީގެ ކުރީގެ މުބާރާތްތަކާ ޚިލާފަށް، ޓީމުގައި މާ ބޮޑު ދައުރެއް އަދާކުރުމުގެ ފުރުސަތު ނުލިބި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ. އެގޮތުން މުޅި މުބާރާތުގައިވެސް އޭނާ ކުޅެން ނުކުތީ އެންމެ ދެ މެޗުގައެވެ.

ފުރަތަމަ މެޗަކީ ގްރޫޕް ސްޓޭޖުގައި ސްކޮޓްލެންޑާ ދެކޮޅަށް ކުޅުނު މެޗުގެ ދެވަނަ ހާފުގައި ކުޑަވަގުތުކޮޅަކަށް ކުޅެން ނުކުތް މެޗެވެ. ނަމަވެސް ބައިނަލްއަގުވާމީ ކެރިއަރުގައި އޭނާ އެންމެ ފަހުން ކުރި ކަމަކީ އޭނާގެ ހުނަރުވެރިކަން ދައްކާލުމެވެ.

އެގޮތުން ނޯވޭއާ ދެކޮޅަށް ކުޅުނު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ލިބުނު ޕެނަލްޓީއަކުން އޭނާ ވަނީ ބްރެޒިލްގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދީފައެވެ. މި ލަނޑާއެކު ބްރެޒިލަށް އުންމީދެއް ލިބުނު ނަމަވެސް، މިއީ އޭނާގެ ތާރީޚީ ކެރިއަރުގެ ފަހު ލަނޑަށް ވެގެންދިޔައީ ހިތާމަވެރި ނަތީޖާއަކާއެކުގައެވެ.

މި ހިތްދަތި ވަކިވުމާއެކުވެސް، ނޭމާ ޤައުމީ ޓީމުން ވަކިވެގެންދަނީ ބްރެޒިލްގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފާއެކުގައެވެ. 2010 ވަނަ އަހަރު ބްރެޒިލްގެ ސީނިއާ ޓީމަށް ފުރަތަމަ ކުޅެން ފެށި ފޯވާޑް ވަނީ ޖުމްލަ 129 މެޗުގައި 80 ލަނޑު ޖަހައިދީ، ހަތަރު ވޯލްޑް ކަޕެއްގައި ވާދަކޮށްފައެވެ.

ބްރެޒިލްގެ ރީނދޫ ޖާޒީގައި އޭނާ ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދައިދީފައެވެ. އޭގެ ތެރޭގައި 2013 ވަނަ އަހަރުގެ ފީފާ ކޮންފެޑަރޭޝަންސް ކަޕް ކާމިޔާބުކުރުމާއި، 2012 ވަނަ އަހަރުގެ ލަންޑަން އޮލިމްޕިކްސްއިން ރިހި މެޑެލް އަދި 2016 ވަނަ އަހަރު ރިއޯގައި ބޭއްވުނު އޮލިމްޕިކްސްގައި ބްރެޒިލަށް ފުރަތަމަ ފަހަރަށް ތާރީޚީ ރަން މެޑެލް ހޯދައިދިނުމުގައި އިސް ދައުރެއް އަދާކުރުން ހިމެނެއެވެ.

comment ކޮމެންޓް