މަތީސާނަވީއަށް ކިޔަވާ ކުދިންގެ އަދަދު 48 އިންސައްތައަށް އިތުރުކުރެވިއްޖެ: މިނިސްޓަރު ޑރ. ޝަފީޢު

މަތީ އަރުތަވެރިންގެ އިނާމު 2025" ދިނުމަށް ބާއްވާ ރަސްމިއްޔާތުގެ ފަސްވަނަ ދަންފަޅި ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވުން --

މަތީސާނަވީ ތަޢުލީމު ހާސިލުކުރާ ދަރިވަރުންގެ އަދަދު މިހާރު 48 އިންސައްތައަށް އިތުރުކުރެވިފައިވާ ކަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އިސްމާޢީލް ޝަފީޢު މިރޭ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މަތީ ސާނަވީ އިމްތިހާންތަކުން އެންމެ މަތީ ނަތީޖާ ހޯދި "މަތީ އަރުތަވެރިންނަށް" އިނާމު ދިނުމަށް މިރޭ ބޭއްވި ޚާއްސަ ޖަލްސާގައެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝަފީޢު ފާހަގަކުރެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2023 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، މަތީ ސާނަވީއަށް ވަދެވޭ ދަރިވަރުންގެ ނިސްބަތް އޮތީ ވަރަށް ދަށުގައި ކަމަށެވެ.

"ސިޔާސަތަށް ގެނައި ބަދަލުތަކާ ހުޅުވާލި ފުރުސަތުތަކާއެކު މިހާރު ﷲގެ ވާގިފުޅާއެކު 48 އިންސައްތައަށް އެ އަދަދު އިތުރުކުރެވިއްޖެ. މިއީ ވަރަށް ބޮޑު ކާމިޔާބީއެއް. މީގެ ސަބަބުން އިރާދަކުރެއްވިއްޔާ ގިނަގުނަ ފައިދާތަކެއް ކުރާނެ."

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މިއީ ތަޢުލީމީ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި، ސަރުކާރުގެ އަމާޒަކީ ވީހާވެސް ގިނަ ދަރިވަރުންނަށް މަތީ ސާނަވީއަށް ކިޔެވުމުގެ ފުރުސަތު ފަހިކޮށްދީ، ތަޢުލީމީ ޖީލެއް ބިނާކުރުން ކަމަށެވެ.

މިރޭ ބޭއްވުނު މި ރަސްމިއްޔާތުގައި މަތީ ސާނަވީ އިމްތިހާނުތަކުން މުޅި ދުނިޔެއިންނާއި ރާއްޖެއިން އެންމެ މަތީ ނަތީޖާ ހޯދި ދަރިވަރުންނަށް ވަނީ އިނާމާއި ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ.

comment ކޮމެންޓް