ޓެކްސް ކޮމިޝަނަރު ކަމަށް ސީއޭގެ ރައީސް ޙަލީމާއި ޑެޕިއުޓީ ޓެކްސް ކޮމިޝަނަރު އަމީޒާގެ ނަން ފޮނުވައިފި

ސީއޭ މޯލްޑިވްސްގެ ރައީސް ޙަލީމާއި މިހާރުގެ ޑެޕިއުޓީ ޓެކްސް ކޮމިޝަނަރު އަމީޒާ: ޓެކްސް ކޮމިޝަނަރުކަމަށް ދެ ބޭފުޅުންގެ ނަންތައް ފޮނުއްވިއިރު ރައީސް އިސްކަންދެއްވީ ޙަލީމަށް ---

ހުސްވެފައިވާ ޓެކްސް ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރަން ރާއްޖޭގެ ޗާޓާޑް އެކައުންޓެންޓުންގެ އިންސްޓިޓިއުޓް (ސީއޭ މޯލްޑިވްސް)ގެ ރައީސް މުޙައްމަދު ޙަލީމް ޢަބްދުالله އާއި ޑެޕިއުޓީ ކޮމިޝަނަރު ފާޠިމަތު އަމީޒާގެ ނަން ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުވައިފިއެވެ.

ދެ ބޭފުޅުންގެ ނަން ދިރާސާކުރުމަށްޓަކައި ރިޔާސަތުން ވަނީ ރައްޔިތުންގެ މަޖިލީހުގެ އިގުތިޞާދީ ކޮމިޓީއަށް ފޮނުވައިލައިފައެވެ.

ޓެކްސް ކޮމިޝަނަރުކަމަށް ހުޅުވައިލުމުން ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވީ ޙަލީމާއި އަމީޒާގެ ނަމެވެ. ރައީސްގެ ސިޓީފުޅުގައި އިސްކަން ދެއްވައިފައިވަނީ ޙަލީމަށެވެ.

ޙަލީމަކީ މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ ވިލާ އެއާ ކުންފުނީގެ ހެޑް އޮފް ފައިނޭންސެވެ. މާލީ ދާއިރާއަށް 17 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވި ޙަލީމް ވަނީ އޮޑިޓްކުރުމާއި މާލީ ކަންކަން ބެލެހެއްޓުމުގައި މުހިންމު ދައުރުތައް އަދާކުރައްވައިފައެވެ.

ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް ބިޒްނަސް މެނޭޖްމަންޓަށް ލަފާދޭ ކޮމިޓީގައިވެސް މަސައްކަތްކުރައްވާ ޙަލީމަކީ ޗާޓާޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓަންޓްސް (ސީމާ)ގެ މެންބަރެއް ވެސްމެއެވެ.

އޭނާ ވަނީ ޔުނިވާސިޓީ އޮފް ލަންޑަނުން ޕްރޮފެޝަނަލް އެކައުންޓަންސީން މާސްޓާސް އޮފް ސައިންސް ވެސް ހާސިލްކުރައްވައިފައެވެ.

މިހާރުގެ ޑެޕިއުޓީ ޓެކްސް ކޮމިޝަނަރު އަމީޒާ އެ މަގާމަށް އައްޔަންކުރީ ނޮވެންބަރު 2024ގައެވެ. މީރާ 2010ވަނަ އުފެދުނީއްސުރެ އެ އިދާރާގައި މަސައްކަތްކުރައްވަމުން ގެންދަވާ އަމީޒާ ވަނީ އެސިސްޓަންޓް ޓެކްސް ކޮމިޝަނަރުގެ މަގާމުވެސް ފުރުއްވައިފައެވެ.

ޓެކްސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމު ފުރުއްވަމުން ގެންދެވި ޙަސަން ޒަރީރު މި ސަރުކާރުގެ ފިނޭންސް މިނިސްޓަރު ކަމަށް އައްޔަންކުރުމާ ގުޅިގެންނެވެ.

comment ކޮމެންޓް