ގަތަރުގެ ކުރީގެ އަމީރު ޝެއިޚް ހަމަދު ބިން ޚަލީފާ އަލް ޘާނީ އަވަހާރަވެއްޖެ

ގަތަރުގެ ކުރީގެ އަމީރު ޗައިޚް ހަމަދު ބިން ޚަލީފާ އަލް ޘާނީ -- ފޮޓޯ/ އަމިރީ ދިވާނީ

ގަތަރުގެ ކުރީގެ އަމީރު ⁠ޝެއިޚް ހަމަދު ބިން ⁠ޚަލީފާ އަލް ޘާނީ އުމުރުން ⁠74 އަހަރުގައި އަވަހާރަވެއްޖެ ކަމަށް އެގައުމުގެ އިސް އިދާރާ، އަމީރީ ⁠ދިވާންއިން ހާމަކޮށްފިއެވެ.

ޝެއިޚް ހަމަދު ބިން ޚަލީފާ އަލް ޘާނީ ވަނީ 1995 އިން 2013 އަށް ގަތަރުގައި ވެރިކަން ކުރައްވާފައެވެ. ގަތަރުގެ މިހާރުގެ ލީޑަރަކީ އޭނާގެ ދަރިކަލުން ޝެއިޚް ތަމީމްއެވެ.

ގަތަރުގެ ޝާހީ ދިވާން (އަމީރީ ދިވާން) އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ގަތަރުގެ ތަރައްޤީގެ ބާނީގެ ގޮތުގައި ބެލެވޭ "ފާދާ އެމީރު" ޝައިޚް ޙަމަދު އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. ނަމަވެސް އަވަހާރަވި ސަބަބެއް އެ ބަޔާނުގައި ހާމަކޮށްފައެއް ނުވެއެވެ. ޝާހީ ދިވާނުން ވަނީ އެމަނިކުފާނުގެ ފުރާނަފުޅަށް ރަޙުމަތް ލައްވައި، ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރެއްވުން އެދި ދުޢާކޮށްފައެވެ.

"މިއަދު ހެނދުނު މަރުޙޫމް އަމީރު ޝައިޚް ހަމާދު ބިން ޚަލީފާ އަލް ޘާނީގެ އަވަހާރަވުމަކީ ޤައުމަށް ލިބުނު ބޮޑު ހިތާމައެއް،" އަމީރީ ދިވާން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީގެ ވެރިކަމުގައި ގަތަރަކީ ދުނިޔޭގެ އެންމެ މުއްސަނދި އަދި ނުފޫޒުގަދަ އެއް ގައުމަށް ހެއްދެވިއެވެ. ޚާއްސަކޮށް ގަތަރުގެ ގޭހުގެ ވަސީލަތްތައް ބޭނުންކޮށްގެން ގައުމުގެ އިގްތިސާދު ވަރުގަދަކުރައްވައި، މުޅި ދުނިޔެއަށް މަޝްހޫރު "އަލް ޖަޒީރާ" މީޑިއާ ނެޓްވޯކް އުފެއްދެވީވެސް އެމަނިކުފާނުގެ ރޭވުންތެރިކަމުގެ ދަށުންނެވެ.

މީގެ އިތުރުން، ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް ކަމަށްވާ ފީފާ ވޯލްޑް ކަޕް 2022 ވަނަ އަހަރު ގަތަރުގައި ބޭއްވުމުގެ ފުރުސަތު ހޯދައިދިނުމުގެ ބިންގާ އެޅުއްވީ ވެސް ޝައިޚް ޙަމަދުގެ ވެރިކަމުގައެވެ.

އެމަނިކުފާނު ވެރިކަމުން ދޫކޮށްލެއްވީ 2013 ވަނަ އަހަރު، ދަރިކަލުން އަދި ގަތަރުގެ މިހާރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދު އާލް ޘާނީއަށް ވެރިކަން މުސްތަގިއްލުކަމާއެކު ހަވާލުކުރެއްވުމަށްފަހުއެވެ. އޭގެ ފަހުން ގަތަރުގައި އެމަނިކުފާނަށް މުޚާތަބު ކުރެވެމުން އައީ "ފާދަރ އެމީރު" ގެ ނަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް