ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ފާއިތުވި 30 މަހު ކަސްޓަމަރުންނަށް ޑޮލަރު ވިއްކި އަދަދު 1.7 ބިލިއަން ޑޮލަރަށް އެރި ކަމަށާއި، އެއީ އޭގެ ކުރީގެ 30 މަހާ އަޅައިބަލާއިރު 77 ޕަސެންޓްގެ އިތުރުވުމެއް ކަމަށް ބެންކުން މިއަދު ބުނެފިއެވެ.
ބީއެމްއެލްއިން އާންމުކުރި މައުލޫމާތުގައިވާ ގޮތުން، ވޭތުވި ފަސް އަހަރު ތެރޭގައި ބެންކުން ކަސްޓަމަރުންނަށް 2.7 ބިލިއަން ޑޮލަރު ވިއްކާފައިވެއެވެ. އޭގެ ތެރެއިން 1.7 ބިލިއަން ޑޯލަރު ވިއްކާފައި ވަނީ ފާއިތުވި 30 މަސް، ނުވަތަ ޖަނަވަރީ 2024އިން މި އަހަރުގެ ޖޫން މަހާ ދޭތެރޭ ކަމަށް ތަފާސްހިސާބުގައިވެއެވެ.
ބީއެމްއެލްއިން ބުނި ގޮތުގައި، ވިއްކައިފައިވާ ޑޮލަރުގެ އެންމެ ބޮޑު ހިއްސާއެއް އަދާކުރަނީ ދިވެހި ރުފިޔާ އެކައުންޓްތަކުން ކާޑު މެދުވެރިކޮށް ކަސްޓަމަރުން ކޮށްފައިވާ މުއާމަލާތްތަކެވެ. އެ މުއާމަލާތްތައް ވަނީ، ޖުލައި 2021އިން 2023ގެ ޑިސެންބަރުގެ ނިޔަލަށް އަޅައިބަލާއިރު، ދެގުނައަށްވުރެ ބޮޑަށް އިތުރުވެފައި ކަމަށް އެ ބެންކުން ބުންޏެވެ. އެގޮތުން އެ ދާއިރާއިން ޑޮލަރު ވިއްކި މިންވަރު 102 ޕަސެންޓް އިތުރުވި ކަމަށް ބީއެމްއެލްއިން ފާހަގަކުރިއެވެ.
ބީއެމްއެލްއިން ޑޮލަރު ވިއްކާފައިވާ އިތުރު ދާއިރާތަކާއި، އެ ދާއިރާތަކުން ފާއިތުވި 30 މަހު ޑޮލަރު ވިއްކި މިންވަރު އިތުރުވި ވަރަށް ބަލާއިރު:
- ޓީޓީއައި ރެމިޓަންސް ފޮނުވުމަށް: 126 މިލިއަން ޑޮލަރުގެ އިތުރުވުމެއް
- ތައުލީމާއި ބޭސްފަރުވާއަށް: 67 މިލިއަން ޑޮލަރުގެ އިތުރުވުމެއް
- ރާއްޖޭން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް: 109 މިލިއަން ޑޮލަރުގެ އިތުރުވުމެއް
ބީއެމްއެލްއިން ވަނީ، މި އަހަރު މަހެއްގެ މައްޗަށް އެވަރެޖުކޮށް 80 މިލިއަން ޑޮލަރު ވިއްކަމުން އަންނަކަން ފާހަގަކޮށްފައެވެ. އަދި އެއީ 2021 ވަނަ އަހަރު އެ އަދަދު ހުރި މިންވަރު ކަމަށްވާ 21 މިލިއަން ޑޮލަރާ އަޅައިބަލާއިރު ހަތަރު ގުނަ އިތުރު އަދަދެއް ކަމަށް ބެންކުން ބުންޏެވެ.
ރާއްޖެއަކީ އިމްޕޯޓަށް ވަރަށް ބޮޑަށް ބަރޯސާވާ ގައުމަކަށް ވެފައި، ވަރަށް ގިނަ ބޭނުންތަކަށް ދިވެހީން ބޭރަށް ދަތުރުކުރާއިރު ޑޮލަރުގެ މުހިންމުކަން ބޮޑެވެ. ނަމަވެސް ފާއިތުވި މަސްތަކުގައި ޑޮލަރުގެ އަގު އުފުލުމާއި ޑޮލަރު ލިބުން ދަތިވުމުގެ ކަންބޮޑުވުންތައް އޮވެއެވެ.
ޑޮލަރަށް މަރުކަޒީ ބެންކުން ކަނޑައަޅައިފައިވާ އަގަކީ 15.42އެވެ. ނަމަވެސް، ދިވެހީން އެންމެ ގިނައިން ޑޮލަރު ގަންނަން ޖެހެނީ ކަޅު ބާޒާރުން ކަމަށްވާއިރު އެގޮތަށް ޑޮލަރު ލިބޭ އަގު 20 ރުފިޔާއިން މަތީގައި ހުންނަތާ އެތައް މަހެއް ވަނީ ވެފައެވެ.
އެ މައްސަލަތައް ދިމާވެފައިވާއިރު، ބެންކުން އަންނަނީ ޑޮލަރު ލިބޭ މިންވަރަށް ވުރެ އިތުރަށް ވިއްކަން ޖެހޭ ކަމުގެ ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެ. އެހެންވެ، ބެންކުން ވަނީ އެކި ބޭނުންތަކަށް ޑޮލަރު ގަނެވޭ މިންވަރު ލިމިޓުކޮށްފައެވެ.
އެ ފިޔަވަޅުތަކުގެ ސަބަބުން އާންމު ރައްޔިތުންނަށް ގިނަ ދަތިތަކާ ކުރިމަތިވާކަން ފާހަގަކޮށް، ބެންކަށް ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ.
މި ސަރުކާރުން ވެރިކަމަށް އައީ ޑޮލަރުގެ އަގު ހިފެހެއްޓުމާއި ކަޅު ބާޒާރު ނައްތާލުމުގެ ވައުދާއެކުގައެވެ. ސަރުކާރުން މިހާރު ވެސް އަންނަނީ ޑޮލަރުގެ މައްސަލައަށް ލުޔެއް ލިބޭނެ ކަމަށް ބުނަމުންނެވެ. އިއްޔެ، ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާޙް ވަނީ، އާންމުންނަށް ފަސޭހައިން ޑޮލަރު ލިބޭ ދުވަސްވަރެއް މި ނޫނިއްޔާ އަދި ނެތް ކަމަށް ވިދާޅުވެ ސަރުކާރު ދިފާއުކުރައްވައިފައެވެ.