ދާދިފަހުން ފިލްމީ ދާއިރާއަށް ތައާރަފުވި ކުރީގެ އެކްޓަރު ސަންޖޭ ކަޕޫރުގެ ދަރިފުޅު ޝަނާޔާ ކަޕޫރު ވެސް ތެލުގޫ ސިނަމާގެ ފިލްމަކުން ފެންނާނެކަން އިއުލާނުކޮށްފިއެވެ.
ޝަނާޔާ ތެލުގޫ ސިނަމާއަށް ތައާރަފުވާނެކަން އިއުލާނުކޮށްފައިވާއިރު، ބަތަލާގެ ދެބެއިންގެ ދެދަރި ޖާންވީ ކަޕޫރުވެސް ވަނީ ތެލުގޫ ދެ ފިލްމެއްގައި މަސައްކަތްކޮށްފައެވެ.
ފިލްމީ ރިޕޯޓުތައް ބުނާގޮތުން ޝަނާޔާ ތެލުގޫ ސިނަމާއަށް ތައާރަފުވާނީ 2021 ވަނަ އަހަރު ނުކުތް ކާމިޔާބު ފިލްމު "ޒޮމްބީ ރެޑީ"ގެ ސީކުއެލްއިންނެވެ.
ދަ ހޮލީވުޑް ރިޕޯޓާއިން ބުނާގޮތުގައި، މަޝްހޫރު ޑައިރެކްޓަރު ސުޕަރްން ވަރްމާ އުފައްދާ މި ފިލްމުގައި ޝަނާޔާ މަސައްކަތް ކުރާނީ "ހަނޫ-މާން"އިން ބޮޑު މަގުބޫލުކަމެއް ހޯދި އެކްޓަރު ތޭޖާ ސައްޖާއާއެކުގައެވެ.
މި ފިލްމުގެ މަސައްކަތްތައް އިންޑިއާގެ ހައިދަރުއާބާދުގައި ފަށާފައިވާއިރު، ޝަނާޔާ ވަރަށް އަވަހަށް ފިލްމުގެ ޝޫޓިންތަކުގައި ބައިވެރިވާނެ ކަމަށް ބެލެވެއެވެ.

ޝަނާޔާ ކަޕޫރު ބަތަލާ ޖާންވީ ކަޕޫރާ އެކު--ފޮޓޯ/އިންޑިއާޓުޑޭ
ޕްރަޝާންތު ވަރްމާ ޑައިރެކްޓްކޮށް 2021 ވަނަ އަހަރު ނެރުނު "ޒޮމްބީ ރެޑީ" އަކީ ތެލެގޫ ސިނަމާގައި ޒޮމްބީ ތީމަށް އުފެއްދި އެންމެ ފުރަތަމަ ފިލްމުތަކުގެ ތެރެއިން ހިމެނޭ ފިލްމެކެވެ.
މި ފިލްމުގެ ވާހަކަ ބިނާވެފައި ވަނީ ގޭމް ޑިވެލޮޕަރެއް ކަމަށްވާ މާރިއޯ އާއި އޭނާގެ ރައްޓެހިން، ރަޔަލަސީމާ ސަރަޙައްދުގައި ކުރިމަތިވާ ޒޮމްބީންގެ ނުރައްކަލުން ސަލާމަތްވުމަށް ކުރާ ހިތްވަރުގަދަ މަސައްކަތްތަކުގެ މައްޗަށެވެ.
މި ފިލްމުގެ ޑައިރެކްޓަރު ސުޕަރްން ވަރްމާ އަކީ "ދަ ފެމިލީ މޭން" އަދި "ރާނާ ނައިޑޫ" ފަދަ ބޮޑެތި ސީރީޒްތަކުގެ ޕްރޮޑަކްޝަން ޓީމާ އެކު މަސައްކަތްކޮށްފައިވާ ފާހަގަކޮށްލެވޭ ފަރާތެކެވެ. އޭނާގެ އެންމެ ފަހުގެ މަސައްކަތަކީ އިމްރާން ހާޝްމީ އާއި ޔާމީ ގޯތަމް ލީޑު ރޯލު ކުޅުނު ފިލްމު "ޙައްޤު"އެވެ.
ޝަނާޔާ ކަޕޫރު އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިނީ ބިޖޯއީ ނަމްބިއާގެ ތުރިލަ "ތޫ ޔާ މޭން"އެވެ.