ގަލްފުގެ ގައުމުތައް ހިމާޔަތް ކުރުމުގެ އަސްކަރީ ގާބިލްކަން އެމެރިކާގެ ކިބައިގައި ނެތްކަން ހާމަވެއްޖެ

ތެހެރާން (12 ޖުލައި 2026): އެމެރިކާގެ ހަމަލާތަކުގެ ރައްދުގައި އީރާނުން ގަލްފުގެ ގައުމުތަކަށް ތަކުރާރުކޮށް ދޭ ހަމަލާތަކުގެ އެއް ބޭނުމަކީ އެގައުމުތައް ހިމާޔަތް ކުރުމުގެ އަސްކަރީ ގާބިލްކަން އެމެރިކާގެ ކިބާގައި ނެތްކަން އެގައުމުތަކަށް ހާމަކޮށްދިނުންކަމަށް މުހައްލިލުން ވިދާޅުވެއްޖެއެވެ.

ގަލްފުގެ މަސްރަހު ދިރާސާ ކުރައްވާ ގިނަ މުހައްލިލުން ވިދާޅުވަނީ އީރާނުގެ ބޭނުމަކީ ގަލްފުގެ ސަރަހައްދުން އެމެރިކާގެ އަސްކަރީ ބޭސްތައް ބޭރުކުރުމާއި އެމެރިކާގެ އަސްކަރީ ވުޖޫދު ގަލްފުގެ ސަރަހައްދުން ނައްތާލުމެވެ.

މިކަން ކުރެވެން އަންނަނީ އެމެރިކާގެ ބޭސްތަކުގެ ސަބަބުން ގަލްފުގެ ގައުމުތަކަށް ލިބެނީ ހިމާޔަތާއި ރައްކާތެރިކަން ނޫންކަމާއި އެގައުމުތަކަށް އީރާން ދޭ ހަމަލާތަކުގެ ސަބަބުން ލިބޭ ހުރިހާ ގެއްލުމެއް ލިބެނީ އެމެރިކާގެ ބޭސްތަކުގެ ސަބަބުންކަން އެގައުމުތަކަށް އަންގައި ދިނުމެވެ.

ގަލްފުގެ މަސްރަހު ދިރާސާ ކުރައްވާ ޕްރޮފެސަރެއްކަމަށްވާ އެމެރިކާގެ ޕްރޮފެސަރެއްކަމަށްވާ ޑރ. ޚަލީލް އަނާނީ ވިދާޅުވިގޮތުގައި އެމެރިކާގެ ބޭސްތަކުގެ ސަބަބުން ލިބުނު އެއްވެސް ރައްކާތެރިކަމެއް އަދި ހިމާޔަތެއްނެތްކަމާއި އޭގެބަދަލުގައި އެގައުމުތަކަށް ލިބެނީ ހުސްގެއްލުމާއި ހަލާކުކަން ވަރަށް ރަނގަނޅަށް އެގައުމުތަކަށް މިހާރު އެނގިފައިވާނެކަމުގައެވެ.

އެހެން މުހައްލިލެއްކަމަށްވާ ޑރ. ހަސަން އަހްމަދިޔާން ވިދާޅުވިގޮތުގައި އެމެރިކާގެ ކިބައިން ހުރުމުޒު ކަނޑުއޮޅި ސަލާމަތް ކުރެވެންދެން އީރާނުން ހަނގުރާމަ ކުރިޔަށް ގެންދާނެއެވެ.

އީރާނު ބޭނުންވަނީ އަފްޣާނިސްތާނުގައި ތާލިބާނުން އެމެރިކާއާ ދެކޮޅަށް ކުރި ބާވަތުގެ އަހަރުތަކަކަށް ދިގުލައިގެންދާ ޚަރަދުބޮޑު ހަނގުރާމައެއް ކުރުމެވެ. އީރާނުން އަސްކަރީ ކަންކަން ބައްޓަން ކޮށްފައިވަނީވެސް މިގޮތަށެވެ. ދިގުލީ ޚަރަދު ބޮޑުހަނގުރާމައެއް ކަނޑުމަތީގައި ތިބެގެން އެމެރިކާއަށް މާގިނަދުވަހު ނުކުރެވޭނެކަމަށް އަސްކަރީ މުހައްލިލުން ވިދާޅުވެއެވެ.

ގަލްފުގައިވާ އެމެރިކާގެ ބޭސްތައް އެމެރިކާއަށް މިހާރު އީރާންއާ ދެކޮޅަށް ބޭނުމެއް ނުކުރެވެއެވެ. އެއީ އީރާނުގެ ރައްދު ހަމަލާތަކުގައި އެތަންތަން ހަލާކުކޮށްލާފައިވާތީއެވެ. އީރާނުން މިއަދު ގަލްފުގެ ގައުމުތަކަށާއި އުރުދުންއަށް ދިން ހަމަލާތަކުގެ ތެރެއިން މަތަކުރެވިފައިވަނީ ވަރަށް މަދު ހަމަލާއެއްކަމަށް ޚަބަރުތައް ބުނެއެވެ.

އީރާނުގެ ހަމަލާތަކުގައި ކުވައިތު އަދި ބަހްރައިންގެ ބޮޑުބަޔަކުންވަނީ ކަރަންޓް ކަނޑައިގެން ގޮސްފައެވެ. އުރުދުންގެ 4 ސަރަހައްދަކަށް އީރާނުން ދިން ހަމަލާތައްވެސްވަނީ އެގައުމަށް އަރާފައެވެ.

އަހްމަދިޔާން ވިދާޅުވާގޮތުގައި އީރާނުގެ އަނެއް ބޭނުމަކީ ހުރުމުޒު ކަނޑުއޮޅީގެ ކޮންޓްރޯލް ނަގައިގެން އީރާނުގެ ނިއުކްލިޔާ މައްސަލައާއި އެމެރިކާ އީރާން އާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ މައްސަލައާއި އެމެރިކާ ހިފަހައްޓާފައިވާ އީރާނުގެ ފައިސާ ހޯދުން ފަދަ މައްސަލަތަކުގައި ބާގެއިން ކުރުމެވެ. އެއީ އެމެރިކާގެ ކިބައިން ދޫތައް ހޯދުމުގައި މިނޫންގޮތެއް އީރާނަށް ނެތުމުންނެވެ.

އީރާނުގެ ރަސްމީ މީޑިއާ ބުނެފައިވާ ގޮތުގައި ހުރުމުޒު ކަނޑުއޮޅި ބަންދުކުރުމުގައި އެގައުމުގެ އެއްބޭނުމަކީ އެއްބަސްވުމާ ޚިލާފަށް އަސްކަރީ ކަންކަމުގައި ހުރުމުޒު ކަނޑުއޮޅި ބޭނުންކުރަން އެމެރިކާ މަސައްކަތްކުރާތީ އެކަން ހުއްޓުވުމެވެ. އެކަނޑުއޮޅި ބަންދުކުރިކަން އީރާނުން ރަސްމީ ސިފައެއްގައި އިއުލާން ކޮށްފައިވަނީ މިއަދުއެވެ. އެއަށްފަހު އެއްވެސް ބޯޓެއް ހުރުމުޒު ހުރަސްނުކުރާކަމަށް ރިޕޯޓްތައް ބުނެއެވެ.

ފާއިތުވި ދެތިން ދުވަސްތެރޭގައި އީރާން ވަނީ އީރާނުގެ ހުއްދައަކާ ނުލައި އެމެރިކާ އަޑީގައި އޮވެގެން ހުރުމުޒު ހުރަސްކުރަން އުޅުނު ހުރިހާ އުޅަނދުތަކަކަށްވެސް ހަމަލާދީ އެކަން ހުއްޓުވާފައެވެ. ނަތީޖާއެއްގެ ގޮތުން އެމެރިކާވަނީ އީރާނަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން މިއަދު ނެރުނު ބަޔާނެއް ބުނާގޮތުން ރޭގެވަގުތެއްގައި ހުރުމުޒު ކަނޑުއޮޅި ބަންދުކޮށްފައެވެ. އެތަން ހުޅުވުމާމެދު އީރާން އިތުރު ނިންމުމެއް ނިންމައި އެކަން އިއުލާން ނުކުރާހާ ހިނދަކު އެކަނޑުއޮޅި އަށް ވަދެނިކުތުން ވަނީ މަނާކުރެވިފައެވެ. ވަދެ ނުކުމެވާން އުޅޭ ކޮންމެ އުޅަނދަކަށް ހަމަލާދޭނެކަމަށްވެސް އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންގެ ލަޝްކަރުތަކުން ނެރުނު ބަޔާން ބުނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު