މި އަހަރުގެ މިހާތަނަށް ހިމަބިހި ނުވަތަ މީސްލްސް ޖެހުނު މީހުންގެ އަދަދު 144އަށް އަރައިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ހާމަކޮށްފިއެވެ.
އެޗްޕީއޭއިން މިއަދު އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން، މިދިޔަ ހަފުތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 23 ކޭސް ވަނީ ފެނިފައެވެ. އެއާއަޅައިބަލާއިރު، އޭގެ ކުރީ ހަފުތާގައި ހިމަބިހީގެ 55 ކޭސް ވަނީ މާލެ ސަރަހައްދުން ފެނިފައެވެ.
އެޗްޕީއޭއިން މިއަދު އެ ތަފާސްހިސާބު ހާމަކުރިއިރު، ހިމަބިއްސަށް ޕޮޒިޓިވްވެ، ފަރުވާ ދެމުންދިޔަ ދިވެހި ޒުވާނަކު އިއްޔެ ވަނީ މަރުވެފައެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި އެ ބަލީގައި މަރުވެފައިވަނީ ގދ. ފިޔޯރީ، ޑްރީމީލައިޓް، އިބްރާހީމް ދިޔާޝް ރަޝީދު (24 އަހަރު) އެވެ. އެ ޒުވާނާއަކީ އިމިއުން ސިސްޓަމް ކޮމްޕްރޮމައިޒްވެފައިވާ ނުވަތަ ބަލިތަކުން ދިފާއުވުމަށް ހަށިގަނޑުގެ ތެރޭގައި މަސައްކަތްކުރާ ނިޒާމު ވަރަށް ބޮޑަށް ބަލިކަށިވެފައިވާ މީހެއް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ގައިންގަޔަށް ފަސޭހައިން އަރާ ބައްޔެއް ކަމަށްވާ ހިމަބިހި ފެތުރުމުގެ ބިރު ބޮޑުވެފައިވާއިރު، މިދިޔަ ބުދަ ދުވަހު ހެލްތު މިނިސްޓަރު ގީލާ އަލީ ވަނީ، ހިމަބިއްސަކީ ރާއްޖޭގައި އާދަޔާ ޚިލާފަށް ފެތުރެމުންދާ ނޫނީ ބަލި ކޮންޓްރޯލް ނުކުރެވިގެން އުޅޭ ބައްޔެއް ނޫން ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އެ ބައްޔަކީ ކުރު މުއްދަތެއްގެ ތެރޭގައި ގައިން ގަޔަށް އަރާ ބައްޔަކަށް ވެފައި، ބަލި ފަސޭހަވާން ނަގާ މުއްދަތު ވެސް ކުރުވާނެ ކަމަށެވެ.
އެޗްޕީއޭއިން ވަނީ މިހާތަނަށް 7،100 ފަރާތަކަށް ވެކްސިން ދީފައިވާކަން ވެސް ފާހަގަކޮށްފައެވެ.
އެޗްޕީއޭއިން ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަން ޔަގީންނުވާ ފަރާތްތަކަށް، ކަނޑައެޅިފައިވާ ވެކިންދޭ މަރުކަޒުތަކަށް ޒިޔާރަތްކޮށް ވެކްސިން ފުރިހަމަ ކުރުމަށް އިރުޝާދު ދީފައެވެ. އަދި ބަލި ޖެހިފައިވާ މީހަކާ ކޮންޓެކްޓްވިކަން އެނގޭ ފަރާތްތަކަށް، ހުޅުމާލެ ހޮސްޕިޓަލް ނުވަތަ އާބްނަ ޕްރައިމެރީ ހެލްތް ކެއާ ސެންޓަރުން ކޮންޓެކްޓަރުންނަށް ވެކްސިން ޖަހަން ކަނޑައަޅާފައިވާ ވަގުތުގައި ވެކްސިން ޖެހޭނެ ކަމަށް އެ އެޖެންސީއިން ވަނީ ބުނެފައެވެ.
ހަމައެއާއެކު، އެޗްޕީއޭއިން ވަނީ މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކާއި އަތޮޅުތަކާއި ރަށްތަކުގެ ސިއްހީ މަރުކަޒުތަކުން ކަނޑައެޅިފައިވާ ވަގުތުތަކެއްގައި ވެކްސިން ދިނުމުގެ ޚިދުމަތް ލިބޭނެ ކަމަށް ބުނެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި ސަރަހައްދުގައި އެ ބަލި އެންމެ ގަދަޔައަށް ފެތުރޭ ގައުމުތަކުގެ ތެރޭގައި ރާޢްޖެ މިހާރު ވަނީ ހިމެނިފައެވެ.
ހިމަބިހި ޖެހެނީ "މީސްލްސް ވައިރަސް"ގެ ސަބަބުންނެވެ.
ޑރ. ޢަބްދުލް ޢަޒީޒު ޙަމީދުގެ 'ސިއްހަތު ބްލޮގް'ގައިވާ ގޮތުން، އެ ބަލި ފެތުރެނީ ބަލި ޖެހިފައިވާ މީހަކު ކެއްސާ ކިނބިހިއެޅުމުގެ ތެރޭގައި ބޭރުވާ ޖަރާސީމުންނާއި، އެ ޖަރާސީމުން ތަޣައްޔަރުވެފައިވާ އެއްޗެއްގައި އަތްލެވުމަށްފަހު، އަތްނުދޮވެ، ނޭފަތް، އަނގަ ނުވަތަ ލޮލުގައި އަތްލުމުންނެވެ. އަދި ބަލިޖެހިފައިވާ މީހާ ބޭނުންކޮށްފައިވާ ކާބޯތަކެތި އަނެކާ ބޭނުންކުރުމަކީ ވެސް، މަދުން ނަމަވެސް ހިމަބިހި ޖެހޭ ގޮތެއް ކަމަށް ލިޔުއްވާފައިވެއެވެ.
ހިމަބިހީގެ އަލާމާތްތަކުގެ ތެރޭގައި:
- ގަދަޔަށް ހުން އައުން
- ނޭފަތުން އަރިދަފުސް ނުވަތަ ފެންއައުން
- ކިނބިހިއެޅުން
- ކަރުތެރެ ހަލާކުވެ ފާރުވުން
- ކެއްސުން
- ވަރުބަލިވުން
- ނުތަނަވަސްވުން
- ގައިގައި ނުވަތަ މަސްތަކުގައި ރިހުން
- ކާހިތްނުވުން
ޑރ. ޢަބްދުލް ޢަޒީޒުގެ ބްލޮގްގައިވާ ގޮތުން، ހިމަބިހި ޖެހުމުން ހަށިގަނޑުގައި ނަގާ ރަތް ކުލައިގެ ބިހިތައް ފުރަތަމަ ނަގަނީ ނިއްކުރި މަތިން ގޮސް ބޮލުގެ އިސްތަށި ފެށިފައި ހުންނަ ހިސާބުންނެވެ.
ޞިއްޙީ މާހިރުން ވަނީ، ހުން އައުމާ އެކު ހަށިގަނޑުން ރަތް ބިހިތަކެއް ފެންނަން ފަށައިފި ނަމަ، ލަސްނުކޮށް ޞިއްޙީ ފަރުވާ ހޯދުމަކީ ވަރަށް މުހިއްމު ކަމެއްކަން ފާހަގަކޮށްފައެވެ.