ގަވައިދާ ޚިލާފަށް އުޅެމުން ދިޔަ 27 ބިދޭސިއަކު ފުޑް ކޯޓު ސަރަހައްދުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

ފުލުހުންނާއި އިމިގްރޭޝަނުން ބިދޭސީއަކާ ސުވާލުކުރަނީ: 27 ބިދޭސިއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ރޭ ގެންގޮސްފައި --- ފޮޓޯ: އިމިގްރޭޝަން

ގަވައިދާ ޚިލާފަށް އުޅެމުންދިޔަ 27 ބިދޭސިއަކު ފުޑް ކޯޓު ސަރަހައްދުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފޮޓޮއާއެކު އިމިގްރޭޝަނުން 'އެކްސް'ގައި ހިއްސާކުރި ޕޯސްޓެއްގައިވަނީ، ގިނަ އަދަދެއްގެ ބިދޭސީން ފުޑް ކޯޓު ސަރަހައްދުގައި ގަވައިދާ ޚިލާފަށް އުޅެމުންދާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންވެ، އެ ސަރަހައްދަށް ޚާއްސަކޮށް ޓާސްކްފޯހުން ރެއިޑް އޮޕަރޭޝަނެއް ރޭ ހިންގި ކަމަށް، އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން ބުނީ، މި އޮޕަރޭޝަނުގެ ތެރެއިން ޖުމުލަ 88 ބިދޭސީއަކު ބަލައި ފާސްކޮށް، ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 27 ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ފާހަގަކުރެވޭ ގޮތުގައި، ރާއްޖޭގައި ގަވާއިދާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީން ދެނެގަނެ، ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ހިންގާ އޮޕަރޭޝަން ކުރަނގީގެ ތިންވަނަ ފިޔަވަހި މިދިޔަ މެއި މަހުގެ ނުވަވަނަ ދުވަހު މާލެ ސަރަހައްދުގައި ވަނީ ފަށައިފައެވެ.

https://sun.mv/222346

މިދިޔަ މެއި މަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވި ގޮތުގައި، މި ސަރުކާރުން އެހާތަނަށް ވަނީ 12،000 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓުކޮށްފައެވެ. އަދި ދެ އަހަރާއި ބައިގެ ތެރޭގައި މި ސަރުކާރުން 206،400 މީހުންގެ ބައޯމެޓްރިކްސް ނަގައިފައިވާ ކަމަށާއި، އެ މައުލޫމާތު ނުލިބެނީއެއް ޕަސެންޓު ބިދޭސީންގެ ފަރާތުން ކަމަށް އޭރު އެ މަނިކުފާނު ވިދާޅުވިއެވެ.

comment ކޮމެންޓް