މަސްވެރިކަމާއި އެންވެރިކަން ދަށްވެފައިވާ މި ދަނޑިވަޅުގައި، މިފްކޯގެ އައިސް ޕްލާންޓްތަކުން އައިސް ލިބުން ދަތިވެފައިވާ ކަމަށް ބުނެ ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން ކަންބޮޑުވުންފާޅުކޮށްފިއެވެ.
ބީކޭއެމްޔޫއިން ނެރުނު ބަޔާނެއްގައި ވަނީ، މިފްކޯގެ އައިސް ޕްލާންޓްތަކުން ދުވާލަކަށް ދޯންޏަކަށް ވިއްކާ އައިސްގެ މިންވަރު ދެ ޓަނަށް ލިމިޓްކުރުމަކީ މަސްވެރިންނަށް މަހަށް ފުރަން އޮތް ބޮޑު ހުރަހެއް ކަމަށެވެ. ކަންނެލި މަސްވެރިކަމުގެ ބާވަތުން ދެ ޓަނު އައިސްއަކީ ދުވާލެއްގެ މައްޗަށް އެކަށީގެންވާ މިންވަރެއް ނޫންކަމަށް އެ ޖަމްޢިއްޔާއިން ބުނެއެވެ.
މީގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި އައިސް ޕްލާންޓްތައް ހިންގުމަށް ބޭނުންވާ ތެޔޮ ނުލިބުމުގެ ސަބަބުން ބައެއް ޕްލާންޓްތަކުގެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށް ޔޫނިއަނުން ބުންޏެވެ.
"ގިނަ ޕްލާންޓްތައް އޮޕަރޭޓް ކުރެވޭ ވަރަށް ތެޔޮ ނުލިބުމާއެކު އަދި އެހެނިހެން ސަބަބުތަކާހުރެ ވެސް، ކަންނެލި މަސްވެރިންނަށް މި ޚިދުމަތް ނުލިބުމަކީ މި ޔޫނިއަންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް،" ބީކޭއެމްޔޫ އިން ނެރުނު ބަޔާނުގައިވެއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުން ދަތިކަމެއް ނެތި އައިސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދެއްކަން ފާހަގަކުރަމުން، އެ ވަޢުދާ އެއްގޮތަށް ލަސްކުރުމެއް ނެތި އައިސް ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ޔޫނިއަނުން ވަނީ ސަރުކާރަށް ގޮވާލާފައެވެ. މަސްވެރިކަން ދަށްވެފައިވާ މި ދަނޑިވަޅުގައި މިފަދަ ދަތިތައް ކުރިމަތިވުމަކީ މަސްވެރިންގެ އާމްދަނީއަށް އިންތިހާއަށް އަސަރުކުރާނެ ކަމެއް ކަމަށްވެސް އެ ޖަމްޢިއްޔާއިން ބުނެއެވެ.
މިކަމާ ގުޅިގެން ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)ގެ ރައީސް އަދި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
މައުރޫފް ވިދާޅުވީ މަސްވެރިންނަށް މިފްކޯގެ އައިސް ޕްލާންޓްތަކުން އައިސް ލިބުން ދަތިވުމަކީ ކަންނެލި މަސްވެރިންނަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މަސްވެރިކަން ދަށްވެ، މިފްކޯއިން މަސްވެރިންނަށް ދޫކުރި ފައިސާގެ އަދަދު ފާއިތުވި މަސްތަކުގައި ވަނީ ދަށްވެފައެވެ. އެގޮތުން މިދިޔަ އޭޕްރިލް މަހު މަސްވެރިންނަށް ދޫކުރީ 78 މިލިއަން ރުފިޔާ ކަމަށްވާއިރު، މެއި މަހު އެ އަދަދު ވަނީ 31.1 މިލިއަން ރުފިޔާއަށް ދަށްވެފައެވެ. މިދިޔަ ޖޫން މަހު އެ އަދަދު އިތުރަށް ދަށްވެ، 11.3 މިލިއަން ރުފިޔާއަށް ވަނީ ވެއްޓިފައެވެ.