މިއަދު ހަވީރު ބޮޑުތަކުރުފާނު މަގު، އުސްފަސްގަނޑު ކުރިމަތީގައި ހިނގި އެކްސިޑެންޓުގައި މަރުވި މީހާ، މަރުވާން މެދުވެރިވީ ޓްރެއިލާ ލޮރީއެއްގެ ދަށުވެގެން ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ދިން އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، މި ހާދިސާގައި މަރުވެފައިވަނީ މާލެ، ހމ. ގޯތި ނަންބަރު 20054 (ގްރީންޕީކް)، އިބްރާހީމް ނާޞިޙު (39އ) އެވެ.
އޭނާ އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވެއެވެ.
މި ހާދިސާގެ ތަހުގީގުން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ގޮތުގައި، ނާޞިޙު މަރުވެފައިވަނީ ޓްރެއިލާ ލޮރީއެއްގެ ދަށުވެގެންނެވެ.
ނަމަވެސް، އޭނާ އުޅަނދުގެ ދަށުވާން މެދުވެރިވީ ސީދާ އުޅަނދުގައި ޖެހި އެކްސިޑެންޓް ވެގެން ކަމަށް މިހާތަނަށް ބެލެވޭ ބެލުންތަކުން ނުބެލެވޭ ކަމަށް ފުލުހުން ފާހަގަކޮށްފައިވެއެވެ.
މިއަދު ހަވީރު 15:57 އެހައިކަންހާއިރު ހިނގި މި ހާދިސާއާ ގުޅިގެން، ދަރުބާރުގެ ސަރަހައްދުގެ ޓްރެފިކް ވަރަށް ބޮޑަށް ބާރުބޮޑުވިއެވެ.
އެ ވަގުތަކީ އޮފީސް ނިންމާފައި ގިނަ ބަޔަކު ހުޅުމާލެއަށް ދަތުރުކުރާ ވަގުތަށް ވެފައި، އެ މަގަކީ ބަސް ދަތުރުތަކަށް ވެސް ބޭނުންކުރާ މައި މަގަކަށް ވާތީ ދަތުރުފަތުރު ކުރުމުގައި ގިނަ ބަޔަކަށް ދަތިތަކާ ކުރިމަތިވިއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. އަދި މިކަމާ ގުޅޭ އިތުރު ތަފްސީލެއް ލިބުމުން ހިއްސާކުރާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.