ސްޕެއިން ކުއާޓާއަށް، ރޮނާލްޑޯއާއެކު ޕޯޗުގަލްގެ ވޯލްޑް ކަޕް ދަތުރު ނިމުމަކަށް

ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 16 ގައި ސްޕެއިންއާ ދެކޮޅަށް ކުޅުނު މެޗު ނިމުމާއެކު ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ--

އިތުރު ވަގުތުގެ ތެރޭގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މިކޭލް މެރީނޯ ޖެހި ލަނޑުން، ވާދަވެރި ޕޯޗުގަލްއާއި ކްރިސްޓިއާނޯ ރޮނާލްޑޯ މުބާރާތުން ކަޓުވާލުމަށްފަހު ސްޕެއިން, ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ޑެލަސްގައި ކުޅުނު ގަދަ 16 ގެ މެޗުގެ ދެވަނަ ހާފުގައި ސްޕެއިނަށް މާގިނަ ފުރުސަތުތަކެއް ތަނަވަސް ނުކުރެވިދިޔަ ނަމަވެސް، މެޗުގެ 91 ވަނަ މިނެޓުގައި ފެރާން ޓޮރޭޒް ތަނަވަސްކޮށްދިން ފުރުސަތަކުން އާސެނަލްގެ މިޑްފީލްޑަރު މެރީނޯ ވަނީ ކީޕަރު ޑިއޯގޯ ކޮސްޓާ ބަލިކޮށް، ތިރިތިރިން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.

މީގެކުރިން 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ މި މަރުހަލާގައި މި ދެ ޓީމު ބައްދަލުކުރި މެޗުވެސް ނިމުނީ މި ނަތީޖާގައެވެ. މި ކާމިޔާބީއާއެކު، އަންނަ ހުކުރު ދުވަހު ލޮސް އެންޖެލިސްގައި ކުޅޭ ކުއާޓާ ފައިނަލް މެޗުގައި ސްޕެއިން ބައްދަލުކުރަން ޖެހޭނީ މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ އެމެރިކާ ނުވަތަ ބެލްޖިއަމްއާއެވެ.

މި ބަލިވުމާއެކު، އުމުރުން 41 އަހަރުގެ ކްރިސްޓިއާނޯ ރޮނާލްޑޯގެ ވޯލްޑް ކަޕް ކެރިއަރު މިވަނީ ރަސްމީކޮށް ނިމުމަކަށް އައިސްފައެވެ.

ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 16 ގައި ޕޯޗުގަލް ކޮޅަށް ލަނޑު ޖެހުމަށްފަހު ސްޕެއިންގެ މެރީނޯ--

ރޮނާލްޑޯ މީގެކުރިން ވަނީ މިއީ އޭނާގެ ފަހު ވޯލްޑް ކަޕް މުބާރާތްކަން ކަށަވަރުކޮށްދީފައެވެ. މެޗުގެ ފުރަތަމަ ތިން މިނެޓުގެ ތެރޭގައި ސްޕެއިނަށް ލީޑު ނަގަން ރަނުގެ ފުރުސަތެއް ލިބުނެވެ.

ޑެނީ އޮލްމޯ ދިން މޮޅު ޕާހަކުން ޕޯޗުގަލްގެ ޑިފެންސް ފަހަތަށް ޖައްސާލުމަށްފަހު ރެއާލް ސޮސިއެޑާޑްގެ ފޯވާޑް މިކޭލް އޮޔާޒަބާލް ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ. އޭގެ ފަހުން ސްޕެއިންގެ ލަމީން ޔަމާލް އަދި އަލެކްސް ބައޭނާ ފޮނުވާލި ނުރައްކާތެރި ހަމަލާތައް ޕޯޗުގަލްގެ ކީޕަރު ކޮސްޓާ ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕޯޗުގަލްއިން ވެސް ނުރައްކާކުރިއެވެ. މެޗުގެ 41 ވަނަ މިނެޓުގައި ނޫނޯ މެންޑޭސް ފޮނުވާލި ބާރު ހަމަލާ، ސްޕެއިންގެ ޕެޑްރޯ ޕޯރޯގެ ފައިގައި ޖެހި ބައިކޮޅަށް ވަންނަން އުޅެނިކޮށް ސަލާމަތްވީ ގޯލުގެ ހުރަސް ދަނޑީގައި ޖެހުމުންނެވެ. އެހެންކަމުން ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

ދެވަނަ ހާފުގައި ރޮބާޓޯ މާޓިނޭޒްގެ ޕޯޗުގަލް ޓީމުން ކުޅުން ރަނގަޅުކޮށް މެޗުގެ ތެރެއަށް ވަންނަން މަސައްކަތް ކުރިއެވެ.

ނަމަވެސް، ކުރިއަށް ކުޅެމުންދިޔަ ރޮނާލްޑޯއަށް ދެވަނަ ހާފުގައި އެދެވޭ އެހީތެރިކަމެއް ނުލިބުމުގެ ސަބަބުން އޭނާ ފެނުނީ ވަރަށް ބޮޑަށް މާޔޫސްވެފައި ހުއްޓައެވެ.

މެޗުގެ ފަހުކޮޅުގައި ދެ ޓީމަށްވެސް ގޯލު ޖަހާނެ ފުރުސަތުތަކެއް ލިބުނެވެ. އެގޮތުން 76 ވަނަ މިނެޓުގައި ޕޯޗުގަލްގެ ބްރޫނޯ ފެނާންޑޭސް ފޮނުވާލި ހަމަލާ ގޯލުގެ އަރިމަތީ ދާގަނޑަށް އަމާޒުވިއިރު، އަނެއްކޮޅުން ސްޕެއިންގެ އޮލްމޯ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާ ޕޯޗުގަލްގެ ރޫބެން ޑިއާސް ވަނީ ހިތްވަރާއެކު ބްލޮކްކޮށްފައެވެ.

ނަމަވެސް، މެޗުގެ ނަތީޖާ ބަދަލުކޮށްލީ ސްޕެއިންގެ ކޯޗު ދެވަނަ ހާފުގައި ދަނޑަށް ނެރުނު ދެ ބަދަލު ކުޅުންތެރިން ކަމަށްވާ ފެރާން ޓޮރޭޒްއާއި މިކޭލް މެރީނޯ ގުޅިގެން އުފެއްދި މޮޅު ހަމަލާއިންނެވެ.

comment ކޮމެންޓް