ލަފާދެވިފައިވާ މިންވަރަށްވުރެ މަދުން ނިދުމަކީ އަންހެނުންގެ ދުޅަހެޔޮކަމަށް ކިހާވަރެއްގެ އަސަރެއް ކުރާ ކަމެއްތޯއާއި، މިކަމުގައި އަމަލުކުރަންވީ ގޮތާ ބެހޭގޮތުން ސިއްހީ މާހިރުންގެ މެދުގައި ތަފާތު އެކި މަޝްވަރާތައް ދަނީ ކުރެވެމުންނެވެ.
ލޯންގެވިޓީ އެކްސްޕާޓް ޑރ. ދީޕިކާ ކްރިޝްނާ ދާދި ފަހުން ވިދާޅުވި ގޮތުގައި، ދުވާލަކު އެންމެ ފަހެއް ނުވަތަ ހަ ގަޑިއިރު ނިދުމަށްފަހު އެއީ "އާދައިގެ" މިންވަރެއް ކަމަށް ބެލުމަކީ ސިކުނޑިއަށާއި ހަށިގަނޑަށް ނޭނގި ބޮޑެތި ގެއްލުންތަކެއް ލިބޭ އެންމެ އަވަސް އެއް މަގެވެ.
އޭނާ ހިއްސާކުރެއްވި ވީޑިއޯއެއްގައި ވިދާޅުވެފައިވަނީ، ނިދި މަދުވުމުގެ ސަބަބުން ހަނދާން ބަލިވުމާއި، ސަމާލުކަން ކުޑަވުމާއި، ހޯމޯންތަކަށް ބަދަލު އައުމާއި، މިޒާޖު ގޯސްވުމާއި، މެޓަބޮލިޒަމް ނުވަތަ ކާތަކެތި ހަކަތައަށް ބަދަލުކޮށްދޭ ނިޒާމަށް ބުރޫއެރުމުގެ އިތުރުން ދިގު މުއްދަތުގެ ބަލިތަކަށް މަގުފަހިވާ ކަމަށެވެ.

ނިދި މަދުވުމުގެ ސަބަބުން 'ކޯޓިޒޯލް' ފަދަ ސްޓްރެސް ހޯމޯންތައް އިތުރުވެ، ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލް ކުރުމަށާއި ބަނޑުހައިވުން އިހުސާސްކޮށްދޭ ނިޒާމަށް ބުރޫއަރާ ކަމަށް ސިއްހީ މާހިރުން ވިދާޅުވޭ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް
"މަދު ނިދިން ހަށިގަނޑު ދެމިއޮވެދާނެ، އެކަމަކު އޭގެ މާނައަކީ ހަށިގަނޑު އެންމެ ފުރިހަމަ ގޮތުގައި މަސައްކަތް ކުރާނެއެކޭ ނޫން. އަށް ގަޑިއިރުގެ އަރާމު ނިދި ހޯދުމަކީ ކަންނެތްކަމެއް ނޫން، އެއީ ހަށިގަނޑުގެ ދިރުންތައް ދެމެހެއްޓުމަށް ކޮންމެހެން ބޭނުންތެރި އަސާސީ ކަމެއް،" ޑރ. ދީޕިކާ ވިދާޅުވިއެވެ.
މެޑް ފަސްޓް އީއެންޓީ ސެންޓަރުގެ ކޮންސަލްޓަންޓް ޑރ. ރާޖޭޝް ބަރަދްވާޖް ވިދާޅުވާ ގޮތުގައި، ދާއިމީކޮށް ނިދި މަދުވުމުގެ ސަބަބުން އަންހެނުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް އެކަމުން ނޭދެވޭ ބޮޑެތި އަސަރުތަކެއް ކުރެއެވެ.
ޑރ. ބަރަދްވާޖް ފާހަގަކުރެއްވި ގޮތުގައި، ގަވާއިދުން ހަ ގަޑިއިރު ނިދުމަކީ ހަށިގަނޑުގެ ހޯމޯންތަކުގެ ބެލެންސާއި، ބަލިތަކުން ދިފާއުކޮށްދޭ ނިޒާމާއި، މެޓަބޮލިޒަމް އަދި ސިކުނޑީގެ ދުޅަހެޔޮކަމަށް ހުރަސްއެޅޭ ކަމެކެވެ.
ނިދި މަދުވުމުގެ ސަބަބުން 'ކޯޓިޒޯލް' ފަދަ ސްޓްރެސް ހޯމޯންތައް އިތުރުވެ، ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލް ކުރުމަށާއި ބަނޑުހައިވުން އިހުސާސްކޮށްދޭ ނިޒާމަށް ބުރޫއަރައެވެ.
މީގެ އިތުރުން، އަންހެނުންގެ ހަށިގަނޑުގައި ކޯޓިޒޯލް ހުންނަ މިންވަރު މަތިވުމާއި، ބަނޑުހައިވުން ކޮންޓްރޯލްކުރާ ހޯމޯންތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން ގިނައިން ކާން ބޭނުންވުމާއި، ވަރުބަލިކަމާއި، ސަމާލުކަން ދޭން އުނދަގޫވުމާއި، މިޒާޖަށް ބަދަލު އައުމުގެ އިތުރުން، ހަށިގަނޑުގެ ވަރުބަލިކަން ފިލައި އާރޯކަން ލިބުން ލަސްވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ނިދުމުގެ ގަޑިއެއްހާއިރު ކުރިން ފޮތެއް ކިޔާލުން ނުވަތަ މެޑިޓޭޓްކޮށްލުމަކީ ވެސް ރޭގަނޑު ފަސޭހައިން ނިދަން ބޭނުންވާ މީހުންނަށް އެހީއަކަށްވާނެ ކަންކަމަށް ޑޮކްޓަރުން ވިދާޅުވޭ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް
ވަގުތީ ވަރުބަލިކަމުގެ އިތުރުން، ދިގު މުއްދަތަކަށް ނިދި މަދުވުމުން ދަރިމައިވުމާ ގުޅޭ ހޯމޯންތަކަށާއި، މައްސަރު ކަންތައްތަކަށާއި، މުޅި ހަށިގަނޑުގެ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރު ކުރެއެވެ.
ޑރ. ބަރަދްވާޖް ވިދާޅުވާ ގޮތުގައި ނިދި މަދުވުމާއި ދާއިމީ ބަލިތަކާ ހުރި ގުޅުން ވަރަށް ބޮޑެވެ. އެގޮތުން ހާސްކަމާއި ނުތަނަވަސްކަން، މާޔޫސްވުން، ބަރުދަން އިތުރުވުން ނުވަތަ ފަލަވުން، ހަކުރު ބަލި އަދި ހިތުގެ ބަލިތަކަށް މަގުފަހިވާކަން ސާބިތުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަންހެނުންގެ ހޯމޯންތަކުގެ ދުޅަހެޔޮކަމުގައި ވެސް ނިދި މުހިންމު ދައުރެއް އަދާކުރެއެވެ. ނިދި މަދުވުމަކީ ހޯމޯންތަކުގެ ހަމަހަމަކަން ގެއްލި، 'ޕީއެމްއޯއެސް' ފަދަ ބަލިތަކުގެ އަލާމާތްތައް އިތުރަށް ގޯސްވުމަށް މެދުވެރިވާ އެއް ސަބަބެވެ.
ހަމައެހެންމެ، ތައިރޮއިޑްގެ މައްސަލަތަކާ ސީދާ ގުޅުމެއް ނެތް ނަމަވެސް، ނިދި މަދުވުމުން އެފަދަ ބަލިތަކުގެ އުނދަގޫތައް ބޮޑުވެ، ހަށިގަނޑުގެ މެޓަބޮލިޒަމަށް ނޭދެވޭ އަސަރު ކުރެއެވެ. އާންމުކޮށް ހަ ގަޑިއިރަށްވުރެ މަދުން ނިދުމަކީ ދިގު މުއްދަތުގައި އެތައް ބަލިތަކެއް ޖެހުމުގެ ނުރައްކާ އޮތް ކަމެކެވެ.
ގަވާއިދުން ބޭނުންވާ މިންވަރަށް ނިދި ހޯދުމަކީ އަމާޒަކަށް ވީނަމަވެސް، އެކަން އެގޮތަށް ނުވާ ހާލަތްތަކުގައި ނިދީގެ ފެންވަރު ރަނގަޅުކުރުމުން ބައެއް ސިއްހީ ނުރައްކާތައް ކުޑަކުރެވިދާނެ ކަމަށް ޑރ. ބަރަދްވާޖް ލަފާދެއްވައެވެ.
އެގޮތުން ކުރެވިދާނެ ބައެއް ކަންތައްތަކުގެތެރޭ، ކޮންމެ ދުވަހަކުވެސް އެއް ގަޑިއެއްގައި ނިދަން އޮށޯތުމާއި ހޭލުން، ނިދާ ވަގުތު ކައިރިކޮށް ކެފެއިން ބުއިމާއި ބޮޑެތި ކެއުންތަކާ ދުރުހެލިވުން، ނިދުމުގެ ގަޑިއެއްހާއިރު ކުރިން ސްކްރީނާ ދުރުވުން، ގަވާއިދުން ކަސްރަތު ކުރުން އަދި ނަފުސާނީ ދުޅަހެޔޮކަމަށްޓަކައި މެޑިޓޭޝަން ފަދަ ކަންކަން ކުރުން ހިމެނެއެވެ.
މީގެ އިތުރުން، ދުވާލު ގަޑީގައި 20 ނުވަތަ 30 މިނެޓާ ދެމެދުގެ ވަގުތުކޮޅަކަށް ނިދާލުމަކީ ވެސް ރޭގަނޑުގެ ނިދި މަދުވުމުން ލިބޭ ވަރުބަލިކަން ކުޑަކޮށްދޭނެ ކަމެކެވެ. ނަމަވެސް، މިއީ ރޭގަނޑުގެ އަރާމު ނިދީގެ ބަދަލުގައި ކުރެވޭނެ ކަމެއް ނޫންކަމަށް ޑރ. ބަރަދްވާޖް ވިދާޅުވެއެވެ.