ދިވެހިރާއްޖެއަށް މިހާރު ޒިޔާރަތްކުރައްވަމުންގެންދަވާ ސަޢޫދީ ޢަރަބިއްޔާގެ ވަފުދުގެ ބޭފުޅުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، ސަޢޫދީ ވަފުދާއެކު އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލްގަޙްތާނީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް، ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދާއި، ވަލީޢަހްދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު، ރާއްޖެއާ މެދު ގެންގުޅުއްވާ ދީލަތިކަން ފާހަގަކުރައްވާފައެވެ.
ޚާއްސަކޮށް ރާއްޖޭގެ އިގުތިސާދީ އަދި އިޖުތިމާޢީ ތަރައްގީއަށް ދެއްވާ އެއްބާރުލެއްވުމުގެ އަގުވަޒަންކުރައްވައި ރައީސް ޝުކުރު އަދާކުރެއްވިއެވެ.
ސައޫދީ ޢަރަބިއްޔާގެ ވަފުދުގެ ފަރާތުން ދެއްކެވި ވާހަކަފުޅުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން އެ ބޭފުޅުންނަށް ވިދާޅުވި ހޫނު މަރަޙަބާއަށާއި، ބެހެއްޓެވި ފުރިހަމަ މެހުމާންދާރީއަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.
މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އުޚުއްވަތްތެރި ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ދެ ފަރާތުން މަޝްވަރާކުރެއްވިއެވެ.
ބައްދަލުވުން ނިންމަވާލެއްވީ ދެ ގައުމުގެ ދެމެދުގައިވާ ގާތް ގުޅުން ކުރިމަގުގައި ވެސް އިތުރަށް ހަރުދަނާކުރުމުގެ ޝައުޤުވެރިކަން ފާޅުކުރައްވަމުންނެވެ. މި ބައްދަލުކުރެއްވުމުގައި ދައުލަތުގެ ވަޒީރުންނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ނިމުނު އަހަރުގެ ޖޫން މަހުގައި ސަޢޫދީ އަރަބިއްޔާގެ މިނިސްޓަ އޮފް ޙައްޖު އެންޑް އުމްރާ، ހިޒް އެކްސެލެންސީ ޑރ. ތައުފީޤު ބިން ފައުޒާން އައްރަބީޢާ، ވެސް ވަނީ ރައީސް މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައިއެވެ.