ސްރީލަންކާގައި ކުރިއަށްދާ ސަރަޙައްދީ ބޮޑު ކިކްބޮކްސިންގ މުބާރާތެއް ކަމަށްވާ "ކާމާ ފައިޓް ލީގް (ކޭއެފްއެލް) 08" ގައި ވާދަކުރުމަށްޓަކައި، ރާއްޖޭގެ މާޝަލް އާޓްސް އެތުލީޓް ފާތިމަތު އިބްރާހީމް ތައްޔާރުވެއްޖެއެވެ.
ދެކުނު އޭޝިއާގެ ފަސް ގައުމަކުން ހުނަރުވެރި ފައިޓަރުން ވާދަކުރާ މި ޝަރަފުވެރި މުބާރާތުގައި ދިވެހިރާއްޖެ ތަމްސީލުކުރާ ހަމައެކަނި އެތުލީޓަކީވެސް ފާތިމަތެވެ.
މީގެކުރިން އައިއޯއައިޖީއާއި މިދިޔަ އަހަރު ޗައިނާގައި ބޭއްވި ވޯލްޑް ޓައެކްވޮންޑޯ ޗެމްޕިއަންޝިޕުގައި ރާއްޖެ ތަމްސީލުކުރި ފާތިމަތަށް، ލަންކާގެ މި މުބާރާތަކީ އޭނާގެ ބޮޑު ޗެލެންޖެކެވެ. އަދި މިއީ ލަންކާގެ މި ޕްލެޓްފޯމުގައި އޭނާ ވާދަކުރާ ފުރަތަމަ ފަހަރެވެ.
މީގެއިތުރުން މިއީ ޓައެކްވޮންޑޯގެ ކާމިޔާބު މުބާރާތްތަކަށްފަހު ކިކްބޮކްސިންގައި އޭނާ ވާދަކުރާ ފުރަތަމަ ފަހަރެވެ.
"ސަން" އާ ވާހަކަދައްކަމުން ފާތިމަތު ބުނީ މިފަދަ ބޮޑު ސަރަޙައްދީ ޕްލެޓްފޯމެއްގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު ލިބުމަކީ ފަޚުރެއް ކަމަށާއި، އޭނާގެ އަމާޒަކީ އެންމެ ފުރިހަމަ ކުޅުން ދައްކައި ގައުމަށް ރީތި ނަމެއް ހޯދައިދިނުން ކަމަށެވެ.
މެޗުގައި ވާދަކުރުމަށް ފާތިމަތު ވަނީ އިއްޔެ ލަންކާއަށް ފުރާފައެވެ.

ލަންކާއަށް ފުރުމުގެ ކުރިން ރާއްޖޭގެ ފާތިމަތު--
މި މުބާރާތުގައި ފާތިމަތު ވާދަކުރާނީ 52 ކިލޯގްރާމްގެ ޑިވިޝަނުން ކޭ-1 ކިކްބޮކްސިން އުސޫލުންނެވެ. މިއީ ޕަންޗުތަކާއި، ކިކްތަކުގެ އިތުރުން ކަކުލުން ހަމަލާދޭ، ވަރަށް ހަލުވި ފައިޓިންގ ފޯމެޓެކެވެ.
ފާތިމަތަކީ މާޝަލް އާޓްސްގެ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައިވާ މޮޅު އެތުލީޓެކެވެ. އެގޮތުން އޭނާއަކީ ޓައެކްވަންޑޯގެ ދެވަނަ ޑޭންގެ ބްލެކް ބެލްޓް އެތުލީޓެއްގެ އިތުރުން، ބްރެޒިލިއަން ޖިއު-ޖިޓްސޫގެ ބްލޫ ބެލްޓް ހާސިލުކޮށްފައިވާ ފައިޓަރެކެވެ.
މީގެކުރިން އޭނާ ވަނީ ބައިނަލްއަގުވާމީ ޓައެކްވަންޑޯ މުބާރާތްތަކުގައި ރާއްޖެ ތަމްސީލުކޮށް މެޑަލް ހޯދުމުގެ އިތުރުން، 2024 ވަނަ އަހަރު ރާއްޖޭގައި ބޭއްވި އޭޑީސީސީ ސަބްމިޝަން ގްރެޕްލިންގ މުބާރާތުގައިވެސް ވާދަކޮށްފައެވެ.
ކޭ-1 ކިކްބޮކްސިންއަކީ ފާތިމަތަށް މުޅިން އައު ކެޓަގަރީއަކަށް ވީނަމަވެސް، "ޝާކްސް ކިކްބޮކްސިންގ" ގެ ކޯޗު ނާސިރު ވަނީ އޭނާގެ ހުނަރަށް ކުރި އިތުބާރާއެކު މި މުބާރާތުން ފުރުސަތު ހޯދައިދީފައެވެ.
ކޯޗު ނާސިރުގެ އިރުޝާދުގެ ދަށުން ޓެކްނިކަލް ތަމްރީނުތަކާއި، ސްޕާރިންގް، ސްޓްރެންގްތް އަދި ކޮންޑިޝަނިންގްގެ އިތުރުން ނަފްސާނީ ގޮތުންވެސް އޭނާ ވަނީ ފުރިހަމައަށް ތައްޔާރުވެފައެވެ.
ފާތިމަތު ވަނީ އޭނާއަށް މި ފުރުސަތު ހޯދައިދީ، އިތުބާރު ކުރިކަމަށްޓަކައި ކޯޗު ނާސިރަށާއި، އޭނާގެ ޓައެކްވަންޑޯ މާސްޓަރ އައްޔޫބަށާއި، އަދި މި ދަތުރުގައި އެކި ގޮތްގޮތުން އެހީތެރިވެދިން އެންމެހާ ފަރާތްތަކަށް ޚާއްސަ ޝުކުރެއް އަދާކޮށްފައެވެ.
ލަންކާގައި މި ފައިޓް އޮންނާނީ އަންނަ ހޮނިހިރު ދުވަހު ރާއްޖެގަޑިން 17:30 ގައެވެ.