ސިވިލް ސާވަންޓުންނަށް ދެވޭ ލުއިތައް ގިނަވެ، 25 ޕަސެންޓު މުވައްޒަފުންގެ ބޭނުމެއް ނުކުރެވޭ: ނިޒާރު

އައްޑޫގެ މޭޔަރު އަލީ ނިޒާރު: ވިދާޅުވީ، ސިވިލް ސާވަންޓުންގެ މަސައްކަތު ގަވައިދަށް ގެންނަމުންދާ އިސްލާހުތަކުން މުޅި ނިޒާމު ހަރާބުވާ ކަމަށް --- ފޮޓޯ/ އައްޑޫ ސިޓީ ކައުންސިލް

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އިން ސިވިލް ސާވަންޓުންގެ ގަވައިދަށް މި ފަހުން ގެންނަ އިސްލާހުތަކުން މުޅި ނިޒާމު ޚަރާބުވާ ކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު މިއަދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ނިޒާރު ލިޔުއްވި ޕޯސްޓެއްގައި ވަނީ، ސިވިލް ސާވިސް ގަވައިދަށް ގެނައި ބަދަލުތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މިގޮތުން، ދައުލަތުން ފޯރުކޮށްދޭ ގިނަ ޚިދުމަތްތަކެއް ދިނުމަށް މަސައްކަތް ކުރަނީ ސިވިލް ސާވިސްގެ މުވައްޒަފުންކަން ފާހަގަކުރައްވައި ނިޒާރު ވިދާޅުވީ، އެ މުވައްޒަފުންގެ މަސައްކަތް ކުރުމުގެ ގަވައިދާއި އުސޫލުތައް ހަރުދަނާކޮށް ހިފެހެއްޓުމަކީ މުހިންމު ކަމެއް ކަމަށެވެ.

ނަމަވެސް، ސީއެސްސީން ފަހުގެ ތާރީޚުތަކުގައި ގަވައިދަށް ގެންނަމުންދާ އިސްލާހުތަކުން މުޅި ނިޒާމު އެއްކޮށް ކަރާބުވަމުންދާކަން ފާހަގަކުރެވޭ ކަމަށް ނިޒާރު ވިދާޅުވިއެވެ.

އެންމެ ފަހުން ގެނައި އިސްލާހަށް އަލިއަޅުވާލައްވައި، ނިޒާރު ފާހަގަކުރެއްވި ގޮތުގައި، އެ އިސްލާހުގެ ސަބަބުން ސަރުކާރު އޮފީސްތަކުގެ މަސައްކަތު ގަޑި ދެން ފެށޭނީ ހެނދުނު 08:30ގައެވެ.

މީގެއިތުރުން، މުވައްޒަފުންނަށް ދެވޭ ޗުއްޓީއާއި އެހެނިހެން ލުއިތައް ގިނަވެ، 'ހަމަ ގެއްލިފައި'ވުމުން ސިވިލްސާވިސްގެ ޖުމްލަ 25 ޕަސެންޓު މުވައްޒަފުންގެ ބޭނުން ނުހިފޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ގައުމުގައި އިންތިޒާމީ ފުރިހަމަ އުސޫލްތައް ހަމައެކަނި ހިފެހެއްޓިފައިވާ ސިވިލް ސާވިސް ހަލާކުވެ ދިޔުމަކީ ހިތާމަކުރަންޖެހޭނެ ހާލަތެއް،" ނިޒާރު ލިޔުއްވާފައިވެއެވެ.

https://sun.mv/224165

ނިޒާރު އެ ފަދައިން ވިދާޅުވިއިރު، ސިވިލް ސާވަންޓުންނަށް ދިމާވާ ޚާއްސަ ހާލަތަކާ ހެދި، ވަޒީފާގެ ގަޑިއަށް އޮފީހަށް ހާޒިރުނުވެވޭ ދުވަސްތަކުގައި ގަޑިނުޖެހޭ ގޮތަށް އިތުރު 30 މިނެޓު ލިބޭ ގޮތަށް ސިވިލް ސާވިސް ގަވައިދު މިދިޔަ ބުރާސްފަތި ދުވަހު ވަނީ އިސްލާހުކޮށްފައެވެ.

އެ އިސްލާހުގެ ދަށުން ކުއްލި ޙާލަތްތަކާ ގުޅިގެން އޮފީހަށް ހާޒިރުނުވެ، ގޭގައި ވެސް ސިވިލް ސާވަންޓުންނަށް މަސައްކަތް ކުރެވޭ ގޮތަށް ވެސް ވަނީ ހަދާފައެވެ.

ފާހަގަކުރެވޭ ގޮތުގައި، ސިވިލް ސާވިސް ކޮމިޝަނުން މިހާރު އަމަލުކުރަމުން އަންނަނީ 2014ގައި އެކުލަވަލި ގަވައިދަކަށެވެ. އެ ގަވައިދަށް 11 އަހަރުވެފައިވާއިރު، މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް 19 އިސްލާހެއް އެ ގަވައިދަށް ވަނީ ގެނެސްފައެވެ.

comment ކޮމެންޓް