ކެންސަރަށް ފަރުވާ ކުރުމަށް ބޭނުންކުރާ "ޑަޒަލެކްސް" ނަމަކަށް ކިޔާ ބޭހެއްގެ ފޭކް ބެޗުތަކެއް ފާހަގަވީ ހުއްދަ ނެތް ޑިސްޓްރިބިއުޓަރުން މެދުވެރިކޮށް ރާއްޖޭން ބޭރުން ރާއްޖެއަށް އެތެރެކުރި ބޭސްތަކަކުން ކަމަށާއި، އެ އިންޖެކްޝަން ރާއްޖޭގެ ފާމަސީއެއްގައި ނުހުންނާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.
މި މައްސަލައާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ވަނީ ރާއްޖެއާއި މެކްސިކޯއަށް އަމާޒުކޮށް މެޑިކަލް އެލާޓެއް ނެރެފައެވެ.
ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ އެ ފޭކް އިންޖެކްޝަންތަކަކީ ރާއްޖޭގެ އެއްވެސް ފާމަސީއެއްގައި ވިއްކަން ހުރި އެއްޗެއް ނޫން ކަމަށެވެ. އަދި އެ މައްސަލަ ފާހަގަވެގެން އެންމެ ފުރަތަމަ ޑަބްލިއުއެޗްއޯއަށް ރިޕޯޓުކުރީ ރާއްޖެއިން ކަމަށާއި، ރާއްޖެ ކަހަލަ ކުޑަ ގައުމަކުން އަމިއްލައަށް މިކަން ދެނެގަނެ ރިޕޯޓުކުރުމަކީ ރާއްޖޭގައި ބޭސްތައް ޓެސްޓުކުރުމާއި މޮނިޓަރިންގެ ނިޒާމު ހަރުދަނާކަން ހާމަވާ ކަމެއް ކަމަށެވެ.
"މި ފޭކް އިންޖެކްޝަންތަކަކީ ރާއްޖޭން ބޭރުން އެތެރެކުރި ބޭސްތަކަކުން ފެނުނު އެއްޗެއް. އެއީ ރާއްޖޭގެ ފާމަސީއެއްގައި ހުރި އެއްޗެއްނޫން. އެއްވެސް ފާމަސީއެއްގައި އެ ނުހުންނާނެ." ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
މި މައްސަލަ ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ރިޕޯޓުކޮށްފައިވަނީ މިދިޔަ މެއި މަހާއި މިދިޔަ ޖޫން މަހުގެ ތެރޭގައެވެ.
ޑަބްލިއުއެޗްއޯއިން ނެރެފައިވާ ރިޕޯޓުގައިވާ ގޮތުގައި ފޭކްކަން ކަށަވަރުވެފައިވަނީ، ލޭގެ ކެންސަރުގެ ބާވަތެއް ކަމަށްވާ 'މަލްޓިޕަލް މައިލޯމާ' އަށް ފަރުވާދޭ 'ޑާޒަލެކްސް' (DARZALEX) އިންޖެކްޝަންގެ MYS7381 އަދި STV1K01 ބެޗްތަކެވެ. މީގެ ތެރެއިން ރާއްޖެއިން ފެނުނު STV1K01 ބެޗްގެ ފުޅިތަކުގެ ތެރޭގައި ލޮލަށް ފެންނަ ކުނޑި ނުވަތަ ތަޣައްޔަރުވެފައިވާ މާއްދާތަކެއް ހުރިކަން އެމްއެފްޑީއޭއިން ވަނީ ފާހަގަކޮށްފައެވެ.
މި ބޭސް އުފައްދާ އަސްލު ކުންފުނި ކަމަށްވާ 'ޖެންސެން' (JANSSEN) އިން ވެސް ވަނީ އެ ބެޗްތަކަކީ އެ ކުންފުނީގެ އުފެއްދުންތަކެއް ނޫންކަން ކަށަވަރުކޮށްދީފައެވެ.
ޑަބްލިއުއެޗްއޯއިން ބުނީ މިފަދަ ފޭކް ބޭސްތަކުގެ ސަބަބުން އިންފެކްޝަން އުފެދުމާއި، ބަލި އިތުރަށް ގޯސްވުމާއި، އަދި ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އޮތް ކަމަށެވެ. އަދި ބައެއް ހޮސްޕިޓަލްތަކަށް މި ބޭސް ލިބިފައިވުމަކީ ބައިނަލްއަގްވާމީ ނިޒާމާ މެދު ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ވެސް ބުނެފައިވެއެވެ.
ބޭސް ގަންނައިރު ހުއްދަ އޮތް ފަރާތްތަކުން ނޫނީ ބޭސް ނުގަތުމަށާއި، މިފަދަ އެއްވެސް ޝައްކުކުރެވޭ މައުލޫމާތެއް ލިބިއްޖެނަމަ އެމްއެފްޑީއޭއަށް ނުވަތަ ޑަބްލިއުއެޗްއޯގެ ރެޕިޑް އެލާޓް އީމެއިލަށް ރިޕޯޓް ކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.