ފެނަކަ ކޯޕަރޭޝަނުން މުވައްޒަފުން މަދުކުރުމަށް ކުރާ މަސައްކަތުގެ ދަށުން، ފެނަކައިން ވަކިވާން 108 މުވައްޒަފަކު ހުށަހަޅައިފައިވާ ކަމަށް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޢަފީފް ޙުސައިން ވިދާޅުވެއްޖެއެވެ.
ޖުމުލަ 8،000އެއްހާ މުވައްޒަފުން މަސައްކަތްކުރާ ފެނަކައިން އަމިއްލައަށް ވަކިވާން ބޭނުންވާ މުވައްޒަފުންނަށް އެ ފުރުސަތު ޖޫން މަހުގެ ދެވަނަ ދުވަހު ފުރަތަމަ ހުޅުވާލުމުން، އެ މަހުގެ 14ވަނަ ދުވަހުގެ ނިޔަލަށް 97 މުވައްޒަފަކު ހަތަރު މަހުގެ މުސާރައާއެކު ވަކިވާން އެދި ހުށަހެޅިއެވެ.
ދައުލަތުގެ ރޭޑިއޯ ސްޓޭޝަން 'ދިވެހިރާއްޖޭގެ އަޑު'ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އަފީފް ވިދާޅުވީ، ވަކިވާން އެދުނު 97 މުވައްޒަފުންގެ ފަހުން އިތުރު މުވައްޒަފުންތަކެއްވެސް ވަކިވުމަށް އެދި ހުށަހެޅި ކަމަށެވެ. އެހެންކަމުން މިހާރު ކުރިއަށްދަނީ 108 މުވައްޒަފަކު އެ ކުންފުނިން ދޫކޮށްލުމުގެ މަރުހަލާ ކަމަށް ޢަފީފް ވިދާޅުވިއެވެ.
ޢަފީފް ވިދާޅުވީ ކުރާނެ މަސައްކަތެއް ނެތި މުވައްޒަފުން ތިބުމުގެ ސަބަބުން މުވައްޒަފުން ރަށަށް ލިބެނީ ގެއްލުން ކަމަށެވެ. އޭގެ ބަދަލުގައި މިހާރު ދޫކޮށްލާ މުވައްޒަފުންނަށް ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ދޫކުރާ ލޯނު ސްކީމްގެ ތެރެއިން ޝަރަފުވެރި މަސައްކަތްތަކެއް ކުރުމަށް މަގުފަހިވެގެން ދާނެ ކަމަށް، އޭނާ ވިދާޅުވިއެވެ.
ހަމަ އެއާއެކު، ޢަފީފް ވިދާޅުވިގޮތުގައި މިހާރުވެސް ފެނަކައިގައި ތިބި 8،000އެއްހާ މުވައްޒަފުންނަށް މުސާރަ ދިނުމަށް، ކުންފުންޏަށް ލިބޭ އާމްދަނީން ދެކޮޅު ނުޖެހެއެވެ.
އޭނާ ވިދާޅުވިގޮތުގައި ފެނަކައިން ވަކިވާ މުވައްޒަފުންނަށް ފައިސާ ދެނީ އެ ކުންފުނީގެ ބަޖެޓުގެ ތެރެއިންނެވެ.
"ބަޖެޓުގެ ތެރެއިން މި ދެނީ. މިސާލަކަށް ޖުލައި މަހުން ޑިސެމްބަރާ ދޭތެރޭ ހަ މަސް އެބައޮވޭ. އޭގެ ތެރެއިން ހަތަރު މަސް ދީފައި ދޫކޮށްލިއަސް ދެ މަސް ސޭވްކުރެވޭނެ. އެއީ ކުންފުންޏަށް ފައިދާވާނެ ކަމަށް މިދަންނަވާ ގޮތަކީ،" ޢަފީފް ވިދާޅުވިއެވެ.
ފެނަކައިން މީގެ ކުރިން ބުނީ، މިއީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނަށް ދޭ ޚިދުމަތްތައް ފުޅާކުރުމަށްޓަކައި އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މުވައްޒަފުން މަދުކުރުމަކީ، ފެނަކައަކީ ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭ ކުންފުންޏަކަށް ހެދުމަށްޓަކައި ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެއް ކަމަށްވެސް ކުންފުނިން ފާހަގަކުރެއެވެ.
ފެނަކައިން އިތުރަށް ހާމަކުރި ގޮތުގައި، ބައެއް ޕްރޮޖެކްޓްތަކަށް ބޭނުންވާ މުދަލާއި ތަކެތި ނެތުމުގެ ސަބަބުން މަސައްކަތް ކުރިއަށް ނުގެންދެވި، އެކި ރަށްރަށުގައި ކުރާނެ މަސައްކަތެއް ނެތި ގިނަ އަދަދެއްގެ މުވައްޒަފުން އެބަ ތިއްބެވެ. މި ބަދަލުތަކުގެ ސަބަބުން ކުންފުނީގެ އުފެއްދުންތެރިކަން އިތުރުވެ، ޚިދުމަތުގެ ފެންވަރު ރަނގަޅުވާނެ ކަމަށް ފެނަކައިން އުންމީދު ކުރެއެވެ.
އަމިއްލައަށް އެދިގެން ވަކިވާ މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރައިގެ އިނާޔަތެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ކުންފުނި އިސްލާހުކުރުމަށް އެކުލަވާލާފައިވާ ސިޔާސަތުގެ ދަށުން އަޅާ ފުރަތަމަ ފިޔަވަޅު ކަމަށްވެސް ފެނަކައިން ބުނެއެވެ.
ފެނަކައަކީ ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ކޮރަޕްޝަނުގެ ތުހުމަތުތައް އެންމެ ބޮޑަށް އަމާޒުވާ އެއް ކުންފުންޏެވެ. ޚާއްސަކޮށް، އިންތިޚާބުތަކާ ދިމާކޮށް ސަރުކާރުތަކުން އެ ކުންފުންޏަށް މުވައްޒަފުން އިތުރުކުރާ ކަމުގެ ކަންބޮޑުވުން އޮވެއެވެ.