އީރާން ހަނގުރާމައިގެ ސަބަބުން ގަލްފުގައި މަސްތަކެއް ވަންދެން ތާށިވެފައި އޮތުމަށް ފަހު ޖަޕާނާ ގުޅުން ހުރި 10 އުޅަނދު މިއަދުގެ ވަގުތެއްގައި ހުރްމުޒް ކަނޑުއޮޅި ހުރަސްކޮށްފައިވާ ކަމަށް އެލްއެސްއީޖީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އޭގެއިތުރުން ހަފްތާ ބަންދުގައި ސައުދީގެ ތެޔޮ އުފުލާ ބޯޓެއް ކަނޑުއޮޅި ހުރަސްކޮށް ދެކުނު ކޮރެއާއަށް ދަތުރުކޮށްފައިވާ ކަމަށް ވެސް ހިސާބުތަކުން ދައްކައެވެ.
ޖަޕާނާ ގުޅިފައިވާ ބޯޓުތަކުގެ ތެރޭގައި މެދުއިރުމަތީގެ 12 މިލިއަން ފީފާ ތެޔޮ ލޯޑްކޮށްފައިވާ ވަރަށް ބޮޑެތި ހަ ކްރޫޑް ކެރިއާ އާއި ދެ ކެމިކަލް ޓޭންކަރާއި ވެހިކަލް އުފުލާ ބޯޓަކާއި އަދި ކޮންޓެއިނަރު ބޯޓެއް ހިމެނޭ ކަމަށް ހިސާބުތަކުން ދައްކައެވެ. މި ޓޭންކަރުތަކުގައި ގެންދަނީ ފެބްރުއަރީ މަހުގެ ފަހުކޮޅުން މާޗް މަހުގެ ކުރީކޮޅު ބަރުކުރި ސައުދީ އަރަބިއްޔާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް އަދި ގަތަރުގެ ތެލެވެ.
ކަނޑުއޮޅި ހުރަސްކުރި ގިނަ އުޅަނދުތައް މެނޭޖްކުރަނީ ޖަޕާނުގެ ޝިޕާ މިޓްސުއީ އޯ.އެސް.ކޭ އެވެ.
ދެކުނު ކޮރެއާގެ ރިފައިނަރު އެސް-އޮއިލް އިން ހޯމަ ދުވަހު ބުނީ އެ ކުންފުނީގެ ރިފައިނަރީއަށް ތެޔޮ އުފުލާ ވީއެލްސީސީ ލޯންގް ވިންޑް ހޮނިހިރު ދުވަހު ކަނޑުއޮޅިން ނުކުމެފައިވާ ކަމަށެވެ. މާޗް މަހުގެ ކުރީކޮޅު 2 މިލިއަން ފީފާ ސައުދީ ތެޔޮ ބަރުކޮށްފައިވާ މި އުޅަނދު ދެކުނު ކޮރެއާގެ އޮންސާން އަށް ޖުލައި 26 ގައި ދާނެ ކަމަށް ލަފާކުރެވޭ ކަމަށް އެލްއެސްއީޖީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
ފެބްރުއަރީ 28 ވަނަ ދުވަހު އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނަށް ދިން ހަމަލާތަކުގެ ރައްދުގައި އީރާނުން ވަނީ ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައެވެ.
އީރާނަށް ދިން ހަމަލާތައް ހުއްޓާލުމަށް އެއްބަސްވި ނަމަވެސް ކަނޑުއޮޅީގެ މައްސަލަ އަދިވެސް ހައްލެއް ނުވެއެވެ.